ބަނޑޭރިގަނޑު » » ވައްޖިދުވުން - ކިހިނެއްކުރާކަމެއް

ވައްޖިދުވުން - ކިހިނެއްކުރާކަމެއް

| 4/13/2015 on Monday, April 13, 2015 dhuraya.blogspot.com :ލިޔުނީ

ޢަލީ މުނީޒު (2014)

އެއީ ޑަކުޓަރީ ބޭސްވެރިކަމުގެ ކުރިއެރުން ރާއްޖެއަށް މިހާރުފަދައިން ނުފޯރާ ޒަމާނެވެ. ވުމާއެކު ރޯގާ ބަލިމަޑުކަން އެ ދުވަސްވަރު ރާއްޖޭގައި ވަރަށް އާންމެވެ. ހަ އަހަރުގެ ޙަސަނު ރޮމުން ދިޔައީ މުޅިގައި ފާރުވެ ފޮޅުލައި ފައިވުމުގެ ސަބަބުންނެވެ. ލިބާސްލައްވާ ވަރަށް އުމުރުގޮސްފައި ހުރިނަމަވެސް ފަނަރަ އަހަަލަޙަލމީ ނަފފހަރުގެ ކަތްދަ އޭރުވެސް ފެންނަނީ ދިހަވަރަކަށް އަހަރުގެ ކުޑަކުއްޖެއްހެންނެވެ. ދެކުދިންނަށް ވެސް ޖެހިފައިވާ ބަލިމަޑުކަމުން ނަޖާވޭތޯ ލައްކަ ގިނަ މަސައްކަތް ވަނީ ކޮށްފައެވެ. އެކަމަކު ލިޔުނު ތަވީދުތަކާއި ޖެހި އާހަދިތަކުން ވީކަމެއް ހަރާމެވެ. އެންމެ ފަހުން  ފަހުބަޑިޖެހިއެވެ. އާދޭހެވެ. ވައްޖިދުވިއެވެ. އެހިސާބުން ދެކުދިންގެ ހާލަތަށްވެސް ބަދަލުއައިސް ކަމުން ނަޖާވިއެވެ.
މި ދަންނަވައިލެވުނީ ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅާހަމައަށް ވެސް ރާއްޖޭގައި ކުރެވެމުން ދިޔަ ވައްޖިދުވުމުގެ ހާދިސާއެއް ހިގަން މެދުވެރިވި ސަބަބުގެ ވާހަކައެވެ. ވައްޖިދުވުން ނުވަތަ ވަޖިދުވުމަކީ ކިޔެވޭ ކިޔެވެލިތަކެއްގެ ތެރެއިން މީހެއްގެގައިން ލޭނެރުމެވެ. ފިސާރިވަރުގަދައަށް ޖަހާ ތާރައާއި އެ ތާރައިގެ ހަމައަށް ކިޔާ ލަވަތަކެއްގެ ތެރެއިން ކުރާ މިކަމަކީ ދީނީ ކަމެއްގެ ކުލަ ޖައްސައިގެން ﷲ ގެ ކިބައިން ރަޙުމަތާއި ޘަވާބަށް އެދި ބާއްވާ ޒާތެއްގެ މުނިފޫހިފިލުވުމުގެ މެހެފިލެކެވެ.
މި ލިޔުމުގެ މައިގަނޑު މަގުސަދަކީ ވައްޖިދުވުމަކީ ދީނީގޮތުން ބިދުޢައެއްކަމުގެ ހުއްޖަތް ދެއްކުމަށްވުރެ ބޮޑަށް ރަށްފުށުގައި މިކަން ކުރާގޮތް ތާރީޚަށްޓަކައި ހާމަކުރުމެވެ. ލިޔުންތަކުން އެނގޭގޮތުން ވައްޖިދުވުމަކީ ސޫފީންގެ ތެރޭގައި ކުރަންފެށުނުކަމެކެވެ. އަދި މިހާރުވެސް ސޫފީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ އިންޑިޔާގެ އަހުމަދުއާބާދުގައި ކޮންމެ އަހަރެއްގެ ވެސް މޭމަހުގެ ފުރަތަމަ ހޯމަދުވަހު ވަރަށް ވަރުގަދައަށް ކުރާކަމެވެ. މިފަދަ ކަމެއް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރާއިރު އެކަން ކުރާކުރުމުގައި ތަފާތުތަކެއް ހުރުމަކީ އެކަށީގެންވާކަމެކެވެ. ވުމާއެކު މިކަންވެސް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިގޮތުގައި ތަފާތުތަކެއް ހުރެދާނެކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.
