ބަނޑޭރިގަނޑު » » ބޮޑުމާލޫދު ކިޔުން

ބޮޑުމާލޫދު ކިޔުން

| 5/30/2015 on Saturday, May 30, 2015 dhuraya.blogspot.com :ލިޔުނީ


ޢަލީ މުނީޒު (2014)

"ރަށުތެރެއިން ދުވާނީ އެއްވަހަކަށް މީރު ހަވާދުތަކާއި ކަވާބުތަކުގެ ވަހެވެ. މަގުތައްމަތިން ފެންނާނީ ހޭލަމޭލަވުމެވެ. ގޭގޭދޮށަށް ކައިރިކޮށްލުމުން ފެންނާނީ ލައިނުގަނެގެން އުޅޭ މަންޒަރެވެ. ފަޒާގެ ތެރެއިން އިވޭނީ އެކިރާގުރާގަށް ޢަރަބިބަހުން ކިޔަމުންދާ ޅެމުގެ އަޑާއި މާލޫދުބުރި ބުނާއަޑާއި ބަޑިބަޑިއަޅާފައި ފުލުފުލުން ފަޓާސްގޮއްވާ އަޑެވެ." މި ދަންނަވައިލެވުނީ ދުވަހެއްގެ ހެނދުނު ނުވައަކާއި ދިހައަކާ ދޭތެރޭގެ ވަގުތެއްގެ ވާހަކައެވެ. ހުރިހާކަމެއް ހުއްޓައިލައިފައި ކަމާކަންފަށާ ކޮންމެއަހަރަކުވެސް  ނޮޅިވަރަމުގައި ކިޔަމުންއައި ބޮޑުމާލޫދުގެ ދަމުކޭމަށް ކެއްކުމަށް ތައްޔާރުވަމުންދާ ވަގުތުގައި އެރަށް ސިފަކުރެވޭނެ ގޮތުގެ ވާހަކައެވެ.
ބޮޑުމާލޫދުކިޔުމަކީ ދީނީގޮތުން ކުރަންޖެހޭ ކަމެއްކަމަށް ދެކިގެން ނޮޅިވަރަމުގައި ކޮށް އުޅުނު ކަމެކެވެ. އަވަށު މާލޫދާއި އަންހެނުންގެމާލޫދުގެ ނަމުގައި ދީނީ ކުލަޖައްސައިގެން ބާއްވާމުން އައި ބޮޑު ޢީދެއް ފަދަ ކެއްކުންގަނޑެކެވެ.
ކޮންމެ އަހަރަކުވެސް މާލޫދު ހަރުގެ ރޫޅާލާ ދުވަހު ޖެހިގެން އޮންނަ އަހަރުގެ މާލޫދު އޮންނަ ދުވަސްވަރެއް ނުވަތަ ދުވަހެއް އާންމުކޮށް އިޢުލާންކުރާނެއެވެ. ހުޅަނގު މޫސުމުގައި ނޮޅިވަރަމަށް ލަފާފުރުމަކީ ނުރައްކާތެރިކަމެކެވެ. ރިޔަލުގެ ޒަމާންކަމުން އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަކީވެސް އެ މޫސުމުގައި ފަސޭހަކަމެއް ނޫނެވެ. އާންމުންގެ ގިނަބަޔަކު އެއްވާ މިފަދަ ހަފުލާއަކަށް ވާރޭން ސަލާމަތްވާނެހެން އެކަށޭނަގޮތަށް ތަނެއް ހެދުމަކީވެސް ބޮޑު ގޮންޖެހުމެއްތާއެވެ.  ވުމާއެކު މާލޫދު ކިޔާ ދުވަސްވަރު ވާނީ ކޮންމެ ގޮތެއް ހަދައިފައިވެސް އިރުވައިގެ ދުވަސްވަރަކަށެވެ.
ކޮންމެއަކަސް މާލޫދުކިޔާ ދުވަސް އިޢުލާންކުރުމާއެކު އެހައި ހިސާބުން މާލޫދު ކިޔުމުގެ ތައްޔާރީތައް ފެށުނީއެވެ.  މިގޮތުން އެންމެ ފުރަތަމަވެސް ކުރާނެކަމަކީ މާލޫދަށް ކެއްކުމަށް އެހީތެރިވުމަށް ކައިރި ރަށްރަށުންނާއި ޖެހިގެން އޮންނަ އަވަށުން ގެންނަ އަންހެންވެރިން ދެން އަންނަ އަހަރަކުންވެސް  މާލޫދަށް ކެއްކުމަށް އެހީތެރިވެދީ އަތްގާތްކޮށްދީ ހެދުމަށް އަންނާނެ ކަމަށް ވަޢުދުކުރުވައި ޖާމިނުކުރުވާނީއެވެ. އެހައި ކުރިޔާލައި އެކަމާ އުޅެގަންނަންޖެހެނީ އެވެރިންގެ ތެރެއިން އެންމެ ރަނގަޅު މީހުން ހޯދުމަށް އޮންނަ ވާދަވެރިކަމެއްގެ ސަބަބުންނެވެ.
މާލޫދު ފެށެން ދެތިން މަހަށް ވާއިރަށް މާލޫދުގެ ތައްޔާރީތައް ފަށައިގަންނާނެއެވެ.  މާލޫދާގުޅިގެން ކުރަންޖެހޭ ދަތުރުފަތުރުގެ ކަންތައްގަނޑު ފަށައިގަންނާނެވެ. ޒަމާނަކީ މުވާޞަލާތުގެ ފަގީރުޒަމާނެވެ. ފޯނެއް އިންޓަރނެޓެއް ނެތް ޒަމާނެވެ. މެސެޖާއި ސިޓީއާ ޓޯކީގެ ޒަމާނެވެ. ވުމާއެކު މޫނު ނުފެނި ވާހަކަދެއްކުމަކީ އާދައިގެ ގޮތެއްގައި ކުރެވޭނެކަމެއް ނޫނެވެ. ވީމާ މާލޫދަށް ބޭނުންވާ މާޅުސްކޭލާއި ދަނޑިއަލުތްވާއި ކަނަމަދު ފަދަ ބާވަތްތައް ހޯދުމަށާއި  ކުކުޅާއި ދޮންކެޔޮ ކުރީބައިގައި މަތިކޮށްފައި ބެހެއްޓުމަށްޓަކައި ކައިރިރަށްރަށަށް ދަތުރުފަށައެވެ.
ކެއްކުމުގެ ދުވަސް ލައިގަންނައިރު ހުންނާނީ އަވެލި ފިހެ ކަނަމަދާއި ކޮލުދަތާއި މާޅުސްކެޔޮފަދަ ކުރީބައިގައި ތައްޔާރުކުރެވޭފަދަ ތަކެތި ތައްޔާރުކޮށް ހަކުރުލައިފައެވެ. ގޭތެރޭގެ އާބާތުރަ ފިލުވައި ކުދިވެރިންނާއި އަންހެންވެރިންގެ ރީތިވާ ސާމާނުގަނެ މާލޫދުކިޔާއިރު އެވެރިން ގޮއްވާނެ ފަޓާހަށްދަންދެން ހޯދައިފައެވެ. ގޯތިތެރެއަށާއި މަގުމައްޗަށް ކަށިވެލިލައި މުޅިރަށް ސާފުކޮށް ނަލަކޮށްފައެވެ. އަތްގާތްކޮށްދޭމީހުން ބޭރު ރަށްރަށުންގެނެސް މާލޫދަށްޓަކައި ހުސްވެފައެވެ. އޭރު ހުންނާނީ މާލޫދުކިޔުމަށްޓަކައި ބޮޑުހަރުގެއެއް އަޅައި ސަނދުވާދަމައި ފޮތިދަމައި ޒީނަތްތެރިކޮށްފައެވެ. ޅެންވެރިން މާލޫދުކިޔަންތިބޭބައި ވެސް ހީވާނީ މިޒަމާނުގެ ޗާލު ނަލަ ބޮޑުކޮޓަރިއެއްހެންނެވެ. މާލޫދު ކިޔާ އަޑު ތާޅަފިލިތަކުން އަވަށުގެ ބޮޑުބަޔަކަށް އިވޭނެގޮތްވެސް ހަދައިފައެވެ.
މާލޫދުކިޔުމަށްޓަކައި ރަށްރަށުން މީހުން އަންނަން ފަށާނީ މެންދުރު ނަމާދަށްފަހުއެވެ. އޭރު އެވެރިން ނަށް މަރުޙަބާކިޔުމަށް އަތިރިމަތީގައި މީހުންތިބޭނެއެވެ. ފަންޏާއި ބިލެތާއި ފެންވެރޭނެ ފަދަ ސާމާނާއެކުގައެވެ. އެވެރިން އަންނަ ދޯނިތައް އެހެލައިދިނުމަށްފަހު ގޭގެއަށް ބަހައިލައިގެން ކޮންމެ ގެއަކަށް ހަތަރު ފަސްމީހުންގެ މަގުން އެމީހުން ގެންދާނެއެވެ. އެއީ "އަރާކޭން" ދިނުމަށެވެ. އަރާކޭމުގައި ހުންނާނީ ސަޔާއި ހެދިކާއެވެ.
މާލޫދުފެށޭނީ އެރޭގެ ޢިޝާނަމާދަށްފަހުއެވެ. ޢިޝާނަމާދުން ފައިބައިގެން ޅެންވެރިންނާއި ބީރައްޓެހިންނާއި ރަށުގެ އަނެއް އަވަށުގެ މީހުންވެސް ހަރުގެއަށް ޖަމާވާނެއެވެ. އެރޭގެ ކޭމަށް ކިޔާނީ ފައްޓާކޭމެވެ. މައިގަނޑު ކެއުމަކީ ބަތާއި ކުކުޅުރިހައާއި ދޮންކޭލާއި އިސްބަގުލުފަންޏެވެ. އޭގެ އިތުރުން މަސްފަތަފޮޅިއާއި ފޮނިރޮށިވެސް ހިމެނޭނެއެވެ. ކޭން ކެއުމަށްފަހު އޮންނާނީ މާލޫދުކިޔަން ފެށުމެވެ. ސަލާން ޅެންބައި ނިމި މާލޫދުބުރި ބުނަންފަށަންދެން ކޭންކެއި އެންމެން ހަރުގޭގައި ތިބޭނޫއެވެ. އޭގެ ފަހުންވެސް ފަތިސްނަމާދަށް ގޮވަންދެން ޅެންވެރިން މާލޫދުކިޔުމުގައި ދެމިތިބޭނޫއެވެ. ހެނދުނު ހަތްހަޑިބައިގައި އަވެލިކޭން އޮންނާނެއެވެ. އަވެލިކޭންކައިގެން މެންދުރުވަންދެންވެސް މާލޫދުކިޔުން އޮންނާނެވެ. އެންމެ ފަހުކޭން ކަމުގައިވާ ދަމުކޭން ނުވަތަ ހުއްޓާކޭން އޮންނާނީ މެންދުރު ނަމާދަށް ފަހުއެވެ. މިއީ ހަމަ ފައްޓާކޭންފަދަ ކޭމެކެވެ. އެހެން ކޭންތަކާ ޚިލާފަށް މިކޭން ކާން ފަށާނީ ޞަލަޥާތް ކިޔަވައިފައެވެ. ކޭން ކައިނިމުމާއެކު ބޮޑުމާލޫދުގެ ފުރަތަމަ ފިޔަވަހި ނިމުނީއެވެ. އެހިސާބުން އޮންނާނީ މާލޫދު ކިޔުމަށްޓަކައި ރަށްރަރުން އައި މީސްތަކުން ފުރުވުމެވެ. އަދި އެއް ރޭގެ މެދު ކެނޑުމަކަށްފަހު ހަމަ އިސްވެ ބަޔާންކުރެވުނު ފަދައިން ތިން ކޭމުގެ މާލޫދެއް ހިމެނޭ ބޮޑު މާލޫދުގެ ދެވަނަ ފިޔަވަހި އޮންނާނެއެވެ. މި ފިޔަވައްސެކޭ ކުރީ ފިޔަވައްސެކޭ ތަފާތެއް ނޯވެއެވެ.
ބޮޑު މާލޫދު ކިޔުމަކީ އިޖުތިމާޢީ ބޮޑު ޢީދެކެވެ. މި ޢީދުގެ ސަބަބުން ދޭދޭ ރަޙުމަތްތެރިކަން ރަނގަޅުވިއެވެ. އެއް ރަށާއި އަނެއް ރަށާ އޮތް ގުޅުން ބަދަހިވިއެވެ. ކައިވެނިތައް ގޮށްޖެހޭ ސަބަބަކަށްވެސް މާލޫދުކިޔުންވިއެވެ.
ކިތަންމެ ބޮޑު އުފާވެރިކަމެއްގައިވެސް ހިތާމަވެރިކަމާއި ނުރަނގަޅުކަންތައް ހިމެނުމަކީ ދުނިޔޭގެ ޠަބީޢަތެވެ. މިގޮތުން ކާތަކެތިން އިސްރާފުކުރެވޭ މިންވަރަށް ކެއްކުމާއި މީހުންކިޔައިފާނެ އެއްޗަކަށްޓަކައި ނެތްހާލުގައި ދަރައިގެންވެސް މާލޫދުކިޔުމުގައި ބައިވެރިވުމީ އެ ޒަމާނުގައި ކޮށް އުޅުނުކަމެކެވެ. މާލޫދު ކިޔަމުންދާއިރު ފަޓާސްޖެހުމާއި ހަވާއެރުވުމާއި އަލިނަރު އެރުވުންފަދަ އިންޑިޔާގެ "ދިވާލީ ޑޭ" ގެ ހަރަކާތައްވެސް ގެންދިޔަކަމީ ޙަޤީޤަތެކެވެ. މިސްކިތަކަށް ވަދެލުމެއްނެތި ހޭބޯނާރާ މާލޫދުގެ ކަންތަކުގައި މަޝްޣޫލުވެގެންވެސް އުޅުނީއެވެ. ކައިވެނި ގޮށްޖެހޭފަދައިން ރޫޅުމުގެ ސަބަބަކަށްވެސް މާލޫދުވިއެވެ.

ބޮޑު މާލޫދު ކިޔުމަކީ މިއަދު ތާރީޚެވެ. ދީނީގޮތުން އައި ހޭލުންތެރިކަމާއި އާންމުން ވަޒީފާތަކުގައި ތާށިވުމާއި ތަޢުލީމީ ނިޒާމަށް އައި ބަދަލުތަކާހުރެ ދީނީ ކުލަޖެހިގެން ކުރެވުނު އެކަން ވަނީ އޮބައިގޮސްފައެވެ.
މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA