
ޢަލީ
މުނީޒު
އެއްބަޔަކު ސިފަކުރަނީ އެއީ ދިވެހިންގެ "ލައިލާ އާއި މަޖުނޫނު"ކަމުގަ އެވެ. އަނެއްބަޔަކު ގަބޫލުކުރަނީ އެއީ އަހިލަންކައިގެ "ޝީރީނާއި ފަރުހާދު"ކަމުގަ އެވެ. ޒަމާނުގެ ޒުވާނުން ބަލައިގަންނަނީ އެއީ މިކަރައިގެ "ރޯމިއޯ އެންޑް ޖޫލިއަޓް"ގެ ގޮތުގަ އެވެ. އެކިގޮތްގޮތަށް ސިފަކުރިޔަސް އެންމެން އިއްތިފާގުވާ ޙަޤީޤަތަކީ "ދޮންހިޔަލަ އާއި އަލިފުޅަކީ" އަސަރުގަދަ ލޯބީގެ ވާހަކައެއް ކަމެވެ. ލޯތްބާއި ކުލުނާއި ޖަޒުބާތު އެންމެ މަތީ ފެންވަރުގައި ހިމެނޭ ހިތާމަވެރި ލޯބީގެ ވާހަކައެއްކަމެވެ. ދިވެހި އަދަބިއްޔާތުގެ ފަގީރު ފޮތް އަލަމާރީގައި ވާ މުތެއްފަދަ އަގުބޮޑު ޖަވާހިރެއްކަމެވެ.
ފޮތުގެ
ވަނަވަރު
އަޅުގަނޑުއަތުގައި
އޮތީ ދޮންހިޔަލަ އާއި ޢަލިފުޅު މިވާހަކައިގެ ފުރަތަމަ ޗާޕެވެ. މި ޗާޕު ނެރުނީ އޭރު
ނެރެމުން އައި "ފުޅަނގި" މަޖައްލާގެ ފުރަތަމަ 7 އަދަދުގެ ގޮތުގަ އެވެ.
އަތުލިޔުމުން ލިޔެ ފޮތް ޗާޕުކުރައްވީ ރާއްޖޭގެ މަޝްހޫރު ޗާޕުޚާނާ ނޮވެލްޓީ
ޕްރެސްގެ ފަރާތުންނެވެ. 21 ސެންޓިމީޓަރު ގުނަ 17 ސެންޓިމީޓަރުގެ އާދައިގެ
ދެރަކަރުދާހުގައި 1976 ވަނައަހަރު ޗާޕުކޮށްފައިވާ މި ފޮތުގައި 102 ސަފުހާ ހިމެނެ
އެވެ. ވިއްކާ އަގު ބަޔާންކޮށްފައިނުވާ މި ފޮތުގައި ބޯ ބަނޑޭރިގަނޑެއް ހިމެނޭއިރު
އެ ގަނޑުގައި ދޮންހިޔަލަ އާއި ޢަލިފުޅުގެ ޚިޔާލީ ކުރެހުމެއް ހިމަނައިފައިވެ އެވެ.
އިހުގެ ދިވެހިން ހެދުން އަޅާއުޅުނު ގޮތްވެސް ދައްކުވައިދޭ މި ފުރިހަމަ ކުރެހުން
ކުރައްސަވާފައިވަނީ މާފަންނު ޗިޅިޔާވިލާ އަލްފާޟިލް ޗިޅިޔާ މޫސާ މަނިކެވެ. މި
ދަންނަވައިލެވުނީ ފުރަތަމަ ޗާޕުގެ ސިފަތަކެވެ. ނަމަވެސް އުފަލާއެކު ފާހަގަކޮށްލަން
ޖެހެނީ 1986ގައި ފޮތުގެ ދެވަނަޗާޕުކުރެވުނުއިރު 1996 ގައި ތިންވަނަ ޗާޕު މޮޅު
ކަރުދާހުގައި ކޮމްޕިޔުޓަރުން ލިޔެގެން ޝާއިޢުކޮށްފައިވާ ކަމެވެ.
