އަހަރެން ހުރީ
ހަތިޔާރަކަށް އަމާންދޭފަދަ ގޮތަކަށްނޫނެވެ. ސާރަތުގެ ގެއިން އަހަރެން ނިކުތީ ލޯބީގެ
ދަތުރެއް އަލުން ނުކުރަން ނިންމައިގެންނެވެ. އެ ނިންމުން އިތުރަށް މަލަރުއަރައި ބަދަލުވުމެއް
ނެތް އެންމެ ފަހުގެ ނިޔާއަށްވީ އަހަރެންނާމެދު ސާރަތު ކަންކުރި ގޮތް ފަޅާއަރުވައިލުމުންނެވެ.
ނުރުހުންވި ސަބަބު ސާރަތުގެ ދެ ޖިންސުގެ އެކުވެރިންނާ ހިއްސާކުރިއެވެ. އަހަރެންގެ
ސިޓީއާއި ކުރި ޒިޔާރަތުގެ ވާހަކައިން މުޅި ރަށުގައި ދުންއެޅިއެވެ. އެ ވިހަ ދުމުގެ
އަސަރުން އަހަރެން ކޮށިއަރާނެ މިންވަރާމެދު އޭނާ ފަރުވާލެއް ނުބެހެއްޓިއެވެ. ސާރަތުގެ
އެ ޢަމަލުގެ ސަބަބުން ކުރިންސުރެ ނަފުސާނީ ހާސްކަމުން ހަފުސްވެފައިވާ އަހަރެންގެ ހިތުގައި
ލޯތްބަށް އޮތް ކަލިވަތްގަނޑުގައި ދުވަސްވީ ދުމަށްޓެއްގައި ޖަހާ ބީދައިން ގެދަބުޅިޖެހިއެވެ.
ހުދުތާކިހަލެއް ދޮވުމެއްނެތި ހައެއްކަ އަހަރު އެޅުމުންވާފަދަ ކަޅުކަމަކުން ހިތް
ކަޅުވެ ކުރަގަނޑެއްލިއެވެ.
އެހެންވެ ސުލައިމާނުގެ
ނިންމުމަށް ދޭނެ އިޖާބައިގެ ޖަވާބެއް ނެތެވެ.
"ނޫނޭ. މި
ވަގުތަށް މި ބާބު ނިމުނީ. ޚިޔާލުތައް އުތުރި އަރައިގެން މެނުވީ އިތުރަށް ލިޔުމުގެ
ޝައުޤުވެރިކަމެއް ނެތް." ދެ މިޔަކަނުން ހެވިލައި ދެ އަތަށް ހަލުވާލި ބޮލާއެކު
މާނަވީ ގޮތަކަށް ރައްދުދިނީމެވެ.
އެ ހިސާބުން އަހަރެންގެ
ދިރިއުޅުމުގެ ވައްޓަފާޅި އެފުށްމިފުށަށްޖެހުނެވެ. އާންމުންނާ އެކުވެއުޅުން މަދުވެ މީހުންނާ
އެކުނުލަވާ ނޭއްދާރު މީހަކަށް ބަދަލުވިއެވެ. ހަވީރު ގަޑީގައި ކުޅެންދިއުމާ ދުރަށްޖެހެވުނެވެ.
