ބަނޑޭރިގަނޑު » » ދިވެހިންގެ ނަންކިޔުމުގެ ސަޤާފަތުގައިވާ އަމިއްލަވަންތަކަމާއި އެހެން ސަޤާފަތްތަކުގެ އަސަރުތައް -1

ދިވެހިންގެ ނަންކިޔުމުގެ ސަޤާފަތުގައިވާ އަމިއްލަވަންތަކަމާއި އެހެން ސަޤާފަތްތަކުގެ އަސަރުތައް -1

| 7/20/2018 on Friday, July 20, 2018 dhuraya.blogspot.com :ލިޔުނީ



1.       ރާއްޖޭގެ ނަންކިޔުމުގެ ސަޤާފަތުގައިވާ ސިފަތައް ދެނެގަތުމަށްޓަކައި މި ދާއިރާއިން ލިޔެފައިވާ އިތުބާރުހުރި ލިޔުންތައް ނެތަތީވެ މަޢުލޫމާތު ހޯދުމުގައި އަސްލަކަށް ބަލަންޖެހުނީ އިލެކްޝަންސް ކޮމިޝަނުންނާއި ރަށްރަށުގެ ނަންލިސްޓުތަކެވެ. އޭގެ އިތުރުން ބައެއް ރަށްރަށުގައި ނަންކިޔުމުގައިވާ ސަޤާފީ ސިފަތައް ބަޔާންކޮށްފައިވާނީ އެ ރަށްރަށަށް ނިސްބަތްވާ ފަރާތްތަކުން ލިބުނު މަޢުލޫމާތުންނެވެ.
2.       ރާއްޖޭގައި ނަންކިޔުން އޮތްގޮތުގެ ވާހަކަ ދައްކާއިރު ފުރަތަމަ ވެސް ފާހަގަކުރަން ޖެހެނީ ރާއްޖޭގެ ނަންކިޔުން ބައްޓަންވެފައި އޮތީ ގުރޯ ރެއިޒްޓަރ (2012) ހާމަކުރައްވާފަދައިން ގިނަ މުސްލިމުން ނަންކިޔައި އުޅޭ ގޮތަށްކަމެވެ. މަރްޔަމް އަޒުރާ އަޙުމަދާއި ޙަސަން ޙަމީދު (2011) ހާމަކުރައްވާގޮތުން ރާއްޖެ އިސްލާމްވިއިރު ހުންނެވި ރަސްގެފާނަށް އިސްލާމްވުމުން ކިޔުނީ "މުޙައްމަދު ބިން ޢަބްދުﷲ"އެވެ. ދިވެހިންގެ ނަންކިޔުމަށް އައި މި ބޮޑު ބަދަލުގެ ފެށުން ބައްޓަންވީ ބެތް ނޮޓްޒަންއާއި ގައިލް ނެސަމް (2005) ހުށަހަޅުއްވާފަދައިން އަރަބިން ނަންކިޔުމުގައި ބޭނުންކޮށްއުޅޭ "ނަސަބު" ބޭނުންކޮށްގެންނެވެ.
3.       އެހެނަސް ނަސަބު ބޭނުންކުރުމަކީ ރާއްޖޭގައި އާންމުކަމެއްނޫނެވެ. އިލެކްޝަންސް ކޮމިޝަން (2008) އެކުލަވައިލި ހދ އަތޮޅުގެ ރަޖިސްޓަރީގައި 19928މީހުންގެ ނަން އޮތް އިރު ނަސަބު ބޭނުންކޮށްފައި އޮތީ އެންމެ 13 ނަމުގައެވެ. އިލެކްޝަންސް ކޮމިޝަން (2017) އާންމުކޮށްފައިވާ ބ ކަމަދޫގެ ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ ލިސްޓުގައި 338ނަން އޮތް އިރު އެއްވެސް ނަމެއްގައި ނަސަބު ބޭނުންކޮށްފައެއްނުވެއެވެ. އެކަމަކު ނޮޅިވަރަމުގެ ރަޖިސްޓަރީ (2018)ގައި 2645 މީހުން ހިމެނޭ އިރު 41 ނަމުގައި ނަސަބު ބޭނުކޮށްފައިވެއެވެ. މި ހުރިހައި ކުދިންނަކީ 8 އަހަރުން ދަށުގެ ކުދިންނެވެ. ވީމާ މި ކަމުން އަންގައިދެނީ އިހުގައި ނަސަބު ބޭނުންކުރުން މަދުކަމާއި އަލަށް އުފަންވާ ކުދިންނަށް ނަސަބު ކިޔުން އިތުރުވާކަމެވެ.
4.       އާންމުގޮތެއްގައި ރާއްޖޭގައި މީހުންނަށް ބޭނުންކުރަނީ ދެ ނަމެވެ. އިލެކްޝަންސް ކޮމިޝަން (2017) އާންމުކޮށްފައިވާ ބ ކަމަދޫގެ ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ ލިސްޓުގައިވާ ނަންތަކުގައި ތިން ނަން ބޭނުންކޮށްފައި އޮތީ 21 މީހުންނަށެވެ. ތިން ނަން ބޭނުންކުރާނަމަ ފަހުނަމަކަށް ގިނައިން ބޭނުންކުރަނީ ބައްޕަގެ ނަމެވެ. އެކަމަކު ތިންވަނަ ނަމުގެ ގޮތުގައި ދިވެހި ނަންތަކެއް ބޭނުންކުރާ އިރު މި ނަންތައް ދެވަނަ ނަމާއެކު ބޭނުންކުރާކަން ވެސް ފާހަގަވެއެވެ. ތާވަލު1ގައި އެވަނީ އެ ފަދަ ނަންނަތަކެވެ.
ތާވަލު 1
ދެވަނަ އަދި ތިންވަނަ ނަމުގެ ގޮތުގައި ބޭނުންކުރެވޭ ދިވެހިނަންތައް
ދިވެހިނަން
ދެވަނަ ނަމުގެ ގޮތުގައި ބޭނުންކުރެވޭ ގޮތް
ތިންވަނަ ނަމުގެ ގޮތުގައި ބޭނުންކުރެވޭ ގޮތް
ފުތު
މުޙައްމަދު ފުތު
މުޙައްމަދު ޙުސައިން ފުތު
ކަލޯ
ޙުސައިން ކަލޯ
ޙުސައިން މުޙައްމަދު ކަލޯ
ދިޔެ
ޢާއިޝާ ދިޔެ
ފިރިހެން ނަމުގެ ފަހަތަށް ދިޔެ ނުގެނެވޭ
މަނިކެ/މަނިކު
ޢާއިޝާ މަނިކެ / މުޙައްމަދު މަނިކު
ޙުސައިން މުޙައްމަދު މަނިކު
ޢާއިޝަތު މުޙައްމަދު މަނިކު
ފާނު
ޢާއިޝާފާނު
ފިރިހެން ނަމުގެ ފަހަތަށް ފާނު ނުގެނެވޭ
ފުޅު
ޢާއިޝާފުޅު
ޢާއިޝަތު މުޙައްމަދުފުޅު
ބެއްޔާ
މުޙައްމަދު ބެއްޔާ
ޢަލީ މުޙައްމަދު ބެއްޔާ
ތައްޚާނު
ޙުސައިން ތައްޚާނު
މުޙައްމަދު ޙުސައިން ތައްޚާނު

5.       ދެވަނަ ނުވަތަ ތިންވަނަ ނަމާއެކު ބޭނުންކުރާ ބައެއް ދިވެހި ނަންތައް ފިރިހެން ނަމާއެކު އައްޑޫގައި ބޭނުމެއް ނުކުރެއެވެ. (ހިދާޔާނަޢީމު، ލިޔުންތެރިޔާ ގާތު ބުނި ވާހަކައެއް، 1 އޭޕްރީލް 2018). ރާއްޖެ ފަދައިން ތިން ނަން ބޭނުންކުރުމަކީ ސޯމާލިޔާގައި އޮންނަ ސަޤާފަތެކެވެ. (ޑޭވިޑް ޖޭ ހަރގްރީވްސްއާއި ބައިވެރިން، 1983). އަދި ދެވަނަ ނަމެއްގެ ގޮތުގައި ޢާއިލީ ނަން (އެބަހީ ބައްޕަގެނަން) ޖަރުމަނާއި ނޯވޭގައި ބޭނުންކުރެއެވެ. (ޗާލްސް ހެގް ސްޓްރޯމް، 2012).
6.       ރާއްޖޭގެ ނަންތަކުގެ ފަހަތަށް އަމިއްލަ ނަން އިތުރުކުރެވޭ ބީދައިން ހިސްޕެނިކް ނަންތަކުގެ ފަހަތަށް ސަފިކްސްއެއްގެ ގޮތުގައި " ez" އިތުރުކުރެވެއެވެ. މާނައަކީ "ފިރިހެންދަރި"އެވެ. (އެންޖެލާ އެޑަމްސް، 2010). ރާއްޖޭގައި އިތުރުކުރެވޭ ދިވެހި ނަންތަކުގައި ޚާއްޞަ މާނައެއް ނޯވެއެވެ. އަންގައިދެނީ ނަމުގެ ޖިންސެވެ. އެކަމަކު "ފުޅު" މިއީ ޖިންސު އަންގައިދޭ ސަފިކްސްއެއް ނޫނެނެވެ. ނޮޅިވަރަމުގައި ފުޅު އިތުރުކުރީ ޙައްޖަށްދާ މީހުންނަށާއި ޙައްޖުވުމަށްފަހު ލިބޭ ފުރަތަމަ ދަރިފުޅުގެ ނަމާއެކުއެވެ. (އާމިނަތު މޫސާ، ލިޔުންތެރިޔާ ގާތު ބުނި ވާހަކައެއް، 1 އޭޕްރީލް 2009). ފާހަގަކުރަންޖެހެނީ މިއީ ވެސް ރާއްޖެއަށް ޚާއްޞަ އުސޫލެއް ނޫންކަމެވެ. ހައްޖަ ހައުވާ ސާލިހު (2014) ހާމަކުރައްވާގޮތުން ޙައްޖުވެއްޖެނަމަ ނަމުގެ ކުރިޔަށް "އަލްޙާޖީ"، އަންހެނަކު ނަމަ "ޙަޖިޔާ" ހައުސާބަހުގައި އިތުރުކުރެއެވެ.
7.       ރާއްޖޭގެ އެކި ރަށްރަށުގައި އާންމު ނަންތަކެއް ހުރެއެވެ. މާމިގިލީގައި "މަޙުމޫދު" ގިނައެވެ. (ލިޔުންތެރިޔާގެ އަމިއްލަ ތަޖުރިބާ). ކުޅުދުއްފުށީގައި "އަބޫބަކުރު"އަކީ ގިނައިން ކިއުނު ނަމެކެވެ. އިލެކްޝަންސް ކޮމިޝަން (2008)ގެ ކުޅުދުއްފުށީ ވޯޓުލިސްޓުގައި "އަބޫބަކުރު" ހިމެނޭ  306ނަން އޮތެވެ. ނޮޅިވަރަމު ރަށްވެހިންގެ ރަޖިސްޓަރީ (2018)ގެ 20.2 އިންސައްތަ ނަމުގައި "މުޙައްމަދު" ހިމެނެއެވެ.
8.       އެއް ނަމެއް މަޝްހޫރުވުމުގެ ސަޤާފަތް ނޯވޭގައި އޮވެއެވެ. އެ ޤައުމުގައި އެންމެ މަގުބޫލީ "ހެންރިކް"އާއި "އިސަބެލް"އެވެ. މުސްލިމުންގެ ތެރޭގައި އެންމެ އާންމީ "މުޙައްމަދު"އެވެ. (ގުރޯ ރެއިޒްޓަރ، 2012). އެފުރިކާގައި އެލިޒަބަތާއި މޭރީއާއި ޖޯންއާއި ޕީޓަރއަކީ އާންމު ނަންތަކެވެ. (ބާނާރޑް އެޕިއަރ، 2010).
9.       ރާއްޖެއަކީ ނަމާއެކު އޮނަރިފިކްސް ބޭނުންކުރާ ޤައުމެކެވެ. ވަޒީފާއާއި ވަންހައާއި ތަޢުލީމީ ފެންވަރާއި ޖިންސާއި ޢާއިލީ މަޤާމު ފާހަގަކޮށްދޭ އޮނަރިފިކްސްތައް ރާއްޖޭގައި ބޭނުންކުރެއެވެ. ތާވަލު 2ގައި އެވަނީ އެ ފަދަ ބައެއް އޮނަރިފިކްސްތަކެވެ. މި އޮނަރިފިކްސްތައް ނަމުގެ ކުރިއަށާއި ފަހަތަށް ގެނެވެއެވެ.

ތާވަލު 2
ރާއްޖޭގައި ބޭނުންކުރާ ބައެއް އޮނަރިފިކްސްތަކާއި "ޓައިޓަލް" ނަންތައް
ވަޒީފާއާ ގުޅުންހުރި
ކަތީބު
ނައިބު
ވަޒީރު
ކާތިބު
ރައީސް
މެންބަރު
މަސައްކަތު
ދޮރުވާނު
ކައްޕިތާނު
ކާތިބު
ޑްރައިވަރު
ޑަރޯގާ
ޕިޔޯނު
ބޭކެނބި
ވަންހައާ ގުޅުންހުރި
އައްނަބީލް
ކިލެގެ
މަނިކުފާނު
މަނިއްޕުޅު
ސާހިބު
ޚާދިމު
އަލްއަމީރު
ތަޢުލީމީ ފެންވަރާގުޅުން ހުރި
ޑރ
ޓީޗަރ
ވަކީލު
ގާޒީ
ފަނޑިޔާރު
ޝޭޚު
ޕައިލެޓު
ނަރުސް
ސީދީ
ދާރިސް
ސައްޔިދު
އުސްތާޒު
އެދުރުބެ
އެދުރުދައިތަ
ޖިންސާ ގުޅުންހުރި
އަލްފާޟިލް
އަލްފާޟިލާ
އަޚު
އުޚުތު
ކޮޔާ
ކަލޯ
އަހޭ
ޢާއިލީ މަޤާމު ހާމަކޮށްދޭ
މަންމަ
ބައްޕަ
ބޮޑުބޭބެ
ޅިޔަނު
ބޮޑުދައިތަ
ކާފަ
މާމަ


10.  ތާވަލުގައި ނެތް ނަމަވެސް އިނގިރޭސިބަހަށް ނިސްބަތްވާ ގިނަ އަދަދެއްގެ އޮނަރިފިކްސް ރާއްޖޭގައި ބޭނުންކުރެވެއެވެ. އޭގެތެރޭގައި ސަލާމަތީ ޚިދުމަތްތަކުގައި އުޅޭ މީހުންނަށް ބޭނުންކުރެވޭ އޮނަރިފިކްސްއާއި އާންމުންނަށް މުޚާޠިބުކުރުމަށް ބޭނުންކުރާ އޮނަރިފިކްސް ހިމެނެއެވެ. މިސާލަކަށް "މޭޖަރ" މިއީ ދިފާޢީ ބާރުގައި ބޭނުންކުރާ އޮނަރިފިކްސްއެކެވެ. "އޮނަރަބްލް" މިއީ އާންމު މީހާގެ ޤަދަރު އުފުލިގެންވާކަން ހާމަކުރުމަށް ބޭނުންކުރާ އޮނަރިފިކްސްއެކެވެ.
11.  އޮނަރިފިކްސް ބޭނުންކުރުމުގެ ސަޤާފަތް އަރަބިންގެ ތެރޭގައި އޮވެއެވެ. ބެތް ނޮޓްޒަންއާއި ގައިލް ނެސަމް (2005) ހާމަކުރައްވާގޮތުން އަރަބިން ނަންކިޔުމުގައި ގެންގުޅޭ ކުންޔާއަކީ އޮނަރިފިކްސްއެކެވެ. މިސާލަކަށް "ބޮޑުބޭބެ" އާއި "އުންމު" ފަދަ ކުންޔާތަކަކީ އޮނަރިފިކްސްއެވެ. އަފުޣާނިސްތާނަކީ ވެސް އޮނަރިފިކްސް ބޭނުންކުރާ ޤައުމެކެވެ. ޖިންސާއި ދީނީ ޢިލްމު ލިބިފައިވާ މިންވަރާއި އަސްކަރީ ދަރަޖައާއި ޝަރަފުވެރިކަމާއި ބާރުވެރިކަން ހާމަކުރާ އޮނަރިފިކްސް އަފުޣާނިސްތާނުގައި ބޭނުންކުރެއެވެ. (މެރިން މެގަޑޫމައިން، 2009). އަދި އަކާންބަހުގައި މީހުންނަށް ކިޔާ ނަމާއެކު އޮނަރިފިކްސްއާއި "ޓައިޓްލް" ނަން ބޭނުންކުރެއެވެ. (ކޯފީ އަގީކަމް، 2006)
(ނުނިމޭ)

އިތުރު ލިޔުންތައް ކިޔުއްވުމަށް
މިލިޔުން ހިއްސާކުރެއްވުމަށް :

+ comments + 4 comments

July 21, 2018 at 4:51 PM

ވަރަށް ޝައުގުވެރި

July 22, 2018 at 8:00 AM

ޝުކުރިއްޔާ

July 23, 2018 at 11:41 AM

Mauloomathu mussandi v. Shauguveri liyumeh

July 27, 2018 at 3:34 PM

v b shkuriyaa

Post a Comment

 
© 2015-2020.MuNeEz by DHURAYA