ޢަލީ މުނީޒު (2020)
ރާއްޖޭގެ އުތުރުން އެންމެ
އަލިގަދަ ދެ ޖަވާހިރުގެ މެދުގައި ގެއްލިފައި އޮތް މާ ބިޔަ މި ރަށަކީ ޒަމާނީ
ތަމައްދުނުގައި ތަންކޮޅެއް ފަހަތަށް ސޮއްސައިލައިފައި އޮތް ރަށެކެވެ. މުޅި ރާއްޖެ
ދަންނަ މަޝްހޫރު ދެ ރަށުގެ ދެމެދުގައި އޮތެއްކަމަކު ނޮޅިވަރަމަކީ މިއަދު އާންމުންގެ
ޗާޓުން ގެއްލިފައިވާ ރަށެކެވެ. ދޫތަކަށް އާންމު ނޫން ނަމެކެވެ. އެކަމަކު މި ރަށަކީ
ދެވަނަ ބޮޑުހަނގުރާމައިގެ ބޮޑުތަދުން ފެށިގެން 1980ގެ އަހަރުތަކުގެ ފަހުކޮޅާ
ހަމައަށް ރާއްޖެއަށް މަޝްހޫރު ފުދުންތެރި ރައްޔިތުންތަކެއް ދިރިއުޅެމުން އައި
ރަށެކެވެ. އެހެންނަމަވެސް މި ރަށުގައި ކުރަމުން އައި އިޤުތިޞާދީ މަސައްކަތުގެ
ސަބަބުން އާންމުންގެ ހެލިފެލިވުން ބުރަހެލިކޮށްފައިވަނިކޮށް ޒަމާނާއެއްވަރަށް އެ
މަސައްކަތް ނުގެންދެވުމުގެ ނަތީޖާއަކީ ރާއްޖޭގެ މީހުން ނުދަންނަ ބީރަށްޓެހި
ރަށަކަށް މި ރަށް ބަދަލުވުމެވެ.
ނޮޅިވަރަމުތަ؟ ނޫނީ
ނޮޅިވަރަންފަރުތަ؟
ދިގުމިނުގައި 2.17 ކިލޯމީޓަރު
ފުޅާމިނުގައި 1.15 ކިލޯމީޓަރު ހުންނަ 202 ހެކްޓަރުގެ މި ރަށަކީ ބިން ބޮޑު
ބިންގަނޑު ހެޔޮ ރަށެކެވެ. 2713 މީހުން އުޅޭއިރު އަތޮޅުގެ ދެވަނައަށް
އެންމެ ބޮޑު އާބާދީ އޮތީ މި ރަށުގައެވެ. މި ރަށް އޮންނަނީ "ދަ ހާރޓް އޮފް
ނޯތް"ގެ ގޮތުގައި ސިފަކުރާ އުތުރުގެ ހިތް ކުޅުދުއްފުށްޓާއި ޕޯޗުގީޒުންގެ
އަނިޔާވެރި ދުވަސްވަރުން ފެށިގެން ޚާއްޞަ މަގާމެއް ދެވިފައިވާ ތާރީޚީ ރަށް
ނޮޅިވަރަންފަރާ ދެމެދުގައެވެ. ނޮޅިވަރަންފަރަށް ލިބިފައިވާ ތާރީޚީ މަގާމާއި އެ
ރަށުގައި ހިންގާ އެއްފަސްކުމުގެ މަޝްރޫޢުތަކާ ހުރެ ނޮޅިވަރަންފަރުގެ ނަމަކީ
ނޫސްތަކަށް އަރާ އެންމެ ދަންނަ ނަމެކެވެ. ނޮޅިވަރަންފަރުގެ ނަމަކީ ނޮޅިވަރަމުގެ
ނަމާ އަޑުތައް ތިމާގެ ނޮޅިވަރަމުގެ ފަސްގަނޑާ ގުޅުން އޮތް ކަމަށް ދަލީލުކުރާ
ނަމެކެވެ. މިހެންވެ ނޮޅިވަރަމުގެ ނަން ކިޔޭ ކޮންމެ ފަހަރަކުހެން ގިނަ މީހުންނަށް ނޮޅިވަރަމު
ދޭހަވަނީ ނޮޅިވަރަންފަރުގެ ގޮތުގައެވެ. މި ދޭހަވުން އިތުރަށް ބޮޑުވެ މި އަތޮޅަށް
ނިސްބަތްވާ ރަށްރަށުގެ ބައެއް ނޫސްވެރިންނަށް ވެސް ވަކި ހިސާބަކުން ނޮޅިވަރަމާއި
ނޮޅިވަރަންފަރު ވަކިކުރަން ނޭނގި އެންމެ މަޝްހޫރު ނޫސްތަކުގައި ރިޕޯޓުތައް
ލިޔެފައި އެބަހުއްޓެވެ. ނޮޅިވަރަމަށް ލިބެންޖެހޭ ޕޯސްޓުގެ ޕާރުސަލްތަކާއި އޮފީސްތަކުގެ
ސިޓީބިޓީތަކާއި މަޝްރޫޢުތައް ނޮޅިވަރަންފަރަށް ދިއުމަކީ އާންމުކަމެކެވެ. ނިސްބަތްވަނީ
ނޮޅިވަރަމަށޭ ބުނުމުން ނޮޅިވަރަންފަރުހޭ ކިޔައި ސުވާލުކުރުމަކީ ވަރަށް ގިނައިން
ތަޖުރިބާކުރަންޖެހޭކަމެކެވެ.
އިހުގައި އެންމެން ބަރޯސާވީ މި ރަށަށް
އިހުގައި އެންމެން ބަރޯސާވީ މި ރަށަށް
އިހުގައި ރާއްޖޭގެ އިޤްތިޞާދީ
ހާލަތާއި ދަތުރުފަތުރުގެ ނިޒާމު އޮތް ގޮތުން ހަމައެކަނި ކާޑުގެ ބާވަތްތަކަށް
ބަރޯސާވެގެން ކެއުންބުއިމުގެ ކަންކަން ހަމަޖެއްސުން އޮންނަނީ އެންމެ
ފަސޭހަކަމަކަށް ނުވެފައެވެ. އަދި ބައެއް މަސައްކަތްތަކަށް ބޭނުންވާ ސާމާނު (ރޯމެޓީރިއަލްސް)
ހޯދުމަކީ ކޮންމެކޮންމެ ރަށަކުން ފަސޭހައިން ކުރެވޭ ކަމަކަށް ނުވެއެވެ. އެހެންވެ ބިންގަނޑު
ރަނގަޅު މާ ރަށްރަށަށް އެ ނޫން ރަށްރަށުގެ މީހުން ވަރަށް ބޮޑަށް ބަރޯސާވެއެވެ.
ނޮޅިވަރަމު ވެފައިވީ މިދެންނެވިފަދަ ރަށަކަށެވެ. މި ރަށަކީ މަތިވަރު ރަނގަޅު ބަނބު
ކެޔޮ ގަސްތައް ވަރަށް ގިނަ ރަށެކެވެ. ބައެއް ރަށްރަށާ ޚިލާފަށް މި ރަށުގެ
ގަސްތަކަކީ ވަރަށް އުސްކޮށް ހެދޭ ބިޔަ ބޮޑެތި ގަސްތަކެކެވެ. އެހެންވެ އޭރު ބަނބުކޭލަކީ
މި ރަށުގައި ވަރަށް ތިޔާގި އަދި ގިނަވެފައި އޮންނަ ކާނާއެކެވެ. ހިކިކެޔޮ ހަދައި ގޯނިގޯނީގައި
ރައްކާކޮށް އަހަރުދުވަހުގެ ކާނާ މި ރަށު މީހުން ގުދަންކުރެއެވެ. ރަށުގެ ދެ
ކޮޅުގައި ބޮޑު ސިންގާ ދެ ކަނޑޫފާއޮވެއެވެ. މިއީ ވެސް ގިނަދުވަހަށް ފޮރުވައިފައި
ބަހައްޓާ ކާނާއެކެވެ. ކުރުކުރާއި ހިތްތަލައަކީ ވެސް މި ރަށުގައި ވަރަށް ގިނަ އަދި
އާންމު ދެ ކާނާއެވެ. ބިން ބޮޑު ބައެއް ރަށްރަށުގައި ވެސް މިއީ އެހައި އާންމު
އެއްޗެއްސެއްނޫނެވެ.
ރަށުގެ ޖަންގަލި ފުރިފައިވަނީ
މާކަށިކޭލާއި މެދުކަށިކޭލުންނެވެ. މިއީ ބަތްޕެންފަދަ ކާނާތައް ތައްޔާރުކުރުމުގައި
ވަރަށްގިނައިން ބޭނުންކުރެވޭ އެއްޗެކެވެ. މީދަލުގެ އުނދަގޫ ބޮޑަސް ރަށުގެ
ރުއްތަކަކީ މަތިވަރު ހެޔޮ ރުއްތަކެކެވެ. އެއީ ގޭސް އުނދުނުގެ ޒަމާންނޫންކަމުން މި
ރަށުން އެންމެ ގިނައިން ބޭރުކުރެވޭ އެއް މުދަލަކީ އުނބާއި ދަރެވެ. މިއީ
ފަންގިވިންނަ ރަށެއްނޫނެވެ. އެހެންވެ ފަންގިވަނަކީ އަގެއްނެތި މި ރަށުން ބޭރުކުރާ
މުދަލެކެވެ. ސާންތިވިއުމަށް ބޭނުންވާ ބޯކެޔޮފަތާއި ގޮށި ބަތްޕޮޅި ހެދުމަށް
ބޭނުންވާ ރުކުފައްޗަކީ މި ރަށުން އާންމުކޮށް
ބޭރުކުރާއެއްޗެއްސެވެ. އެހެންވެ އެފަދަ މަސައްކަތްކުރާ އުތީމުފަދަ ރަށްރަށުން މި ރަށުން
އެފަދަ ތަކެތި އާންމުކޮށް ގެންދެއެވެ.
ކުޅުދުއްފުށުފަދަ ރަށްރަށުން ފަތުހަކުރާއި
ހާލުފޮޅިއާއި ސާންތި ވިއްކަން ކޮންމެ ދުވަހަކުހެން މި ރަށަށް އާދެއެވެ. އެ އެއްޗެހި
ވިއްކަނީ ހަމައެކަނި ރުފިޔާއަކަށް ނޫނެވެ. ކާށްޓާއި ނާށްޓާއި ކަނޑުލާއި ކޭލާއި
ކުރުކުރުފަދަ އެއްޗެއްސަކީ އަގުއަދާކުރުމަށް މި ރަށުން ލިބެންހުރި ވަސީލަތްތަކެވެ.
އެންމެ އަގު ބޮޑު
ވަސީލަތް ހުރީ މި ރަށުގައި
ދިވެހިންނަކީ ދުފުމަށް ލޯބިކުރި
އަދި ކުރާބައެކެވެ. ދުފުމަށް ބޭނުންވާ މައިގަނޑު ދެ ބާވަތަކީ ފޯކާއި ބިލެތެވެ. ބިލެތާ
އެއްވަރަށް ފެންފޯކަކީ ވެސް މި ރަށުގައި އޭރު އާންމު އެއްޗެކެވެ. މިހެންވެ
ނޮޅިވަރަމުގެ ރަހުމަތްތެރިންނަކީ އެ ޒަމާނުގައި އެންމެ އަގު ބޮޑު ރަހުމަތްތެރިންނެވެ.
ބިލެތަކީ މި ރަށްފިޔަވައި މި ހިސާބުގަނޑުގެ އެހެން ރަށެއްގައި ހެދޭ
އެއްޗެއްނޫނެވެ. މި ރަށުން ބިލެތްކުރި ގެންގޮސްގެން ހައްދަންވެގެން އެކި
ގޮތްގޮތަށް މަސައްކަތްކުރި ނަމަވެސް އެކަށީގެންވާ ގޮތެއްގައި އެހެންރަށްރަށުގައި
ބިލެތެއްނުހެދެއެވެ. ވަރަށްފަހަކާޖެހެންދެން ކަން އޮތީ މިހެންނެވެ.
މާލެއާއި ނައިފަރުހިންނަވަރާއި ކުޅުދުއްފުށްޓާއި
އެ ނޫންވެސް ހއ ހދ އަދި ށގެ ބައެއް ރަށްތަކުން ވެސް އެބަޔަކު އާދޭތޯ އެންމެ ބޮޑަށް
ބަލާ އެއްރަށަކަށް މި ރަށްވެއެވެ. އޭރު މާލެ ދަތުރުކުރުން އޮންނަ ގޮތުން މާލެއާ
އުތުރުގެ އަތޮޅުތަކާ ދެމެދު ކުރެވޭ ދަތުރުތަކުގައި ނައިފަރުހިންނަވަރަކީ
ޚާއްޞަކޮށް ނައިފަރަކީ ރޭކުރުމަށް މަޑުކުރާ ބަނދަރެކެވެ. އެ ގޮތަށް މަޑުކުރާއިރު
ނޮޅިވަރަމު މީހަކު ހުރޭތޯ ބެލުމަކީ އޮންނަ އާދައެކެވެ. ބޭނުމަކީ ބިލެތްހޯދުމެވެ.
ބިލެތުގެ ސަބަބުން
ކަންނެތްކުރުވި، ހުނަރުވެރިކަން ގެއްލުނު
މާލޭގެ މާރުކޭޓުގައި ބިލެތުގެ
ވިޔަފާރީގައި ނަގާކިޔާ ރަށަކީ އޭރު ނޮޅިވަރަމެވެ. މި ވިޔަފާރީގައި މިހާރު އޮތް
މަގާމަށް ތޮއްޑޫ އޭރު އަދި ނާދެއެވެ. މަދުރަށެއްގައި ހެދޭ އެއްޗެއްކަމުން
ނޮޅިވަރަމު ވެފައިވަނީ ބިލެތުން ބޮޑު އާމްދަނީއެއް ފަސޭހަކަމާއެކު ހޯދާ ތިޔާގި ރަށަކަށެވެ.
ބިލެތް ހެއްދުމުގެ މަސައްކަތަކީ މި ރަށު މީހުންނަށް މާ އުނދަގޫކަމެއްނޫނެވެ. ބިލެތް
ހެއްދުމާ ގުޅޭ ހުރިހައިކަމެއް އޭރު އޮންނަނީ ވަރަށް ފަސޭހައިން ކުރެވޭނެ ގޮތަށެވެ.
ހުކުރު ދުވަހުގެ މެންދުރުކުރިއަކީ ބިލެތް ހެއްދުމަށް ބޭނުންވާ ކަނދުޖަހާ ދުވަހެވެ.
އަގެއް ނެތި އިޖުތިމާޢީ ކަމެއްގެ ގޮތުގައި އެ ދުވަހު އެ ކަން ކުރެވެއެވެ.
ބިލެތްކަނޑާނެ ހުނަރުވެރި ރުށްގަހަށް އެރޭ މީހުން ވަރަށް ގިނައެވެ. އެ މީހުންނަށް
ރަނގަޅަށް ކާންލިބި ވަރަށް ރަނގަޅު މުސާރައެއް ލިބެއެވެ. މަސައްކަތެއް ނެތި
ހުންނަންޖެހޭ ދުވަސްތައް މަދެވެ. ބިލެތް ކަނދުތައް ފަތްޖެހުމާއި ބިލެތް އެއްސުމަކީ
ވެސް ފައިސާ ލިބޭ ކަންކަމެވެ.
މި ރަށު މީހުން ދަތުރުވަރިއެއްގައި
މާލެ ދާނީ 100ވަރަކަށް ބޮނޑި ރީތި ބިލެތް ހިފައިގެންނެވެ. އެހައި ބިލެތާއެކު ކުރަވަންޏާއި
މެދުބިލެތާއި ތޫރި ބިލެތް ގެންދާނެއެވެ. ކިއްލި ބިލެތް އޭރު އަދި ގެންދަން
ނުފަށައެވެ. މި ފަދަ ދަތުރަކުން ދެ ހާސް ތިން ހާސްރުފިޔާ ލިބޭއިރު ތިންވައްތަރު
ތިން ބަސްތާ ކާޑު ހިފައިގެން ރަށަށް އައުމުން ކުރިއަށް އޮތް މަހެއްހައިދުވަހުގެ
ކޮއްތު މި ރަށު މީހުންނަށް ހަމަޖެއްސެއެވެ.
މިހެންވެ މި ރަށު މީހުންނަށް
މާބޮޑު މަސައްކަތެއް ކުރުމެއް ނެތި ދިރިއުޅުން ހަމަޖެއްސެއެވެ. ބިލެތް ހެއްދުމަށް
ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ ބިލެތަށް ފެންދިނުމެވެ. އެކަން ކުރަނީ
އިރުވައި މޫސުމުގައި ދެ ދުވަހުން އެއް ދުވަހުކަހަލަ ގޮތަކަށް ހަވީރެވެ. މަދުބަޔަކު
ހެދުނު ފެންދިން ނަމަވެސް އާންމު އުސޫލަކީ ހަވީރު ފެންދިނުމެވެ.
މިހައި ފަސޭހައިން ދިރިއުޅުމުގެ
ޚަރަދުތައް ހަމަޖެއްސޭތީ މި ރަށު މީހުން ހުނަރުވެރި މަސައްކަތްތައް
ކޮށެއްނޫޅެއެވެ. ހެނދު ސައިބޮއިގެން ގޮސް ހޮޅުއަށިތަކުގައި މެންދުރުވާންދެން
ތިބުމަކީ އޭރު މި ރަށުގެ ވަރަށް ބޮޑު އާދައެކެވެ. ރޭނުމާއި ވަޑާންކުރުންފަދަ
މަސައްކަތްތައް ކުރާ މީހުން މި ރަށުގައި ނިސްބަތުން މަދުވިއެވެ. ނަތީޖާއަކީ
ރަށްވެހިކަމުގެ ގޮތުން މި ރަށް ފަހަތަށް ދިއުމެވެ. ހުނަރުވެރި މަސައްކަތްތެރިން މި
ރަށުގައި މަދުވެ ރަށުގެ ހަމައެކަނި އިޤުތިޞާދީ މަސައްކަތަކީ ބިލެތް ހެއްދުންކަމަށް
ވެ އެހެން އިޤުތިޞާދީ މަސައްކަތްތަކަކީ މި ރަށު މީހުން ނުފަރިތަ ކަންކަމަށްވިއެވެ.
އެހެންވެ ރަށްވެހިކަމުގެ ރޮނގުގައި މި ރަށް ދިޔައީ އެހެން ރަށްތަކާ މަޑުމަޑުން
ފޭވަމުންނެވެ.
ޒަމާނަށް އައި ބަދަލާއެކު
ފެންދިނުމަށް ޕަންޕު މި ރަށުގައި ބޭނުންކުރަންފެށިއެވެ. ސައިންޓިފިކްގޮތުން ކަމުގެ
އަސްލު ހޯދިފައި ނެތަސް ޕަންޕު ބޭނުންކުރަން ފެށުމާއެކު ފެންގަނޑަށް ބަދަލުތައް
އަންނަންފެށިކަން ފާހަގަވިއެވެ. އަދި ބިލެތްހެދޭ މިންވަރު ދަށްވެ ފަތްތައް
ކުދިވާންފެށިއެވެ. އެ ދަނޑިވަޅުގައި އެހެން ގޮންޖެހުމެއް މި ރަށުގެ ވިޔަފާރިއަށް
ކުރިމަތިވިއެވެ. ކައިރީގައި އޮތް ކުޅުދުއްފުށްޓާއި ކުރިމަތީ އޮތް ކުރިނބީގައި މި ރަށަށް
ދޫނުކުރާވަރަށް ބިލެތްހެދެންފެށިއެވެ. އަދި ޒަމާނީ ގޮތްތަކާއެކު ތޮއްޑޫ ވެސް
ބިލެތުގެ ވިޔަފާރިއަށް ވަދެ ޒަމާނުންސުރެ މި ރަށުގެ މައްޗަށް އޮތް މާރުކޭޓު
ކޮންޓުރޯލް އަތުލިއެވެ.
ދުވަހެއް ދުވަހަކަށް ބިލެތްހެދޭ
މިންވަރު ދަށްވެ ބިލެތްކަނޑަން ރުއްގަހަށް އެރޭ މީހުން ނެތިގޮސް މިއަދު މި ވަނީ މި
ރަށަށް މުޅިން އައު އިޤުތިޞާދީ މަސައްކަތެއް ބޭނުންވެފައެވެ. ބިލެތުގެ ބަދަލުގައި
ފަތްކެޔޮ ހެއްދުމުގެ މަސައްކަތް މި ރަށުގައި މިއަދު ކުރިޔަސް އެ މަސައްކަތުން ކުރާ
ޚަރަދާ އެއްވަރުގެ ފައިދާއެއް ލިބޭކަމާމެދު ސުވާލު އުފެދެއެވެ.
ބިލެތުގެ ވިޔަފާރިއަކީ އަލުން
ނޮޅިވަރަމުގައި އާލާކުރެވޭނެ ވިޔަފާރިއެއްކަމަކަށް ނުފެނެއެވެ. ކުޅުދުއްފުށްޓާއި
ކުރިނބީގެ ބިލެތުގެ ވިޔަފާރި ވެސް ޚާއްޞަކޮށް ކުރިނބީގެ ބިލެތުގެ ވިޔަފާރިވަނީ
އެއްކޮށްހެން ނެތި ގޮސްފައެވެ. ބިލެތްހެއްދުމަކީ ކުރެވޭނަމަ ކުރަން ރަނގަޅު
މަސައްކަތެކެވެ. ކުރިން ރުފިޔާއަކަށް ވިއްކި ތޫރި ބިލެތް ބޮނޑިއެއް ސަތޭކަ
ރުފިޔާއަށް ވެސް މިއަދު މާރުކޭޓު ގޮޅިތަކުން ގަނެފައި އެބަހުއްޓެވެ. އެކަމަކު
މިއަދު ރަށުގެ އާބާދީ ބޮޑުވެ ބިންގަނޑު ކުޑަވެފައިވުމާއެކު އެކަން ކުރުމަށް
ޖާގައިގެ މައްސަލަ ވެސް ކުރިމަތިވެއެވެ.
ކޮންމެއަކަސް މިއަދު ނޮޅިވަރަމަށް
ވަނީ އައު އިޤުތިޞާދީ ވިސްނުމަކާއެކު އައު އިޤުތިޞާދީ ހަރަކާތްތެރިކަމެއް
ބޭނުންވެފައެވެ. ބަނނބުކެޔޮގަސް ތައް ނިސްބަތުން ނެތެވެ. ކަށިކެޔޮގަސްތައް ކަނޑައި
ތިރިކޮށް ކެޔޮ އިންދައިފިއެވެ. ރުށްގަސް ދިގުވެ މުސްކުޅިވެ މަތިވަރުދަށްވެ ރުކެއް
އިންދާނެ ޖާގައެއް، އިންދޭނެ މަގެއް ވެސް ނެތެވެ. މިއޮއް ބޮޑު ރަށުގައި އަމިއްލަ މީހެއްގެ
ރުކެއްގަހެއް ނެތެވެ. ރަޖިސްޓަރީކުރުމުގައި ކުރިމަތިވި މައްސަލަތަކެއްގެ
ސަބަބުންނެވެ. މިހެން ކަންތައްތައް ހުރުމާއެކު ރަށްވެހި ތަމައްދުނު
ރަށަކަށްވުމަށްޓަކައި އާ ވިސްނުމަކުން ވިސްނައި އާ މަސައްކަތްތަކެއް
ކުރަންޖެހެއެވެ. އެހެންނޫނީ ރަށްވެހިކަމުގައި ނޮޅިވަރަމު ދާނީ އިތުރަށް
ފަހަތަށެވެ. މި ރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް ބިލެތްގަހެއް ދިނުމުގެ
ސަޤާފަތް ދިރުވިޔަސް ކުރިއަށް އޮތް ތަނުގައި އެ ސަޤާފަތަކީ ހަމައެކަނި ހަނދާނަކާ
ގުޅިފައިވާ ސަޤާފަތަކަށް ވެދާނެ ކަމުގެ ހުރިހައި ސިފަތަކެއް މި ރަށުގެ
އިޤުތިޞާދުން ފެނެއެވެ.

Post a Comment