#ގޭގައިތިއްބަވާ
#ގައިދުރުކަން_ގެންގުޅުއްވަވާ
#ފޫހިފިލުވައިލުމަށް_މިވާހަކަވެސްކިޔުއްވަވާ
#ރަހުމަތްތެރިއަކަށް_ހިއްސާކުރައްވަވާ
#ޚިޔާލެއްއޮތްނަމަ_ދެއްވަވާ
އާދީއްތަދުވަހާ ގުޅޭ
އާދީއްތަދުވަހާ ގުޅޭ
އަނެއްކާވެސް ވެރިވީ ހަމަހިމޭންކަމެވެ. ކުރިމަތީގައިވާ ފޮތިގަނޑަށް ބަލަހައްޓައިގެން އަހަރެން އިނީއެވެ. ނިދީގެ ވޭންވަރުގައިޖެހުމުން ތެދުވަމެވެ. ފައިވާޅުވުމުން އިށީންނަމެވެ. މި ވަށްބުރު ތަކުރާރުވަމުން ދަނިކޮށް އަހަރެންގެ ހަށިގަނޑުގައި އޮޅާލައިފައިވާ ނިންޖާއި ވަރުބަލިކަމުގެ ފޭރާމުގެ ސަބަބުން ދެލޯ ގެންގޮސް ކަޅުކުލައިގެ ކޮޓަރިއެއްގެ ތެރެއަށް އަހަރެން ވެއްދިއެވެ. އަހަރެންގެ ސަމާލުކަމުގެ ދުރުމިއަށް މަރިޔަނބު ނާރާވޭތޯ ގަދައަޅައި މަސައްކަތްކުރަމުންދަނިކޮށެވެ.
"ބަލާ!"
ނިދިޖެހި ދެބަދޭތެރޭގައި އިން އަހަރެންގެ ދެލޯ ހުޅުވުނީ މަރިޔަނބު ބުނި އަމުރުގެ ލަފުޒާގުޅިގެންނެވެ.
****************
"މި ހުރީ
އަހަރެންނަށް ކޮށްފައިހުރި ވަރު. ކާތަކެތީގެ ލޮނުގަދަވިޔަސް ސައިތަށްޓެއް ހިހޫވިޔަސް
އެ ކުށުގެ ބަދަލު ރޭވުންތެރިކަމާއެކު ރޭގަނޑު އަހަރެންގެ ހަށިގަނޑުން ހިފާނެ.
ގުއްޓެއް ނުލިބި އައްޔެއްނުވިލޭނެ. ދަރިންގެ މުހުތާދެއް ނުފުދުނަސް ބައްޕަގެ
ނުރުހުމެއް އަމާޒުވިޔަސް އެ ކަމުގެ ހަސްކާ ފިލުވައިލާނީ އަހަރެންގެ ހަށިގަނޑުން
ލޭކޮށައިލައިގެން. ވިކުމަކީ އަދި މާ ގަޔާވާކަމެއް. ބޮޑުވައިއިނގިލީގެ ނިޔަފަތި
ބަކަމޫނެއްހެން ދިގުކޮށްފައި އެ ހުންނަނީ ދެވަނަ ބޭނުމަކުނޫން. ދަންވަރު ގެއަށް
އައިސް ނިދުމުގެ ކުރިން ކިޔާ ޝަހާދަތަކީ ވިކައިގަނެ އަހަރެންގެ ގައިން ހަންނޮޅައިލުން.
ނިދިންހޭލައްވަން އާންމުކޮށް ގޮވާނީ ވިކައިގަނެގެން. ބައެއްފަހަރު ލޯބީގެނަމުގައި.
ގިނަފަހަރަށް ފުފިގެންހުރެ. އެ އަނިޔާއާހެދި ސިއްސައިގެން ގޮސް ހޭލެވިހޭލެވި އެ
ކަން ބައްޔަކަށްވެއްޖެ. މި ހުރީ ރުޅިއައިސްގެން ބިޑިބުރި ނިއްވާތަންތަން. އަޅެ
ބުނެބަލަ!..... އަހަރެން މިއީ އިންސާނެއްގެ ސިފައިގައި އިން އަޅިކެނޑިއެއްތަ؟
ކުދިން ވެސް އެ ތިބެނީ ބާކީކޮށްފައި. އެ ކުދިން ނުލާހިކު ކުޅޭހިތްވާނެ ފުލުސްކުޅި. ކޮންމެދުވަހަކުހެން ކުޅޭނެ. ކުދިން އާދޭސްކުރިޔަސް ރުހިގެން ބަލަން އިނަސް ބައިވެރިއެއްނުވާނެ. އެހެންވެ ރަސްގެފާނަށް އެހެންނޫނީ ފަނޑިޔާރަށްވެގެން އެ ކުދިންނާ ވެސް ބައިވެރިވަންޖެހޭނީ އަހަރެންނަށް.
ބައްޕަގެ މަސައްކަތާއެކު މި އުޅެވެނީ. ކެވެނީ ކިރިޔާ. އެއް އިރު ރަނގަޅަށް ކެއްޔާ އަނެއް ދެ އިރު މި ކަނީ ބޮޑުތަދެއްގައި ކާހައި ކުޑަކޮށް. ޚަރަދު ކުޑަކުރަން އަހަރެން ކުރިން ލައި އުޅުނީ ވެސް ހެދުންބުރި. މި ރަށު އެންމެންހެން އެ ލަނީ ވެސް އެ. އެކަމަކު އެ ކަންވީ ތިއްތިދައްކައި އެހެންމީހުންނަށް އާތްކަންދައްކަން ކުރާކަމަކަށް. އެހެންވެ މުލައްދަނޑީގައި މިހުރީ އަލިފާންޖެއްސި ތަންތަނުގެ ލަކުނުތައް. އުޅަނބޮށިން މަތީގައި މިހުރީ ބޮޑުވަރުކޮށް ތަޅައި ނޫފާގެންނުވި ލިސާންތައް. އެ ކަމާހެދި މަޖުބޫރުވީ ނުފޯރާފޮތިން ލިބާސްފަހަން. މިއިން ކަމެއް ހިއްސާނުކުރަން އޮންނަނީ އިންޒާރުދީފައި.
މި ކަމެއް ބޮޑުވީ މަންމަ ނިޔާވިފަހުން. ބައްޕައަށް ވެސް މި ކަން އެނގޭ. ތޮޅެ އަރައިރުންވުމަކީ ބައްޕަގެ މިޒާޖެއްނޫން. އަނގަމަޑުންލައިގެން ހުންނަނީ ބައްޕަގެ ޠަބީޢަތުގައިވާ ނުކުރެމާއި ފަސްޖެހުމާހުރެ. އެ ނުކުރުން އެއަށްވުރެ ބޮޑަށް އަހަރެންނަށް ވާރުތަވެފައިވުމުގެ ނަތީޖާއިން އެއްފަށްވެ ދެ ފަށްވެ ތިންފަށްވެގެން މި ދިޔައީ. އަދި ފަށްކެނޑުމަށްޓަކައި ސުލައިމާނުގެ ހޮވުމެއް އިޚުތިޔާރުކުރަން މި ޖެހުނީ. އެކަމަކު ސުލައިމާނުގެ މަގަށް އަލުން ރުޖޫޢަވެއްޖެނަމަ އަދިވެސް އަހަރެންގެ ހަޔާތަށް އޮތީ ބަނަކަމާއި އަނދިރިކަން. އަނިޔާއާއި ވޭން. އެ ބަނަކަމާއި އަނިޔާގައި ގިނަ ދުވަސް ވެއްޖެނަމަ ބުއްދިފިލައި މޮޔަވެދާނެ. ކުއްލިމަރަކުން މަރުވެދާނެ. ހަތަރުކުދިން ޔަތީމުވެ ހަތުރެއްފަދަ ދޮންމަމައެއްގެ ބެލުމުގެ ދަށަށް ހިނގައިދާނެ. ބައްޕަ އެއްޗެކޭ ބުނިތަ؟" ރިހުންހުރި އަޑަކުން ބިރުން އިނދެ ބަލާހެން ބަލަމުން މަރިޔަނބު ބުންޏެވެ.
ކުދިން ވެސް އެ ތިބެނީ ބާކީކޮށްފައި. އެ ކުދިން ނުލާހިކު ކުޅޭހިތްވާނެ ފުލުސްކުޅި. ކޮންމެދުވަހަކުހެން ކުޅޭނެ. ކުދިން އާދޭސްކުރިޔަސް ރުހިގެން ބަލަން އިނަސް ބައިވެރިއެއްނުވާނެ. އެހެންވެ ރަސްގެފާނަށް އެހެންނޫނީ ފަނޑިޔާރަށްވެގެން އެ ކުދިންނާ ވެސް ބައިވެރިވަންޖެހޭނީ އަހަރެންނަށް.
ބައްޕަގެ މަސައްކަތާއެކު މި އުޅެވެނީ. ކެވެނީ ކިރިޔާ. އެއް އިރު ރަނގަޅަށް ކެއްޔާ އަނެއް ދެ އިރު މި ކަނީ ބޮޑުތަދެއްގައި ކާހައި ކުޑަކޮށް. ޚަރަދު ކުޑަކުރަން އަހަރެން ކުރިން ލައި އުޅުނީ ވެސް ހެދުންބުރި. މި ރަށު އެންމެންހެން އެ ލަނީ ވެސް އެ. އެކަމަކު އެ ކަންވީ ތިއްތިދައްކައި އެހެންމީހުންނަށް އާތްކަންދައްކަން ކުރާކަމަކަށް. އެހެންވެ މުލައްދަނޑީގައި މިހުރީ އަލިފާންޖެއްސި ތަންތަނުގެ ލަކުނުތައް. އުޅަނބޮށިން މަތީގައި މިހުރީ ބޮޑުވަރުކޮށް ތަޅައި ނޫފާގެންނުވި ލިސާންތައް. އެ ކަމާހެދި މަޖުބޫރުވީ ނުފޯރާފޮތިން ލިބާސްފަހަން. މިއިން ކަމެއް ހިއްސާނުކުރަން އޮންނަނީ އިންޒާރުދީފައި.
މި ކަމެއް ބޮޑުވީ މަންމަ ނިޔާވިފަހުން. ބައްޕައަށް ވެސް މި ކަން އެނގޭ. ތޮޅެ އަރައިރުންވުމަކީ ބައްޕަގެ މިޒާޖެއްނޫން. އަނގަމަޑުންލައިގެން ހުންނަނީ ބައްޕަގެ ޠަބީޢަތުގައިވާ ނުކުރެމާއި ފަސްޖެހުމާހުރެ. އެ ނުކުރުން އެއަށްވުރެ ބޮޑަށް އަހަރެންނަށް ވާރުތަވެފައިވުމުގެ ނަތީޖާއިން އެއްފަށްވެ ދެ ފަށްވެ ތިންފަށްވެގެން މި ދިޔައީ. އަދި ފަށްކެނޑުމަށްޓަކައި ސުލައިމާނުގެ ހޮވުމެއް އިޚުތިޔާރުކުރަން މި ޖެހުނީ. އެކަމަކު ސުލައިމާނުގެ މަގަށް އަލުން ރުޖޫޢަވެއްޖެނަމަ އަދިވެސް އަހަރެންގެ ހަޔާތަށް އޮތީ ބަނަކަމާއި އަނދިރިކަން. އަނިޔާއާއި ވޭން. އެ ބަނަކަމާއި އަނިޔާގައި ގިނަ ދުވަސް ވެއްޖެނަމަ ބުއްދިފިލައި މޮޔަވެދާނެ. ކުއްލިމަރަކުން މަރުވެދާނެ. ހަތަރުކުދިން ޔަތީމުވެ ހަތުރެއްފަދަ ދޮންމަމައެއްގެ ބެލުމުގެ ދަށަށް ހިނގައިދާނެ. ބައްޕަ އެއްޗެކޭ ބުނިތަ؟" ރިހުންހުރި އަޑަކުން ބިރުން އިނދެ ބަލާހެން ބަލަމުން މަރިޔަނބު ބުންޏެވެ.
"ނޫން.
އަގައިންނެއް ނުބުނޭ. އެކަމަކު ވަރަށް ދެރަވެފައި ހުރީ. ރޮވިފައި ހުރީ. ބޮލުގެ
އިޝާރާތުން ނޫނެކޭ ބުނި. މި ގެއަށް ނުވަންނާށޭ ބުނާކަހަލަ ގޮތަކަށް."
ކަންހިނގިގޮތާއި ހިތަށްއެރިގޮތް އަހަރެން ބުނީމެވެ.
"ނުވަންނާށެކޭ
ނޫން އެ ބުނީ. ބައްޕައަށް ބުނަން ނުކެރިފައި ތި ހުރީ. އަހަރެން ގާތު ބުނި
ކާސިމުގާތު ބުނާނަމޭ ވަރިނުކުރާށޭ. ކާސިމު ކޮންމެ ދަމަކުން އަޔަސް
ބައްދަލުކޮށްފައި ބުނެފައި ނޫނީ ނުނިދާނަމޭ. އެހެނަސް އެ ވާހަކަ ވެސް ބައްޕައަށް
ބުނަންނުކެރުނީތި. ބައްޕަ އެ ވަނީ ބައްޕައަށް ކުރެވޭ ވަރުކޮށްފައި. ސުލައިމާނު މި ރަށުގައި
ހުއްޓައި ވަލީނުދިނީ އޭނަގެ ދުއްޕާނުން މި އަމާން ރޭ ވެސް އަހަރެން
ސަލާމަތްނުވާނެތީ. ކަޅުވެފައިވާ އަހަރެންގެ ހަޔާތަށް އަލިކަމުގެ ކުޑަ ވެސް
ދޯއްޖެއް ސުލައިމާނުގެ އަނިޔާވެރިކަމުގެ ވިލާގަނޑާހެދި ފޯރިޔަ ނުދޭނެތީ. އާދޭސްކޮށްފައި
ބުނަން އަހަރެން ވަރިނުކުރޭ. އިންސާނިއްޔަތަށްޓަކައި ވެސް އަހަރެން ވަރިނުކުރޭ."
އަހަރެން ބަދަލުވީ
ހިއްސުތައް ހަމައަށްހުރެ ވާހަކަނުދެއްކޭ އިންސާނަކަށެވެ. އެތައް މިލިއަން ލަފުޒެއް
އެއްފަހަރާ ކަރުތެރޭ ތާށިވެ ނުބުނެވި ކަރު ބެދިފައިވާ ކާސިމަކަށެވެ. އެތައް އަހަރެއްގެ
ޖަލު ހުކުމެއް ނިމި އަނބިދަރިންނާ ބައްދަލުވީހިނދު އަޑުބީރުވެފައިވާފަދަ
މީހަކަށެވެ. ބުނަންބޭނުން ބިލިޔަން ވާހަކަ ހުއްޓެވެ. އަހަންޖެހޭ މިލިޔަން ސުވާލު
ހުއްޓެވެ. އެކަމަކު އަޑެއްނުނިކުތެވެ. ދުލެއް ހަރަކާތެއްނުކުރިއެވެ. ވޭނާއެކު އެ
މަސައްކަތުގައި އުޅެނިކޮށް އަހަރެންގެ ދެ ލޮލުގައިވާ ކަރުނައިގެ ޑޭމުގެ ފެންބަންދުކުރަން
ހިތްވަރާއެކު ޖަހައިގެން ގެންގުޅޭ ފިލާގަނޑުގެ މަކުޑި އޮބިނޯވެގެން ނެއްޓިގަތެވެ. އިވުނު
އަޑާއި ކުރިމަތިން ފެނުނު މަންޒަރުގެ ސަބަބުންނެވެ.
މިއޮއްހައި ދުވަހު
ސުލައިމާނާމެދު އަހަރެން ގަބޫލުކުރަމުންއައި ޢަޤީދާ ކާފަރުކޮށްފިއެވެ. މިފަހަކަށް
އައިސް ޒަކަރިއްޔާބެއާމެދު ކުރަމުންއައި ހީތަކުގެ ސަބަބުން އަހަރެންގެ
އަމިއްލަނަފުސު ވެސް ކުށްވެރިވެއްޖެއެވެ. އެ ފަކީރާމެދު ނުނިޔަތްލީމެވެ. އޭނާގެ ބަސްމަގަށް
އިހުމާލުވެވިއްޖެއެވެ. އަހަރެންނަށް މިހާތަނަށް ފެނުނީ ސުލައިމާނުގެ މޫނެވެ. ޒަކަރިއްޔާބެގެ
ބުރިކަށްޓެވެ. އެކަމަކު ފެންނަންވީ ސުލައިމާނުގެ ބުރިކަށްޓެވެ. ޒަކަރިއްޔާބެގެ
މޫނެވެ. ފަހެ އަހަރެންގެ ނުކުޅެދުންތެރިކަން ކިހައި ބޮޑުހެއްޔެވެ؟
ކުރިމަތީގައި އެ ހުރީ
އެއް އިރެއްގައި ރަށުގައި ހުރި އެންމެ ރީތި އަންހެންކުއްޖާއެވެ. ހިތާމައިގެ
ކިއްލާއެއްގައި އުޅެންޖެހުނަސް ގެވެށިއަނިޔާގެ ޖަންގައްޔެއްގައި ނިދަންޖެހުނަސް އެ
ހަށިގަނޑުން އަދިވެސް ފެންނަނީ ޅަބާޅަކަމެވެ. ޅަނދޮޅުކަމެވެ. ޝާއްބަކަމެވެ. އެ މޫނުގައިވަނީ
މައުސޫމުކަމާއި މާތްކަމެވެ. މުނިއަވަސްފިލުވައިދޭފަދަ އުފާވެރިކަމެކެވެ. ޒުވާންއިރު
ލިބުނު ހަތް ރީތީގެ ސިފަތައް ގުނަވަންތަ އެ ހަށިގަނޑާ ވަކިވަން ހިތަށް ވެސް
ނާރާކަހަލައެވެ. ކަނދުރާ އިހިކަނދުރާއެކޭއެއްފަދައެވެ. ހިތިފަތުބުމައާއި ކުރަނގި
ދެލޮލާއި އަންނާރު އޮށްތަކެއްފަދަ ދަތްތަކުން އުފައްދާ ރީތިކަމާމެދު
ފުންކޮށްވިސްނައިފި ކާފަރަކު ވެސް ޚަލްޤުކުރެއްވުމުގެ ފުރިހަމަކަންފެނިފައި ﷲއަށް
އީމާންވާނެއެވެ. އަނިޔާވެރިކަމުގެ ލަކުނުތަކުން ސަލާމަތްވެފައިވާ
ގިއުޅުއަތުކުރިއާއި އެ އަތުގެ އިނގިލިތަކުގައިވާ ތުނިޔަ ނިޔަފަތިތަކަކީ ރީތީގެ
މުބާރާތަކުން ވެސް ނުފެންނާނެފަދަ ޤުދުރަތީ ހަދިޔާއެކެވެ. ބުޅަލެއްހެން ވިހަންޖެހި
ފުލުފުލުން ހަތަރުކުދިން ލިބުނަސް ފޮފަރުކަމެއްނެތް ފަލަވުމެއްނެތް އެ ހަށިގަނޑުގައި
އަދި ވެސް ވަނީ ޝިކާރަމަތީ ކުއްތާއެއްގެ ބަނޑުފަދަ ބަނޑެކެވެ.
އެކަމަކު އެ ރީތި
އަންހެނާގެ ހަށިގަނޑު ވަނީ ލަކުނުތަކުން ފުރިފައެވެ. ހަލަންޏެއްހެން
ލޯވަޅުއެޅިފައެވެ. ފޭރާމުން ނިވައިވާ ހުރިހައި ބައެއްގައިހެން ވަނީ
ޅިޔައެޅިފައެވެ. މަހެއް ފިހެލަން ޅިޔައަޅައިލާފަދައިންނެވެ. ސުލައިމާނު މިއީ ކޮން ޒާތެއްގެ
އިންސިއެއްހެއްޔެވެ؟ އޭނާގެ ކުލުނުގެ ފެނުން އަހަރެން ހެދި ބޮޑުވި އިރު މި އޮއްފަދަ
އަނބިމީހާ ނަފުރަތުގެ ގިނީގައި އަންދާލީ ކީއްވެހެއްޔެވެ؟ ކައިވެންޏަކީ އަމުދުން ރީތި އަނތްބަކީ ކޮންމެކޮންމެ
މީހަކަށް ލިބޭ ނިޢުމަތެއްނޫންކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ސުލައިމާނެވެ.
އެކަން އެހެން އޮތް އިރު އެ ނިޢުމަތުގައި ކޮޅުފައިންޖެހީ ކޮން
ސަބަބަކާހެދިހެއްޔެވެ؟ ޝުކުރުވެރިވަން ވެސް ނުދަންނަނީހެއްޔެވެ؟ ބޭރުފުށުން
ހެޔޮކަމުގެ ތެޔޮހަން ދިއްކުރާއިރު އެ ތެރޭގައި އަނިޔާވެރިކަމުގެ ގޮވާންކޮށްގެން
އުޅެން ސުލައިމާނަކީފަހެ ސިކުނޑީގެ ބަލިމަޑުކަމެއް ހުރި މީހެއްހެއްޔެވެ؟
ސުވާލުތަކަށް ދޭނެ
ޖަވާބެއްނެތެވެ. އެނގޭކަމަކީ ސުލައިމާނަކީ އަހަރެންގެ ފުރާނަ ފަދަ
ރަހުމަތްތެރިޔާކަމެވެ. މި ހިނދުކޮޅާޖެހެންދެން އަހަރެންގެ މޯހިރަކީ އެއީކަމެވެ.
ތަބާވަމުން އައި މުރީދަކީ އެއީކަމެވެ. ސުލައިމާނާ ވަތްކަނޑައިލުމަކީ އެ ކަމުގެ
ތަކުލީފު ހިތަށް ގެންނަން ވެސް އުނދަގޫކަމެއްކަމެވެ. އެއީ ޙަޤީޤަތެވެ. ކަން އޮތް
މަގެވެ. އެކަމަކު އެ ޙަޤީޤަތްތަކުގެ މައްޗަށް ނޫނީ ނުހުޅުވައި އޮތް އަހަރެންގެ ދެ
ލޯ ދެންމެ ހުޅުވައިދިނީ އެހެން ޙަޤީޤަތްތަކެއްގެ ދޮރެވެ. ހޮނުގުގުރިއެއްފަދަ
އަޑާއި ވިދުވަރެއްފަދަ މަންޒަރުތަކުންނެވެ. ސުލައިމާނަކީ އިންސާނެއްނޫނެވެ.
ހައިވާނެއްގެ ދަރަޖަ ވެސް އޭނަށް ޙައްޤުނުވެއެވެ. އެ ތަކެތި ވެސް ހަޔާތުގެ
ބައިވެރިޔާއަށް އަމާނުގެ އަތް ދިއްކުރެއެވެ. ނާމާނުގެ އަތެއް ނުނަގައެވެ.
އަހަރެންގެ
ކުރިމަތީގައިވާ ސަރައްކާލީގެ އެއްކޮޅުގައިވަނީ ރަހުމަތްތެރިކަމާއި
އަނިޔާވެރިކަމެވެ. އަނެއްކޮޅުގައިވަނީ އިންސާނިއްޔަތުކަމާއި ނިކަމެތިކަމެވެ.
ތަރާދުން ކިރައި ގިލަނުން މިނައި ދުރުމިން ބަލައި ގޮތެއް ކަނޑައަޅަންޖެހިފައި އޮތީ
މި ސިފަތަކުން ބުރަވާނީ ކޮންކޮޅެއްކަމެވެ.
ބަނދެވިފައި ހުރި
ފިކުރުގެ ކަސްތޮޅުން އަހަރެން ނެއްޓުނީ ފަތިސްނަމާދު ވަގުތަށެވެ. އޭރު އަހަރެން
ހުރީ ވަދެވުނު މާހައުލަން ހޭނެންބޭނުންވެފައެވެ. ވަދެވުނު ހުރަގެއިން ފަސޭހަ
ރަޙުމަތެއްގައި ނިކުމެވެން ނެތްކަން އެނގި އެ ހުރަގެއަށް ހޭނެން
އަޒުމުކަނޑައެޅިފައެވެ.
އަހަރެން ނިކުތްއިރު
ބޮޑުއަށީގައި ދެ އަތް ވިދި ކަރުކަތިލައިފައި އިން މާކަނެއްހެން ބޯއެލުވާލައިގެން
ޒަކަރިއްޔާބެ އިނެވެ. އަނގައިންނެއް ނުބުނަމެވެ. އޮޅިގަނޑު ގިރާކޮށް ނިކުތްފަހުން
ބަލި އަޑަކުން "ވަރިނުކުރައްޗޭ" ބުނި އަޑު އިވުނެވެ.
ގެއާދިމާއަށް
ހިނގަމުންދިޔައިރު ވެސް އަހަރެންގެ ސިކުނޑި ވަނީ ބަރުކޮށްފައެވެ. މޭކަށިގަނޑާ ހަމައަށް
ބޯވަދެ ނޭވާނުލެވޭވަރުވެފައެވެ. ދެތިން ހަތަރު ހަންދަރުގެ ފިކުރު އަހަރެންގެ
ބޮލަށް މީހަކު ކުއްލިއަކަށް އަރުވައިގެންނެވެ. އަނިޔާވެރިންނަކީ
ރަހުމަތްތެރިންނެއްނޫނެވެ. އެއް އިންސާނެއްގެ ލޭކޮށައި ނެރޭ މީހަކު އަނެއް
އިންސާނެއްގެ މަސްކާން ފަހެއް ނުޖެހޭނެއެވެ. އެ ކަމަށް އޮތް ހުރަހަކީ ހާލަތާއި ސާއަތެވެ.
ހިތަށްއެރުމާއި ނޭރުމެވެ. ފުރުޞަތު ބަންދުވުމާއި ހުޅުވުމެވެ. ގިނަ ދުވަހެއްނުވެ ސުލައިމާނު
ރަށަށް އަންނާނެއެވެ. މަރިޔަނބު ވަރިނުކޮށްފިނަމަ އަހަރެމެންގެ އެކުވެރިކަން ގެއްލުންބޮޑު
ބޮމެއްހެން ގޮވާނެއެވެ. އެ ގޮވުމުގެ ގުޑުންތައް ބޮޑުވެ ރެނދުތައް ފުޅާވެ ކުރިން
ނުފެންނަ އެތައްތަނެއް ފެންނާނެއެވެ. އޭނާގެ ފިއްތުމާއި ދުއްތުރާތަކުގެ ފާރުތައް
އަހަރެންގެ ކުރިމަތީ ރާނައިލާނެއެވެ. މަރިޔަނބު އޭނަގެ ހަޔާތަށް ގެނައުމަށްޓަކައި
އެކި ގޮތްގޮތަށް ކުޅިބައި އަތުރާލާނެއެވެ. އަހަރެމެންގެ މާޒީގެ ބޭނުންކޮށްގެން ރަށުތެރޭގައި
އަހުރެން ފަޟީޙަތްކުރުމުގެ ޑުރާމާތައް އޭނާ އިސްވެ ހުރެ ކުޅެންފަށާނެއެވެ. މުޅި
ރަށުގެ އެންމެން މިހާރަށް ވުރެ ވެސް ބޮޑަށް އަހަރެންނަށް ނުނިޔަތްލައި
ނަފުރަތުކުރުވާނެއެވެ. ކުޑަ ދުވަހުގެ ރަހުމަތްތެރިޔާގެ ތެޔޮނާށި
މަކަރުވެރިކަމާއެކު އަހަރެން ޖަހައިގަތްކަމުގެ ތާޖު އެހެންތަނެއް ނުފެންނަވަރަށް
އަހަރެންގެ ބޮލަށް މަހައިލާނެއެވެ.
