ދުވަސްވަރަކީ ދަތުރުފަތުރުގެ ބިކަ ޒަމާނެވެ. މިހާރު
މިދެކޭ ރަންޒަމާން ހުވަފެނަކުން ވެސް ނުދެކޭ ޒަމާނެވެ. ރިޔަލަކީ އިންޖީނުކަމުގައި
ބެލި ޒަމާނެވެ. އެ ޒަމާނުގައި ފަންސަވީހަކަށް ފޫޓު ހުރެއްޖެނަމަ އެ ވާނީ މިހާރުގެ
"ބަހާދަރު"އަށެވެ. މާލެއިން ފުރައިގެން ތިލަދުންމައްޗަށް ހަފުތާއެއްހާ
ދުވަހުން އާދެވިއްޖެނަމަ މިހާރުގެ މަތިންދާބޯޓުދަތުރަކާ އެއްވަރުވީ އެވެ.
މި ފަދަ ދެރަވަރުގޮތެއްގައި ދަތުރުފަތުރު
އޮތްޒަމާނުގައި މާލެ ދިޔުމަކީ ވާ ބޮޑުކަމެކެވެ. އެހެންމެ ޝަރަފުވެރިކަމެއް ވެސް
މެއެވެ. މާލެއިން އާދެވިއްޖެނަމަ އޮންނާނީ ފޮނިކެނޑުމެވެ. ފެނުނުތަންތަނާއި
މީހުންގެ ވާހަކައިންނެވެ. ބެލިފިލްމުތަކާއި ހޮޓާތަކުން ކެއި ކުޅި ފޮނި
ހެދިކާތަކުގެ ވާހަކައިންނެވެ.
މުޙައްމަދަކީ މައިންބަފައިންގެ ނިކަމެތިކަމުގެ
ސަބަބުން މާލެދިއުމުގެ ނަސީބު ލިބިފައިނުވާ ކުއްޖެކެވެ. އެކަނި ނަމާދަށް ވެސް އެރި
އެވެ. ޞަލަވާތްފާތިޙާ ވެސް ދަސްކުރި އެވެ. ޚަތިމު ވެސް ކުރި އެވެ. މާލެ
ދެވޭނެގޮތެއް ވޭތޯ އެވެ. އެހެން ކުދިންނަށް ވެސް އެ ފަދަ ކަމެއް ކޮށްފި ނަމަ މާލެ
ދެވެ އެވެ. އެކަމަކު މުޙައްމަދުގެ ނަޞީބު މާލެ ދިއުމަކަށް ޖާގައެއް ނުދިނެވެ.
އެހެން ހުރެ ފަނަރަ ފުރުނީ އެވެ. ބޮޑުވީ އެވެ. ކިޔަވާ ވެސް ނިމުނީ އެވެ.
އެދުރުގެއިންނާއި ރަށުގެ މަކުތަބުން ދެން އިތުރަށް ކިޔަވާނެ އެއްޗެއް
ނެތިގެންނެވެ. އެކަމަކު މާލެއަކަށް
ނުދެވުނެވެ. ނުދެވުނުތާ ފޮޓޯގަނޑަކުން ބަލައިލުމުގެ ފުރުޞަތު ވެސް ނުލިބުނެވެ.
ޒަމާނުގެ ގޮތުންނެވެ.
ބޮޑުމީހަކަށް ވީއެވެ. ކޮންމެ ވެސް ކަމެއް
ކުރަންޖެހޭނެތާ އެވެ. ކުރެވެން އޮތްކަމަކީ ނޯކިރީކުރަން ދިއުމެވެ. މާލެ ފައިބަން
ދިއުމެވެ. އެހެން މީހުން ނެކޭ އެއްފަދައިންނެވެ.
ރަށުގެ " ދުންމާރި" ބޯޓު ގެ
ކައްޕިތާނުގާތު ބުނެ ކުޑަސިޓީ ހައްދައިފި
އެވެ. އެއާނުލައި މާލެ ނޭރޭތީ އެވެ. މައިންބަފައިންނާއި ރައްޓެހިންނާ ދެކެފަރިތަ
ރައްޓެހިންނާ ސަލާން ގަލާން ކުޅައުމަށްފަހު ދަތުރަށް އަރައިފި އެވެ.
ނިޔާމަދަތުރެކެވެ. އަލަށް ކުރެވޭ މާލެ ދަތުރުކަމަށް ވީތީ ފެންނަ ކޮންމެ އެއްޗެއް
ވަނީ އާއެއްޗަކަށެވެ. ކުރަންޖެހޭ ކޮންމެކަމެއް ވަނީ އާ ތަޖުރިބާ އަކަށެވެ.
ހައެއްކަ ދުވަހުން މާލެ ފޯރައިފި އެވެ. ފުރަތަމަ
ދުވަހު ދޯނިން ކާންދިނެވެ. ރަށު ދޯންޏަކަށް ވީތީ އެވެ. ފަޅުވެރިންނަށް ކައްކާނެ
ވަގުތު ވެސް ވީތީ އެވެ.
ދެވަނަދުވަހެވެ. ހެނދުނު ސައިބޯން އެއްގަމަށް
ފައިބައިފި އެވެ. ކައިރީހުރި ސައި ހޮޓަލަކަށް ވަދެއްޖެ އެވެ. ދުވަސްވަރަކީ މިހާރުހެން
"ސެލްފް ސަރވިސް" ގެ ދުވަސްވަރެއް ނޫނެވެ. މޭޒުމަތީ ހުންނާނީ އަބަދުވެސް
ހެދިކާތައް އަތުރާފަ އެވެ. ކާގަޑިއެއްނަމަ ރިހަތަކާއި ސަޓަނިތައް ބަހައްޓާފަ އެވެ.
ޖައްވުގެ ތެއްކަމާއި ފަނިފަކުސަތައް އިންސާފުކުރުމަށް އަވީލާފަ އެވެ. އެކަމަކު
އެއީ މައްސަލައެއް ނޫންތާ އެވެ.
އަހަރެމެންނަށް ވެސް ލިބޭވިއްޔާ އެވެ.
ހެނދުގެ ގަޑިއެވެ. ގޮތްގޮތަށް ވިސްނުމަށްފަހު
ކަޅުސައިތައްޓަކާ 4 ހެދިކާ ކެއުމަށްފަހު ފައިސާ ދައްކަން މޭޒުކައިރިއަށް
ދިޔައެވެ." 6 އެތި ކަޅެއް" މޭޒާ ހަވާލުވެހުރި ވޭޓަރު މީހާ ގޮވާލި އެވެ.
މުޙައްމަދުގެ މޫނަށް ހައިރާންކަން ވެރިވެއްޖެ އެވެ. އެއްފަހަރު ސޭޓުގެ މޫނަށް
އަނެއްފަހަރު ވޭޓަރުގެ މޫނަށް ބަލަބަލަ އެބަހުރެއެވެ. " ފައިސާ ދައްކާ ، 7
ރުފިޔާ ދޭންޖެހެނީ" ސޭޓުބުންޏެވެ. ވާނުވާ ނޭނގިފައި ހުރި މުޙައްމަދު ޖީބުން
10 ރުފިޔާ ނެގި އެވެ. އަދި ސޭޓަށް
ދިއްކޮށްލިއެވެ. ބާކީ ތިންރުފިޔާ ދިނުމުން އެބަހަރެގެން ނިކުމެ އެވެ. އާޝޯޚުވެފައި
ހުރެގެނެވެ.
ނިކުމެ ހުރެ އެބަކިޔައެވެ. މަޑުމަޑުންނެވެ. މިއީ
ހާދަ އިންސާފެއްނެތް ހޮޓަލެކެވެ. އަހަރެންކެއީ 3 ގުޅަ އެވެ. ދެން ވެލާބިހު ފޮޅިއެކެވެ. އިތުރަށް ބުއީ
ސައިޖޯޑެކެވެ. އެކަމަކު 6 އެތި ކައިފިޔޯލަ އެވެ. ނުވިތާކަށް ނުވެސްކާ ނުވެސް
ދަންނަ ހެދިކާއެއްކޭ ކަމަށްވެސް ހަދައިފި އެވެ. ފައިސާހޯދުމަށް މިއީ ތަންފުކެއް
ބޮޑުވަރެވެ. ހުރެބަލާށެވެ. ދެނެއް މިހޮޓަލަކަށް ނުވަންނާނަމެވެ.
އޭގެ ފަހުން ދެތިންފަހަރު ހޮޓަލަށް ވަނެވެ.
އެކަމަކު އެއްފަހަރުވަންނަ ހޮޓަލަކަށް އަނެއްފަހަރު ވަދެވޭގޮތެއް ނުވި އެވެ.
ފުރަތަމަ ހޮޓަލުން ކުރިކަންތައް އެހެން ހޮޓާތަކުން ވެސް ކުރާތީ އެވެ. ކާވަރަށްވުރެ
ގިނައިން ފައިސާ ނަގާތީ އެވެ. އަދި އެކަމަށްވުރެ އަޖައިބުވެ އަންތަރީސްވާން ޖެހުނީ
ކޮންމެ ހޮޓަލަކުން ވެސް އާބާވަތެއްގެ ނުވެސް ދެކޭ ހެދިކާއެއްގެ ނަންކިޔާތީ އެވެ.
ތަފާތުގޮތްގޮތަށް އުޅެ އެހެދިކާއަކުން ސަލާމަތެއް ނުވެވުނެވެ. އެއްފަހަރަކު އެންމެ
ހެދިކާއެއް ވެސް ކައިފިއެވެ. އެފަހަރުވެސް ދޭތިކެވުނޯލަ އެވެ. ގޮތް ނޭނގޭ ހެދިކާ
ވެސް ކެވުނޯލައެވެ. ބޮޑު އަޖައިބެކެވެ.
އަނެއްކާވެސް ބަނޑުހައިވެއްޖެ އެވެ. ސައިބޯން ވަންނަންވީ
އެވެ. އެކަމަކު މައްސަލައަކީ އެއްފަހަރު ވަންނަ ހޮޓަލަށް އަނެއްފަހަރު
ވަދެވެންނޯންނާތީއެވެ. މަކަރުވެރިކަމުންނެވެ. ކޮންމެއަކަސް މި ހެން ކަންހިނގާނަމަ
ދުވަސްކޮޅަކުން ހޮޓާތައް ހުސްވެ ކޮންމެ ވެސް އެހެން ގޮތެއް ހޯދަން ޖެހިދާނެތާ އެވެ.
ކުރިން ނުވަންނަ ހޮޓަލެއް ފެނިއްޖެ އެވެ. ވަދެ
ބަނޑުހައިކަން ފިލުވައިލުމުގެ ގޮތުން 3 ގުޅައާއި ސައިތަށްޓެއް ބޮއިފިއެވެ.
"ތިނެތި ކަޅެއް" ސޭޓު ގާތަށް ގޮސް ފައިސާ ދައްކަން ތައްޔާރުވިއިރަށް
ވޭޓަރު އެބަ ގޮވާލައެވެ. މިފަހަރު މުޙައްމަދަކަށް ތައްބައްދައިގެން ނުހުރެވުނެވެ.
ސޭޓާ މުޚާޠަބުކޮށް އެބަ ބުނެއެވެ. ބަލަ ސޭޓާއެވެ. ނުކާހެދިކާއަށް އަގުނަގަނީ
ކީއްވެހެއްޔެވެ؟ މި މާލެއިން ތިގޮތަށް ކަންތައް ނުކުރާ ހޮޓަލެއް މަށަކަށް މައްޗެއް
ނުވި އެވެ. އެހެން ތަންތަނަށް ވުރެ މިތަން ތަ ންކޮޅެއް ލާހިކެވެ. ތިން ހެދިކާ
ކެއުމުން ތިބުނީ 3 ހެދިކާ ކޭކަމަށެވެ. އެހެންތަންތަނުން ހަތެއްޗޭ ހައެއްޗޭ
ގޮވައެވެ. އަމުދުން ކަޅޭ ކިޔުނު ހެދިކާއެއް އަހަރެން ނުކަމެވެ. ތިކަޅުން
ސަލާމަތްވޭތޯ ލައްކަ މަސައްކަތްކޮށްފީމެވެ. ކަވާބުއެއީ މަށަށް މީރު އެއްޗެކެވެ.
އެކަމަކު އޭގައި ޒާތެއްގެ ކަޅުކުލައެއް ހުންނާތީ އެވެސް މިހާރަކު ނުކަމެވެ. އަދި
ކަޅުކުލަ ހިމެނޭ އެއްވެސް ހެދިކާއެއް މިހޮޓަލަކުން އަހަރެން ނުކަމެވެ. ތި ކަޅަކަށް
އަހުރެން ފައިސާއެއް ނުދައްކާނަމެވެ.
ސޭޓު ދެމިޔަކަނުން ހިނިތުންވެ އިނދެ އެބަބުނެ އެވެ.
ކޮއިފުޅު މާލެ ތިޔައީ އަލަށް ދޯ އެވެ؟ ހަތެއްޗޭ ފަހެއްޗޭ އެބުނަނީ ކާ ހެދިކާގެ
ޢަދަދަކަށްނޫނެވެ. ކެއިހުރިހާ ހެދިކާއަށް
ނަގަންޖެހޭ ރުފިޔާއަށް ނިސްބަތްކޮށެވެ. ކަޅޭ އެކިޔަނީ ހެދިކާއަކަށް ނޫނެވެ. ބުއި
ކަޅު ސައިތަށްޓަށެވެ. ބުއި ކޮންވައްތަރެއްގެ ސައެއްކަން އަންގައިދިނުމަށެވެ.
ތިހިސާބުގައި ކިޔައި އުޅެނީ ސައި ތަށި ދޮތައެވެ. ތިލާރި މިފަހަރު ނުދެއްކިޔަސް އެންމެ ރަނގަޅެވެ. މި ފަހަރުގެ
ސަޔަކީ އަލަތަށް މާލެއައި ފަހަރު މިހޮޓަލުން ކުއްޖާއަށް ދިން ހަދިޔާއެއް ކަމަށް
ބަލާށެވެ.
ސައިހިލޭވުމަށް ވުރެ ގަންނަންޖެހުނު ލަދު
މާބޮޑުވެއްޖެއެވެ. ބޯކަހަމުން ނުކުމެގެން ގޮސް ދޯންޏަށް އަރައިފި އެވެ. އަދި
ނޯކިރީކުރުމުގެ ޚިޔާލު ދޫކޮށް ރަށަށް ދާންނިންމައިފި އެވެ.

Post a Comment