މައުޟޫޢާއި
ޚުލާސާ
މި
ވާހަކައިގެ މައިގަނޑަކީ ޢިޝްޤީ ލޯތްބެއް ކާމިޔާބުކުރުމަށާއި ދެމިއޮތުމަށް
ކުރިމަތިވަމުން ދިޔަ ބަދުނަސީބު ގިލަންވެރިކަމެވެ. ދަރިފަސްކޮޅުގެ ގޮތުން
މަރޮށްޓާއި ކޮމަންޑޫ އަދި ދޮންފަނާ ގުޅިފައިވާ ދޮން ހިޔަލައަކީ ކޮޅުމަޑުލު
ބުރުންޏަށް އުފަންވި ފަތްމިންޏެކެވެ. މިރީތި އަންހެނާގެ ފަޚުރުވެރި އަލަތުފިރިއަކީ
ހުޅުދެލީ ޢަލިފުޅެވެ. ހިޔަލައިގެ ޚަބަރުދަބަރު ރަދުންނަށް ފޯރުކޮށްދެނީ ޅައިމަގު
ފަގީރުކޮ އެވެ. ލޮލަށް ބޭހަށް ބުރުންޏަށްގޮސް ކުޅަ ޖާސޫސްތަކަށްފަހު އެވެ.
ނަތީޖާއެއްގެ ގޮތުން ރަދުން ބުރުންޏަށް ދެ އެވެ. ހިޔަލަ ވަރިނުކޮށްގެން ޢަލިފުޅު
ހަވަރަށްދެ އެވެ. އެންމެފަހުން " މީހެއްގެ ރޯ ހަލާލެއް ނުކިޔާ ރަނަކަށް ނުދޭ
ވަލީއަކަށް " ރަދުންނާ ކައިވެނި ކުރެ އެވެ. ގަދަބަދަވިކަމާއި
ބިރުދައްކައިގެންނެވެ. އެކަމަކު ސުވާލަކީ ރަދުންނަށް ހިޔަލަގެ ލޯބި ރަދުންނަށް
ލިބޭހެއްޔެވެ؟ ދޮންހިޔަލަ އާއި ޢަލިފުޅު ވަކިކުރެވޭހެއްޔެވެ؟ އެ ދެ ލޯބިވެރިންނަށް
އަލުން ދިރިއުޅުމެއް ފެނޭހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބުތައް ނުހަނު އަސަރާއި
ފުރިހަމަކަމާއެކު ވާހަކައިގައި ގެނެސްފައިވެ އެވެ.
މި
ވާހަކައިގެ އަސްލަކީ ރައިވަރު ބައެކެވެ. "ބުރުނީ ކަމަނާ ރައިވަރު" މި
ނަމުގައި ކިޔެމުން އައި ރައިވަރު ބައެކެވެ. ކިޔެމުން އައީ ދޫދޫމަތިންނެވެ.
މުނިއަވަސް ފިލުވައިދޭ ބައިވެރިއެއްގެ ގޮތުގަ އެވެ. ޖީލުން ޖީލަށް އެކަކު ކިބައިން
އަނެކަކަށް އަނެކަކަށް އެނގެމުން ދިޔައިރު އަސްލަށްވެސް ދިޔައީ ބަދަލުތައް
އަންނަމުންނެވެ. މި ގޮތުގައި ވަނިކޮށް ނަޘްރަށް ބަދަލުކުރައްވައި ޢާއިލާގެ
ތެރޭގައިވެސް ކިއިދާނެ ފަދަ ވާހަކައެއްގެ ގޮތުގައި ދިވެހި ލިޔުންތެރިކަމުގެ
ގުލްޒާރަށް ވެދުންކޮށްދެއްވީ އަލްފާޟިލް ޢަބްދުﷲ ޞާދިޤެވެ.
މައިގަނޑު
ހާދިސާތައް ބުރުނީގައި ހިނގި ނަމަވެސް ވާހަކައިގެ ފެށުން އަންނަނީ ވަރަށް
ދުރުންނެވެ. މަރޮށީ ރައިވެރިޔާ، ޢަލީ އާއި އަންހެނުން ސަކީނާގެ ޙަޔާތުގެ
ގޮށްޖެހުމާ ހިސާބުންނެވެ. ޙަސަދަވެރިއެއްގެ ނުބައި ޢަމަލަކުން ލިބުނު ހިތާމައިން
ޢަލީ އެ އަތޮޅު ކޮމަންޑުއަށް ހިޖުރަކޮށް އައު ޙަޔާތެއް ފައްޓައެވެ. އައްޔާއި
އާމިނަތަށް ލިބުނު 2 ކުދިންގެ ތެރެއިން ހަގު ދަރިފުޅު މޫސާމަލިމަ ދޮންފަނަށް ގޮސް
އެރަށު ދޮން އައިސައާ ކައިވެނިކޮށް ބުރުންޏަށް ހިޖުރަކުރެ އެވެ. އެދެމަފިރިންނަށް
ހަކުދިން ލިބި ވިހޭގެތެރޭގައި މަރުވުމަށްފަހު ދޮންހިޔަލަ ލިބެ އެވެ. ހަމަ އެރޭ
ހުޅުދެލީ ކަޅުއަޙުމަދުގެ ދެމަފިރިންނަށް ޢަލިފުޅު ލިބެ އެވެ.