ރަށުގައި ކުޅޭ ސަޤާފީ ކުޅިވަރުތައްކަމަށްވާ ދަމުހިނގުމާއި ބޮޑުމާލިކުޅުމާއި
މަންޑިކުޅުންފަދަ މީހުން ގިނައިން އެއްވެ އުޅޭ ކުޅިވަރުތައް ކުޅުމާ
ފެއަށްޖެހެވުނެވެ. ކަމެއްކުރާ ހިތް ނުވުމާއި ގެއިން ނުނިކުތުމަކީ
އާދައަކަށްވިއެވެ. ދެބަނޑަށްކެއުމާއި ދެ ދަޅައަށް ނިދުމަކީ އުފަލަކަށްވިއެވެ. ޙަޤީޤަތުގައި
އަހަރެން އޭރު ހުރީ ނަފުސާނީ ހާސްކަމުގެ ތޭރިތަކުން ތައްޔާރުކޮށްފައިވާ ބިޔަ
ވަރުގަދަ ޖަލެއްގައި ހައްޔަރުވެފައެވެ. އެ ތަނަށް ވަންނަންޖެހުނު ހުކުން
ސާފުވިޔަސް މިނިވަންވާނެ ގޮތް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. އެއީ މިހާރުހެން
ނަފުސާނީ ފަރުވާތައް ލިބޭ ޒަމާނެއްނޫނެވެ. ނަފުސާނީ ބަލިމަޑުކަން ދަންނަ ޒަމާނެއް
ވެސް ނޫނެވެ. އިންޓަރނެޓާއި ކޭބަލްޓީވީ ފަދަ މަޢުލޫމާތާއި މުނިފޫހިފިލުވުމުގެ
ވަސީލަތްތައް އާންމުވެފައިވާ ޒަމާނެއް ނުމެނޫންމެއެވެ. ޝައިޚުންނާއި އެ ބޭފުޅުންގެ
ދަރުސްތަކާއި ދީނީ ޖަމުޢިއްޔާތަކުގެ ޚިދުމަތްވެސް ލިބެންނެތް ޒަމާނެއްމެއެވެ.
ޒަމާނުގެ މި
ނުކުޅެދުންތެރިކަމުގެ ސަބަބުން އަހަރެންގެ ސިކުނޑީގައިވާ ހައިބަބޮޑު ފާރުގަނޑު
އިތުރަށް އުމަގުކުރުވިއެވެ. ހަމައެހެންމެ މި ޒަމާނުގެ އާދަތަކާއި ވަސީލަތްތައް
ތަޢާރުފުނުވެ އޮތުން އެއީ އަހަރެންގެ ޒަމާންނުދިޔަ ސަބަބަކަށް ވެސް ވިއެވެ.
މަސްތުވުމުގެ ކަޅުވިލާގަނޑާއި ޒަމާނީ ގުޑާކުތައް ދިވެހި ޖައްވަށް ތަޢާރުފުނުވާތީ
އެ އެއްޗެހީގެ އޮއިވަރުގައި އޮޔާދިއުމުން ސަލާމަތްވިއެވެ. ރަށްފުށުގައި ސިނިގިރޭޓު
އެހައި ތަދެވެ. އެހެންވެ ސިއްރު މަގަކުން ހިނގައި ދުންފަތުގެ ދަނޑަކަށް ވަންނާނެ
ފުރުޞަތެއް ވެސް ނަސީބަކުން ނުލިބުނެވެ. ގެއްލުނީ އަހަރެންގެ އުފާވެރި މިޒާޖުން
ބޮޑު ބައެކެވެ. ވަޅުވަދެ ކަޅުވީ އުފާވެރިކަމުގެ ދެލޮލެވެ. ސިފަގެއްލުނީ
ހިތާމަތަކުގެ ސިނގުބަޑެއްލައިގެންނެވެ. ގޭތެރެއާއި އާންމުންގެ ތެރޭގައި އިތުރަށް އަހަރެން
ބާކީވީ ކެއްސުންބަލީގެ މީހަކަށް އަންނަ ކެއްސުންގަނޑެއްފަދައިން ކުދިކުދި ކަންތަކާ
ކުއްލިކުއްލިއަށް އަންނަންފެށި އަޖައިބެއްފަދަ ވަރުގަދަ ސިނގުރުޅިއެއްގެ
ސަބަބުންނެވެ.
އަހަރެންނާ އެއްފުރާ
އެންމެން މީހުންނާ އިނދެފިއެވެ. ދިރިއުޅުންފަށައިފިއެވެ. ފުލުފުލުން ކުދިން ލިބެން
ފަށައިފިއެވެ. ފަޅޯއަޅައި ބަރާވެ ހަރުވެފައިވާ ގަހަކުން ފަހަރަކު ފަޅޮލެއް ދޮންވެ
ވެއްޓޭ ބީދައިން ފަހަރަކު މީހަކު ދިޔައީ ޒަވާޖީ ހަޔާތުގެ ގޮށްޖަހަމުންނެވެ. ހަޔާތުގެ
ހުސްކަމާހުރެ ހަފުސްވީ އަހަރެންނެވެ. ދެން ސުލައިމާނެވެ. އަހަރެން ހުހަށްހުރި
ހުރުމާމާދު މައިންބަފައިންގެ ކަންބޮޑުވުމެއް ފިކުރުބޮޑުވުމެއް ނުފެނުނެވެ. ވަކި
ހިސާބަކުން ސުލައިމާނު ވެސް ކައިވެނިކޮށްފިއެވެ.
ރީތިވުމުގެ ސަބަބުން ޓައްކިޔައި މަޝްހޫރުވެ ރަށުގެ އެންމެން މަށަށްމަށަށް
ގޮވަމުން އައި މަރިޔަނބާއެވެ. އަހަރެންގެ ހަގަށް ތިބި ހަތަރު ބެއިން ވެސް
ފިރިފުރާވަރަށް އެރިއެރިހެން ދިޔައީ ކައިވެނިކުރަމުންނެވެ. ނުމެވެއްޓި ނުމެދޮންވެ
ހުއްޔަކަށްވެ ހުއްސަކަށްވެ ހިނދިގެން ދިޔައީ އަހަރެންނެވެ.
މައިންބަފައިންގެ
ހަލާކުވެފައިވާ ރާޑަރު މަސައްކަތްކުރަންފެށީ އެ ހިސާބުންނެވެ. އެމީހުންގެ
ދުރުމިއަށް އަހަރެންގެ ހުހަށްހުރި ހުރުން އެރީ އެހައިތަނުންނެވެ.
"ކާސިމު. ބައްޕަ
ބޭނުން ކާސިމުގެ ކައިވެނިން ކާފަ ކިޔާނެ ކުއްޖަކު އުފަންވުން. ކައިވެންޏެއްކުރާނީ
ކޮން ދުވަހަކުން؟"
"ކައިވެނި"
މި ލަފުޒު ހިމެނޭ ފޮތް އަހަރެންގެ ކުރިމަތީ ފުރަތަމަ ފަހަރަށް މައިންބަފައިން ހުޅުވައިލިއެވެ.
ހިތާމައަކީ ފޮތަކީ ވަކި އުމުރެއްގައި ހުޅުވައި އެހީތެރިވެގެން މެނުވީ ކިޔަން
އެނގޭނެ އެއްޗެއްކަމެއް އެ މީހުންނަށް ނޭނގުނުކަމެވެ. އެއީ ވަކި ގޮތަކަށް
ދައްކައިގެން މެނުވީ ޝައުޤުވެރިވާނެ އެއްޗެއްކަމެއް އެ މީހުންނަށް ވިސްނިފައިނެތްކަމެވެ.
މިހާރު އެ ފޮތް ފެނުނަސް ވަނީ ފޫއްސެވެ. ހުޅުވަން އުޅުނަސް ކަރަނީ މެއެވެ. ބަލައިލެވެނީ
ހަންގަނޑަށެވެ. ހިތަށް އަރަނީ ކުރަންޖެހުނު ނާކާމިޔާބު ތަޖުރިބާތަކެވެ.
"ރޫސިހާބަތެއްކަމަކު
މީރުނޫން ލޮނުކަމެއް ލައިގެން ކާން އުޅުނީމައި ދެންވާނީ ކިހިނެއް؟" ބައްޕަގެ
ސުވާލަށް ޖަވާބުދިނުމަށް ކުރިންސުރެ އަހަރެން ތައްޔާރުކޮށް ފޮރުވައިފައި އޮތް
ސުވާލުގެ ޢިބާރާތް ބައްޕައާ ހަވާލުކުރީމެވެ.
"ބަތް ކިތަންމެ
މޮޅަސް، މީރަސް ލައިގެންކާއެއްޗެހި ނުބައިނަމަ އޯކަށްދެމޭނީ. ދިރެން އުނދަގޫވާނެ.
ކައިވެނީގެ ލައްޒަތު ބޮޑަސް މަގުސަދު މާތްނަމަވެސް އެކަމާ ގަޔާނުވާމަ ލިބޭނެ
އުފަލެއް ހާސިލުވާނެ ކަމެއް ނެތްކަމަށް ފެންނަނީ" ފޮޓޯގަނޑަކަށް ބަދަލުވެގެން
އިރުކޮޅަކު އިނދެފައި ވަށްކޮށްލައިގެން އިން ދެ ފައި ބޮޑުއަށިން ބާލަމުން ބައްޕަ ބުންޏެވެ.
"އެހެންވެ ފުރަތަމަ
އޮތީ ކައިވެންޏަށް ހިތްޖެހުން. އޭގެ ފަހުން ޝަރުތަކުގެ ލިސްޓެއް ހިފައިގެން ނުކުމެ
ތިކަމާ ވެސް އުޅެވޭތޯބަލަން ވީ"
މައިންބަފައިން
ތެޅިގަތެވެ. ކައިވެންޏާމެދު އަހަރެންގެ ހިތުގައިވާ ފޫހިކަން ވަޒަންކުރެވުމުންނެވެ.
އަތްފުނާއަޅައި އަހަރެން ގަޔާވާ ގަޔަށް ހެޔޮވަރު ލިބާހެއް ފެނޭތޯ
މަސައްކަތްފެށިއެވެ. އެކަމަކު ރަށުގެ އާބާދީ ބެހިފައިވަނީ ފުޅިކޭހެއްގައި ފުޅި
ހުންނަ އުސޫލުން ދަޅުކޭހެއްގައި ދަޅުހުންނަ އުސޫލުންނެވެ. އެ ފަދަ
ފޮށިގަނޑުތަކުގައި މަތި ހުންނަނީ ކޮންމެ ފުޅިއަކަށް މައްޗެއްނޫންހެއްޔެވެ؟ ކޮންމެ
ދަޅަކަށް މަތިގަނޑެއްނޫންހެއްޔެވެ؟ އަހަރެންގެ އުމުރުފުރާގައި އަންހެންކުދިން
ނިސްބަތުން މަދެވެ. ކޮންމެ ފިރިހެނަކަށް ކެވެލިހަމަވަނީ ގަސްދޮށަށް ވެއްޓިފައި
އޮންނަ ވަނދު ބަނބުކޭލާއި ލައްޖަހައިފައި އޮންނަ ފީކެޔޮ ވެސް ލައިގެންނެވެ. އެހެންވެ
ބޭނުންވަރަކަށް ހޮވާކަށް ބޭނުންހައި ޝަރުތަކުން މިނާކަށް އަންހެންކުދިންނެއް
ނެތެވެ. މި ކަންވީ އަހަރެން ގޮވައިގެން ކައިވެނީގެ ފިލްމު ބަލަން މައިންބަފައިން ޖައްސައިލާ
ކޮންމެފަހަރަކު ވެސް ފަހުތަޅައިލުންގަނޑާހަމައަށް ނުގޮސް ފިލްމު ނިންމާލައި އެހެން
ބާވަތެއްގެ ފިލްމެއް އަޅުވަން އަހަރެންނަށް ލިބޭ ސަބަބަކަށެވެ.
އެހެނަސް މައިންބަފައިންގެ
އާދޭސްކުރުންތައް ކުރެއްނުވިއެވެ. ދިގުވަމުން ގޮސް ދިގު ރުކެއްހައި ދިގުވިއެވެ. ކޮންމެ
ވާހަކައެއްގެ ނިމުން އަންނަނީ ކައިވެނިންނެވެ. ކޮންމެ އެއްވުމެއް ރޫޅޭ ސަބަބަކަށް
އެ ވާހަކަވެއްޖެއެވެ. ޖިންނިބަލީގެ މީހަކު
އުޅޭ ގެއެއްގައި ރުޤުޔާކުރުމަށް ތާއަބަދު ޤުރުއާން ޖަހައިފައި ހުންނަހެން ކައިވެނީގެ
ކުމުންޒާނިން މުޅިގޭގައި އޮންނަނީ ކޮށިއަރާވަރަށް ދުންއަޅައިފައެވެ. އުފާވެރި
ޖޯޑުތަކުގެ ކައިވެނީގެ ގުޅުންތައް ނުފެނޭތޯ ކޮންމެ ދުވަހަކުހެން ސުވާލުކުރެއެވެ.
