ޢަލީ މުނީޒު (2019)
1.
އެކި މީހުން ގަޔާވަނީ އެކި ކަންކަމަށެވެ. ކުރުމުގެ ޤާބިލުކަން ލިބިފައިވަނީ
ވެސް އެކި ކަންތައްތަކެވެ. މިއީ އިންސާނުން ފިޠުރަތުމެއެވެ. މި އުސޫލުން
އަހަރެންގެ ގަޔާވުންތަކުގެ ނާރެހަކީ ދަތުރުފަތުރުކުރުމެވެ. މީހުން ދިރިއުޅޭގޮތް
ބަލައި ތަޖުރިބާކުރުމެވެ. ދޭދޭ ސަޤާފަތްތަކުގައި ހުރި ތަފާތުތައް ލޮލުންދެކެ
އަތުންހިފުމެވެ. އަމިއްލަ ރަށުގައި ހިލިހިލާގަނޑަކުން ބަނދެވިގެން އޮތުމުގެ
ބަދަލުގައި ބޭރުވެށީގައި އުދުހި ބޭރުވެށީގެ ދިރިއުޅުމަކުން ނަފުސަށް ހަމަޖެހުންގެނައުމެވެ.
މިހެންވެ ވަރަށް ގިނައިން އަވައްޓެރި ރަށްރަށަށް ދަމެވެ. އެގޮތްމިގޮތުން
ފައިސާފޮތި އެއްކޮށްގެން ކަރަތަކަށް ވެސް ދަމުއެވެ. މިހެން ކުރެވޭ ދަތުރުތަކުން
ހިތުން ފޮހެނުލެވޭފަދަ ކަންތައްތައް ތަޖުރިބާކުރަންޖެހެއެވެ. އޭގެތެރެއިން
ހުނިޖަހައި ނެގެން އޮތް އެއް ކަމަކީ ބަސް ދަތުރުގެ ތަޖުރިބާއެވެ.
2.
ދިޔައީ ނަމުގައި ބޭސްފަރުވާއަކަށެވެ. އަންހެނުންނާއި ކޮއްކޮއަކު
ގޮވައިގެންނެވެ. ކަމުގައި ހިތަށް ހަމަޖެހުން ގެނައުމަށެވެ. އެއޮއްބޮޑު ބިޔަ
އުތުރުކަރައަށެވެ. ފުރަތަމަ ދެތިން ދުވަހު ތެޅިފޮޅިގެން ހަސްފަތާލުގެ މަސައްކަތްތައް
ނިންމައިލީމެވެ. އެ ހިސާބުން ދަތުރުގެ އެހެން ބައިވެރިންގެ ބޮލަށް ހުތްއަޅައިގެން
ދުރު ހިސާބެއްގައި އުޅޭ ދަންނަ މީހަކާ ބައްދަލުކޮށްލުމުގެ ނަމުގައި ދަތުރު
ފެށީމެވެ. ސަވާރީއަކަށް ހެދީ ބަހެކެވެ. ބަހުގައި ކުޑަ ޚަރަދަކުން ދިގު ދަތުރު
ކުރެވެއެވެ. އެތައް މަގަކުން ދުއްވާތީ ކިތަންމެ ތަނެއް ވެސް ފެންނާނޫއެވެ.
3.
ބޭނުންވާ މަންޒިލަށް ދާނެ ބަހެއް ހޯދުން ވެސް ވީ ބޮލުގައިރިހުމަކަށެވެ.
ނުރަނގަޅު ބަހަކަށް އެރި ނުބައި މުގޯއްޔެއްއެޅިދާނެތީ ވިސްނަންޖެހުނެވެ. ގިނަ
ބަސްތަކުގެ މަންޒިލުތަކުގެ ނަންބޯޑު ހުންނަނީ އެވެރިންގެ ބަހުންނެވެ. ފުލުހެއްގެ
އެހީއާއެކު ބަސްހޯދައި ދަތުރުފެށީމެވެ. ނަސީބަކުން މާ ގިނަ މީހުންނެއް ނެތެވެ.
އަހަރެމެންގެ ސައްލާއިން އިއްތިފާގުވީ އެންމެ ކުރީ ބަރިން ޖާގައެއް ހޯދުމަށެވެ.
ކުރީ ބަރީގައި ތިބޭ އިރު ހުރަހެއްނެތި ތަންތަން ފެނެއެވެ. އެވެރިން
ހުވަނދުވަހުންނާއި ބަބުރުވަހުން ނޯށަށް ލިބޭ ވޭން ބޮޑުތަނުން ކުޑަވިއެވެ.
4.
ދަތުރުފެށިތާ ގިނަ އިރެއްނުވެ މުޑިކާށްޓެއްހެން ބަސް ފުރިއްޖެއެވެ. ހީވަނީ
ކަޅުއޮށްފުންމިއަށް ކާފަރުންއަރައި ތިބިހެންނެވެ. ވަކި ހިސާބަކުން އަންހެނަކު
އައިސް ދެބުމަގޮށްޖަހައި މޫނު ކުނިކޮށްގެން ހުރެ އަހަރެމެންނާ ދިމާއަށް
ފަތިވަރުތަކެއް އެބަ އަމުނައެވެ. އެ ވާހަކަތައް މޭރުމެއްނުވިއެވެ. ވީ ރޭރެވެ. ވަކި
ހިސާބަކުން އެ މީހާގެ ބަނދިވަރު ހުއްޓުނެވެ. އެކަމަކު އެހެން މީހުންގެ ފަތިވަރެއް
ނުހުއްޓުނެވެ. މި ކަމަކާހެދި ސިކުނޑިސުމަކަށް ގޮސް ރުޅިގަދަވެފައި އިންދައި
އަންހެނަކު އައިސް އަތުގެ އިޝާރާތުން ތެދުވުމަށް ގަދަ އަމުރުކުރަން ފަށައިފިއެވެ.
އަންހެނަކު ބުނީތީ ތެދުވަން ބޭނުންވިޔަސް އަންހެނަކު ބުނާތީ ތެދުވެވޭކަށްނެތެވެ.
އިހުތިޖާޖުކޮށް ކުރާ އަމުރަކަށް އިޙުތިރާމުކުރާކަށް ވެސް އެއްބަހެއްނުވެވެނެވެ.
ގިނަ އިރެއްނުވެ ޓިކެޓު ކަނޑަންހުރި މީހާ އައިސް އަތުގެ އިޝާރާތުން ތެދުވަން
އަންގައިފިއެވެ. ހަތިޔާރުބަހައްޓައި ކޮއްކޮއާއި އަހުރެން ތެދުވެއްޖައީމެވެ. ދެން
ފާއިތުވި 2 ގަޑިއެއްހައި އިރު މަންޒިލަށް ދެވެންދެން އަހަރެމެން ތިބެންޖެހުނީ
ކޮޅަށެވެ.
5.
ރަހުމަތްތެރިއާއާ ބައްދަލުކޮށްލުމަށްފަހު އެހެން ރަހުމަތްތެރިއެއްގެ ސަރަޙައްދަށް
ދަތުރުފެށުމަށް ބަހަކަށް އަރައިފީމެވެ. ހަމަ އެކަކު ވެސް ނެތް ބަހެކެވެ. އިށީނީ
ހަމަ އެއްކަލަ ތަނުގައެވެ. ބައިގަޑިއެއްހާއިރު އަވަނެއް ފަދަ ބަހުގައި ތިބެ
މާލިފަހުން ދަތުރުފެށިއެވެ. މި ފަހަރު ވެސް ކުރަންޖެހުނީ ހަމަ ކުރީގެ
ތަޖުރިބާއެވެ. ގަޑިއެއްހާ އިރު ކޮޅަށްތިބެންޖެހުނެވެ. ތެދުވަންޖެހޭޖެހުމާ
ގުޅޭގޮތުން ފަހުން ބައްދަލުވި މިތުރާ ސުވާލުކުރީމުއެވެ. އޭނާ ކިޔައިދިން ގޮތުން
އެންމެ ކުރީގައި ހުންނަ ތިން މީހުންގެ ޖާގައިގެ ދިގު ގޮނޑިއަކީ އަންހެނުންނަށާއި
މުސްކުޅިންނަށް ޚާއްޞަ ގޮނޑިއެކެވެ. ގޮނޑިޔާ ދިމާ ބިތްގަނޑުގައި އެމީހުންގެ މަށް
ބަހުން އެހެން ލިޔެފައި ވެސް އޮންނާނެޔޯލައެވެ. އެކަމަކު އެ އުސޫލަށް ޢަމަލުކުރާ
މީހަކު ނޫޅެއެވެ. މީހަކު ބުންޏަސް ތެދުވާކަށް ވެސް ނުޖެހެއެވެ.
6.
އެނބުރި ތިރުވަނަންތަޕޫރަމަށް އައީ ވެސް ބަހުގައެވެ. އަހަރެމެން ފުރުވަން
ރަހުމަތްތެރިޔާ އައެވެ. އެކުގައި ބަހަށް ވެސް އެރިއެވެ. އާޖުފާޖު ކިޔައިދިނެވެ.
ކަންކުރީ ހަމަ އެއްގޮތަކަށެވެ. އެކަމަކު ދަތުރު ފެށުނުތަނުން ޖެހުނީ ހަމައެއް
ހާލެކެވެ. އެހެނަސް މިފަހަރުގެ މައްސަލައަކީ އަހަރެމެންނަށް ބޭރުބަހެއް
ނޭނގުންހެއްޔެވެ؟
Post a Comment