ނޮޅިވަރަމުގައި ދެ މުނާސަބާއަކާ ގުޅުވައިގެން ވައްޖިދުވިއެވެ. ފުރަތަމަ މުނާސަބާއަކީ ވައްޖިދުވުމުގެ ސަބަބުން ލިބޭ ރަޙުމަތާއި ބަރަކާތް ރަށުގެ ނުވަތަ އަވަށުގެ އެންމެނަށް ލިބުން އަދައިގެން ގިނަބަޔަކު ޚަރަދުކޮށްގެން ކޮންމެ އަހަރަކުވެސް ބޭއްވި އަހަރީ ވައްޖިދުވުމެވެ. ދެވަނަ މުނާސަބާއަކީ ބަލިހާލުން ނުވަތަ އެ ނޫންވެސް މުސީބާތަކުން ސަލާމަތްކޮށްދެއްވުމަށް އެކިއެކި ފަރުދުން ނަދުރުބުނެގެން ނަދުރުފުއްދުމުގެ ގޮތުން ބޭއްވި ވައްޖިދުވުމެވެ.
ވައްޖިއެއް ކައިރިވާކަމުގެ އަލާމާތަކީ ހަވީރާއި ރޭގަނޑު ރަށުތެރެއިން ތާރައިގެ އަޑުފަށްގަނޑު އިވެންފެށުމެވެ. ތާރައަކީ ވައްޖިދުވުމަށް ބޭނުންވާ އިންޖީނެވެ. ވުމާއެކު ތާރަތަކުގެ ހަންތަކާއި ވޮށިތައް އާކޮށް ލަވަތައް ފަރިތަކޮށް މެދުނުކެނޑި ގިނައިރު ތާރަޖެހުމަށް ބޭނުންވާ ހަކަތަ އަތްތިލައާއި މުލައްދަނޑިތަކަށް ފޯރުކޮށްދިނުމަށްޓަކައި ވައްޖިދުވުމުގެ ފަނަރަވަރަކަށް ދުވަސްކުރިން ފަރިތަކުރުންތައް ފައްޓައެވެ.
ވައްޖިދުވުމުގެ ހަރަކާތްތައް ފެށޭނީ ދުވަހުގެ އަސުރު ނަމާދުންނެވެ. ވައްޖިދުވުމުގައި ބައިވެރިވާ މީހުން އަސުރުނަމާދު ޖަމާޢަތުގައި ކުރުމަށްފަހު ދާނީ ރަށުގެ އިރުމަތީ ފަރާތުގައި ހުންނަ "މަގާންފުޅު" ކިޔާ ބިނާއެއްގެ ގާތަށެވެ. މި  މަގާންފުޅަކީ އެތަނުގެ ތާރީޚު އެނގުމެއްނުވާ ވަށާފާރުލައި ފައިވާ ޒިޔާރަތެއްފަދަ ތަނެކެވެ. މިތަނުގައި ތިބެ ޞަލަވާތް ފާތިޙާ ކިޔަވައި ވައްޖިދުވުމުގައި ބައިވެރިވާ މީހުން ތާރަޖަހަމުން ރަށުތެރެއަށް އައުމަށް ހިނގައިގަނެއެވެ.
އެވެރިން އަންނައިރު އެންމެ ކުރީގައި ހުންނަނީ ހުދު ފޮތިގަނޑެއްގައި ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ބޮޑު ދިދަ އެއް ހިފަހައްޓައިގެން ހުންނަ ޖަޑިބެވެ. ޖަޑިބުގެ ފަހަތުން ތާރަވެރިން ތިބޭއިރު ދޭތެރެދޭތެރެއިން ތަންތަންކޮޅަށް މަޑުކޮށްފައި ގުނގުރު ހިފައިގެން ނެށުމުގައިވެސް ދެމީހަކު ހަރަކާތްތެރިވާނެއެވެ. މި ނެށުންގަނޑު ނިންމާލާނީ އެކަކު އަނެކަކަށް ވާދައަށް ތާރަޖެހުމަށްފަހުގައެވެ.
މި ގޮތުގައި ގޮސް ވައްޖިދުވުމަށް ތައްޔާރުކޮށްފައިވާ ހަރުގެއާ ހަމައަށް ދެވުމުން އެތަނުގައިވެސް ކުރިން ބަޔާންކުރިހެން ނެށުމާއި ވާދައިގެ ތާރަޖެހުން ތަންކޮޅެއް ގިނައިރު ކުރިޔަށް ގެންދާނެއެވެ. އަދި ނިންމާލުމުގެ ކުރިން ވައްޖިދުވުމުގެ މައި މުރީދުމީހާ ޖަޑިބު ގެންގުޅުނު ދިދަ ނުނިއުޅޭގޮތަށް ބިމަށްޖަހައި ހަރުކުރާނެއެވެ. މިކަންކުރާނީ ހަރުގޭގެ ކުރިމަތީގައި ވައްޖިދުވުމަށް އޮންނަ މައިދާނުގެ ވަށާކަހަލަގޮތަކަށް އެ ދިދައިން ރޮނގުއަޅަމުން ހިނގައިފައެވެ. އެހިސާބުން ވައްޖިދުވުމުގެ އާންމުންނަށް ފެންނަ ހަރަކާތްތައް އެ ވަގުތަށް ނިމުނީއެވެ. ނަމަވެސް ގެޔަށް ދިއުމުގެ ކުރިން ވައްޖިދުވާޓީމުގެ އެންމެހައި މެންބަރުންނަށް ވަރުގަދަ ސައެއް އޮންނާނެއެވެ.