"ކާސިމަކަށް
ނުފެނޭތަ ކޮއްކޮމެން ކައިވެނިކޮށްގެން އުޅޭތަނެއް؟ ސުލައިމާނު ކައިވެނި ކުރީމައި ޔަގީންކޮށްގެން
މިހުރީ ކާސިމު ކޮންމެވެސް މީހަކާ އިންނާނެކަމަށް. އެކަމަކު އެހެނެއްނޫން މިވީ.
ކޮންމެވެސް މީހަކާ އިންނަން އުޅޭ!"
"މަންމާ!
ނަމޫނާއެއްގެ ގޮތުގައި ނަގާ ކޮއްކޮމެންގެ ނަމޫނާ ބަލައިގަނެފިނަމަ ކައިވެނި
ފުރިހަމަވަނީ ވަރި ކުރުމެއް ވެސް ވާނަމަ. އެވެރިންގެ
ކައިވެނިން ލިބޭ ފަސޭހައަށްވުރެ ވަރިތަކުގެ ސަބަބުން މަންމަ އުފުލަންޖެހޭ ތަކުލީފު
ބޮޑު. އެ ކައިވެނިތަކުން ލިބުނު އުފަލުގައި އެންމެ ގަނޑުވަރެއް
ބިނާކުރެވިފައިވާނަމަ ފިކުރުތަކުން އިމާރާތްކުރެވުނު ކިއްލާތައް ހަތް ގުނަ
އިތުރުވާނެ. ވީއިރު ކައިވެނީގެ ވާހަކަ ދައްކާނަމަ ނާލު ބައްތެއްޔަކުން މާލެގޮސް
ރިސޯޓަކަށް ދާން އެބަވިސްނަން." ކާންއިންދައި ކައިވެނީގެ ލަވަ ފެށި
ދުވަހެއްގައި މަންމައާ ދިމާއަށް ބުނީމެވެ.
ހުޅުވައިފައި އޮތް
މަދު ރިސޯޓުތަކުން ދަތުރުވަރިއެއްގައި ގޮސް ވެސް އޭރު ވަޒީފާލިބެއެވެ. ވަނަވަރާއި
ސިޓީބިޓީލާކަށްނުޖެހެއެވެ. މާލޭ އޮފީހަށް ދިޔުމުން ވެރިން ރުހުމުން ވަޒީފާ
ލިބެއެވެ. ރޯދައަށް ރަށަށް އައިސްފައި ނުދިޔައިމައި އެ ކެނޑެވުނީއެވެ. އީދު
ނިމުމުން ދާހިތްޖެހުމުން އެހެން ރިސޯޓަކަށް ދިޔައީމައި އެ ވަދެވުނީއެވެ.
އަހަރެންގެ
އިންޒާރުގެ ރައްދެއް ނައެވެ. ދެ ބުމަ ގޮށްޖަހައިގެން ދެ ލޯ ބޮޑުކޮށްގެން މަންމަ
ހުރީ ހަނެވެ. އެ ހަނުހުރުން ކުރީ ދާއިމީއެވެ. އެ ދުވަހަށްފަހު ކައިވެނީގެ ވާހަކައެއް
ނުދައްކައެވެ.
އެންމެ ހަގު މީހާ
ފިޔަވައި އަނެއް ތިން މީހުންގެ ކައިވެނި ފަޓާސްބަރިއެއް ގޮވާހެން ގޮވައި ފުލުފުލުން
ރޫޅިއްޖެއެވެ. ސުލައިމާނުގެ ކައިވެނި ރޫޅި އެއްފަށްވެ ދެ ފަށްވެއްޖެއެވެ. އަހަރެންގެ
ރަށަކީ ވަރިގިނަ މި ރާއްޖޭގެ ވަރި އެންމެ ގިނަ ރަށަށް ވާނެކަމަށް އަހަރެންގެ ހިސާބުޖެހުމުން
ދައްކައެވެ. ވަރިކުރުމަކީ ރަށުގައި ލަދުވެތިކަމެއްނޫނެވެ. ފަށްވުމަކީ ކައިވެނި
ގަދަވާ ކަމެއްކަހަލައެވެ. ފަށްކަނޑައިގެން އިނދެގެން އުޅޭ ޖޯޑުތައް ނުހަނު ގިނައެވެ.
