ސަމާސާއަދަބު

ކާފަދަރިފުޅަށް ނަންކިޔުން

ޢަލީ މުނީޒު (2025)

1.            ދުނިޔަވީ ނިޢުމަތްތައް ވެސް ގިނަގުނައެވެ. ޚިޔާލު ތަފާތުވަނީ އޭގެ ތެރެއިން އެންމެ އުފާވެރި ނިޢުމަތަކީ ކޮބައިތޯ ކަނޑައެޅުމުގައެވެ. މިޒާޖާއި ތަބީއަތާ އެކުވެގެން ނިކުންނަ މި ތަފާތު މި ހެން ހުއްޓަސް ލިސްޓުގެ އެންމެ ކުރިޔަށް އާންމުކޮށް އަންނަނީ "ފުރަތަމަ" ނުވަތަ "ހަމައެކަނި" މި ލަފުޒުތައް އައިސްފައި ދެން އަންނަ ކަމެކެވެ. މަރިޔަނބަށް އަލަތު ކައިވެންޏެވެ. ޔޫސުބަށް އަލަތު ގެއަށް ވަދެވުމެވެ. ޔަޢުޤޫބަށް އެއީ ލިބުނު ހަމައެކަނި ދަރިފުޅެވެ. މި އުސޫލު ގެނެސް އަހަރެންގެ ފަންސާސް އަހަރުގެ ތާރީޚުގެ ތެރެއަށް ލައިފީމެވެ. ދެން ރަނގަޅަށް ތަޅުވައިލައިފީމެވެ. ގަދައަށް ހަލުވައިލައިފީމެވެ. ނަގައިފީމެވެ. ލޯ ބޮޑުކޮށްލައިފައި ބަލައިލައިފީމެވެ. ފެނުނީ ހަމަ މަރިޔަނބާއި ޔޫސުބާއި ޔައުޤޫބުމެން ފަދައިން "އެއްކަލަ" މަންޒަރެވެ. އެންމެ އުފާވެރި ނިޢުމަތަކަށްވި ކާފަ ދަރިފުޅު ވީ "އަލަތު" ކާފަ ދަރިފުޅަށެވެ. 

އިތުރަށް ވިދާޅުވުމަށް


ކާފަދަރިފުޅު ސުކޫލުން ގެނައުން

ފަހަކަށް އައިސް ޙަސަނު ހުންނަނީ ނުތަނަވަސް ވެފަ އެވެ. ހާސްވެފަ އެވެ. ދިރިއުޅުމުގެ އަގުތަށް މަތިވާތީ އެވެ. އަތްމަތި ދަތިވެ ކުރަންޖެހޭ ޚަރަދުބަރަދު ގެ ބޮޑުކަމުންނެވެ. މާލެދަތުރުކޮށްގެން އިހު ލިބުނު އާމްދަނީ މިހާރު ނުލިބޭތީ އެވެ. އަތަށް އަރާ ފައިސާފޮތި ދޫވެގެންދާލެއް އަވަސްކަމުންނެވެ. ބައެއް ދުވަސްދުވަހު އެންމެ ދޮޅަހަކަށް ރުފިޔާ ލިބޭތީ އެވެ. އެ ލިބޭ މަދު މަދު ރުފިޔާކޮޅުން ބައިލާރިވެސް އިރުއަރާއިރު ނޯންނާތީ އެވެ.
މި ހައިޖާނުގަނޑުން އަރައިގަނެވޭނެ ގޮތަކާމެދު ފިކުރުތަކެއް ކުޅައެވެ. ގޮތްގޮތަށް ވިސްނި އެވެ. އެންމެ ފަހުން ކުރެވުނު ތަދުބީރަކީ ދަނޑުވެރިކަން ކުރުމެވެ. ޖެހިގެންހުރިގޭ ހޯދާ މުޙައްމަދުބެވެސް މިހާރު ކުރަނީ ދަނޑުވެރިކަމެވެ. ކުރިން ނޯކިރީކުރަން އުޅުނު ޙުސެންފުޅުވެސް މިހާރު ބޮޑު ކަރާދަނޑެއް އޮވެ އެވެ. އަނެއްކާ އެވެރިން އުޅެނީ ނުހަނު އުފާފާގަތިކަމުގަ އެވެ.

އިތުރަށް ވިދާޅުވުމަށް


ޥުޟޫގެއްލޭ ކަންތައް

އުނގަންނައިދިނުމުގެ ފެންވަރު މިހާރު މިހުރި ދަރަޖައަށް ފުޅާވެ ތަރައްޤީވީ ދާދި މިދާކަށް ދުވަހު އެވެ. ބާރަށް ފެތުރިގަތް ސައިލެއްހެން ތަޢުލީމުދިނުން ރާއްޖޭގެ ހަތަރުބިތަށް ފެތުރިގަތީ މިޖީލުގަ އެވެ. އެދުރުގެތަކާއި މަކުތަބުތައް ކަފުންކޮށް ސުކޫލުތަކާއި މަދުރަސާތަކާއި މަރުކަޒުތަކާއި ކޮލެޖުތައް ވުޖޫދުވީ ނިސްބަތުން ދާދި އިހަކަށްދުވަހު އެވެ.
އެހެނެއްކަމަކު އުނގަންނައިދިނުމަކީ އިހުވެސް ކޮށް އުޅުނުކަމެކެވެ. އިހުތިބީންވެސް އެކަމަށް ޚާއްޞަ ސަމާލުކަމެއްދީގެން ކޮށްއުޅުނު ކަމެކެވެ. އޭރުގެ ފެންވަރުންނެވެ. އެ ޒަމާނާ ގުޅޭގޮތުންނެވެ. އޭރުގެ ދަރިވަރަކަށް ޒާތްޒާތުގެ ލޮޖީތަކާއި ޒަމްތަކާއި މިކްސްތަކަކީ ކޮންއެއްޗެއްކަމެއް ނޭނގޭނެ އެވެ. ކޮމްޕިއުޓަރު އަދި އޭރު ނުހައްދަވަތެވެ. ކަންމިހެން އޮތަސް އިސްލާމީ ދިވެހި މުޖުތަމަޢުގައި ފަރުދެއްގެ ގޮތުންނާއި ޖަމާޢަތުގެ ބައިވެރިއެއްގެ ގޮތުން ފަތިގަނޑުފިރުކައިލެވޭވަރު ހަމަ ކޮންމެދިވެއްސަކު މެ ކުރެ އެވެ. އުނގެނުމަށްޓަކައި އޭރުގެ ފެންވަރުން ބުރަ މަސައްކަތްތަކެއްކޮށްގެންނެވެ.

އިތުރަށް ވިދާޅުވުމަށް



މީރު ޕޯޓެލޯ


މިހާރު ލިބެން މިހުންނަ ފާޑުފާޑުގެ "އެނަރޖީ ޑްރިންކޭ" ކިޔުނު ބާވަތްތަކަށް ގާދޫކޮލަކުން އެތެރެވުމުގެ ފުރުޞަތެއް އޭރު އަދި  ނުލިބެ އެވެ. ލުއި ބުއިމުގެ ގޮތުގައި ދިވެހިންގެ މެދުގައި ވަކި ހިއްޕާލައިފައި ވަނީ ކޮކާ ކޯލާ އެވެ. އިތުރުން އެ އާއިލާއަށް ނިސްބަތްވާ އޮރެންޖާއި ސްޕްރައިޓެވެ. ދެން ކޮންމެވެސް ވަރަކަށް "ޑޮންޑޮން" އޭ ކިޔުނު ބުއިމެއްވެސް މި ބައިގައި ހިމެނެ އެވެ.
އަތޮޅު ތެރޭގައި އުޅޭ ރައްޔިތުންނަށް  ޚަބަރުދަބަރު އޮޅުން ފިލުވުމަށްވެސް އޭރު އޮންނަ އެންމެ ފަސޭހަ ވަސީލަތަކީ ރޭޑިޔޯ އެވެ. ޓީ.ވީ ގެ ޚިދުމަތަކީވެސް ފަސޭހަ ރަހުމަތެއްގައި ކޮންމެ ކޮންމެ ރަށަކަށް ލިބޭ ޚިދުމަތެއް ނޫނެވެ. ވުމާއެކު ހަމަ ކޮންމެ ގެއަކުހެން ރޭޑިޔޯގަނޑެއް ގެންގުޅެ އެވެ. ޚަބަރުދަބަރު ދެނެގަންނާށެވެ.

އިތުރަށް ވިދާޅުވުމަށް



ދެކޮޅުން ނަގާ ފީ


އަހަރެންނަކީ ހިސާބުގަނޑުގައި މަޝްހޫރު މީހަކީމު އެވެ. އެންމެން ދަންނަ މީހަކީމު އެވެ. ކައިރި ރަށްތަކުގެ އެންމެންހެން ދަންނަ ދެކެފަރިތަ މޫނެކެވެ. އަހުރެންނަކީ ކާކުކަން ނޭނގޭ މީހަކު މި ސަރަހައްދުގައި ނޫޅޭނޭ ބުނުމަކުން އެއީ ބޮޑުވެގެންވާ ދޮގެއް ހެދުނީ ކަމުގައެއް ނުބެލެވޭނެ އެވެ. އެހައިވެސް އަހުރެން މަޝްހޫރެވެ. އަހަރެންގެ މި މަޝްހޫރުކަމުގެ އަސްލަކީ ލިބިފައިވާ ތަޢުލީމެއް ފައިސާވެރިކަމެއް ނޫނެވެ. ހަމަ އެހެންމެ މުޖުތަމަޢަށް އަހަރެންގެ ފުށުން ހިފޭ ބޭނުމެއް އޮތުމެއްވެސް ނޫނެވެ. އެންމެން ދަންނަ ރަތްލާޖެހި ޙަސަނުގެ މަގާމު އަހުރެންނަށް ލިބިފައިވަނީ މަސައްކަތެއް ނުކޮށް ހުސްއަނގަތަޅަން މައިޒާންތައް ފަޅުފިލުވުމަށް އަހުރެން ހޭދަކުރާ ވަގުތުތަކުގެ ސަބަބުންނެވެ. އަހަރެންގެ ރުންކުރުކަމާ ޒީލަގަދަކަމާ ބޯހަރުކަމުންނެވެ. ދޫނުކޮށް ކުރާ ގެރިޒުވާބުތަކުގެ ސަބަބުންނެވެ. ފާޓުފުޅާކަމުންނެވެ. އަހުރެން ބުނެފި ވާހަކައެއް އެއީ ތެދެވެ. ގަބޫލުކުރި ފިކުރެއް އެއީ އެންމެ ހެޔޮގޮތެވެ. އެވަރުކޮށްފައި ނޫނީ ހުއްޓައެއްނުލަމެވެ. 

އިތުރަށް ވިދާޅުވުމަށް



ނުފެނުނު ހެދިކާ

ދުވަސްވަރަކީ ދަތުރުފަތުރުގެ ބިކަ ޒަމާނެވެ. މިހާރު މިދެކޭ ރަންޒަމާން ހުވަފެނަކުން ވެސް ނުދެކޭ ޒަމާނެވެ. ރިޔަލަކީ އިންޖީނުކަމުގައި ބެލި ޒަމާނެވެ. އެ ޒަމާނުގައި ފަންސަވީހަކަށް ފޫޓު ހުރެއްޖެނަމަ އެ ވާނީ މިހާރުގެ "ބަހާދަރު"އަށެވެ. މާލެއިން ފުރައިގެން ތިލަދުންމައްޗަށް ހަފުތާއެއްހާ ދުވަހުން އާދެވިއްޖެނަމަ މިހާރުގެ މަތިންދާބޯޓުދަތުރަކާ އެއްވަރުވީ އެވެ.
މި ފަދަ ދެރަވަރުގޮތެއްގައި ދަތުރުފަތުރު އޮތްޒަމާނުގައި މާލެ ދިޔުމަކީ ވާ ބޮޑުކަމެކެވެ. އެހެންމެ ޝަރަފުވެރިކަމެއް ވެސް މެއެވެ. މާލެއިން އާދެވިއްޖެނަމަ އޮންނާނީ ފޮނިކެނޑުމެވެ. ފެނުނުތަންތަނާއި މީހުންގެ ވާހަކައިންނެވެ. ބެލިފިލްމުތަކާއި ހޮޓާތަކުން ކެއި ކުޅި ފޮނި ހެދިކާތަކުގެ ވާހަކައިންނެވެ.

އިތުރަށް ވިދާޅުވުމަށް



ބޭރުވެށީގެ ބަސްދަތުރު
ޢަލީ މުނީޒު (2019)

1.                 އެކި މީހުން ގަޔާވަނީ އެކި ކަންކަމަށެވެ. ކުރުމުގެ ޤާބިލުކަން ލިބިފައިވަނީ ވެސް އެކި ކަންތައްތަކެވެ. މިއީ އިންސާނުން ފިޠުރަތުމެއެވެ. މި އުސޫލުން އަހަރެންގެ ގަޔާވުންތަކުގެ ނާރެހަކީ ދަތުރުފަތުރުކުރުމެވެ. މީހުން ދިރިއުޅޭގޮތް ބަލައި ތަޖުރިބާކުރުމެވެ. ދޭދޭ ސަޤާފަތްތަކުގައި ހުރި ތަފާތުތައް ލޮލުންދެކެ އަތުންހިފުމެވެ. އަމިއްލަ ރަށުގައި ހިލިހިލާގަނޑަކުން ބަނދެވިގެން އޮތުމުގެ ބަދަލުގައި ބޭރުވެށީގައި އުދުހި ބޭރުވެށީގެ ދިރިއުޅުމަކުން ނަފުސަށް ހަމަޖެހުންގެނައުމެވެ. މިހެންވެ ވަރަށް ގިނައިން އަވައްޓެރި ރަށްރަށަށް ދަމެވެ. އެގޮތްމިގޮތުން ފައިސާފޮތި އެއްކޮށްގެން ކަރަތަކަށް ވެސް ދަމުއެވެ. މިހެން ކުރެވޭ ދަތުރުތަކުން ހިތުން ފޮހެނުލެވޭފަދަ ކަންތައްތައް ތަޖުރިބާކުރަންޖެހެއެވެ. އޭގެތެރެއިން ހުނިޖަހައި ނެގެން އޮތް އެއް ކަމަކީ ބަސް ދަތުރުގެ ތަޖުރިބާއެވެ.






 


Post a Comment

 
© 2015-2020.MuNeEz by DHURAYA