ދެވަނަ ބައި ފެށޭނީ ޢިޝާނަމާދުން ފައިބައިގެންނެވެ. އަހަރީ ވައްޖިދުވުންނަމަ އަވަށުމީހުންނަށް އޮންނަ ކޭން ކެއުމުންނެވެ. މި ކޭމުގައި ބަތާއި ކުކުޅުރިހައާއި ދޮންކޭލާއި ފަންޏާއި އެކި ޒާތްޒާތުގެ ހަލުވާތައް ހިމެނޭނެއެވެ. ނަދުރު ބުނެގެން އަމިއްލަ މީހަކު ދުވާ ވައްޖިއެއްނަމަވެސް އެގަޑީގައި އޮންނާނީ ވައްޖިދުވާ މީހުންނަށް އޮންނަ ކެއުމެކެވެ.
ކެއުމަށްފަހު ލަސްތަކެއް ނުވެ ވައްޖިދުވުމުގެ މަސައްކަތްފަށާނެއެވެ. މުރީދުމީހާ ފަށާނީ ރާތީބު ކިޔަވާށެވެ. ރާތީބަކީ ސޫފީ އެކިޖަމާޢަތްތަކުގެ މީހުން އެކި ރޭރެއަށް ކިޔައި އުޅޭ މަދަހައާއި ޒިކުރުތަކަށް ކިޔައިއުޅޭނަމެކެވެ. މުރީދު މީހާ ރާތީބުކިޔަވަމުން ދާއިރު ތާރަޖަހާ މީހުން ދެ ސަފަކަށް އެތުރި އިށީނދެ ތިބެގެން އެކިޒާތްޒާތުގެ ބަނިތައް ލައްވަމުން ތާރަޖަހަމުން ގެންދާނެއެވެ. ސަފުގެ ކައިރީގައި ތާރަޖަހައި ލަވަ ނަގައި ކިޔުމަށްޓަކައިވެސް ބަޔަކު ތިބޭނެއެވެ.
މިގޮތުގައި ގަޑިއެއްހާއިރު ވުމަށްފަހު މުރީދުމީހާގެ ގައިން ލޭނެރެން ފަށާނެއެވެ. ލޭނެރޭނީ މޫނާއި އަގަޔާއި ބޮލަށާއި ބަނޑަށް ވަރަށް ކުޑަކޮށް ވަޅިހަރައިގެންނެވެ. ފުރަތަމަ ފަށާނީ ވަރަށް ކުޑަކޮށެވެ. ބޭނުންކުރާނީ ކުދިކުދި ކޮށާވަޅިތަކެކެވެ. ފަހުން ބޮޑު ކަނޑިއެއްވެސް ބޭނުންކުރެއެވެ. މި ކަނޑިއާއި ވަޅިތައް ހިފައިގެން އެ ސަރަހައްދުގައި މުރީދުމީހާ ދުވަންފެށުމުން ކުޅިބަލަންތިބޭ އާންމުން ކެކިއަރައިގެން ދާއިރު ބިރުން ހޭކެނޑޭ ބަޔަކުވެސް ތިބެއެވެ. އޭރު ތާރައިގެ ހަމަވެސް ދާނީ އިރުކޮޅަކަށްވުރެ އިރުކޮޅެއް އަވަސްވަމުންނެވެ.  ކިޔާނީ ހިޖުރައިން 471 ވަނަ އަހަރު އީރާނުގެ ޖީލާނީއަށް އުފަންވި ސޫފީންގެ ޝައިޚު ޢަބްދުލްޤާދިރަށް ނިސްބަތްކޮށް ހަދައިފައިވާ ޢަރަބި ލަވައެކެވެ. މިކަމުންވެސް ވައްޖިދުވުން ދީނީ މިންގަނޑުން ކަސިޔާރުކަން އެނގެއެވެ. އެހެނަސް މިއީ އެއްކަލަ ބަލިތަކުން ނަޖާވަ ވަގުތުކޮޅެވެ. މުރީދު މީހާ އައިސް ބަލިޖެހިފައި ތިބޭ މީހުންގެ ގައިންލޭނެރޭ ވަގުތުކޮޅެވެ.

ލޭނެރުމުގެ ފިޔަވަހި ނިމުމަށްފަހު ދެން އޮންނާނީ ލޭމަނާކުރާ ލަވަކިޔުމެވެ. ތާރައިގެ ހަމަވެސް ޖަހާނީ ލަސްލަހުންނެވެ. ލޭމަނާކުރުމަށް ބޭނުންކުރަނީ ފެނެވެ. ކިޔަވާފައި ހާކާ ފެނުން ލޭ މަނާވުމުން "ލޭމަނާކުރާލަވަ" ހުއްޓާލައެވެ. އެހިސާބުން ވައްޖިދުވުންވެސް ނިމުނީއެވެ.
މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA