ބަނޑޭރިގަނޑު » » މީރު ޕޯޓެލޯ

މީރު ޕޯޓެލޯ

| 4/03/2015 on Friday, April 3, 2015 dhuraya.blogspot.com :ލިޔުނީ

މިހާރު ލިބެން މިހުންނަ ފާޑުފާޑުގެ "އެނަރޖީ ޑްރިންކޭ" ކިޔުނު ބާވަތްތަކަށް ގާދޫކޮލުން އެތެރެވުމުގެ ފުރުޞަތެއް އޭރު އަދި  ނުލިބެ އެވެ. ލުއި ބުއިމުގެ ގޮތުގައި ދިވެހިންގެ މެދުގައި ވަކި ހިއްޕާލައިފައި ވަނީ ކޮކާ ކޯލާ އެވެ. އިތުރުން އެ އާއިލާއަށް ނިސްބަތްވާ އޮރެންޖާއި ސްޕްރައިޓެވެ. ދެން ކޮންމެވެސް ވަރަކަށް "ޑޮންޑޮން" އޭ ކިޔުނު ބުއިމެއްވެސް މި ބައިގައި ހިމެނެ އެވެ.
އަތޮޅު ތެރޭގައި އުޅޭ ރައްޔިތުންނަށް  ޚަބަރުދަބަރު އޮޅުން ފިލުވުމަށްވެސް އޭރު އޮންނަ އެންމެ ފަސޭހަ ވަސީލަތަކީ ރޭޑިޔޯ އެވެ. ޓީ.ވީ ގެ ޚިދުމަތަކީވެސް ފަސޭހަ ރަހުމަތެއްގައި ކޮންމެ ކޮންމެ ރަށަކަށް ލިބޭ ޚިދުމަތެއް ނޫނެވެ. ވުމާއެކު ހަމަ ކޮންމެ ގެއަކުހެން ރޭޑިޔޯގަނޑެއް ގެންގުޅެ އެވެ. ޚަބަރުދަބަރު ދެނެގަންނާށެވެ.
ޙަސަނު އިނީ ޚަބަރު އަޑު އަހާށެވެ. ޚަބަރަށް ފަހު ސަރުކާރުގެ އިޢުލާންތަކާއި ދެންނެވުންތަކާއި އަމިއްލަ ފަރާތްތަކުގެ އިޝްތިހާރުތައް އަހާލުމުގެ ޝައުގުވެރިކަމުގައި ރޭޑިޔޯ ނިއްވައިނުލައި އެބަ އިނެވެ.
އިޝްތިހާރުތައް ފޮނުވަން ފަށައިފި އެވެ. އަސްތާ އެވެ! މުޅިން އައުނަމެއްގެ ލުއި ބުއިމެއް އަނެއްކާވެސް އުފެއްދީ އެވެ. އިޝްތިހާރު އަޑު އަހައިލުމުން ޙަސަނަށް ޔަގީންވީ އެއީ މުޅިން އަލަށް ރާއްޖެއަށް ތަޢާރުފުކުރާ ބުއިމެއް ކަމެވެ. އަނެއްކާ ވަރަށް މީރޯލައެވެ. އަނގަތެރެއިން އަރުތެރެއަށް އަރުތެރެއިން ބަނޑުތެރެއަށް އެ ބުއިން ފައިބައިގެންދާއިރު އެލިބޭ މީރުކަމާއި އަރާމަކީ ކޮންމެކޮންމެ މީހަކަށް ބަޔާންކުރަން ނުއެނގޭފަދަ މީރުކަމަކާ އަރާމެކޯލައެވެ. އިޝްތިހާރު ނިމުނު އިރު ޙަސަނު އިނީ ހަމަރަނގަޅަށްވެސް ކުޅުދިޔާވެފަ އެވެ. ދެމިޔަކަނުން ސޮނި ފައިބައިފަ އެވެ. ސޮނިފޮތިކޮޅެއް ހޯދަން ޖެހިފަ އެވެ.
އެދުވަހަށް ފަހު ރަށުގެ ފިހާރަތަކަށް ފާރަލުމުގެ ބުރަ މަސައްކަތް ޙަސަނު ފެއްޓި އެވެ. ދޭތެރެދޭތެރެއިން ފިހާރަތަކަށް ގޮސް އެބުއިން ހުރިތޯ ޗެކުކުރަން ފެއްޓި އެވެ. ދުއްކާނު ތަކުގެ ސޭޓުންނަށް ޙަސަނަކީ ނުނެއްޓެވުނު ނުފޮރުއްޕާނަކަށް ވެއްޖެ އެވެ. ނަތީޖާއަކީ ސޭޓުންގެ ރުންކުރު ޖަވާބުތަކާހުރެ ފިހާރަތަކަށް ބޯދިއްކޮށްލަން ނުކެރުމެވެ.
މުސްކުޅިވެރިންނަށް ހަނގާކުރުމަށް އުޅުމަށްފަހު ގޭތެރެއަށް އައިސް  ޙަސަނު އެބަ ވަދެ އެވެ. ދެތިން އެކުވެރިންނާއެކު އެވެ. ފެންފޮދެއް ބޯލުމުގެ ނިޔަތުގަ އެވެ. އޭރު މައިގެ ތެރޭގައި ބީރައްޓެހި ދެތިން މީހަކު އެބަތިއްބެވެ. އެއީ ކައިރި ރަށަކަށް ނިސްބަތްވާ ޙަސަނުމެންގެ ރައްޓެހި ބައެކެވެ. ކޮންމެވެސް މުހުތާދަކު އައިސްއުޅެނީ އެވެ. މަންމަ ހުރީ އެބަޔަކާ ވާހަކަދައްކާށެވެ.
ޙަސަނު އެކުވެރިންނާއެކު މިސްރާބުޖެހީ ކާގެ ފަރާތަށެވެ. އަސްތާ އެވެ. މޭޒުމަތީ އެހުރީ ޕޯޓިލޯފުޅިއެކެވެ. ނުލިބިގެން އުޅުނު މީރު ލުއިބުއިން ލިބުނީ އެވެ. ހިތަށް އެރި އެވެ. ހާދަ މީރުވާނެތާ އެވެ. އަވަހަށް ބޯލަންވީ އެވެ. ނަމަވެސް ވަގުތުގެ ގޮތުން މަންމަގާތު އަހައިލާކަށް ނުކެރުނެވެ. ނަމަވެސް ޕޯޓިލޯއަށްކޮށްފައިވާ ދިގު އިންތިޒާރީތަކުގެ ސަބަބުން ޙަސަނުގެ ކެތްތެރިކަންވަނީ ކޮޅުންލައިފަ އެވެ.
ބަލާކަށް ނުހުރެ ފުޅި ނަގައިފި އެވެ. މަތިގަނޑުގައި ހިފައި ނުވަތަށް އަނބުރާލި އެވެ. ގަދަދެއްކުމެއްނެތި މަތިގަނޑު އަތުވެއްޖެ އެވެ. ލަސްނުކޮށް ކޯވަރެއް ދިރުވާލި އެވެ. " ވާ ވާ ހާދަމީރޭ. ހާދަމީރޭ. ޏަމްޏަމްމްމްމް. އަޅެ ކަލޭމެންވެސް ރަހަބަލައިބަލަ!" މިހެން ބުނެ ދޮންމަނިކަށް ފުޅި ދިއްކޮށްލި އެވެ. "އަހަންނަށް ލަނީ ބާމު ރަހަ! އާވި ރަހަ އެއްވެސް ދޭހެންހީވޭ. އެކަމަކު ވަރަށް މީރު" ދޮންމަނިކު އޭނާގެ ތަޖުރިބާ ހިއްސާކޮށްލި އެވެ. ދެން ހުރީ އިބްރާހީމެވެ. އޭނާވެސް ކޯވަރެއް ބޯލި އެވެ. " ނުބައެއް ނޫން. އަހަންނަށް ލަނީ އާވި މެޓާރަހަ. ދެން މީގެ ރަހަވެސް މި އެނގުނީތާ!"
އެ ވަގުތު ހަސަނުގެ މަންމަ އެތަނަށް އަތުވެއްޖެ އެވެ. ކާ މޭޒުމަތީ ހުރި ދުފާތަބަށް ބަލަ އެވެ. އެވަގުތު ޙަސަނު މެން ޕޯޓިލޯބޯން ތިބުމުން ނުރުހުނުކަމުގެ ކުލަވަރު މޫނުމައްޗަށްގެނެސް ޙަސަނާ ދިމާއަށް ލޯ އަޅާލި އެވެ. ހީވީ ލޯ ނަގާ ގެންގޮސް ޙަސަނުގެ މޫނުގައި ތަތްކޮށްލިހެންނެވެ. މަންމަގެ މި ނުރުހުންވުން ފެނުމުން ޙަސަނު އެބަބުނެ އެވެ. މަންމާ އެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ. ނުލިބިގެން އުޅުނު ޕޯޓިލޯ ގަނެދިނީ ތީ އެވެ. މި ހާދަ މީރެވެ. ދޮންމަނިކަށް ލަނީ ބާމު ރަހަ އެވެ. އިބްރާހީމަށް ލަނީ އާވި މެޓާ ރަހަޔޯލަ އެވެ. އަޅެ މި ވިއްކަންހުރީ ކޮން ފިހާރަޔަކު ހެއްޔެވެ؟
ބޮޑު ޗޮކެއް ކަނޑާލުމަށްފަހު މަންމަ އެބަ ބުނެ އެވެ. ތިޒާތުގެ ޕޯޓިލޯ ވިއްކަންހުންނަ ފިހާރައެއް މަށަކު ނުދެނެހުރީމެވެ. ތިޔަ ބޮއި ނިންމީ މި ތިބަ މީހުންނަށް ނުބޮވި ހުރި ފުޅިތަކުގެ ބާކީ ބައިތަކެވެ. ކޯކާއި ސްޕްރައިޓާއި ފެންޓާ އެއްކޮށްފައި އުކާލަންތައްޔާރުކޮށްފައި ހުރި ބޮޑު ނަޖިސްގަނޑެކެވެ. ތިޔަ ފުޅިއަކު އެންމެ ޕޯޓިލޯތިއްކެއްވެސް ނުހުންނާނެ އެވެ. އެކަމަކު ތިން ސިނގިރޭޓްގެ އަޅި އާއި އަހަރެންގެ ޖެހި ދެތިންގަނޑު ކުޅު ހުންނާނެ އެވެ. ތި ތިބީ ރަނގަޅަށް ޕޯޓިލޯބޮވިފަ އެވެ. ލަސްނުކޮށް އަނގަ ދޮންނަން ދާން އުޅޭށެވެ.

ގަތް ލަދާއެކު އަތުގައި އޮތް ފުޅި އެއްލައިލައިފި އެވެ. ހީވި ފަކުރާއެކު އޯކަށްދެމެމުން އެބަކިޔަ އެވެ. ދުވަހަކުވެސް ދެން ޕޯޓިލޯއެއް ނުބޯނަމެވެ. ގިނައިރެއްނުވެ ހޮޑުލާންފަށައިފި އެވެ. އިސާހިތަކު "އަގުޅިނެއްޓި" ފާޚާނާތައްޓަށް ސަވާރުވާންޖެހިއްޖެ އެވެ.
މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA