2018
ޖުލައި 20ވަނަ ދުވަހާ ގުޅޭ
2.
ރާއްޖޭގައި ކިޔޭ ބައެއް ޢާއިލީ ވަނަންތައް އެ މީހަކު ނިސްބަތްވާ ގެއާ
ގުޅުވައިގެން ކިޔައިފައި ހުރެއެވެ. މިސާލަކަށް "ޗަންޕާ"އަކީ އެ ފަދަ
ވަނަމެކެވެ. މިއީ އެމެރިކާގައި ވަނަން ބޭނުންކުރާ އުސޫލެކެވެ. (އަލްމިރާ ކޭ
ގަރަޔެވާއާއި ބައިވެރިން، 2016). ކުރޮއޭޝިއާގެ ބައެއް ވަންހަތަކުގައި ޢާއިލީ
ވަނަން ބޭނުންކުރެއެވެ. (އިނެސް ކާރވިކް، ކުރިސްޓިއަން ނޮވަކް، 2014). މިއީ
ރާއްޖޭގައި ބޭނުންކުރެވޭ ޢާއިލީ ވަނަންތަކުން ވެސް ފެންނަ ސިފައެކެވެ. އަޅުގަނޑުގެ
ޢާއިލީ ވަނަމަކީ "ދަގަނޑު"އާއި "ނައު"އެވެ.
ތާވަލު 3
|
||
ދިވެހިންގެ ތެރޭގައި ވަނަން ބޭނުންކުރުން އޮތް ގޮތް
|
||
ވަނަން
|
ބޭނުންކުރެވޭ ސަބަބު
|
މިސާލު
|
އޭޑީކޭ
|
ކާކުކަން ދެނެގަތުމަށް
|
އޭޑީކޭ ނާޝިދު
|
އުއްޗު
|
ނަންދިގުވުމުން
ކުރުކޮށްލުމަށް
|
މުޙައްމަދު މޫސާ (އުއްޗު)
|
ދަގަނޑޭ
|
ޝަޚުޞިއްޔަތުގައި ހުރި
ސިފައަކާހެދި
|
ޢަލީ އަޝްފާޤު (ދަގަނޑޭ)
|
ޙިމާރުލް ޤައުމު
|
އަމިއްލައަށް ބޭނުންވުން
|
ޙުސައިން ޢަފީފުއްދީން
(ޙިމާރުލް ޤައުމު)
|
ފުލެޓު ދޮންބެ
|
ފުރައްސާރަކުރުން
|
މުޙައްމަދު ނަޝީދު
(ފުލެޓު ދޮންބެ)
|
ޗަންޕާ
|
ވާރުތަވަމުންއަންނަ
ޢާއިލީ ނަން ބޭނުންކުރުން
|
(ޗަންޕާ) ޙުސައިން ޢަފީފު
|
ލޮލީ
|
ހާދިސާއެއް ނުވަތަ
ހިނގިކަމަކާ ގުޅިގެން
|
(ލޮލީ ޖާބިރު) ޢަބްދުﷲ
ޖާބިރު
|
3.
އަމިއްލައަށް ވަނަން ކިޔުމަކީ މެދުއިރުމަތީގެ ޤައުމުތަކުން
ފެންނަކަމެއްކަމަށް ސްޓީވަން ސީ ކޮއެން (2015) ހާމަކުރައްވައެވެ. އޭނާ
ބަޔާންކުރައްވާގޮތުން ހުޅަނގާއި އިރުމައްޗަށް ނިސްބަތްވާ ވަނަންތައް ކުވޭތުގެ
ކިޔަވާކުދިން އަމިއްލައަށް އެ ކުދިންނަށް ކިޔައިއުޅެއެވެ.(ސ.3). ރާއްޖޭގައި ވެސް
ކަންއޮތީ މިހެންނެވެ. ބައެއް މީހުން އިންޑިޔާގެ ފިލްމީތަރިންނަށް ވެގެން އުޅެއެވެ.
ހުޅަނގުގެ ފުޓުބޯޅަކުޅުންތެރިންނާއި އެހެނިހެން ޝަޚުޞިއްޔަތުންގެ ނަމުން
އަމިއްލައަށް މުޚާޠިބުކުރެއެވެ.
4.
ވަނަމެއްގެ ގޮތުގައާއި ބޭއަދަބީކޮށް މުޚާޠިބުކުރުމަށް ޖަނަވާރުގެ ނަން
ރާއްޖޭގައި ބޭނުންކުރެއެވެ. ބަޅު، ކުއްތާ، އޫރު ފަދަ ނުބައިވެގެންވީ ޖަނަވާރުގެ
ނަންތައް ބާޒާރީ ބަހުރުވައިގައި އާންމެވެ. އަދި ކުޑަކުދިންނާއި އަންހެނުންނަށް
ލޯބިން ވެސް ޖަނަވާރުގެ ނަމުން މުޚާޠިބުކުރެއެވެ. ސަބީނާ ރެސްޓިއަރއާއި ބިލްޖަނާ
ރެޑިކް (2003) ހާމަކުރައްވާގޮތުން ސާބިޔާގައި ވެސް މިކަން އޮވެއެވެ. އެ ޤައުމުގައި
ލޯބިން ޖަނަވާރުގެ ނަމުން އިންސާނަކާ މުޚާޠިބުކޮށްފާނެއެވެ.
5.
ނަންކިޔުމާ ގުޅުންހުރި ސަޤާފީ އަދި ޢަޤީދާއާ ގުޅޭ ގަބޫލުކުރުންތަކެއް
ދިވެހިންގެ ހުރެއެވެ. މި ގަބޫލުކުރުންތައް ބައްޓަންވެފައި އޮންނަނީ
އިސްލާމްދީނުގައި ކަން އޮންނަ ގޮތްކަމަށް އޭރަކު ލިބޭ މަޢުލޫމާތެއްގެ މައްޗަށްކަން ފާހަގަކުރެވެއެވެ. އަޙުމަދު
ސަލީމު ޙުސައިނާއި މަރިޔަމް ޝަބާނާ (2014) ބަޔާންކުރައްވާގޮތުން ރަސޫލާ ‘ އިރުޝާދުދެއްވައިފައިވަނީ ރަނގަޅު މާނައެއް އެކުލެވޭ،
ފައިދާކުރާ ނަމެއް ކިޔުމަށެވެ. ނަބީބޭކަލުންގެ ނަމާއި ﷲގެ އިސްމުފުޅުތަކުން
ނަންކިޔުމަކީ އެދެވޭކަމެކެވެ. ނަންކިޔާއިރު ކުއްޖާގެ ނަމުގެ އިތުރުން ބައްޕައާއި
ކާފަގެ ނަން ހިމަނަން އިސްލާމްދީން ބާރުއަޅައެވެ.
6. ދިވެހިންގެ ނަންކިޔުމުގެ އަސްލު
މައިގަނޑުގޮތެއްގައި ބިނާވެފައި އޮތީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ކަމަށްވާތީ
އަދި ކޮންމެކޮންމެ ނަމެއް ސަރުކާރުން ރަޖިސްޓަރީ ނުކޮށްދޭތީ އެހެން
ސަޤާފަތްތަކުގައި އޮންނަ ނަންކިޔުމުގެ ސަޤާފަތް ދިވެހި މުޖުތަމަޢުން ފެންނަނީ
ވަރަށް ކުޑަކޮށެވެ. ނަމަވެސް ޢަރަބި ނަމަކާއެކު ބޭނުންކުރާ ހުޅަނގުގެ ނަންތައް
މަދުންހުރެއެވެ. "ޢަބްދުﷲ އެލެގްޒެންޑަރ" މިއީ އެ ފަދަ
މިސާލެކެވެ. ކައިވެނިކުރުމާ ގުޅިގެން ދިވެހި އަންހެނުންގެ ފަހުނަމަކަށް ފިރިމީހާގެ
ނަން ބަދަލުކުރުން ވެސް އާންމެއް ނޫނެވެ. އަމުދުން ރަސްމީ ހައިސިއްޔަތުން
ފިރިމީހާގެ ނަމެއް ނުލައެވެ. ކައިވެންޏާގުޅިގެން ނަން ބަދަލުނުކުރުމުގެ ސަޤާފަތް
ރާއްޖޭގައި އޮތީ މުސްލިމު މުޖުތަމަޢަކަށްވާތީއެވެ. ސޯމާލިއާއަކީ ވެސް ރާއްޖެ
ފަދައިން ޢަމަލުކުރާ ބައެކެވެ. (ޖެސަން ގްރީންބަރގް، މޮޓަމެޑި ޒަފަރީން، އެލީސަން
ހެގަން، ސުން ޔަންގ، 2017، ސ.15)
7. ރާއްޖޭގެ
ނަންކިޔުމުގެ ސަޤާފަތުން ފާހަގަވާ އަނެއްކަމަކީ ނަމަކީ ހަނދާނީ އެއްޗެއްކަމެވެ.
ދަރިންގެ ފުރަތަމަ ނަމަށް ކާފަގެ ނަން ދިނުން އާންމެވެ. މިއީ ހައުސާބަހުން
ވާހަކަދައްކާ މުޖުތަމަޢުތަކުގެ ސަޤާފަތެއްމެއެވެ. އެ މީހުން ނަމުގެ ކުރިއަށް ގެންނަ
އޮނަރިފިކްސްއެއްގެ ގޮތުގައި ކާފަގެނަން ބޭނުންކުރެއެވެ.(ހައްޖަ ހައުވާ ސާލިހު،
2014، ސ.50). ދަރިންނަށް ކާފަގެނަން ބޭނުންކުރުން އަރަބި ސަޤާފަތުގައި ވެސް
އޮވެއެވެ. (ޖެސަން ގްރީންބަރގްއާއި ބައިވެރިން، 2017). މި ގޮތަށް ނަންކިޔުން
އޮންނަނަމަ އޭގެ މާނައަކީ މެތޮބޮލީ ގުމާ (2001) ހާމަކުރައްވާފަދައިން މަރުވެފައިވާ
މީހުންގެ ނަމުން ނަންދިނުން އޮތީއެވެ. އެބަހީ ނިޔާވެފައިވާ މީހާގެ ހަނދާންތައް
އާކުރަނީއެވެ. އެހެނެއްކަމަކު ޢާއިލާގެ ކުޑަކުއްޖަކު ނިޔާވެއްޖެނަމަ ދެން ލިބޭ
ކުއްޖަކަށް މަރުވި ކުއްޖާގެ ނަން ކިޔުމަށް ދެކުނު އެފުރިކާގައި އޮންނަ ކަމަށް
މެތޮބޮލީ ގުމާ (2001) ބަޔާންކުރައްވާފަދަ ސަޤާފަތެއް ރާއްޖޭގައި އޮންނަކަމަކަށް
ފާހަގައެއް ނުކުރެވެއެވެ.
8.
ހަނދާނީ ނަންތައް ރާއްޖެއިން އެންމެ ބޮޑަށް ފެންނާނީ މަގުތަކުންނާއި
މައިދާންތަކުންނެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އަމީނީ މަގު އޮވެއެވެ.
މިއީ ރާއްޖެ ދުށް ލާމަސީލު ޝަޚުޞިއްޔަތެއްކަމަށްވާ މުޙައްމަދު އަމީނަށް ނިސްބަތްވާ
މަގުތަކެކެވެ. މިސްމީހުންނަށް ނިސްބަތްވާ ގިނަ މަގުތަކެއް މާލެއިންނާއި
އަތޮޅުތެރޭގެ ބައެއް ރަށްރަށުން ފެންނާނެއެވެ. އިމާރާތްތަކަށާއި ކަނޑު ދަތުރުކުރާ
އުޅަނދުފަހަރަށް ވެސް ހަނދާނީ ނަންތައް ކިޔައި އުޅެއެވެ. ތާވަލު 4ގައި ވަނީ މި
ގޮތުން ފާހަގަކުރެވޭ ބައެއް ނަންތަކެވެ.
ތާވަލު 4
|
|||
ދިވެހިންގެ ތެރޭގައި ހުރި ހަނދާނީ ބައެއް ނަންތައް
|
|||
މަގުތައް
|
އިމާރާތްތައް
|
ތަންތަން
|
އުޅަނދުފަހަރު
|
ބޮޑުތަކުރުފާނުމަގު
|
ޝަހީދު ޙުސައިން އާދަމް
ބިލްޑިންގ
|
ޢިއްޒުއްދީން ފާލަން
|
ބަރުބަރީ
|
ޝަހީދު ޢަލީ ހިނގުން
|
ޝަހީދު ޢަލީ މިސްކިތް
|
ޝަހީދު ޙުސައިން އާދަމް
ޕާކު
|
ކަލަމިންޖާ
|
9.
ހަނދާނީ ނަންކިޔުމަކީ ވަރަށް ބޮޑަށް އާންމުވެފައިވާ ކަމެކެވެ. (މޯޒު
އަޒަރަޔާހު، 1995). ލުބިސާ ރެޖިކް (2012)
ބަޔާންކުރައްވާގޮތުން ކުރީގެ ޔޫގޮސްލޭވިޔާގައި މަގުތަކަށާއި ތަންތަނަށް ހަނދާނީ
ނަންދިނުން ވަރަށް ކުރިންސުރެ އޮވެއެވެ. އީރާނަކީ ވެސް މި ސަޤާފަތް އޮންނަ
ޤައުމެކެވެ. (ތޯމަސް ހޭލާންޑް އެރިކްސަން، 2013)
10.
ތަންތަނަށް ނަންކިޔުމަކީ ސިޔާސީކަމަކަށް ވެސް ބައެއް ޤައުމުތަކުގައިވެފައި
އެބަހުއްޓެވެ. ސިޔާސީ ބަދަލުތަކާ ގުޅިގެން ވަތަނީ ނަންތަކެއް ސާބިޔާގައި
ކިޔަންފެށިއެވެ. (ލުބިސާ ރެޖިކް، 2012). އީރާނާއި
ޖަރުމަނާއި ރަޝިޔާއަކީ ވެސް ސިޔާސީ ކަންކަމާ ގުޅުވައިގެން މަގުތަކާއި ތަންތަނުގެ
ނަންތައް ބަދަލުކުރި ޤައުމުތަކެކެވެ. (ތޯމަސް ހޭލާންޑް އެރިކްސަން، 2012). ދެކުނު
އެފުރިކާއަކީ ވެސް މި ލިސްޓުގައި ހިމެނޭ ޤައުމެކެވެ. (އެޑްރިއަން ކޫޕަމަން، 2012).
11.
ބަޔާންކުރި ލިސްޓަށް ރާއްޖެ ވެސް އަރައެވެ. އެކަމުގެ އެންމެ ސާފު މިސާލަކީ
ރާއްޖޭގެ މައި ވައިގެބަނދަރެވެ. "މާލޭ ބައިނަލްއަޤުވާމީ ވައިގެ
ބަނދަރު"ގެ ގޮތުގައި އެތައް ޒަމާނެއް ހޭދަކުރިފަހުން "އިބްރާހީމް ނާޞިރު
އިންޓަރނޭޝަނަލް އެއާޕޯޓަށް" އެ ތަނުގެ ނަން އެމްޑީޕީ ސަރުކާރުން
ބަދަލުކުރެއްވިއެވެ. އެކަމަކު ފަހުން ޕީޕީއެމްގެ ސަރުކާރުން އެ ނަން ބަދަލުކުރެއްވީ "ވެލާނާ
އިންޓަރނޭޝަނަލް އެއާޕޯޓަ"ށެވެ. ފާހަގަކުރަންޖެހެނީ ވައިގެ ބަނދަރުގެ ނަން ކުރިން ނިސްބަތްވާ "އިބްރާހީމް ނާޞިރަކީ" އެ ބަނދަރުގެ ބާނީކަމެވެ. ވުމާއެކު ހުޅުލޭ ވައިގެ ބަނދަރަށް ކިޔުން އެންމެ ޙައްޤުކަން ބޮޑީ "އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓު" ކަމަށް ދެކެމެވެ. އެހެނަސް އެ ފުރިހަމަ ނަން އެއްކައިރިކުރައްވަވައި ނާޞިރުގެ ޢާއިލީ ނަން ހިމަނުއްވައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވައިގެބަނދަރުގެ ނަން ބަދަލުކުރެއްވީއެވެ. ވީމާ މި ގެނެވުނު ބަދަލަކީ ސިޔާސީ ބަދަލެއްގެ ގޮތުގައި މެނުވީ ސިފަކުރަން އުނދަގުލެވެ.
ނަންކިޔުމުގެ
ސަޤާފަތުގައި އަދަބު އިޙުތިރާމު ކުރުން އޮތްގޮތް
12.
ނަން ބޭނުންކޮށްގެން ކުރެވޭ މުއާސަލާތާއި އަދަބު އިހުތިރާމާ ގުޅުމެއް
އޮވެއެވެ. ރާއްޖޭގައި މައިންބަފައިންނާއި ޢާއިލީ މީހުނަށް ނަމުން މުޚާޠިބެއް
ނުކުރެއެވެ. ބަދަލުގައި ބޭނުންކުރަނީ "މަންމަ"،
"ބައްޕަ"ފަދަ ނަންތަކެވެ.
މާނައަކީ ނަން ބޭނުންކުރުމުން އިޙުތިރާމު ކުޑަކުރެވެއެވެ. ހައްޖަ ހައުވާ ސާލިހު
(2014) ހާމަކުރައްވާގޮތުން ހައުސާބަހާއި ޒިންބާބުވޭގެ ސޮނާ ބަހާއި އީރާނުގެ
ޕާސިއަން ބަހުގައި ވެސް ކަންއޮންނަނީ މިހެންނެވެ. އެލީނޯ ޑިކޭ (1997)، ބެތް
ނޮޓްޒަންއާއި ގައިލް ނެސަމް (2005) ބަޔާންކުރައްވާގޮތުން މައިންބަފައިންކަން އަންގައިދޭ
ލަފުޒުތަކަކީ އޮނަރިފިކްސްއެވެ. އެލީނޯ ޑިކޭ (1997)އަކީ އޮނަރިފިކްސް
ބޭނުންކުރުމުގެ ސަބަބުން އިޙުތިރާމު ކުރެވޭ މިންވަރު ބޮޑުވާކަމަށް ބަޔާންކުރައްވާ
ފަރާތެކެވެ.
13.
އޮނަރިފިކްސްގެ އިތުރުން އަދަބުވެރިކޮށް މުޚާޠިބުކުރުމަށް ދިވެހިން ގެންގުޅޭ
މައިގަނޑު އުސޫލަކީ ދަރަޖަ ބަދަލުކުރުމެވެ. ދިވެހިބަހުގެ އާދައިގެ ބަހުރުވައިން
ވާހަކަދައްކާނަމަ އިޙުތިރާމުކުރެވޭކަމަކަށް އިހުސާސެއްނުވެއެވެ. އެހެންވެ
އިހުތިރާމަށްޓަކައި ދިވެހިން ކުރާކަމަކީ
ދިވެހިބަހުގައި އޮންނަ ދަރަޖަތަކުގެ ތެރެއިން މަތީ ދެ ރަޖައަށް ނަމާއި
އެހެން ލަފުޒުތައް ބަދަލުކުރަނީއެވެ. ތާވަލު5ގައި އެ ވަނީ ބައެއް މިސާލުތަކެވެ.
ތާވަލު 5
|
|
އިހުތިރާމުކުރުމުގެ ގޮތުން ބަސްމަގު ގެންގުޅޭގޮތް
|
|
އަދަބުވެރިކަން ނެތި
|
އަދަބުވެރިކަމާއެކު
|
ހަސަނު ގޮސްފިއެވެ.(ނަން+ދަރަޖަ ބަދަލުނުކޮށް)
|
ޙަސަނު ވަޑައިގެންފިއެވެ.
(ނަން+ކަމުގެ ދަރަޖަ ބަދަލުކޮށްފައި)
|
ކަލޭ ދާށެވެ. (ފުރަތަމަ ފަރާތަށް ރައްދުވާ ބަދަލުނަން+ދަރަޖަ
ބަދަލުނުކޮށް)
|
މަނިކުފާނު
ވަޑައިގަންނަވާށެވެ.(ފުރަތަމަ
ފަރާތަށް ރައްދުވާ ބަދަލުނަން+ކަމުގެދަރަޖަ ބަދަލުކޮށްފައި)
|
14.
އިޙުތިރާމުކުރުމަށްޓަކައި ލަފުޒުގެ ދަރަޖަ ބަދަލުކުރާކުރުން މިއީ ދިވެހިބަހަށް
ޚާއްޞަ ސިފައެއްކަމަށް ފާހަގަވެއެވެ. އެހެން ސަޤާފަތަކުން ނުފެނުނު ސިފައެކެވެ.
ނަމަވެސް ފުރަތަމަ ފަރާތަށް ރައްދުކުރެވޭ ބަދަލުނަމަށްވުރެ ދެވަނަ ފަރާތަށް
ރައްދުކުރެވޭ ބަދަލުނަން އަދަބުވެރިވާކަމަށް ޖަޕާނު މީހުން ގަބޫލުކުރެއެވެ.
(ނޮރިއެ މޮގީ، 2002). މި ވިސްނުން ކޮންމެވެސް ވަރަކަށް ދިވެހިންގެ ތެރޭގައި
އޮވެއެވެ. "ކަލޭ"އަކީ ކުޑައިމިސްކުރެވޭ ލަފުޒަކަށް ބައެއް މީހުންނަށް
ވެއެވެ.
ނިންމުން
15.
ބަޔާންކުރި ވާހަކަތަކުން އެނގެނީ " ނަންކިޔުމާއި މުޚާޠިބުކުރުމުގައި ދިވެހިން
ގެންގުޅެނީ ހަމައެކަނި ރާއްޖެއަށް ޚާއްޞަ އުސޫލުތަކެއްތޯ" ކުރެވޭ ސުވާލަށް
ދެވެން އޮތް ޖަވާބަކީ ނޫނެކޭކަމެވެ. އިސްލާމީ ޤައުމުތަކުގައި ނަންކިޔާގޮތާއި
ޚާއްޞަކޮށް ޢަރަބި ދުނިޔޭގައި ނަންކިޔާގޮތާ ދިވެހި ނަންކިޔުމުގެ ސަޤާފަތާ
ތިމާގެކަން އެބަހުއްޓެވެ. އެކަމަކު ވަކި މިވެނި ތައްގަނޑަކަށޭ ބުނުމަށްވުރެ މުނާސަބީ
ދިވެހި ނަންކިޔުމުގައި އެކި ސަޤާފަތްތަކުގެ އަސަރު އެބަހުއްޓޭ ބުނިއްޔާއެވެ.
ނަމަވެސް އަދަބު އިޙުތިރާމުކުރުމުގައި ގެންގުޅޭ ދަރަޖަތަކަކީ ދިވެހިބަހަށް ޚާއްޞަ
އުސޫލެކެވެ. އިނގިރޭސިބަހުން "ޔޫ" އޭ ބުނުމުން ކުރެވޭ އިޙުތިރާމު
ދިވެހިބަހުން "ކަލޭ"އޭ ބުނުމުން ގިނަ ދިވެހިންނަށް ނުކުރެވެއެވެ.
އެހެންވެ ޖެހެނީ "ކަލޭ" ވެސް ދަރަޖަ ބަދަލުކުރުމުގެ އުސޫލުގެ ތެރެއަށް
ލާށެވެ.
16.
ދޭދޭ ސަޤާފަތުގެ މުއާސަލާތުގައި ނަންކިޔުމަކީ ޚާއްޞަކަމެއް ދެވޭކަމެކެވެ. މި
ޚާއްޞަކަމުގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވުނީ ނަންކިޔުމުގެ ސަޤާފަތުން
ވާރުތަވާ ކާކުވަންތަކަން ދެނެގަނެވުމާއި އެކި ބޭނުންތަކަށް ނަން ބޭނުންކުރެވުމާއި
ހަނދާނީ އަދި ސަޤާފީ ގޮތްގަނޑު އޮތުން ދިވެހި ނަންކިޔުމުގައި ވެސް ވާކަމެވެ. މި
ދެންނެވި ކަންކަން ދިވެހި ނަންކިޔުމުގެ ސަޤާފަތުން ފާޅުކަން ބޮޑުގޮތެއްގައި
ހާމަވެއެވެ. އޮނަރިފިކްސްއާއި ވަނަން ބޭނުންކުރާ ގޮތާއި މީހުންނަށާއި ތަންތަނަށް
ނަންކިޔާ ގޮތުގެ ސަބަބުންނެވެ.
Post a Comment