ބަނޑޭރިގަނޑު » » މެދުފިރި (ހަތަރުވަނަ ބައި)

މެދުފިރި (ހަތަރުވަނަ ބައި)

| 4/19/2020 on Sunday, April 19, 2020 dhuraya.blogspot.com :ލިޔުނީ

ބުރާސްފަތިދުވަހާ ގުޅޭ


އެއީ އެންމެ ފަރިތަ އަޑެވެ. އެހެންވެ ފަހަތް ބަލައިލުމެއްނެތި ޖަވާބުދިނީމެވެ. "ކިޔައި ކުރުކުރޭ"
"ފަށްޓާނެ ގޮތެއް ނޭނގޭތީ" ފައްވާރާއަކުން އަރާ ފެންގަނޑު ކުއްލިއަކަށް ބިންމައްޗަށް ފައިބައިގަންނަ ފަދަ ގޮތަށް ސުލައިމާނު އައިސް އަހަރެންގެ ގާތަށް ވެއްޓިގަންނަމުން ބުންޏެވެ.
 "ނުފަށްޓަނީސް ނިމޭނެ ގޮތެއް ނުވިސްނޭ. ނުކިޔައިދެނީސް އެނގޭނެ މަގެއް ވެސް ނުފެނޭ" ބުނަން ބޭނުންވާ ވާހަކަ ނުބުނެ ދިއުޅިދިގުކުރަން ފެށުމުން ހިތްހަމަނުޖެހި އިނދެ ބުނީމެވެ.
ނުފެށްޓެންޖެހޭނެ ވާހަކައެއް ހިއްސާނުކުރެވޭނެ މަޢުލޫމާތެއް އަހަރެމެންގެ އޮންނާނެކަމަކަށް ގަބޫލެއްނުކުރަމެވެ. އަހަރެމެންގެ ސިއްރުތައް ބުޅާގޯނިން ބޭރުވެ ބޭޒާރުވެފައެއްނެތެވެ. އެފަދަ ހާލަތެއް އަތުވެއްޖެނަމަ ސަލާމަތުން ނުތިބެވޭނެ އެތައް ސިއްރެއް އެބަހުއްޓެވެ. ޖަލަށްލެވި އަރުވާލަންޖެހޭނެ އެތައް ވާހަކައެއް އާންމުންނަށް ނުފެންނަ ހަރުގަނޑުތަކުގައި އަހަރެމެންގެ ސިއްރިޔާތުގެ ކުތުބުޚާނާގައި އެބަހުއްޓެވެ.
އަހަރެންގެ ރައްދު ޖަވާބަށް ފަހު ވެސް އެ ވާހަކައެއް ކިޔައިދޭކަށް ނޫޅުނެވެ. ޖެހި ބުދެއްހެން އިނީއެވެ. އެހެންވެ މިހައި ހިސާބަށް ކުރިމަތިނުވާ ކަމެއް ކުރިމަތިވެއްޖެކަމުގެ ރަތްބޮކި ދިއްލިއްޖެކަން އެނގުނެވެ. އެ ހިސާބުން ކުރަމުން އައި މަސައްކަތް ހުއްޓައިލީމެވެ. ސުލައިމާނާ ރަނގަޅަށް ހަތަރުކަޅި ހަމަކުރީމެވެ. އޭނާގެ މޫނަކީ އަހަރެން އެންމެ ގިނައިން ކިޔާ ފޮތެވެ. އެހެންވެ އެ މޫނުގައިވާ ހުރިހައި އަކުރެއް ހިތުދަހެވެ. ހުރިހައި ލަފުޒެއް ފެންފަދައެވެ. އެ މޫނުން އަންގައިދިނީ މީގެ ކުރިން ނުނަގާ ރާޅެއް ނަގައިފިކަމެވެ. ކުރިން ނުހެދޭ ބާގަނޑެއް ހެދިއްޖެކަމެވެ. އެ ރާޅަކީ އާދައިގެ ހަޅައަކުން އުފެއްދި ރާޅެއްނޫންކަމެވެ. އެ ބާގަނޑަކީ އާދައިގެ ތެރަހަކުން ބެދޭނެ ފަދަ ބާގަނޑެއް ނުމެނޫންކަމެވެ.
"އަޅެ ބުނެބަލަ! ކިހިނެއްތަ ވެގެންތިއުޅެނީ؟" އޯގާތެރިކަމުގެ ބެލުމަކާއެކު ކަންބޮޑުވުމުގެ ރާގަކާއެކު އެހީމެވެ.
"މަރިޔަނބު....! މަރިޔަނބު ފަށްވެއްޖެ. ތިންފަށްވެއްޖެ"
ސުލައިމާނުގެ ގެއަކީ އަހަރެން އެންމެ ގިނައިން ވަދެ އުޅޭ އެއް ގެއެވެ. އަމިއްލަ ގެ ފިޔަވައި އެންމެ ގިނައިން ކައިބޮއިއުޅެވޭ ގެއެވެ. އެހެންވެ ސުލައިމާނުމެންގެ ދިރިއުޅުމުގެ އަޑިގުޑަންތައް އެނގެއެވެ. އެއީ ލޯބިން އުޅޭ ދެ ރުޅި ކުކުޅުކަން އަހަރެން ދަންނަމެވެ. އެއް ފަށުން ނުވެގެން ދެ ފަށްވި ހިސާބުން އެއީ އެކުވެވެންނެތް އެކަމަކު އެކުވެގެން މެނުވީ އުފެދެން އޮތް ކުލައެއް ނޫންކަން ވެސް އެނގޭމެއެވެ. ކުނިމޫނު ހަދައި މަހެއް ނުލިބި އިންނަ މާކަނައެއްހެން ބިމަށް ތުންގަނޑު ހަރައިގެން މަރިޔަނބު އިންނަ ދުވަސްތައް ދިމާވަނީ މަދެއްކޮށެއްނޫނެވެ. އެ ދެ މީހުންގެ މޫނުމަތިން އުފާވެރިކަމުގެ ވިދުވަރަށްވުރެ ގިލަންވެރިކަމުގެ ކަނިބުރާ ދުވަސް ގިނައެވެ. އެހެންވެ ސުލައިމާނު ދިން އެ ޚަބަރަކީ ހައިރާންވެގެން ގޮސް އަހަރެންގެ އަންތަރީހުގެ މީޓަރުގެ ކަށި ކުއްލިއަކަށް އެންމެ މައްޗަށް އަރާވަރުގެ ޚަބަރެއްނޫނެވެ.
މަސްތައް އަމުނަންފެށީމެވެ. މަސްތައް ދޮވެ ދަނޑިގަނޑެއްގައި އެލުވައި އެއްގަމަށް އެރީމެވެ. ދާ އޮތީ ކޮނޑުގައެވެ. ދަނޑިގަނޑުގެ އެއްކޮޅު ހިފީ ސުލައިމާނެވެ. ގުންޑޮޅިފަށް ހުރަސްކޮށް ދެފަސްބެދުނު ހިސާބު ބަރުވައްޔެއްހެން ބުރަހެލިކަމާއެކު ހުރަސްކުރަންފެށީމެވެ. މަސްތައް ގިނަވެ އުފެއްދި ބަރުހެލިކަމުން ޗާބީދީގެން ހިންގާ ގަޑިއެއްގެ ބަރުހެން މަސްފަތިތައް ދެ އަތަށް ހަލުވަމުންދިޔައެވެ.
"ދެން ކިހިނެއް ކަންކުރަން ތި ވިސްނަނީ؟ ކައިބޮއި ޚަރަދުބަރަދުކޮށް ނިދަންޖެހޭނެނުން؟" ސުލައިމާނު ހުރީ ކޮޅު ބެދިފައިވާ މަގެއްގެ މެދުގައިކަން އެނގިހުރެ ސުވާލުކުރީމެވެ.
މަގުސަދަކީ އެ މަގު ފޫދުއްވައިލުމެވެ. އާ މަގެއް ހަދައިގެން ނަމަވެސް ސުލައިމާނު ސަލާމަތްކުރުމެވެ. ދިރިއުޅުމުގެ އާޖުފާޖު ހޭޑިފޭޑި ސުލައިމާނަށް ކިޔައިދޭން ނޭނގޭނެކަން އެނގެއެވެ. ކައިވެންޏެއްގެ ރަހައެއް ނޭނގެއެވެ. ކުލައެއް ނުފެނެއެވެ. އެ ފަދަ މީހަކަށް މި ހާލަތުގައި ދެވޭނީ ވެސް ފަހެ ކޮން ލަފައެއްހެއްޔެވެ؟ ދެވޭ ލަފައެއްގައި ލާނީ ކޮން އާރެއްހެއްޔެވެ؟ އެ އާރާމެދު އަމިއްލަ ނަފުސަށް ވެސް އޮތީ ޝައްކާއި ވަހުމުގެ ވިލާގަނޑެއްގެ ހިޔަނިއެޅިފައެވެ.
"ކާސިމު މަރިޔަނބާ އިނދެދެންވީނުން؟" ވޭނީ ރާގެއްގައި ރުވާފައި ސުލައިމާނު ދޫކޮށްލި ލަފުޒުތަކުގެ ތީރުން އަހަރެންގެ ކަންފަތް ތޮރުފައިލިއެވެ.
އިހުސާސްކުރެވުނީ އެ މަޑު ފަސްގަނޑުމަތީގައި އެ ބަރު މަސްތައް އުފުލަމުންދަނިކޮށް އަހަރެންގެ ބޮލުގައި ހިފައި އެ ފަސްގަނޑުތެރެއަށް ގަދަކަމުން ވައްދަން އުޅުނުހެންނެވެ. ބަނދަރުހަދާއިރު ޝީޓުޕައިލްކުރުމަށް ދަގަނޑު ވައްދާ ބީދައިންނެވެ. މޭފަޅާލައި ހިތުގެ ތިރީ ކައިރިއަށް ވަރުގަދަ ދަތްދަގަނޑެއްވައްދައި ހަށިގަނޑުން ހިތް އުތުވައިލައި ވަކިކޮށްލަން އުޅުނުހެންނެވެ. ފާރަކަށް ފުނަށްޖަހައިފައި ހުރި ފަލަ ދިގު މޮހޮރެއް އުތުވައިލާ ޒާތަށެވެ. އެހެންވެ ވޭނީ ގުޑުގުޑަކުން މުޅި ހަށިގަނޑު ގުޑުވައިލިއެވެ. ވާނުވާނޭނގޭ ތުރުތުރަކުން ހަށިގަނޑަށް ޝޮކެއް ގެނުވިއެވެ.
ހަމަ އެހިނދު މަސްތައް އެލުވައިފައިވާ ދަނޑިގަނޑު ބިންދައިގެން ގޮސްފިއެވެ. މަސްތައް ބިންމައްޗަށް ފައިބައިފިއެވެ. ދަނޑިގަނޑު ބިންދައިގެން ދިއުމާއެކު އެރި ލޮޅުމާއި ސިހުމުގައި ދެ މީހުންނަށް ވެސް ފަސްގަނޑުގައި ފާޑަކަށް ކުޑަކަކޫ ޖެހިއްޖެއެވެ. ކުރިން އެރި ލޮޅުމުގެ ތެރޭގައި ހުއްޓައި އެހެން ހެލުމެއް އައީއެވެ. އެކަމަކު މަސްދަނޑިގަނޑު ބިންދައިގެން ދިއުމުން އެރި ލޮޅުމަށްވުރެ ސުލައިމާނުގެ ދެންމެ އެ ބުނި ވާހަކައިން އައި ލޮޅުން ހާސްގުނަ ބާރުގަދައެވެ.
"ކީކޭ ތި ބުނީ؟" ހައިރާންކަމާއި ހާސްކަމުގެ ކޮށާރެއްގެ ދޮރުން ސިއްރުސިއްރުން ބޯދިއްކޮށްލާ ބީދައިން ސުލައިމާނާ ހަތަރުކަޅި ހަމަކޮށް ބުނީމެވެ.
ސުވާލުގެ ޖަވާބު ވަރަށް ތަފުސީލުކޮށް ސުލައިމާނު ކިޔައިދިނެވެ. އަދި ނުރައްކާތެރި ޖަރާސީމެއް ފަދައިން ނުވެސް އެނގިހުއްޓައި އެ ބިރުވެރި މަސައްކަތް އަހަންނަށް އަމާޒުވިގޮތް ބަޔާންކޮށްދިނެވެ. ބޮޑުވެގެންވާ ސިއްރެއްގެ ގޮތުގައި ބޭއްވުމަށް މަޖުބޫރުކޮށްފައެވެ. ރައްދުގައި ވަރަށް ގިނަ ނަޒަރިއްޔާ ދެއްކީމެވެ. ސަލާމަތްވުމަށް އެތައް އުކުޅެއް ބޭނުންކުރީމެވެ. ބަހަނާގެ ވަރަށް ގިނަ ސަބަބުތައް ނެގީމެވެ. ނުވާނެހެން ހީވާ ކަންކަން ވެސް ވެދާނެކަން ތަސައްވުރުކުރެވޭ ވަރަށް ވާހަކަދެއްކީމެވެ.
އެ ކަމަކު ގަޑިއެއްހައިއިރު ފަހުން މަސްތައް އަލުން އަމުނައިގެން އެހެން ދަނޑިގަނޑެއްގައި އެލުވައިގެން ހިނގައިގަނެވުނީ ސުލައިމާނަށް އަމާންދީގެންނެވެ. ހުރިހައި ހަތިޔާރެއް ބަހައްޓަން މަޖުބޫރުވެގެންނެވެ. އަހަރެން ގޮވައިގެން ސުލައިމާނު ވަނީ އިޚުތިޔާރެއްގެ ތެރެއިން ދޫކޮށްލެވެންނެތް މާއްދާއެއްގެ ތެރެއަށެވެ.
"މިއީ ހަޔާތުގައި އަހަރެންނަށް ކުރިމަތިވި އެންމެ ފިކުރު ބޮޑުކުރުވި މައްސަލަ. މި މައްސަލައިގައި އަހަރެން އެދޭފަދަ ހައްލެއްގެނެވޭނެ ކަމުގެ އިތުބާރު އޮތީ ހަމައެކަނި ކާސިމަށް. މި ކަމުން އަހަރެން ސަލާމަތްކުރެވޭނެ މީހެއް ކާސިމުނޫނީ ނެތް. ސަލާމަތްނުކޮށްދީފިނަމަ އަހަރެމެންގެ މެދުގައިވާ އެކުވެރިކަން ކިތަންމެ ވަރުގަދަޔަސް ކެނޑޭނެ."
ސުލައިމާނު އެ ދެއްކީ އެހެން ހުރިހައި މަގަކަށް ވުރެ އަހަންނަށް އަޑިގުޑަން ބޮޑުވާނެ މަގެކެވެ. ތެދެކެވެ. އަހަރެމެންގެ އެކުވެރިކަމަކީ ވަރުގަދަ އެކުވެރިކަމެކެވެ. އަލިމަހެއްހައި ހަރު ގުޅުމެކެވެ. އަލިމަސް ކިތަންމެ ހަރަސް ދަގަނޑުގަނޑަކުން ޖަހައި ހަލާކުކޮށްނުލެވުނަސް އެ ވެސް ހަލާކުވެ އާތްވަށްވެ ލޮލަށްނުފެންނަ ގޭހަކަށް ބަދަލުވާނެ ގޮތެއް އޮވޭނޫންހެއްޔެވެ؟ އެ ފަދައިން މި ލައިގަތް މުސީބާތެއްފަދަ މަސައްކަތް ނުކޮށްފިނަމަ އެ ކަން ވާނީ އަހަރެމެންގެ ގުޅުން އާތްވަށްވެ ގޭހަކަށް ވެގެން ހިނގައިދާނެފަދަ އަލިފާނަކަށެވެ. އަނެއްކޮޅުން ކިތަންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ނަމަވެސް ސުލައިމާނު ނެތް މަގަކުން ހިނގާކަށް އަހަރެން ބޭނުމެއް ނޫނެވެ. ހިނގާނެ ގޮތެއް ވެސް ނުމެ އެނގޭމެއެވެ.
ގެއަށް ގޮސް ފެންވަރައިގެން ބޮޑުއަށީގައި އަހަންނަށް ޚާއްޞަ ޖާގައިގައި ޖެހުނީ ޖައްސައިލާށެވެ. ލައިގަތް ބުރަ މަސައްކަތުގެ ސަބަބުން ފިކުރުގެ ބޮޑު ރާޅެއް އަހަރެންގެ ގައިމައްޗަށް މުގުރައިލީމައެވެ. ބޮޑުއަށީގައި އަޅައިފައި އޮތީ ތަންތަންކޮޅުން ވީދިފައިވާ ފޮތިގަނޑެއްފަދަ ބޯކެޔޮ ފަތުގެ ސާންތިގަނޑެކެވެ. ގެމަތީގައި އަޅައިފައިވާ ފިލާތަކުން ފައިބައިފައިވާ ގެރެވެލިތައް އުކާލައިފައިވާ ކުދިކުދި މިނާފުށްތަކެއްހެން ސާންތިގަނޑުމަތީގައި ހުއްޓެވެ. ބޭރުކުރާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެކަމަށް ފަރުވާލެއްނުބަހައްޓަމެވެ. ހަލަވެލިފަތްލައިގެން ތައްޔާރުކޮށްފައިވާ ކާށިތެލުން ކުރަލައިފައިވާ އުރަގަނޑެއްނެތް ބާލީސްގަނޑު ބޯދަށަށް ކޮއްޕާލައިގެން ވެއްޓިގަތީއެވެ. އަދި އުއްޑުންޖެހިފައި އޮތް ރުކުމަޑިއެއްގެ ފައިތައްހެން އަތްފަތް ތަޅުވަމުން ފިކުރުގެ ކަނޑެއްގައި ފަތަންފެށީމެވެ.
އަހަރެން މިއީ އަދި ދުވަހަކު މީހަކާ ނުއިންނަ މީހެކެވެ. ހަޔާތުގައި ލައްވާލި ނާކާމިޔާބުގެ ކޮޅިގަނޑުތަކާހެދި ކައިވެންޏަށް އަލްވަދާޢު ކިޔައިގެން ހުރި މީހެކެވެ. ކައިވެނީގެ ދޯންޏަށް ނުފަރިތަ ހެލިފެލިވެއުޅެން ނޭނގޭ ބާކަލޯއެއްފަދަ ބުރަހެލި މީހެކެވެ. އެފަދަ ހާލަތުގައި ހުރި މީހަކަށް ފަށެއް ކެނޑޭނީ ކިހިނަކުންހެއްޔެވެ؟ އެ ބާރު އަހަރެންގެ ކިބައިގައި ހުންނާނެހެއްޔެވެ؟ އަނެއްކޮޅުން މަރިޔަނބަކީ އަހަރެންގެ ޢާއިލީ މީހެއް ފަދައިން ދެކެމުން މުޚާޠިބުކުރަމުން އައި މީހެކެވެ. ތާއަބަދު އެ ގެއަށް ގޮސް އުޅުނަސް ސުލައިމާނާއެކު އެއް ސުފުރާމަތިން ކައި އުޅުނަސް މަރިޔަނބާ ދުވަހަކު ހަތަރުކަޅި ވެސް ހަމަނުކުރަމެވެ. އެ ވެރިންގެ ދަރިން އަހަރެންނާމެދު ދެކެނީ ބޭބެއެއްފަދައިންނެވެ. އެހެން މީހުން ކިޔާހެން ދޮންކާސިމްބެއެކޭ ވެސް ނުކިޔައެވެ. މިއީ ހަމަ ކާސިމްބެއެވެ. ކަންމިހެން ހުރިއިރު މަރިޔަނބާ އިނުމުގެ ކުޑަ ވެސް ފުރުޞަތެއް އަހަރެންނަށް އެބައޮތްހެއްޔެވެ؟ މައިންބަފައިންގެ ކަންބޮޑުވުންތަކުން އެއް ކަންބޮޑުވުމަކީ ހުހަށް ހުރެ އަހަރެން ތާންނުދޮންނަބާފޮތިގަނޑަކަށްވުމެވެ. އެހެން އެ ކަން އޮއްވައި ތިންފަށްވެފައިވާ އަންހެނެއްގެ ފަށް ކަނޑައިދޭ ކަތުރަކަށް އަހަރެން ވާން އުޅޭކަން ބައްޕައަށް އަންގާނީ ކިހިނެއްހެއްޔެވެ؟
މިއީ ދެބައޮޑުވުން ގިނަ ރަށެކެވެ. ނެތިމޮށުން އުފަލެއްކަމަށް ގަބޫލުކުރާ ބައެއްގެ ރަށެއްމެއެވެ. ހޮޅިވާހަކަދެއްކުމަކީ  މި ރަށުމީހުންގެ ސަޤާފަތެކެވެ. މަންގަނޑުތައްމަތީ މީހުންގެ ވާހަކަދައްކަން ތިބުމަކީ މި ރަށު އަންހެންވެރިން އެންމެ ކުރާހިތުން ކުރާ ކަމެވެ. އެހެންވެ މަރިޔަނބާ އިނދެފިނަމަ ކާޅުގޮވާހެން މި ރަށުގައި އޮންނާނީ އަހަރެންގެ ވާހަކަނޫންހެއްޔެވެ؟
ސިކުނޑި ސުމަކަށް ގޮސްފިއެވެ. އެ ވެސްމަރެވެ. މި ވެސް މަރެވެ. ހަނދާނަށް އަންނަނީ މަޝްހޫރު މަލިކުލަވައެވެ. "އުޅެވޭކަށް ނެތެވެ. ނުއުޅެ މިތާ އުޅެވޭކަށް ވެސް ނެތެވެ." އެހެންވެ އަމިއްލަ ނަފުސުން ހިތްވަރު ލިބިގަނެ މަސައްކަތުގައި ކުރިޔަށް ދިއުމަށް އެކަމަކު ލަސްފިޔަވަޅުތައް    އަޅަންފެށީމެވެ. ފުރަތަމަ ކުރަންޖެހޭ މަސައްކަތް ބިރުންހުރެ ފަށައިގަތީމެވެ. (ނުނިމޭ. މި ވާހަކަ ގެނެސްދިނުމަށް ހަމަޖެހިފައިވަނީ އާދީއްތަ އަދި ބުރާސްފަތިދުވަހެވެ.)



މިލިޔުން ހިއްސާކުރެއްވުމަށް :

+ comments + 3 comments

April 19, 2020 at 10:24 AM

Anekkaves Inthizaaru
V molhu

April 19, 2020 at 10:51 AM

Haadha salhi vaahaka ekey kaasimah ufaaveri nimuneh libeyne baa?

April 19, 2020 at 1:45 PM

vaahaka varah reethi. furathamavess kaasim goruloagandah.. 😀

Post a Comment

 
© 2015-2020.MuNeEz by DHURAYA