ރަށުގެ މި ދޯދިޔާ އާދަ ވެސް ވީ ލޯބީގެ އުނދޯއްޔަކަށް
އަރަން ހިތަށް އަރާއިރަށް ވެސް އަހަރެން ބޯއަނބުރައިގަންނަ އިތުރު ސަބަބަކަށެވެ.
އިންނާނެ މީހަކު ނުވެހުރުމަކީ ރަނގަޅަކަށް ވާކަމެއްކަމެއްކަމުގެ އިހުސާސް ހިތަށް
ވައްދައިދޭ ބޭހަކަށްމެއެވެ.
ހަޔާތުގެ ގަނޑުތައް
އުކެމުންދެއެވެ. ޒަމާނުގެ ދުވަސްތައް ފަހަތަށް ދެއެވެ. އިރުއަރައި
އޮއްސެމުންދެއެވެ. ކެއުމާއިބުއިމާއި އާދައިގެ މަތިން މަސައްކަތުގައި އުޅޭއުޅުން
ފިޔަވައި އިތުރުކަމެއް ނެތެވެ. ހަށިގަނޑަށް ދުވަސް ވަމުން ދިޔައެވެ. މަންމަ
ނިޔާވެއްޖެއެވެ. ހަށިގަނޑު ހިކިހޯލިކޮޅެއްހެންވެ ފެންބުއިމުގެ އަލާނުކެނޑި
ލޯފުސްވެ ރޯނާވެގެން އުޅެފައެވެ. ފަންޑިތަހަދައި އާހަދިޖަހައި ބޭސްގަނޑުގަނޑު
އަޅައިހެދިއެވެ. އެކަމަކު އޭރު އެއީ ހަކުރުބަލިކަމެއް ނުއެނގުނެވެ. މަންމަގެ
މަރާއެކު ބައްޕަގެ މަކާނަކީ ވެސް ބަލިއެނދުކަމުގައިވެއްޖެއެވެ. ދޭތެރެއަކުން ތޫނު
ތަދެއް މެއަށް އަރައި މާ އަވަހަށް ގުނބުހިލޭތީއެވެ. ހިތާމައަކީ އެއީ ހިތުގެ ލޭނާރުތަކުގައި
ސަރުބީޖަހައި ހިތުގެ ހިނގުމަށް ހުއްޓުންއަންނަ ކަމުގެ އަލާމާތެއްކަން ނޭނގޭކަމެވެ.
މި ހިތްދަތި ދަނޑިވަޅުގައި
ކުރިން ކުރިމަތިނުވާ މައްސަލައެއް ކުރިމަތިވިއެވެ. އެއް އަނގަތެރެއިން ނުކުމެ
އަނެއް އަނގައާ ހަމައަށް ވާސިލުވާ އަޑުތަކުގައި އަހަރެންގެ ނަމަކީ އެންމެ ގުނޭ
އެއް ނަމަށްވިއެވެ. ރަށުގެ މީހުން ދެކޭގޮތުގައި މަންމަގެ މަރުގެ މެދުވެރިއަކީ
އަހަރެން މީހަކާނުއިނުމެވެ. ބައްޕަގެ ބަލިއެނދު ޖަހައިދިން މާވަޑިއަކީ ވެސް
އަހަރެންނެވެ. ބައެއް މީހުންގެ ނަޒަރުގައި އަހަރެން އަންހެނުންދެކެ ފޫހިވަނީ ހޯޖާއެއްވީމައެވެ.
