ބަނޑޭރިގަނޑު » » ދެކޮޅުން ނަގާ ފީ

ދެކޮޅުން ނަގާ ފީ

| 4/03/2015 on Friday, April 3, 2015 dhuraya.blogspot.com :ލިޔުނީ

އަހަރެންނަކީ ހިސާބުގަނޑުގައި މަޝްހޫރު މީހަކީމު އެވެ. އެންމެން ދަންނަ މީހަކީމު އެވެ. ކައިރި ރަށްތަކުގެ އެންމެންހެން ދަންނަ ދެކެފަރިތަ މޫނެކެވެ. އަހުރެންނަކީ ކާކުކަން ނޭނގޭ މީހަކު މި ސަރަހައްދުގައި ނޫޅޭނޭ ބުނުމަކުން އެއީ ބޮޑުވެގެންވާ ދޮގެއް ހެދުނީ ކަމުގައެއް ނުބެލެވޭނެ އެވެ. އެހައިވެސް އަހުރެން މަޝްހޫރެވެ. އަހަރެންގެ މި މަޝްހޫރުކަމުގެ އަސްލަކީ ލިބިފައިވާ ތަޢުލީމެއް ފައިސާވެރިކަމެއް ނޫނެވެ. ހަމަ އެހެންމެ މުޖުތަމަޢަށް އަހަރެންގެ ފުށުން ހިފޭ ބޭނުމެއް އޮތުމެއްވެސް ނޫނެވެ. އެންމެން ދަންނަ ރަތްލާޖެހި ޙަސަނުގެ މަގާމު އަހުރެންނަށް ލިބިފައިވަނީ މަސައްކަތެއް ނުކޮށް ހުސްއަނގަތަޅަން މައިޒާންތައް ފަޅުފިލުވުމަށް އަހުރެން ހޭދަކުރާ ވަގުތުތަކުގެ ސަބަބުންނެވެ. އަހަރެންގެ ރުންކުރުކަމާ ޒީލަގަދަކަމާ ބޯހަރުކަމުންނެވެ. ދޫނުކޮށް ކުރާ ގެރިޒުވާބުތަކުގެ ސަބަބުންނެވެ. ފާޓުފުޅާކަމުންނެވެ. އަހުރެން ބުނެފި ވާހަކައެއް އެއީ ތެދެވެ. ގަބޫލުކުރި ފިކުރެއް އެއީ އެންމެ ހެޔޮގޮތެވެ. އެވަރުކޮށްފައި ނޫނީ ހުއްޓައެއްނުލަމެވެ.
ކޮންމެ ގޮތަކުންނަމަވެސް އަހުރެން މީ  މީސްތަކުން ދަންނަ މީހެކެވެ. އެކަމުގެ ސަބަބުން ދިރިއުޅުމުގައި ފަސޭހަތަކެއްވެސް ލިބޭމެ އެވެ. ލިބިފައިވާ މަޝްހޫރުކަމުގައި އަހުރެން ހިމެނުނީ މުޢާމަލާތްތައްކުރުން ގިނަ މީހެއްގެ ގޮތުގަ އެވެ. ނަތީޖާއަކީ އަހަރެންގެ ފޯނަށް އަރާ ބާރު ދުވަހުން ދުވަހަށް ބޮޑުވަމުން ދިއުމެވެ.  ޖީބަށް ނުކަތާވަރުވުމެވެ. އެދުވަސްވަރަކު އަދި ގަތަރު ޓެލެކޮމް ރާއްޖެއަށް ޒިޔާރަތެއް ނުކުރެ އެވެ. ވުމާއެކު ކޮންމެގޮތެއް ހަދައިފައިވެސް ގެންގުޅެންޖެހެނީ ދިރާގުގެ ނަންބަރެކެވެ.
ފޯނަށް އަޅަންޖެހޭ ރުފިޔާގެ އަދަދު ދުވަހުން ދުވަހަށް ދިޔައީ އިތުރުވަމުންނެވެ. މިކަންވީ މަސައްކަތެއް ނުކޮށް ލާޗާރުބިޗާރަށް އުޅޭ އަހަރެންނަށް ބޮޑުކަމަކަށެވެ. ކެތްނުކުރެވޭވަރުގެ ބޮލުގައި ރިހުމަކަށެވެ. ކޮންމެ ގޮތެއް ހަދައިފައިވެސް ފޯނަކީ ގެންގުޅެންޖެހޭ އެއްޗެކެވެ. ސަތޭކަރުފިޔާގެ ތިންހަތަރު ކާޑު މަހަކު މަގޭ ފޯނު ދިރުވައިލަ އެވެ.
އެންމެ ފަހުން ގޮތެއް ނިންމައިފީމެވެ. ޕްރީޕެއިޑް ނަންބަރު ނަގާ އަތުކޮޅަށް ހޫރައިލައިފީމެވެ. ބަދަލުގައި ޕޯސްޓްޕެއިޑް ނަންބަރެއް ނަގައިފީމެވެ. އެތައް ސަބަބަކާހުރެ އެވެ. ޕޯސްޓްޕެއިޑުން ހިލޭ މިނެޓާއި ހިލޭ އެސް އެމް އެސް ވެސް ލިބެޔޯލަ އެވެ. ހިލޭ ގުޅޭ ނަންބަރުވެސް ލިބޭކަމަށްވެ އެވެ. ވަކި ނަންބަރުތަކަކަށް މެދު ނުކެނޑި ތާ އަބަދަށް ގުޅައިފައި ބެހެއްޓިޔަސް ލޯ ލާރިއެއްވެސް ޚަރަދެއް ނުވެ އެވެ. ފަހެ ކިހައި ރަނގަޅު ހެއްޔެވެ. މިހައިވަރު ކަމެއް އޮއްވައި އެހައި ބޮޑު ޚަރަދެއް ކުރުމުގެ ބޭނުމެއް އެބައޮތްހެއްޔެވެ؟
ކޮންމެ އަކަސް އަލަށް ބޭނުންކުރަންފެށި ނަންބަރާއެކު ތިރީސްދުވަސް ހަމަކުރެވިއްޖެ އެވެ. ބިލު އައިސްފި އެވެ. ސަހަރޯ އެވެ. ކަމަކު ދާކަށް ނެތެވެ. ނަންބަރު ނެގިއިރު ދައްކަންޖެހޭނެކަމަށް ބުނިވަރަށްވުރެ އިތުރަށް ރުފިޔާ އަތުލައިފި އެވެ. އެ ފައިސާ ނުދައްކަންވެގެން ލައްކަ ބަހަނާވެސް ދެއްކީމެވެ. އެކަމަކު ކޮށިގަނޑުތެރޭ އެތިބި ރީތި ކުދިންގެ ބަސްމޮށުންތެރިކަމުގެ ކުރިމަތީގައި މަށަށްޖެހުނީ ހަތިޔާރުބަހައްޓައި އަމާންދޭށެވެ. މިޒާތުގެ ހަނގުރާމައެއްގައި ފުރަތަމަ ފަހަރަށެވެ.
އެންމެފަހުން އެކުދިން ނަންބަރެއް ދިނެވެ. މެސެޖުކުރާށޭ ކިޔައިފަ އެވެ. އެއީ ހިލޭ މެސެޖުފޮނުވޭ ނަންބަރެކޯލަ އެވެ. ބިލަށް ފައިސާ އަރާގޮތުގެ ތަފުސީލު އެނަންބަރަށް މެސެޖުފޮނުވުމުން އެނގޭނެޔޯލަ އެވެ.
ދިހަވަރަކަށް ދުވަސްފަހުން އެ ނަންބަރަށް އެކުދިން ބުނިގޮތަށް މެސެޖެއް ފޮނުވައިފީމެވެ. އެ މެސެޖު ފޮނުވާކަށް މާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހެ އެވެ. އެއްޗެއް ލިޔާކަށްވެސް ނުޖެހެއެވެ. މިކަންވީވެސް އަހުރެންނަށް ބޮޑު ރަޙުމަތަކަށެވެ.
އަސްތާ އެވެ. ސަލާމަތެއް ނެތެވެ. މިފަހަރު އަދި މާގޯހެވެ. މުޅިން އެހެންކަމަކަށްވެސް ފައިސާ ނަގަންފަށައިފި އެވެ. އަހުރެންގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ދުންކާލިއަރުވަމުންގޮސް ބިލުދައްކާތަނަށް ވަދެއްޖައީމެވެ. ބުނެފީމެވެ. ބަލަ ތިއުޅެނީ ކިހިނެއް ހަދާނަމޭ ހިތައިހެއްޔެވެ؟ ތިއުޅެނީ އަހުރެމެންކަހަލަ ނިކަމެތި މީހުން އަތުން ފައިސާ ހޯދާނެ ގޮތެއް ނޭނގިގެންހެއްޔެވެ؟ އަދިވެސް ލިބޭވަރު މަދީ ދޮތަ އެވެ. މިއީ އިންސާފުހެއްޔެވެ؟ ހިލޭ ގުޅެޔޭ ހިލޭ ފޮނުވެޔޭ ހިލޭ މިނެޓޭކިޔައި އަހަރެން ވާވައްދައި މުޅިން ހަލާކުކޮށްފި އެވެ. ކުރީފަހަރު އެފައިސާ ދެއްކިޔަސް ހަމަހިލާ މި ޙަސަނުއަތުން މިފަހަރަކު އެންމެ ފައިސާފޮއްޗެއްވެސް ނުދޭނަމެވެ. ދާތާކަށްދާށެވެ. ނާފަހެ ކޮންމެ މަހަކު އެތައް ސަތޭކަރުފިޔާއަކުން އެ އިންޖީނުގެއަށްވެސް އެބަ ފައިސާދައްކަންޖެހެ އެވެ. ގޭގައި ކަރަންޓު ހުންނާތީ އޭކިޔާފައިވެސް
އެތައް ރުފިޔާއެއް އެވެރިން އެބަ ނަގަ އެވެ. ދެން މި ކުޑަކުޑަ ފޯނުގަނޑު ޗާޖުކޮށްލާތީ އޭ ކިޔައިފައި ފަހެ ކޮއިފުޅުމެން މި ޙަސަންބެމެންއަތުން ކަރަންޓުޗާޖު ނެގުން ހެޔޮވާނެހެއްޔެވެ؟ މިއީ އިންސާފުހެއްޔެވެ؟ ބުނަންހެއްޔެވެ؟ މަގޭ ފޯނު ކަރަންޓުން ޗާޖުކުރާތީ އޭ ކިޔައި ތިޔަ ނަގާ ކަރަންޓުޗާޖަށް އަރާ ދޮޅަސްރުފިޔާ ކަނޑާލަން އުޅޭށެވެ. ނޫންނަމަ މި ނަންބަރު ބާއްވައި އިހު އަހުރެންގެންގުޅުނު ޕްރީޕެއިޑުނަންބަރު ގަނޑު ދޭން އުޅޭށެވެ. ފައިސާއެއް ނުދީ އެ ނަންބަރު މަށަށްޗާޖުކުރެވެ އެވެ.
އަހުރެންގެ ގޮވެލިފަތި ހުއްޓައިލުމުން އެތަނުން ކުއްޖަކު އެބަބުނެ އެވެ. ބަލަ ޙަސަންބޭ އެވެ. ފޯނު ޗާޖުކުރާތީ އަޅުގަނޑުމެން އެއްވެސް ރުފިޔާ އެއް ނުނަގަމު އެވެ. ކަރަންޓު ޗާޖޭ ލިޔެފައި އެ އޮންނަނީ އާންމުކޮށް ދައްކަންޖެހޭވަރުގެ އިތުރަށް ފޯނު ބިލަށް ފައިސާ އަރައިފައިވާކަން އަންގައިދިނުމަށެވެ. ކަރަންޓުޗާޖޭ އެބުނަނީ މިވަގުތަށް ދައްކަންޖެހޭ ވަރަށެވެ. ކިތަންމެވަރަކަށް ޗާޖުކުރިޔަސް މިތަނަކުން ރުފިޔާ އެއް ނުނަގަމު އެވެ.
ގަތް ލަދު ފޮރުވަން މަންތަރެއްހަދައިފީމެވެ. ބުނެފީމެވެ. ބޭބެގެ ގޮތް އެނގޭ ނޫންހެއްޔެވެ؟ ތިކަން އޮތީ ތިހެންކަން ބޭބެއަށްވެސް އެނގެ އެވެ. ބޭބެ އިނގިރޭސިފިލްމުވެސް ބަލަމެވެ. ބޭބެ ހަމަ މަޖާކޮށްލީ އެވެ. ބޭބެޔާމެދު ނުނިޔަތެއް ނުލައްޗެވެ.

އެކަމަކު އެދުވަހަށްފަހު ބިލުދައްކާކަށް ދުވަހަކުވެސް އަހުރެން ނުދަމެވެ. ފޮނުވަނީ އަންހެނުންނެވެ. ނޫންނަމަ ގޭ ކުއްޖެކެވެ.
މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA