ބަނޑޭރިގަނޑު » » މެދުފިރި

މެދުފިރި

| 4/09/2020 on Thursday, April 9, 2020 dhuraya.blogspot.com :ލިޔުނީ




























ނޯޓު: މިއީ ފައިބެއަހަރުގެ ރޯދަމަހު ލިޔަންފެށިވާހަކައެކެވެ. އެކަމަކު ކިޔުންތެރިންނާ ހަމައަށް ގެނެސް މިދެވުނީ މި އަހަރުގެ ރޯދަމަސް ގައިދޮށްވީފަހުންނެވެ. އުންމީދަކީ ކިޔުންތެރިން ޝައުޤުވެރިވާނެ މައްސަލައަކަށް އަދަބީ ބަހުރުވައަކުން ލިޔެވިފައިވާ ވާހަކައަކަށް ވާނެކަމަށެވެ. އުނގަންނައިދިނުމުގައި ވެސް ބޭނުންކުރެވޭނެ ވާހަކައަކަށްވާނެކަމަށެވެ. ޚިޔާލުތަކަށް މަރުޙަބާއެވެ.

މެދުފިރި
އަހަރެންގެ ނަމަކީ ޤާސިމެވެ. އަޑު މަޚުރަޖު އަދާކުރުމުގައި ދިވެހި ދޫތަކަށް ފަސޭހަ ގޮތަށް ބަދަލުކޮށްލައިގެން ކިޔާ ކާސިމެވެ. ﷲ ތަޢާލާގެ ހެޔޮ މިންވަރުފުޅާއި އިރާދަފުޅުން އަހުރެންނަށް ދެއްވި ހަމުގެ ކުލަޔަށް ހަޖޫޖެހުމުގެ ގޮތުން މީހުން ކިޔަމުން އައި ދޮން ކާސިމެވެ. ހާލެއް ކަތިލައި ދޮޅަހަކަށް މީހުންނަށް ކާންދީ ސަރުކާރުގެ ރަސްމީ ލިޔުންތަކުގައި ލިޔެފައި އޮންނަ ގޮތުންނަމަ ޤާސިމު އަބޫބަކުރެވެ.  އެކަމަކު މި ނަންތަކުގެ ތެރެއިން  ރަތްލާޖެހި، މީހުންނަށް އަހަރެން އެނގެނީ އަބަދު ވެސް އެ ނަމަކާމެދު އަހަރެން އެންމެ ފޫހިކުރުވި ނަމުންނެވެ. ދޮން ހަންގަނޑެއް ލިބިފައިނުވުމުގެ ސަބަބުން އަހަރެންގެ ހަޔާތަށް ކަޅުކަމާއި ބަނަކަން ގެނުވި ދޮނުގެ ނަންހިމެނޭ ދޮން ކާސިމުގެ ގޮތުގައެވެ.
އެއީ ހަތްދިހައިގެ އަހަރުތަކުގެ ފަހުކޮޅެވެ. ރަންބިސްއަޅާ ކުކުޅު އޮތީ ވިހަން ފަށައިފައެވެ. މަސްދޯނި ފަހަރުގައި އިންޖީނު އަޅަން ފަށައިފިއެވެ. އޭރު އަދި އަތޮޅުތެރޭގެ ރަށްތައް ތަޖުރިބާކުރަމުންދިޔައީ ޖަޒީރާވަންތަ ދިރިއުޅުމެކެވެ. އާންމު ގެދޮރަކީ ދަނޑިފަނުގެ ފިޔަފާޅިތަކެވެ. ކުދިކުދި ގެތަކެވެ. ކައިބޮއިއުޅުނީ ދަނޑުފަނގުން ލިބޭ އެއްޗަކުންނެވެ. ލޯބޯފިއްސައިގެން ކަނޑުފަޅުން ހޯދާ ކާނާއިންނެވެ. އާބާދީ މަދެވެ. ތަރައްޤީގެ ވޭންވަރު އޭރު އަދި ނުނަގައެވެ. އެހެންވެ ރަށްފުށުގެ މާހައުލުގައި ރަސްކަންކުރަނީ ފެހިކަމެވެ. އާރޯކަމާއި ތާޒާކަމެވެ. އެ މާހައުލަށް އެކުވެފައިވާނަމަ ވާ އަޑަކީ ދޫނި ސޫފާސޫފީގެ ގޮވުންތަކުގެ އަޑެވެ. ޖެހޭ ނަލަ ވައިރޯޅިން ގަސްގަސްގަހާގެހި ނަށަމުން ބަނޑިބަނޑިލައްވަމުން ދާއިރު ފިތުންތަކުން އުފައްދާ ނާނާއެއްފަދަ ޤުދުރަތީ އަޑުތަކެވެ. ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި ކަނޑުފަޅާއި ގޮއިފާލައްބަތަކުގައި ހޭލަމޭލަވާ މީސްތަކުންގެ ސަކަސަމާސާގެ އަޑުތަކެވެ. އެ މަސައްކަތްތަކުގެ އުޑި ބުރުނޭނގޭވަރަށް އެނބުރޭތީ އިވޭ އަޑުބަޑެވެ.
އޭރު އިލެކްޓްރިކްގެ ޚިދުމަތް ރަށްފުށަށް އުޅެނީ ކޯހުގާފު ފަރުބަދައާ ހިސާބު ދުރުގައެވެ. އިރުއޮއްސުމާއެކު ވެރިވެގަންނަނީ ލޮލަށް އިނގިލިކޮށްޕާލިޔަސް ނޭނގޭފަދަ ކަޅު އަނދިރިކަމެވެ. ކަޅުފޮތީގެ ސާލަކުން ރަށްތައް ނިވައިކޮށްލައެވެ. އިޝާނަމާދުގެ ސަލާމާއެކު ފުޅިބައްތިއާއި ފާނޫޒުގެ ކަނިއަލިން ޖިފުޓިތައް ކަނިކުރެއެވެ. ދެން އިވޭނީ ނޭވާލުމުގެ ނިޒާމުގެ މައްސަލަ ޖެހިފައިވާ މީހުން އެކި ތާލުތަކަށް ގޮއްވަމުންދާ ގުގުރީގެ އަޑެވެ. ހީރިގޮވާ އަޑެވެ. ދެ ބުޅަލުގެ ކޯޅުމުގެ އަޑާއި ހޯނުތައް ޓައްގޮއްވާއަޑެވެ. ކާޅުހާލިތަކަށް ކޮވެލިތައް ބިސްއެޅުމަށް ކުރާ ހަނގުރާމައިގެ އަޑުފަށްގަނޑެވެ. ފަތިސް ވެއްޖައުމުން ކުކުޅުހާލާއި ކޮވެލި ކާޅުގެ ގޮވުންތަކެވެ.
އަހަރެން ބޮޑުވަމުން އައީ މި ހިތްގައިމު މާހައުލުގައެވެ. އެކަމަކު މި ހިތްގައިމުކަމުން ލިބެންޖެހޭ އުފަލާއި ނަފާ އަހުރެންނަށް ލިބޭކަމަށް ގަބޫލުކުރުމަށް ސިކުނޑި ތަނެއްނުދެއެވެ. އަހަރެންނަށް ވިސްނެނީ ރޭވުންތެރިކަމާއި ފަރުވާތެރިކަމާއެކު ތަރުތީބުކޮށްފައިވާ ތަފާތުކުރުމުގެ ފަރުދާއެއްގެ ފުރަގަހުގައި އަހުރެން ބޮޑުކުރާކަމަށެވެ. އެ ކަން އަހަރެންގެ ޅަ ސިކުނޑިއަށް ވިސްނައިދޭން މުޅި މާހައުލު ހޭބޯނާރާ މަސައްކަތްކުރާކަމަށެވެ. އަހަރެންނަކީ 5 ކުދިން ތިބި ޢާއިލާގެ ދޮށްޓަށް ހުރި ކުއްޖާއެވެ. ހަގަށް ކެވެލިހަމަކޮށް ރާތާގާބަރިއެއްހެން ކޮއްކޮއިން ތިބެއެވެ. އެއިން ކޮންމެ ކުއްޖަކީ ވެސް ގައިގެ ކުލަ އަލި ދޮން ކުއްޖެކެވެ. އެވެރިންގެ ވަނީ ދޮން ހަންގަނޑެކެވެ. މުށި ފަން އިސްތަށިގަނޑެކެވެ. އެ ކަންކަމަށް ރިޢާޔަތްކޮށް އެއީ ފިރިވިކަރައޭ ކިޔާ ޔޫރަޕުގެ ދަރިކޮޅަކާ ކޮންމެވެސް ހިސާބަކުން ގުޅިފައިވާ ބައެއްކަމަށް ހަސަދަވެރި ފަޑިޔާރަކު ހުކުންކޮށްފާނެއެވެ.
އަހުރެން މިއީ  އޭގެ އިދިކޮޅެވެ. އަހަރެންނަކީ ބަބުރެކެވެ. ދިހުންކުލައިގެ ހަންގަނޑެއްގެ ވެރިއެކެވެ. ބުޅި ކަޅު ވަރުގަދަ އިސްތަށިގަނޑެއް ލިބިފައިވާމީހެކެވެ. މި ސިފަތަކާއެކު ވެސް  އެންމެ ދޮށީ މީހާއަށް ވީތީ އަހަރެންނަކީ ހުރިހައި ކުދިންގެ ދޮންބެއެވެ. އެކަމަކު އެވެރިންނާ އަހުރެން އެކުވުމުގައި ހުންނަނީ ނުކިއްސަރުގޮތްގަނޑެކެވެ. ކުޅުމާއި އުޅުމާއި ގުޅުންތަކުގައި އަހުރެން ހުންނަނީ ބާކީކޮށްފައެވެ. އެ މީހުން ތާއަބަދު އީދުހެދިފައި ތިއްބަސް އަހަރެން ގިނަފަހަރަށް ހުންނަންޖެހެނީ ނުތާހިރުކޮށް ފެންނުވަރާ ހުންނަ ދޯރުކަނބިއްޔެއްހެންނެވެ.
މިހެންވެ އެވެރިންނާއި އަހުރެންނަށް ލޯބިދިނުމާއި ހޯދައިދިނުމުގައި މައިންބަފައިން ގެންގުޅެނީ ދެ ނާޅިއެއްކަމުގެ ވަހުމު އަހަރެންގެ ހިތުގައި އަބަދުވެސް ނިވިދިއްލެއެވެ. އެ ވަހުމުން ސުމާރެއް ނެތް މިންވަރަށް ބައެއް ފަހަރު އިތުރުވެ ޝަކުވާތައް ފުނިޖައްސުވައެވެ. އެ ޝަކުވާތައް ފުރި ބަންޑުންވެ އޮބިނޯންނަވަރުވުމުން މައިންބަފައިންގެ ކުރިމަތީގައި ސުވާލާއި ޝަކުވާގެ ބޮޑުގޯންޏެއް ހިފައިގެން ގޮސް ޝަކުވާކުރަމެވެ. އެހެނަސް އެމީހުން އެކަން ގަބޫލެއްނުކުރެއެވެ. ނަތީޖާއެއްގެގޮތުން ހަތިޔާރު ބަހައްޓައި އިސްދަށަށްޖަހައިގެން އަހަރެންނަށް ޖެހެނީ އެނބުރިއަންނާށެވެ. އެ ޝަކުވާތަކުން ލިބެނީ ކަރުނަތިކިތަކެކެވެ. ލިބޭނަމަ ލިބޭ ކާމިޔާބަކީ އެ ކަރުނަތިކިތަކުން ބައެއް ކަރުނަތިކި ހަށިގަނޑުން ވަކިވެ ބިމަށް ވާސިލުވުމަށް ދަތްދޮޅިއާ ދިމާއަށް ކުރާ ދަތުރަށް ހުރަސްއެޅޭއެޅުމެވެ. ދެމިޔަކަނުގެ ބޭނުން ހިފައި އެ ކަރުނަތިކިތައް އަރުތެރަށް ފޮނުވާލެވޭކަމެވެ.
ސުލައިމާނާ ދިމާވީ މި އުދާސްގަނޑެއްގައި ހަނާވެ އަހަރެން މާލަމުން ދަނިކޮށެވެ. ނަކަތްގެލެއްވުމުގެ ތެރެއިންނެވެ. އަހުރެންގެ ޚިތާނީ އުފާތަކުގެ ނަމުގައި ކުރެވުނު ބޮޑު އިސްރާފުގަނޑުން ސުލައިމާނަށް ޖާގަލިބުމުންނެވެ. ޚިތާނީ ވޭންގަނޑާއި އުފާތައް އެކަނިމާއެކަނި ތަޖުރިބާކުރަން ޖެހުމުން ވާނެ ފޫހިން އަހަރެން ސަލާމަތްކޮށްދިނުމަށް މައިންބަފައިން ކުރި ތަދުބީރުގެ ތެރެއިންނެވެ. ނަކަތްގެލެއްވުމުގެ މަޖާގަނޑަށް ސުލައިމާނު ގެނައީ މަތިވެރި ނިޔަތެއްގައެވެ. ނަމަވެސް އަހަންނަށް އެކަން ވެސް ނެނގުނީ ގޯސްކޮށެވެ. އަހަރެންގެ ކޮއްކޮމެން ފަދަ ހަންގަނޑު ދޮން އިސްތަށިގަނޑު ފަން މުށި ކުއްޖަކު މުޅި ރަށުގައި އަތްފުނާއަޅައިގެން ހޯދަންޖެހުނު ސަބަބެއް ނުވިސްނުނެވެ. ޖެހިގެން ހުރި ކަތްދަ ގޯތި ޔައުޤޫބަށް ދަޢުވަތުނުދިނުމުން ހައިރާންވިއެވެ. ދޮޅަހަކަށް ގޯތި ފަހަނަޅައި ފޭގައި ހުރި ސާޓަނުގޭ ސުލައިމާނުގެނައުމުގެ ނިޔަތާމެދު އެހެން މީހުން ކުދިކިޔާއަޑު ޚުދު އަހަރެން ވެސް އަޑުއެހީމެވެ.
ކޮންމެއަކަސް އަހަރެންގެ ޚިތާނީ ބައިވެރިއަކަށް ސުލައިމާނުވުން ވީ ލެއްވި ބޮޑު ނަސީބަކަށެވެ. ނަކަތްގެލައްވައި ފެންއަޅައި ގަދަވިއިރު އެއީ އަހުރެންގެ އެންމެ ގާތް މިތުރެވެ. ކުލައިގެ ތަފާތަކީ ސުލައިމާނަށް ނެތް އެއްޗެކެވެ. ޢާއިލާގެ ތެރެއިން ތަޖުރިބާކުރަންޖެހުނު ތަފާތުކުރުމުގެ އޮއިވަރުން ބޮލަށާއި ހިތަށް އުނދަގޫކުރި އުދަނގޫކުރުންތަކުން ސަލާމަތްވިއެވެ. އެ އުނދަގޫތަކުން އުފެދުނު ލޭހިލޭ ފާރުތައް ސުލައިމާނުގެ ރަހުމަތްތެރިކަމާއެކު ކުރަމަގާލިލައި ފަސޭހަވެއްޖެއެވެ. ނަފުސާނީގޮތުން އަހަރެންގައިގައި އެޅެމުންދިޔަ ޅިޔަތަކާއި އެޅިޔަތަކުގައި ލެވެމުންދިޔަ ކުޅި ޒަވި މިރުހުގެ ދިލައިން  އަހަރެން ސަލާމަތްވިއެވެ.
ފިރިފުރާވަރަށް އަޅައިގަނެގެން އައި އިރު އަހަރެމެން ނޭވާލަނީ އެއް ނޭފަތުންނެވެ. ކަނީ އެއް އަނގައިންނެވެ. ވިސްނަނީ އެއް ސިކުނޑިންނެވެ. މަގެއް މަތިން ސުލައިމާނު ފެނިއްޖެނަމަ މި ކާސިމުގެ ލިސާންނުވެނުދާނެއެވެ. އެ ވަރަށް ގުޅުންވަނީ ބަދަހިވެފައެވެ. އެ ދުވަސްވަރަކީ މަތީ ތަޢުލީމުގެ ޒަމާނެއްނޫނެވެ. އެހެންވެ ހުޅުވަމުން ބަންދުކުރަމުން ހިންގާ މަކުތަބުގެ އެންމެ މަތީ ކިލާސް ނިންމާލެވިއްޖެނަމަ އެހުރީ ކިޔެވިފައެވެ. އެވަރު އަހަރެމެން ކުރީމެވެ. އެއް ކިލާހެއްގައި އުޅެމުންނެވެ. ލިޔަންކިޔާށާއި ސަލަވާތްފާތިހާ ކިޔަވާށާއި ތަޖުވީދުގެ ހަމައެއްލަމައެއްނެތި އަމުނަމުން ޤުރުއާންކިޔަވަން ދަސްވުމާއެކު އިސްކޫލު ނިމުނީއެވެ. އެހެންވެ އެހިސާބުން ދެން އަހަރެމެންނަށް ވެސް ޖެހުނީ ދަނޑުގޮވާންކޮށް ކަނޑުފަޅުފީނައި ކޮންމެވެސް މަސައްކަތެއްކުރާށެވެ. މީހަކާއިންނާށެވެ.
މައްސަލަތަކުގެ ރާޅު ބަނޑުދަމާލައިފައި އޮވެފައި އަލުން އަހަރެންގެ ސިފައިގެ މައްޗަށް މުގުރާލީ އެ ހިސާބުންނެވެ. ސުލައިމާނަކީ އަންހެންކުދިންގެ ހިތަށް ސަވާރުވުމުގެ ހުނަރުވެރިއެކެވެ. އެ ރޮނގުގައި އާދަޔާ ޚިލާފު ނަސީބުވެރިއެކެވެ. އެ ކަމުގައި އަހުރެންނަކީ ސުންޕާ މީހެކެވެ. ނަސީބު ދެރަ މީހެކެވެ. ދެ މީހުން އުޅެނީ އެކީގައެވެ. ގޮބު މޫސުމުގައި ގޮބު ބިނދެ ދަނބު މޫސުމުގައި ދަނބު ބިނދެ އަންހެންކުދިންނަށް ދީ ހަދަނީ އެކީގައެވެ. ބަދަލުގައި ރޯދަމަހު ބޯށި ފައްޗެއްހައި ހިސާބު ވެސް އަހުރެންނަކަށް ނުލިބެއެވެ. ބަނބުކެޔޮ ފިހުމަށް ކެޔޮ ކަނޑަށް އުޅެނީ އަހަރެމެން ދެ މީހުން އެކުގައެވެ. ކެޔޮ ފިހާއިރު ރަތްތޮށިލީ ކެޔޮ ފޮތި ލިބެނީ ސުލައިމާނަށެވެ. އަހަރެންނަށް ލިބެނީ އަނދައިފައި އޮންނަ ފޮއްޗެވެ. ކެޔޮފިހެގެން ވެލިވަންޏަށް މޫދަށް ދާން ވެސް ދަޢުވަތުލިބެނީ ސުލައިމާނަށެވެ. ފުރަތަމަ ކޮޅު ލަދުކަނޑާލައިފައި އަހަރެން ވެސް ސުލައިމާނަށް ލިބޭ ދަޢުވަތުތަކުގައި މަތިންބައިންޖެހިގެން ދަމެވެ. އެންމެ ގާތް އެކުވެރިޔާއާއެކު ދިއުމަކީ އައިބުކަމަކަށް ނުވާނެނޫންހެއްޔެވެ؟ އެކަމަކު އެ ގޮތަށް ދާ ފަހަރުފަހަރު ވެސް އަހަރެން ހުންނަންޖެހެނީ ހުހަށެވެ. ހަކުރު ތިއްކަކަށް ހިނި އަރާހެން އެންމެން އުޅެނީ ސުލައިމާނުވެގެންނެވެ. އަހުރެންޖެހެނީ ކުޅިބަލަންހުންނާށެވެ.
އަހަރެން ތަޖުރިބާކުރަމުންދާ ނާކާމިޔާބުގެ ވިލާގަނޑުން ކާމިޔާބުގެ ވާރޭ ވެއްސަން ލައްކަ މަސައްކަތް ސުލައިމާނު ކުޅައެވެ. ތިން ހަތަރު އަންހެންކުދިންނާ އަހުރެންނާ ތަތްކުރުވުމަށް މަޅިފަތިޖަހައިދިނެވެ. މަޅިފަތީގައި ޖެއްސުމަށް އޭނާ ގެންގުޅޭ ހުނަރުތައް ބުނެދިނެވެ. މިނަށްވުރެ ބޮޑަށް ތަޢުރީފުކުރަން ފުރުޞަތު ހޯދާނެގޮތް ބުނެދިނެވެ. ހައްދުފަހަނަޅައިފައިވާ ސިފަކުރުމުގެ ލޯބީގެ ބަސްމަގު ބޭނުންކޮށްގެން އަންހެންކުދިން އަތުއަޅުވާނެ ގޮތް ކިޔައިދިނެވެ. ތިންހަތަރު ސިޓީއެއް ލިޔެ ދެ ތިން މީހުންނަށް އޭނާ އިސްވެ ހުރެ ދިނެވެ. ބޮޑުވައްކަމެއްގައި ބެދި ރަށަށް އަރުވާލައިފައި ހުރި ބަހަވީ އާޖުފާޖު އެނގޭ ފުރަމާލޭގެ މީހަކު ލައްވާ ލިޔުއްވައިގެންނެވެ. އެކަމަކު އެއިން ސިޓީއަކުން ކުރި އަސަރެއްނެތެވެ. ވީ ފައިދާއެއްނެތެވެ. ކިރިޔާ ވެސް އިޖާބައިގެ ލިސާނެއް ފެނުނީ ސާރަތަށް ފޮނުވި ސިޓީންނެވެ. އެ ސިޓީގައި އަހަރެންނަށް ވެގެން ލިޔުނީމެވެ. (ނުނިމޭ- ދެވަނަ ބައި އެޕްރީލް 12ވާ އާދީއްތަ ދުވަހު)
ދެވަނަ ބައި

މިލިޔުން ހިއްސާކުރެއްވުމަށް :

+ comments + 13 comments

April 9, 2020 at 4:19 PM

ވަރަށް ރީތި.. ހާއްސަކޮށް ސިފަކުރުންތައް ވަރަށް ފުރިހަމަ.. ބަސްކޮށާރު މުއްސަނދިކޮށްދީފި..

April 9, 2020 at 5:02 PM

v creative

April 9, 2020 at 5:45 PM

V salhi kiyaahithun indha Inthizaarakah madu kuran mi jehunee

April 9, 2020 at 5:59 PM

Konme harakaathehves foto eh hen, balamundhaa veedioa eh hai faseyhai koh sifa kohlevey.

April 9, 2020 at 9:28 PM

ވަރަށް މޮޅު ، ބަސްކޮށާރު މުއްސަނދި ލިޔުމެއް

April 17, 2020 at 7:15 PM

ވަރަށް ބޮޑަށް ޝުކުރިއްޔާ! މި ވަގުތު ވަކިވަކިން ކޮމެންޓުތަކަށް ރިޕްލައި ނުކުރެވޭތީ ވަރަށް މާފު

Post a Comment

 
© 2015-2020.MuNeEz by DHURAYA