ޢަލިފުޅުގެ
އަލަތު ކާވެނި އޭނާ އާ އެއްގެއަކުން ދަރިވަރުވި ކަތީބުގޭ ޙައްވާފުޅާ ކުރުމަށް
ނިންމަ އެވެ. ނަމަވެސް ރަންކީރޭ ދިމާވި ހާދިސާއަކާހުރެ އެ ކައިވެނި ކުރުމުގެ
ޚިޔާލު ދޫކޮށްލައި ފެނުނު ހުވަފެނާ އެއްގޮތަށް ބުރުންޏަށް ދިއުމަށް ނިންމަ އެވެ.
ފަހުން ކައިވެންޏަށް އެދި ސަލާންޖަހަމުން އައި ޙައްވާފުޅު ކުރިމަތިކުރަމުން ދިޔަ
ދުއްތުރާތައް ގިރާކުރުމަށް ކުރި މަސައްކަތުގެ ތެރޭގައި އެންމެފަހުން ޙައްވާފުޅު
މަރުވެ އެވެ. އަދި ބުރުންޏަށް ގޮސް ވަޒަންވެރިވެ ހިޔަލަ އާ ކައިވެނި ކުރެ އެވެ.
އެހިސާބުން ދެން ގޮސް ގުޅެނީ ރަދުންނަށް ހިޔަލަގެ ޚަބަރު އެނގޭ ހިސާބާ އެވެ.
ލިޔުންތެރިޔާ
ފޮތުގެ
މުޞައްނިފު ޢަބްދުﷲ ޞާދިޤަކީ ތަޢާރުފަކަށް ބޭނުންވާ ވަރަށްވުރެ ޚިދުމަތްތެރި
ބޭފުޅެކެވެ. ވާހަކަ ލިޔުއްވަ އެވެ. ތަރުޖަމާކުރައްވަ އެވެ. ފޮތް ލިޔުއްވަ އެވެ.
ޚާއްޞަ ގޮތެއްގައި ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާބެހޭ ގޮތުން ވަރަށް ގިނަ
ލިޔުންތައް ލިޔުއްވަ އެވެ. 1935 ޖަނަވަރީ 11 ގައި އުފަންވެވަޑައިގަތް ޞާދިޤު
ތަރުޖަމާކުރައްވާފައިވާ މަޝްހޫރު ވާހަކަތަކުގެ ތެރޭގައި "ހިފެހެއްޓުމެއް ނެތް
ކަރުނަ" އަދި "ގެއްލުނު ދުނިޔެ" ހިމެނެ އެވެ. ދޮންހިޔަލަ އާއި
ޢަލިފުޅު ނޫނަސް ރައިވަރުބައެއް ޞާދިޤު ނަޘްރަށް ބަދަލުކުރެއްވި އެވެ. އެއީ
މަޝްހޫރު " ދޮންމޮހޮނާއި މިޔަރެ"ވެ.