އެކަމަކު އެއިން
އެއްވެސް ކަމަކާ ފަރުވާލެއްނެތެވެ. ހަތަރުކުދިންގެ މަންމައާ އަލަތު ކައިވެނިކޮށްގެން
އިއްޔެ ކުރި އާޑައިންނުކުރި އަސަރެއް ދެނެއް ނުކުރާނެއެވެ. އަހަރެންގެ ގަސްތަކީ ސުލައިމާނަށްވީ
ވަޢުދުގެ ދެމިހުރެވެން އޮތް ބައިގެ މަތީގައި އިޚުލާޞްތެރިކަމާއެކު ދެމިހުރުމެވެ. ވަޢުދަށް
ކަމޭހިތުމެވެ. ދުރުތިބީންނަށް މަރިޔަނބަކީ އަހަރެންގެ އަންހެނުންނެވެ. އުޅުމުގައި
އަހަރެން ހުންނާނީ ހަމަ ކުރިން ވެސް ހުރި މަޤާމުގައެވެ. އަނތްބަކު
ނެތްފަދައިންނެވެ. އަހަރެންގެ ބާރުގައި ދަށުގައި ޗާލު އަންހެނަކުވާނެއެވެ. ދުނިޔޭގެ
ލޯތަކަށެވެ. ފަރުދާގެ ފުރަގަހުގައި އެއީ ސަލާމަތުގެ ކޮށްޓެއްގައި އިން
މިނިވަންކަމާއެކު އުދުހުމުގެ ޙައްޤުލިބިފައިވާ ދޫންޏެކެވެ. ބޭނުންވާ ކޮންމެ
ހިނދެއްގައި އެ ކޮށިން އުދުހިގަތުމުގެ ހުރަހެއްނެތް މިނިވަން ދޫންޏެކެވެ.
އަހަރެން ހަނދާނަށް
އަންނަނީ އަހަރެމެން އުފުލަމުން ދިޔަ މަސްދަނޑިގަނޑު ބިނދި ދެ މީހުން ވެއްޓުނު
ވަގުތާއި ފަށްކެނޑުމުގެ ބިރުވެރި ޚަބަރު ދިން ވަގުތާ އެއް ހިނދުކޮޅަކަށް ވީ
ހިނދުކޮޅުގެ މަތިންނެވެ. އެ ހާދިސާއަކީ ކޮންފަދަ ބޮޑު އިއްތިފާގެއްހެއްޔެވެ؟ އެ
އަލާމަތަކީ ދިވެހިންގެ ގަބޫލުކުރުމެއްކަމަށްވާ ބަދުނަސީބަށް ތޮޅޭ ލޯފަދައިން އަހަރެމެންގެ
ގުޅުން ކެނޑޭނެކަން އަންގައިދިން އަލާމާތެއްކަން އޭރު އެނގުނުނަމަ
ކޮންފަދަހެއްޔެވެ؟
އަހަރެންނަށް ސާރަތު
ދިން ޖަވާބު ހޮނު ގުގުރިއެއްހެން މިއަދު ވެސް ކަންފަތުގައި ގުގުމައެވެ. ގިރާވަރު
ސިއްރެއްހެން އެންމެ ދަނެއެވެ. އަހަރެންގެ ހުހަށްހުރުމުގެ ސިއްރާ ގުޅޭ ކޮންމެ
ސަރިޔަތެއްގައި އެ ވާހަކަ ނަގައެވެ. މަރިޔަނބާ ވަރުންއަޅާނަމަ ސާރަތަކީ
މާވަހަރެވެ. މަރިޔަނބަކީ ހުދަންބަރެވެ. އެހެންވެ މީހުން ދެކޭނީ އިންނާނެ މީހަކު
ނުލިބި ހުރެފައި ލިބުނު ފުރުޞަތުގެ ބޭނުން ހުސިޔާރުކަމާއެކު ހިފީކަމަށެވެ.
ބަބުރެއްކަހަލަ މީހަކަށް ޖަންބެއްކަހަލަ މެހުމާނެއް ލިބުމުން މެހުމާނުގެ
ނިކަމެތިކަމުގެ ފައިދާ ނެގީކަމަށެވެ. އެކުވެރިޔާއަށް އަހަރެން ޣައްދާރުވީކަމަށެވެ.
ދުނިޔޭގެ ލަދުގައި ކޮޅުފައިންޖަހައި ދުނިޔަވީ އަގުތައް އަހަރެން
އެއްލައިލީކަމުގައެވެ.
އަހަރެން ނިންމީ
މަރިޔަނބު ވަރިނުކުރާށެވެ. މީހުންގެ ނަޒަރުގައި އަހަރެން މިއީ ފަށްކަނޑާމީހެކެވެ. މެދުފިރިއެކެވެ.
އަހަރެންގެ ނަޒަރުގައި އަހަރެންނަކީ މަދަދުގާރެކެވެ. އެހީތެރިއެކެވެ. އިނީ ވެސް
އެހެންވެއެވެ. ވަރިނުކުރީ ވެސް އެހެންވެއެވެ. ހިމާޔަތުގެ ކަމަރު ބަނދެ ނުރައްކަލާ
ކުރިމަތިލައި ކުޑައިރުގެ ރަހުމަތްތެރިކަމުން މަހުރޫމު މި ވަނީ އިންސާނެއްގެ
ސަލާމަތަށްޓަކައެވެ. އިންސާނިއްޔަތަށްޓަކައެވެ. މަރިޔަނބުގެ ސަލާމަތަށް ހުރަސް
އަޅާ ކޮންމެ ރާޅަކުން އޭނާ މިންޖުކުރުމަށްޓަކައެވެ. އަހަރެންގެ ހިމާޔަތުގެ އުނގުން
ނިކުތުމަށް އޭނާ ހަރަކާތްކުރަންދެން މި ގޮތުގައި ދެމިހުންނާނަމެވެ. ސުލައިމާނު ސިއްރުކުރުމަށްބުނި
ސިއްރާއި ސުލައިމާނުގެ އަނިޔާވެރިކަމުގެ އަޑި ވެސް އަހަރެން މަސައްކަތްކުރާނީ
ސިއްރެއްގެ ގޮތުގައި ބޭއްވޭތޯއެވެ. އަހަރެން މަރިޔަނބާއިނީ އެންމެ ސިއްރަކާއެކު
އެންމެ ރެއަކަށެވެ. އެކަމަކު މިހާރު އުޅެންޖެހިފައި މިވަނީ އެއްސިއްރަށް ވުރެ ގިނަ
ސިއްރާއެކު ރޭގެ އަދަދު ކަނޑައެޅިފައި ނުވާ ހާލަތެއްގައެވެ. (ނިމުނީ. މި ވާހަކައިގެ
ސިކުއަލްއެއް ގެނެސްދިނުމުގެ އުންމީދުގައި މި ވަގުތަށް ވަކިވެލީއެވެ. ދެއްވި ޝައުޤުވެރިކަމަށް
ފަށްފަށުން ޝުކުރުވެރިވަމެވެ.)

+ comments + 10 comments
V Furihama vaahaka eh Muneez ge thi Adhabee Masakkathah saabas kiyan
Furihama masakkatheh. Ithuru vaahaka thah fennaane kamah ummeedhu Kuran
𝚊𝚍𝚑𝚒 𝚖𝚒𝚏𝚊𝚍𝚑, 𝚊𝚍𝚞𝚊𝚑𝚊𝚊𝚕𝚊𝚗 𝚋𝚎𝚢𝚗𝚞𝚗𝚟𝚊𝚊 𝚒𝚝𝚑𝚒𝚛𝚞 𝚟𝚊𝚊𝚑𝚊𝚔𝚊𝚎𝚑𝚐𝚎 𝚒𝚗𝚝𝚑𝚒𝚣𝚊𝚊𝚛𝚞𝚐𝚊𝚒 𝚑𝚞𝚛𝚢𝚖𝚞
𝚊𝚜𝚕𝚞𝚟𝚎𝚜 𝚟 𝚊𝚜𝚊𝚕𝚑𝚒 𝚜𝚝𝚘𝚛𝚢 👏👏👊
Varah sauguverikamaa eku hurihaa baithakah inthizaaru kuree. Varah reethi.
Fahu thalhaalungadun sulaimaanu fenifa nineynekamah heekuree.
Varah reethi vaahaka. Sifa kurun thah varah furihama. Ehaame majaa..
V. Furihama nala. Maanafun fashuvi vaahakaeh 😍🙋🌺
Sequal eh genes dheefinama nimunu hisaabu goheh noon.varan gayaavi vaahaka eh. Varah reethi.
hurihaa kiyuntherin nah ves v bodah shkuriyaa
މި ވާހަކައަކީ މިހާތަނަށް ކިޔުނު ވާހަކަތަކުގެ ތެރެއިން އެންމެ ތަފާތު އެއް ވާހަކަ. ވާހަކަ ވަރަށް ފުރިހަމަ ވެފައި ރީތި. ވާހަކާގައި ހިމަނާފައިވާ ކުރީގެ ބައެއް ބަސްތަކުގެ ސަބަބުން ކުރީގެ އަސްލު ދިވެހިބަސް ބަލަން މަޖުބޫރު ވެއްޖެ. ވަރަށް ވެސް ރަނގަޅު މުހިންމު މަސައްކަތްތަކެއް މިބުލޮގުން ފެންނަމުންދަނީ. ތިޔަ ކުރައްވާ މަސައްކަތަށް ފަށްފަށުން ޝުކުރިއްޔާ
Post a Comment