އެ އަޑުތަކުން ވެސް ހުއްޓިފައިވާ
އަހަރެންގެ ލޯބީގެ މެޝިން ހިނގައިގަންނަގޮތެއް ނުވިއެވެ. ދަބަރުޖަހައި މިލައަށް
ވެފައިވާ ފުރޮޅުތަކާއި ސަރަކަތައް އެނބުރޭނެ ގޮތެއްނުވިއެވެ. އަޑަކުން ކުރާނެ
އަސަރަކަށް ހިތަކު ޖާގައެއްނެތެވެ. އެހެންނޫނަސް ދުނިޔެ ދުނިޔެއަކަށް ވަނީ
އަޑުބަޑު ހުރެގެންނޫންހެއްޔެވެ؟ އަޑުބަޑުނެތް އެއްކުލައެއްގެ ދުނިޔެއެއްގައި ވާނީ
ކޮން ތަފާތުކަމެއްހެއްޔެވެ؟ މަތިވަރު ރަނގަޅު ރުކަކުން ހުއްސެއް ލިބިދާނެއެވެ. އެ
ބީދައިން ފިރިހެނަކު ވެސް ހުހަށްހުންނަން ޖެހިދާނެނޫންހެއްޔެވެ؟
އާދައިގެ މަތިން ލާނދާން
އެއްލަން ދިޔަ ދުވަހެކެވެ. އަހަރެން އިނީ ހުޅުނބުޖަހާށެވެ. އެއްގަމަށް ފުރަގަސްދީގެންނެވެ.
ފަޅުމައްޗަށް ލޯ ދިއްކޮށްގެންނެވެ. އެއީ އިރުވައިގެ މަޑު ރީތި ނަލަ ދުވަހެކެވެ. ނޫކުލައިގެ
މާސިންގާ ބިޔަ ބޮޑު ބޯތަށްޓެއްފަދަ އުޑުގައި ވިލާރޮއްޖެއްނެތެވެ. ކަނޑުގައި މަޑު
ނޫކުލައިގެ ފޮމެކާފިލާގަނޑެއް އަޅައިފައިވާފަދައެވެ. ދުރުން ރަށްތައް ފެންނަ އިރު ހީވަނީ
ނޫކުލައިގެ ވެލީގެ ސަރާސަރު ސަހަރާއެއްގައި ހުދު ބޮޅެއްގެ ތެރޭގައި ފެހި ގަސްބޮނޑިތަކެއް
ހުންނަހެންނެވެ. އެއީ ލާނދަލުގެ މަސްވެރިކަމަށް މަރުގެ ދުވަހެކެވެ. މެކުނާއި
އުނިޔައާއި ކިރުޅިޔާމަހުގެ ދުވަހެކެވެ. ރާބުޅާއި ކަޅުއޮށާއި ފިލޮޅު ލިބުނު
ދުވަހެކެވެ. ކޭލައާއި ވާލި ހިފުނު ދުވަހެކެވެ. ފަނިހަންޖާއި ކޮރަކަލި އަތުވި
ދުވަހެއްމެއެވެ.
"ވަރަށް ބޮޑު ވާހަކައެއް އެބައޮތް" ފަހަތުން ފަސްވަރަކަށް ފޫޓު ދުރުގައި ހުރެ މީހަކު ބުންޏެވެ. (މި ވާހަކަ ގެނެސްދިނުމަށް ހަމަޖެހިފައިވަނީ އާދީއްތަ އަދި ބުރާސްފަތި ދުވަހެވެ.)
ހަތަރުވަނަ ބައި
ހަތަރުވަނަ ބައި

+ comments + 4 comments
Konme baehge mafhoomu thah ves varah fahkaa munaasabu haalaiythah meshuverikoh bas koshaaru bwynun kurahvaafaivey.
Varah reethi
Varah Reethi mibai vess
ވަރަށް ބޮޑަށް ޝުކުރިއްޔާ. މިވަގުތު ދިމާވެފަިއވާ ފަންނީ މައްސަލައަކާ ހުރެ ވަކިވަކި ކޮމެންޓްސްތަކަށް ރިޕްލައިނުކުރެވޭ
Post a Comment