ބަނޑޭރިގަނޑު » » މެދުފިރި (ދެވަނަ ބައި)

މެދުފިރި (ދެވަނަ ބައި)

| 4/12/2020 on Sunday, April 12, 2020 dhuraya.blogspot.com :ލިޔުނީ



























"ލޯބިވާ ސާރަތަށް
ސަލާންކުރުމާއި ސަލާން ބަލައިގަތުމަކީ މުސްލިމުންގެ ދީނީ އިންސާނުންގެ ސަޤާފީ އާދައަކަށް ވީހިނދު އެ ދެ ހައިސިއްޔަތުން ސަލާން ފޮނުވަމެވެ.
ކޮންމެ ކަމަކަށް ވެސް ވަގުތެއްވެއެވެ. ނޭނގެނީ އެ ވަގުތެއް ފެށޭނެ ވަގުތެވެ. ކޮންމެ ކަމަކަށް ވެސް ސަބަބެއްވެއެވެ. ބައެއް ފަހަރަށް ނޭނގެނީ ސަބަބު އުފެދޭގޮތެވެ. މި ސިޓީއަކީ މީގެ އެތައް ދުވަހެއްކުރިން ލިޔަން ބޭނުންވި ސިޓީއެކެވެ. ބޯޓުދަތުރުކުރާ ބަކުރުބެ މެދުވެރިކޮށް އެކަމަށްޓަކައި ޑަޒަން ގަލަން ގަތީމެވެ. ބަންޑެއްޔެއްގެ ފޮތް ހޯދީމެވެ އެކަމަކު އެ ގަލަންތަކުގެ ދެލި ވީ ގަނޑެވެ. މަތާރަންފިލާމަތި އޮވެ ފޮތްތަކުގެ ކުލަ ވެއްޓުނީއެވެ. އޮފުދާރުކަން ކެނޑި ކަތުރުފަނިއެޅީއެވެ. ލިޔުމަށްޓަކައި ގަލަންނެގުނު މިންވަރުގެ ހައްދެއްނެތެވެ. ގަނޑުތަކުގައި ކުރައިހައި ލިޔެވުނު މިންވަރުގެ އަދަދެއްނެތެވެ. އާޚިރުގައި އެއިން ކޮންމެ ގަނޑެއްގެ ސިފަޔަށް ގެނެވެނީ އަހަރެމެން ޕޮއިންޓުކުޅެން މައިމަގުމަތީ ގެންގުޅުނު ކަރުދާސް ބޯޅައިގެ ސިފައެވެ. ބާރުބޮޑުވަނީ މައިންބަފައިންނާ ވަގަށް އަންދަންޖެހޭ އެއްޗެހީގެ ފުނިވަރަށެވެ.
އެ ހައިޖާނުގައި ހަނާވެ ދިއުމުގެ ޒަމާންގަނޑެއް އަހުރެން ވޭތުކުރީމެވެ. އެ ގުޖަނޑުގަނޑުން ނަޖާވުމުގެ ހިތްވަރު ލިބުނީ ކުރީ ދުވަހު ތެލިދޮވެގެން ތިން މީހުން ކޮށި މަގުން އެއްގަމަށް އަރަނިކޮށް ދިމާވެގެން ސާރަތު ގޮވާލިގޮވާލުމުންނެވެ. އެ ގޮވައިލުމުގައި ނަފުރަތުގެ ރާގެއް ނެތްކަމަށް ނަގައިގަނެވުމުންނެވެ. ގަޔާވުމުގެ ތާލެއްވާކަމަށް މޭރުންވުމުންނެވެ.
ސާރަތަކީ އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ހެދުމަށް ޒަމީރު އެންމެ ބޮޑަށް ބޭނުންވި މަޚުލޫޤެވެ. އަޑިގުޑަން ގިނަ މަގުތަކުން ހިނގައި އަމާނުގެ ގަނޑުވަރެއްގައި ދިރިއުޅެން ބޭނުންވި އަންހެނާއެވެ. ލަފާ ދަރިކޮޅެއް އުފަންކޮން އުފާފާގަތި ނޫން ޒަމާނެއް ނެތި އުޅެން ބޭނުންވި އިންސާނާއެވެ. މި އަމާޒަށް ދިއުމަށްޓަކައި އަހަރެން އިސްކުރީ ސާރަތުގެ ކިބައިގައިވާ ޝާއްބަކަމާއި ޅަދޮނޅުކަމެއް ނޫނެވެ. ވަނާތަކުގެ ފުރިހަމަކަމާއި ހަށިގަނޑުގެ އޮޅަލިކަމެއްނޫނެވެ. އެއީ އިރުވައިގެ ވިލާގަނޑެއްފަދަ ކަމެކެވެ. އެއީ ޢަމަލުތަކުގެ ކާނާއެއްނޫނެވެ. އެ ކަންކަމަށް އަހަރެންގެ ޝަރުތުތަކުގެ ހަރުގަނޑުން ޖާގައެއް ދިނީ އެންމެ ތިރިންނެވެ. އެންމެ ބޮޑު ބައެއް ޚާއްޞަކޮށްފައިވަނީ މުރާލިކަމާއި ގެވެހިކަމަށެވެ. އަޅައިލުމާއި އޯގާތެރިކަމަށެވެ. ކެތްތެރިކަމާއި ޒިންމާދާރުކަމަށެވެ. އެ ކަންކަމުން އެންމެ މަތީ ދަރަޖައިން ފާސްވެފައިވާ ފަރާތަކަށް ސާރަތުނޫން ނަމެއް މި ރަށަކުން މައްޗެއްނުވިއެވެ.
އެހެންވެ ލޯބީގެ ގުޅުމުން ގުޅި ލާމެހުމަށް ރުހުމުގެ ބަހަކަށް އެދި ލިޔުމުން ހުށަހެޅީއެވެ. އާބަސްނެތަސް ބޭޒާރުނުކުރާނަމަ ނަފުރަތެއް ނުވާނެއެވެ. ފަސްނުޖެހި ތިން ދުވަހުގެ މުހުލަތެއްގައި ޖަވާބެއް ދީފިނަމަ ލަސްވެގެން ނުއުޅޭނަމުއެވެ."
ސާރަތަށް ސިޓީ ދިނީ ސުލައިމާނެވެ. އަހަރެންނަށް ބުރަވެވުނީ ފަހަތު ފަޔަށެވެ. ސިޓީ ހަވާލުކުރުމަށްފަހު އުޅެވުނީ ސާރަތާ ފިލައިގެންނެވެ. ބޭނުންވީ ބޯކޮޅު ބަލަމުން ހިނގާށެވެ. އިރުޝާދު ލިބިފައި އޮތީ އެ ގޭ ދޮށުގައި މުގޯލިއަޅާށެވެ. އެކަމަކު އެ ގެ ފެންނަ ހިސާބަށް ވެސް ނުދަމެވެ.
ތިންވަނަ އަށް އޮތް ދުވަހު ހޫރައްސަކުން ސާރަތާ ދިމާވިއެވެ. ދެ މީހުންނަށް ވެސް ހޫރައްސަށް ނިކުމެވުނީ މޫނާއި މޫނު ދިމާވާގޮތަށެވެ. ފުރަތަމަ ފަހަރަށް ހަތަރުކަޅި ހަމަވީ އެ ހަތަރުއަނގޮޅިންނެވެ. އިދިކީލި ޖަވާބެއް އައިސްފާނެތީ  ގިނައިރު ބަލަހައްޓައިގެން ހުންނާކަށް ނުކެރުނެވެ. އެ ފަޅި ސިކުންތުގައި މޫނު މަތިން އޮށްދާހިއްލައިގަތެވެ. ފެންބޮކިތަކެއްފަދަ ދަލުގެ ތިކިވަރުތަކުން ނިތްކުރި ފުރައިލިއެވެ. މަސާޖު ބަޑިއެއް މުލައްދަނޑީގައި ޖެއްސުމުން އަންނަ ފަދަ ތުރުތުރަކުން އަތް ގުޑުވައިގަތެވެ. ނިޒާމު ގެއްލިފައިވާ އިންޖީނެއްގެ ފިސްޓަނެއްފަދައިން ހިތް ތެޅިގަތެވެ.
އެ ހާސްކަމުގެ ތެރެއިން ފެނުނީ އުންމީދުކުރި މަންޒަރެއްނޫނެވެ. ސާރަތުގެ މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އޮޅަލި މޫނުން ފެނުނީ ލަދުވެތިކަމުގެ ވިއްސާރަދުނީގެ ކުލަތަކެވެ. ސާރަތު ދެ މިޔަކަނުން ހީނލައި ދެލޯ މަރައިލިއެވެ. ބައެއް ނިޝާނުގެ ތޫނުކަން ޚަންޖަރަކަށްވުރެ ތޫނުނޫންހެއްޔެވެ؟ ބައެއް އިޝާރާތް ލަފުޒަށްވުރެ މާނަފުންކަން ތަޖުރިބާ ނުކުރެވޭހެއްޔެވެ؟  މޫނަށް ގެނައި ހަރަކާތްތަކުން ސާރަތަށްޓަކައި އޮތް ލޯބީގެ ފާރުގަނޑު ކުއްލިއަކަށް ފުންވެ ފުޅާވިއެވެ. އަހަރެންގެ ހުށަހެޅުމާމެދު އޭނާ ގަޔާވެއްޖެކަމުގެ ހީތަކުން އަހަރެން ބަރާކޮށްލިއެވެ. އެ ޔަގީންކަން ލިބުނަސް ދުލުގައި އެޅުވުނީ ތަޅުދަނޑިނެތް ތަޅެކެވެ. ދުރުން އައި ކާޅެއް އަހަރެންގެ އަޑު ޖަހައިގަނެގެން ގެންދިޔަ ކަހަލައެވެ. ނަތީޖާއެއްގެ ގޮތުން ލޯ ތަންމިނަށް ހުޅުވިހުރެ ސާރަތަށް ފަސްދީ ދެވުނީއެވެ.
ސުލައިމާނުގެ ތަޖުރިބާއާއި އިރުޝާދުގެ އަލީގައި ޖެހިގެން އައި ދުވަހު ފަހި ވިސްނުމެއްގައި ސާރަތުގެ ގެއަށް ދިޔައީމެވެ. އެއީ ސާރަތުގެ މަންމަ ބޮނބިއަޅަން ދިޔަ ގަޑިއެވެ. ބައްޕަ ވަދުއަޅަން ދިޔަ ވަގުތެވެ. ގޭގައި ވަނީ އަމާންކަމުގެ ހުދު ދިދަ ނަގައިފައެވެ. އެހެންވެ ޖެހިލުމެއްނެތި އެ ބޮޑު ގޯތީގެ ތެރެއަށް ވަނީމެވެ. ފަތްކޭލާއި ދަނޑިއަލުތްވާއި އުއްދަނޑި ފީނިތަކުން ގޯތިތެރެއަށް ވެރިވެފައިވަނީ ފެހިކަމެވެ. އާރޯކަމެވެ. ތާޒާކަމާއި ހިތްފަސޭހަކަމެވެ. ފަންނުވެރިކަމާއެކު ދަނޑިފަނުން ހަދައިފައިވާ ހިތްގައިމު ގެ ހުރީ ގޯތީގެ އެއްކޮޅުގައެވެ. އެ ގޭގެ މައި ދޮރު މަތީ އޭރު ސާރަތު ހުއްޓެވެ. ދަމާދޮރުގެ ބަބުރުކަނީގައި އަތް ޖައްސައިލައިގެން އެއް އަތަށް އަރިއަކަށެވެ. ބޮޑު މާޖެހި ފެހި ކުލައިގެ ހެދުންބުރިއަކާއި ކަޅު ކަނޑިއްކެއް އަނދެގެންނެވެ. ދިހުންގަދަ ރާޅުބާނި އިސްތަށިގަނޑު އޮތީ ޒަމާނީ ވިސްނުމުގެ މަންމައަކު ދަރިންނަށް ދޭފަދަ މިނިވަންކަމަކުން މިނިވަންކޮށްފައެވެ.  އެހެން ހުރި އިރު ސާރަތުގެ ގުނަވަންތަކަން ހާސްގުނަ އިތުރުކަން ފާހަގަވިއެވެ. އެ ފާހަގައިގެ ތެރެއިން އެހެންކަމެއް ވެސް ފާހަގަވިއެވެ. ކުރީ ދުވަހު އޭނާގެ މޫނުން ފާޅުވި އުފާވެރިކަމުގެ ކުލަތަކާއި ލަދުރަކިކަން މިއަދު ވަނީ ދުރަށް ގޮސްފައެވެ.
"މި ގެއަށް އައުމަކީ ކުލަ ހިކިފައިވާ ފިއްސަކުން ކުލަޖެއްސުންފަދަ ކަމެއް. ހުދު ކަރުދާހުގައި ހުދު ފަންސޫރަކުން ކުރެހުން ފަދަކަމެއް. ހަކަތަ ބޭކާރުވުމާއި ޚަރަދުއިތުރުވުން ނޫން އިތުރުކަމެއް ނެތްކަމެއް." ފުރާޅުގެ އަސްކެނީގައި އެލިފައި ހުރި ރޯނުކޮޅުގައި އޮޅުލަމުންދާ ބޭރުހުލިބައިގަނޑަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.
ސާރަތުގެ ބަސްމަގުގެ ފަށުވިކަމާ ހުރެ އެ ޖަވާބު މޭރުންކުރުމަށްޓަކައި ހިނދުކޮޅެއް ބޭނުންވިއެވެ. ގަދައަވީގައި ލޯކުނާކުރާބީދައިން އަހަރެން ލޯކުނާކޮށްލީމެވެ. އަތުގެ ޝަހާދަތް އިނގިލިން ބޮލުގެ ފުށްކިބައިގައި ދެ ތިން ޓަކި ޖަހައިލީމެވެ. އެވަރުން ވެސް ޖަވާބު ދޭހަވުމުގައި އަހަރެން ދިޔައީ ދެ އަތަށް ކިރެމުންނެވެ. އަނެއްކޮޅުން ވަރަށް ފަހިވިސްނުމެއްގައި ވަން މީހާ އިދި ވިސްނުމަކަށް ޖާގަދޭކަށް ބޭނުންވާނެހެއްޔެވެ؟
"މާނައަކީ" ހިތުގައިވާ ސާބިތުކަން ނުސާބިތުކަމަށް ނުގެންދަންވެގެން އިތުރަށް ކޮންނަށްފެށީމެވެ.
"އަހަރެން މިހެން ބުނަން ޖެހިލުންވޭ. ދޮންކާސިމުގެ ހުށަހެޅުން ބަލައިގަނެވޭކަށް ނެތް. ކަޅުނޫން ފިރިއެއްގެ ކައިވެންޏަކީ މަންމައާއި ބައްޕަގެ ހުވަފެނެއް. އެ ހުވަފެނެއްގައި ކުލަޖައްސަން އަހުރެން ވެސް ބޭނުންވާ ހުވަފެނެއް."
ސާރަތުގެ ޖަވާބު ޝައްކެއްނެތް މިންވަރަށް ސާފުވިއެވެ. ސާދާ މައް ދިވެހިބަހުން ބުނުމުން ސާފުވާން ވެސް ޖެހޭނޫންހެއްޔެވެ؟ އެ ޖަވާބުގެ އަޑު ދެ ކަންފަތަށް ވަދެގަތީ ހިއްސުތައް ހިނދުކޮޅަކަށް ނެތިކުރަމުންނެވެ. ހަށިގަނޑު ގަނޑުކުރަމުންނެވެ. ހަކަތަ ނެރެލަމުންނެވެ. ދަނޑު ބިމުގައި ހުރި ދުވަސްވީ ދިގު ރުކެއް ގަދަވައިގައި ދެ އަތަށް ހަލުވާފައިދައިން މުޅި ހަށިގަނޑު ދެ އަތަށް ހަލުވަމުންނެވެ. ކުރި މަތިން ފެންނަން ހުރި މަންޒަރުތައް ބާރަށްދުވާ ބުލެޓު ރޭލެއްގެ ދުވެލީގައި އަހަރެން ވަށާ ދުއްވައިގަތެވެ. އަތްލުމުގެ ނަސީބު ލިބެން ނެތް އަތްލެވޭ ހިސާބުގައި ހުރި ބީހިލަން އެންމެ ބޭނުންވި އިންސާނާ ވެސް އެ މަންޒަރުތަކުގެ ތެރެއަށް ދަމައިގަތެވެ. ފުސްކަމާއި ވަކިކުރަން ނޭނގޭ ކުލަތައް ފިޔަވައި އިތުރުއެއްޗެއް ނުފެންނަވަރުވިއެވެ.
ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. ހަދާނެ ގޮތެއް ވެސް ނުމެ އެނގުނުމެއެވެ. ގަނޑުކަމާއި ގަބުކަމުގައި އިރުގަނޑަކު ހުރެފައި އެގެއިން ނިކުތީއެވެ. ދުރުން މަންޒަރު ފެންނަ މީހަކަށް ފެންނާނީ ފިރިފުރާވަރަށް އަރައިފައި ހުރި ކަޅު ޒުވާން ފިރިހެނެކެވެ. ފަރި އަންހެންކުއްޖެއްގެ ކުރިމަތީ ހުރެފައި ފެހިކަންގަދަ ގޯއްޗަކުން މަޑު ހިނގުމެއްގައި ނިކުންނަތަނެވެ. ޙަޤީޤަތަކީ ލޮލަށް ފެންނަ މަންޒަރުން ފާޅުނުވާ ގިނަ ކަންކަން އެ ހިނގުމާއެކު ނިކުމެގެން ދިޔައެވެ. އަހަރެންގެ ކިބައިގައިވާ ލޯބީގެ ދަނޑެއްގައި ލޯބީގެ ގަސްއިންދައި ހެއްދުމުގެ ޝައުޤު ފިލައިހިގައްޖެއެވެ. ކައިވެންޏެއް ކުރުމާމެދު ކުރަމުން އައި އުންމީދުތައް ފަސްކަފުންކޮށް ވަޅުލެވިއްޖެއެވެ. އަންހެނުންނާމެދު ކުރަމުން އައި ޤަދަރާއި އިޙުތިރާމުގެ ލޯގަނޑުގައި މަންޒަރެއް ސާފު ނުވާވަރަށް ކޫރުންއެޅިއްޖެއެވެ. ނަސްލީ ތަފާތުތަކުގެ ސަބަބުން އުފެދުނު އަދި ފަހުން ކުރަމަގާލި ލައިފައިވާ ބޮޑު ފާރުގަނޑުގެ ކުރަމަގާލިގަނޑު ކުއްލިއަކަށް ނެއްޓުނެވެ. އިތުރަށް ފަސޭހަނުވާނެ ވަރަށެވެ. އެ ފާރުގަނޑުން ހިތްދަތިކަމުގެ ލޭ އޮހޮރި ސައިލުތައް ދެމިގަތެވެ. ނަފުސުގެ އިތުބާރުގެއްލުމުގެ ކަޅު ލޭ ދުނިޖަހައިފައި ހިތުން ނިކުމެގަތެވެ.
އިންސާނުން ކަންކަން މިނެކިރަން ގެންގުޅޭ އިސްސާފުގެ ތަރާދަކީ ހާދަ ނާއިންސާފުތަރާދެކެވެ. ހުކުންކުރަނީ ހަކިބައަށް ނުބަލައެވެ. ބަލަނީ އެންމެ ކިބައަކަށެވެ. އެ ކިބައިގައިވާ ވިލާތަކަށެވެ. ރަނގަޅަށް ފެންލިބޭނީ ހަތަރު އުދަރެސް ބައްދައި ނަގާ ވިލާގަނޑުންކަން އެ މީހުންނަށް ނުދަންނަނީހެއްޔެވެ؟
އަހަރެން ކަމުނުދިޔައީ އަހަރެންނާއި ސާރަތުގެ ވެސް ބާރު ހިނގާ ކަމަކާ ހެދިއެއްނޫނެވެ. އަހަރެން ކަޅުވެ ސާރަތު އޮޅަލިވުމަކީ ޤުދުރަތުގެ ހަދިޔާއެކެވެ. ބޭނުން ކުލައެއްގައި އުފަންވުމުގެ ބާރު އޮތީ ކާކަށްހެއްޔެވެ؟ ކިރުފޮދެއް ފަދަ ދޮން ދެމަފިރިންނަށް ވެސް ބޮލާކީނިގަނޑެއް ފަދަ ކަޅު ކުދިން ނުލިބޭހެއްޔެވެ؟ ދިހުންކުލައިގެ މައިންބަފައިންނަށް ހޮޅިބުރިއެއްގެ އަލިފަދަ ދޮން ކުދިން ވެސް ލިބޭނުންހެއްޔެވެ؟ ވީއިރު ހަމާހެދި ބަހަނާދައްކައި އަހަރެން ބާކީކޮށްލުމަކީ ސާރަތުގެ ޢަޤީދާފުރިހަމަވުމުން ވެސް ބޭރުވާކަމަކަށް ނުވާނެހެއްޔެވެ؟
އިންނާނެ މީހަކު ކަނޑައެޅުމުގައި ސާރަތުމެން އެ ބެލީ ކުލައަށެވެ. ޚުލްޤަކަށް ނޫނެވެ. ބޭރުފުށަށެވެ. އެތެރެފުށަކަށް ނޫނެވެ. ކުއްލިއަކަށް ފެންނަ ލޯތަކުގެ ތަޢުރީފަށެވެ. މަސައްކަތްތެރިކަމަކަށްނޫނެވެ. ރާއަރަން އެނގެއެވެ. ރުކަށް އެރެއެވެ. ބުޑުން އަރަން ފަށާ މީދާ ކުރިނުގަންނަނިސް ފަހަތުން އަރައި އަތުލައިގަންނަމެވެ. ފަންގިވިންނަން ދަންނަމެވެ. ފަތަން ހުނަރުވެރިވާނެއެވެ. ކަނޑުފަޅުފީނައި ބޯވައާއި ގޮޅާގެ ބާވަތްތައް ނަގައިއުޅެމެވެ. ޞަލަވާތް ފާތިޙާއާއި މާލޫދު ކިޔަން ދަންނަމެވެ. ލިޔަންކިޔާށާއި އެއްކޮށް ކަނޑައި ގުނަކޮށް ގެއްލަން އެނގެއެވެ. މައިންބަފައިންނަކީ ރަށުގެ ނިސްބަތުން މުއްސަނދިބައެކެވެ. ވީއިރު ރަށްފުށުގެ ޝަރުތުތަކުން ފަސްމީރުކުރިރުކަކަށް އަހަރެން ނުވާނެ އެއްވެސް ގޮތެއް އެބައޮތްހެއްޔެވެ؟ ސައްޕެއްޖަހައި ސާރަތުގެ ހަޔާތުން ބޭރުކޮށްލަންޖެހޭ ފަދަ ބޭނުމެއް ނެތް ފޯއްޔަކަށް އަހަރެންވޭހެއްޔެވެ؟ އަހަރެން ދެކޭ ގޮތުގައި ސާރަތު އަހަރެން ބޭރުކޮށްލިކޮށްލުން ވާނީ ސައްޕެއްސައިވުންފަދަ ކަމަކަށެވެ. ގުނަންޖެހޭ ފޯއްޔެއް ނުގުނަން އުޅުންފަދަ ކަމަކަށެވެ.
ކަންހިނގާ ދިޔަ ގޮތް ސުލައިމާނަށް ކިޔައިދިނީމެވެ. ލިބުނު ނާކާމިޔާބީއާ ގުޅިގެން އެހެން އަތަކަށް ރިޔާ ބަދަލުކޮށް އެހެން ކޮޅަކަށް ދުއްވުމަށް އޭނާ ވަރަށް މަސައްކަތްކުރިއެވެ.

"ކާސިމަށް އެނގޭތަ؟ ކާސިމު މީހަކާ އިނުމުން ނޫނީ އަހަރެން މީހަކާ ނުއިންނާނަން." އޭނާގެ ވާހަކަތަކަށް ދީލައިނުލާނެކަން އެނގުމުން އެންމެ ފަހުގެ ހަތިޔާރު ވެސް ސުލައިމާނު ނެގިއެވެ. (މި ވާހަކަ ގެނެސްދިނުމަށް ހަމަޖެހިފައިވަނީ އާދީއްތަ އަދި ބުރާސްފަތި ދުވަހެވެ.)
ތިންވަނަ ބައި

މިލިޔުން ހިއްސާކުރެއްވުމަށް :

+ comments + 2 comments

April 14, 2020 at 7:13 PM

v salhi anekkaves Inthizaaru ge vaguthu othy

April 16, 2020 at 9:11 PM

Avahah dhev vaagotheh balan beynun vanee v.molhu sifakurunthah.

Post a Comment

 
© 2015-2020.MuNeEz by DHURAYA