ޙަޤީޤަތުގައި
ޞާދިޤަކީ ދިވެހިއަދަބަށް ޚިދުމަތްކުޅައުމުގައި ނަމޫނާ ބޭފުޅެކެވެ. ދޮންހިޔަލަ އާއި
ޢަލިފުޅު ވާހަކަ ލިޔުއްވުމަށް ޞާދިޤު ކުޅަ މަސައްކަތުން އެކަނިވެސް އެކަން ވަރަށް
ރަނގަޅަށް ސާބިތުވެ އެވެ. ވާހަކަ ނަޘްރަށް ބަދަލުކުރެއްވުމަށްޓަކައި ޝައިޚު
ޖަމީލުދީދިގެ އިރުޝާދުގެ ދަށުން ތިލަދުންމަތީގެ ދެރަށަކަށް ދަތުރުކުރައްވައި
ދެހަފުތާއަށް ވުރެ ގިނަ ދުވަހު މަޑުކުރެއްވި އެވެ. ތިން މީހެއްގެ ފަރާތުން
މަޢުލޫމާތު އެއްކުރެއްވި އެވެ. ދަތުރުފަތުރުގެ އެހައި ބިކަ ޒަމާނެއްގައި އެފަދަ
މަސައްކަތެއް ކުރެވޭނީ ހަމަ ޔަގީނުންވެސް ބަހާމެދު އުފެދިފައިވާ ލޯތްބަކުންކަން
ކަށަވަރެވެ. ޞާދިޤު ދިވެހި އަދަބިއްޔާތަށްކުރައްވަމުން ގެންދަވާ ޚިދުމަތްތަކުގެ
ނަތީޖާއެއްގެ ގޮތުން ހިތްވަރުދިނުމާއި ޝަރަފުވެރިކަމުގެ އެތައް އިނާމެއް އޭނާއަށް
ވަނީ ލިބިލައްވައިފަ އެވެ.
ވާހަކައަށް
ބަލައިލުން
ވާހަކައިގެ
ކަރެކްޓަރުންނަށް ބަލާއިރު ފުރަތަމަވެސް ފާހަގަކޮށްލަން ޖެހެނީ ބަޠަލު ޢަލިފުޅާއި
ބަޠަލާ ދޮންހިޔަލަ އެވެ. އެ ދެމީހުންނަކީ ވެސް ދެމީހުން ނިސްބަތްވާ ޢާއިލާގައި
ހުރި ހަމައެކަނި ދަރި އެވެ. ދެމީހުންވެސް މުންސަންޖެވެ. ޚާއްޞަކޮށް ޢަލިފުޅެވެ.
ހިޔަލައަކީ ފަތްމިންޏެކެވެ. ލޮލުބޭސް ދަންނަ ބޭސްވެރިއެކެވެ. ޢަލިފުޅަކީ ފަސްމީރު
ކުރިރުކެކެވެ. ނުދަންނަކަމެއްނެތެވެ. އެހެނަސް މައިގަނޑު މަސައްކަތަކީ
އަތްކަންކުރުމެވެ. ދޮންހިޔަލަގެ މައިންބަފައިންނަކީ ވެސް ވާހަކައިގެ މުހިންމު
ދައުރެއް އަދާކުރާ ކަރެކްޓަރުންތަކެކެވެ. ބައްޕަ މޫސާ މަލިމައަކީ ކިޔަވައިގެންހުރި
ރައިވެރި އެކެވެ. މަންމަ ދޮން އައިސައަކީ ވިޔަރިގަދަ ދަހިވެތި ނުފޫޒުގަދަ އެހެނަސް
މުރާލި އަންހެނެކެވެ.
ވާހަކައިގެ
އެންޓޮގޮނިސްޓުން ނުވަތަ އިދިކޮޅު ކަރެކްޓަރުންގެ ގޮތުގައި ފާހަކުރެވެނީ
ޢަލިފުޅުގެ ފުރަތަމަ ލޯބިވެރިޔާ ކަތީބުގޭ ޙައްވާފުޅާއި ޅައިމަގު ފަގީރު ޢަލީގެ
އިތުރުން ރަސްގެފާނެވެ. މިތަނުން ޙައްވާފުޅަކީ ރީތި އަންހެނެކެވެ. ވާހަކައިގައި
ހައްވާފުޅު ފެނިގެން ދިޔައީ ޢަލިފުޅު އިންނަން އުޅުނުހިނދު ސަބަބެއް ނުދައްކައި
އެކަމަށް އިންކާރުކުރި މީހެއްގެ ގޮތުގަ އެވެ. އަދި ފަހުން ޢަލިފުޅު ގެ ލޯބި
ނުލިބުމުން ޢަލިފުޅު ބުރުންޏަށް ކުރަން ރޭވި ދަތުރު ކާމިޔާބުވިޔަނުދިނުމަށް
ފަންޑިތަ ހަދަމުންދިޔަ މީހެއްގެ ގޮތުގަ އެވެ. ޅައިމަގު ޢަލީ އަކީ ފައްކާ
ރަތްލާޖެހި ޖާސޫސެކެވެ. ހިޔަލަގެ ޚަބަރުތައް އާންމުކުރީ އޭނާ އެވެ. ރަދުން
ސިފަކޮށްދީފައިވަނީ ގަދަބާރުން ދޮންހިޔަލަ ޖަހައިގަތް ބާޒެއްފަދަ ރަސްކަލެއްގެ
ގޮތުގަ އެވެ.
ވާހަކައިގެ
މަންޒަރުތަކުގެ ތެރެއަށް ވަދެ ފީނާ
އުފާލިބިގަންނަ ހިނދު އުފެދޭ ބޮޑު ސުވާލަކީ މިއީ ހަމަ ޙަޤީޤީ ވާހަކަ
އެއްހެޔެވެ؟ މި ސުވާލަށް ދޭނެ ފުރިހަމަ ޖަވާބެއް ނެތަސް ފާހަގަކޮށްލަން ޖެހެނީ
ބުރުނީ ކަމަނާގެ ނަމުން ނިސްބަތްކުރެވޭ މިސްކިތަކާއި އެހެން ބައެއް ތަންތަން
މިއަދުވެސް ބުރުނީގައި ހުރިކަމެވެ. ކޯމަސްދަނޑާއި ހީނާދަނޑާއި ކުނަހާ ދަނޑަކީ
މިހާރުވެސް ބުރުނީން ފެންނަން އޮތް ތަންތަނެވެ.
ކުރެވުނު
ސުވާލުގެ ޖަވާބު ކޮންމެ ގޮތަކަށް އަޔަސް މި ވާހަކައިގެ ބައެއް ހާދިސާތަކަކީ ބުއްދި
ގަބޫލުކުރެވޭފަދަ ހާދިސާތަކެއް ނޫނެވެ. ވަގުތާއި ހާލަތުގެ ގޮތުން ވާހަކައިގެ
ބައެއް ހާދިސާތައް ހިނގުމަކީ މުސްތަޙީލުކަމެކެވެ. މި ގޮތުން އެންދެރިގަހެއް
ހޯދުމަށްޓަކައި އެންމެ ރެއަކު ގިނކަންޏާކުރި ބުރަ އަދި ގިނަގުނަ މަސައްކަތްތަކާއި
އެރޭ އައި ކަނޑުރަސްގެފާނުގެ ވާހަކައަކީ މި ގޮތުން އެންމެ ފާހަގަކުރެވޭ
ދެކަންތަކެވެ. (ސ 57 – 59) ހަމައެހެންމެ
އޮޑިބަނުމަށް ބޭނުންވާ ހުރިހައި ސާމާނު އެންމެ ދަޅައަކުންހޯދުމާއި ބުރުންޏަށް ދާން
ފުރަން އޮތްރޭ ޢަލިފުޅު ކުޅަ ގިނަގުނަ މަސައްކަތްތަކާއި ކަނޑުގައި ހިނގާފައިގޮސް
ދޮންހިޔަލަ އެންދެރިއޮޑިއަށް އެރި އެރުމަކީވެސް މިސިލްސިލާއަށް އިތުރުކުރެވޭ
ކަންތައްތަކެވެ. (ސ 61،
69، 110)
ވާހަކަ
ދައުރުވަމުންދާއިރު ބައެއް ހާދިސާތައް އޭގެ ކުރީގެ ހާދިސާތަކާ ގުޅުމެއްނެތުމީވެސް
ޕްލޮޓުން ފެނުނު ބާގަނޑެކެވެ. ވާހަކައިން ފެނުނު އުނިކަމެކެވެ. މިގޮތުން ރައިވެރި
ޢަލީގެ ދަރިން ޚަތިމުކުރުމަށްފަހު އަކުރުތަކުގެ މަޚުރަޖު ދަސްކުރުމާއި ދިއްގަރަށް
ފޭބިއިރު މާމަހުގެ މެދުކަމާއި ވިލާ ރޮއްޖެއްވެސް ނެތްކަން ހާމަކޮށް، ހަމަ
ކުޑައިރުކޮޅެއްގެ ފަހުން އެމީހުން އެނބުރި ހުޅުދެއްޔަށް ފުރުމާއެކު މުލަހަޅައިގެ
ދުވަހަކަށް ވެ ވިއްސާރަވުމަކީ ވެސް މިދެންނެވިފަދަ ކަންކަމެވެ. (ސ 6 ،53،55)
އެހެންނަމަވެސް
ސާފުކޮށް ފެންނަށް އޮތް ޙަޤީޤަތަކީ މިވާހަކަ ކިޔައިފިމީހަކަށް މަސްވެރިކަމާއި
ރާވެރިކަމާއި އޮޑިދޯނިފަހަރުބަނުމާއި ހެދުންއަޅައިއުޅުނުގޮތްތަކާ ބެހޭގޮތުން
ގިނަގުނަ މަޢުލޫމާތުތަކެއް ލިއްބައިދޭނެކަމެވެ. ބޭނުންކޮށް އުޅުނު ގަހަނާތަކާއި
އެޒަމާނުގެ އާދަކާދައާއި ޘަޤާފަތާއި ދިވެހިންގެ ދިރިއުޅުމާބެހޭ ފުރިހަމަ
މަޢުލޫމާތު އެނގިގެންދާނޭކަމެވެ.
އެޒަމާނުގެ
އިޤުތިޞާދީ މަސައްކަތްތައްކަމަށްވާ މަސްވެރިކަމާއި ރާވެރިކަމާއި ތިލޭރުކަމުގައި
ގެންގުޅޭ އުސޫލުތަކާއި ގޯތިގެދޮރު ހަދައިފައި ހުންނަ ގޮތްތައްވެސް ވަރަށް
ފުރިހަމައަށް ގެނެސްދީފައިވެ އެވެ. އޭގެ އިތުރުން ދިވެހިންގެ އެކުވެރިކަމާއި
އިޖުތިމާޢީ އޮނިގަނޑުގައި އޭރުވެސް ހުރި ބައެއް ބަލިތަކާއި އެބަލިތަކުގެ
ދިރުންހުރިގޮތްވެސް ދޭތެރެދޭތެރެއިން ގެނެސްދެ އެވެ. އެ ގޮތުން މުދަލާއި
ފައިސާއަށްޓަކައި ކަންކަން ކޮށްދިނުން ލަސްކުރުމާއި ނަހަމަގޮތުގައި ފަންޑިތައިގެ
ބޭނުންހިފުންފަދަ ކަންތައްތައް ވާހަކައިގެ އެކި ހިސާބުގައި ގެނެސްފައިވެ އެވެ.
އަދަބީގޮތުން
ބަލާއިރު މިވާހަކައަކީ ޢިބާރާތްކުރުމުގައި އަމިއްލަ ގޮތްތަކެއް ހުރި ވާހަކައެކެވެ.
ދޭހަކުރަން ފަސޭހަ ސާދާ ޢިބާރާތްތަކެއް އެކުލެވޭ ވާހަކައެކެވެ. ބައެއް ޖުމުލަ ތައް
ލިޔެލާނަމެވެ. " މީނާ ވެރިވެރި ފިރުކިފިރުކި އުޅެ އެވެ. މީނާ ދާދި މޮޔައިރު،
ކުކުޅުހާ ވަކިނުވާއިރު،މައިބަފައިކިރުދޭއިރު، އަލިފާނެއް ފެނެއް ނުދަންނައިރުވެސް
ބަސްއަހަ އެވެ." (ސ 34-35) އާންމުގޮތެއްގައި މުޅި ވާހަކައިގައިވެސް ވަނީ
ކުރުޖުމުލަތަކެވެ. " ހިޔަލަ ދިޔައީ ސިއްސައިގެންނެވެ. މިއި ވިހޭންސުރެ
އުޑުމަތި ދުށް ފުރަތަމަ ދުވަހެވެ. ހިޔަލަ ބޭރަށް ނުކުތުމާއެކު ބޯމައްޗަށް އައިސް
ހޯރަ އަޅާލީ ހުރިހައި ބާވަތެއްގެ ދޫންޏެވެ. ބޮޑު ދޫންޏާއި ވައްލަ އެވެ. މާދޫންޏާއި
ތޭރަވަ އެވެ. ހުދު ދޫންޏާއި ބުޅިތުނތްބެވެ. ރަތަފަޔާއި ބޮޑަނަ އެވެ." (ސ 87)
ބަސްކޮށާރަށް
ބެލިނަމަވެސް މިއީ މުއްސަނދިކަމުގެ
އިންތިހާ އެވެ. ރައިވެރިޔާގެ އަތްމަތީ ބަސްތައްކަމަށްވާ ބަޅުވަޅި، އެއްތެލި ،
ފިންދަނޑި ފަދަ ލަފުޒުތަކާއި ބުރެތްކާއި ފިލިމަހާއި ނީފުލާއި ހަންޖަލުގޮށްފަޅިފަދަ
މަސްވެރިޔާގެ ދުލުކުރީ ބަސްތަކުން ވާހަކަވަނީ ޖަރީކޮށްފަ އެވެ. އޮޑިދޯނިފަހަރާގުޅޭ
ލަފުޒުތައްކަމަށްވާ މައްޔަލާއި މަޑުލާއި ކުނބާއި މެއްކުފަދަ ލަފުޒުތަކާއި
ކަސަބުފޭއްޔާއި ބޮޑުރުމާލާއި ތަކަހޮޅިއާއި މުންޖާއި މިނާފަދަ ހެދުންއެޅުމާއި
ފަރިވުމަށްޓަކައި ބޭނުންކުރާ ތަކެތީގެ ނަންތައްވެސް މިވާހަކައިގައި ވެއެވެ. މީގެ
އިތުރުން ތިލޭރުކަމާގުޅޭ މުއްސަނދި ބަސްކޮށާރަކުން ވެސް މިވާހަކަވަނީ
ފުރާފުރިހަމަވެފަ އެވެ.
ވާހަކަ
ހުށަހަޅައިދީފައިވަނީ ތިންވަނަ މީހާ ކިޔައިދޭގޮތަށެވެ. ކިޔައިލުމަށާއި
ހޯދައިލުމަށް ފަސޭހަވާނެފަދައިން 51 ބަޔަށް ބައިކޮށްގެންނެވެ.
މިދެންނެވި
ހުރިހައި ސަބަބުތަކާހުރެ ދަންނަވައިލަންޖެހެނީ ދޮންހިޔަލަ އާއި ޢަލިފުޅު މިވާހަކައަކީ އިހުގެ ދިވެހިންގެ ދިރިއުޅުމުގެ
ގޮތްތައް ދައްކުވައިދޭ ފުރިހަމަ ގަލަމީ ތަސްވީރެއްކަމުގަ އެވެ. ތާހިރު ލޯބީގެ
ތާސީރުން އުފެދޭ ގަދަފަދަ ބާރާއި އަސަރު އެންމެ ފުރިހަމަ ގޮތުގައި އަންގައިދޭ
ނާވިލެއް ކަމުގަ އެވެ. ފޮތުގެ މުޞައްނިފުވެސް ނިންމަވާލައްވަމުން ވިދާޅުވަނީ
ކީކޭތޯ އެވެ؟ " ތެދެއްމޭ ލޯބި ދެމިހުރެޔޭ. އެއެއް ދުވަހަކު މަރެއް
ނުވެޔޭ!" އެވެ.ވަރަށް ބޮޑު ތެދުފުޅެކެވެ. އެހެނަސް ވިދާޅުވެގެން މެނުވީ
އެކަން އެނގިވަޑައެއް ނުގަންނަވާނެ އެވެ. ވުމާއެކު އަޖުމަ ބައްލަވައިލެއްވުމަށް
ދަޢުވަތުއަރުވަމު އެވެ.
|
މަޢުލޫމާތު ހޯދި ވަސީލަތްތައް:
ޢަބްދުﷲ ޞާދިޤު(1976). ދޮންހިޔަލަ އާއި
ޢަލިފުޅު. (ފުރަތަމަ ޗާޕު). މާލެ: ނޮވެލްޓީ ޕްރެސް.
އާދަމް ޒާހިރު(2011). ދިވެހި އަދަބިއްޔާތު
1(DHI107) ސްޓަޑީގައިޑް. މާލެ: ސެންޓަރ ފޮރ އޯޕަންލާނިން.
ޙުސައިން އިބްރާހީމް(2012). ބުރުނީގެ
މަޢުލޫމާތު] އަނގަބަހުންކުރެވުނު އިންޓަވިއު[.
މުޙައްމަދު ޒާހިރު(2012). ފޮތުގެ
ތަޢާރުފު؟] ޕަވަޕޮއިންޓް ޕްރެޒެންޓޭޝަން އެއް[.
|
Post a Comment