ބަނޑޭރިގަނޑު » » ދިވެހި މަސްވެރިންގެ ފޯކު ހީކުރުންތަކާއި ގަބޫލުކުރުންތައް އަދި އެކަމުގެ ނަތީޖާތައް - 2

ދިވެހި މަސްވެރިންގެ ފޯކު ހީކުރުންތަކާއި ގަބޫލުކުރުންތައް އަދި އެކަމުގެ ނަތީޖާތައް - 2

| 6/27/2018 on Wednesday, June 27, 2018 dhuraya.blogspot.com :ލިޔުނީ


ދިވެހި މަސްވެރިންގެ ފޯކު ހީކުރުންތަކާއި ގަބޫލުކުރުންތައް އަދި އެކަމުގެ ނަތީޖާތައް -2

ޢަލީ މުނީޒު – 2018




2018 ފެބުރުއަރީ 22އާ ގުޅޭ

1.                 މޫސުމީ ނިޝާންތަކާގުޅިގެން ދިވެހި މަސްވެރިން ގެންގުޅޭކަމަށް ޖަޢުފަރު މުޙައްމަދު (2017) އަދި ޙުސައިން އިބްރާހީމް (2017) ކިޔައިދެއްވި ކަންތައްތަކާ ގުޅުންހުރި ހީކުރުންތައް އެހެން ހިސާބުތަކުގެ މަސްވެރިން ވެސް ގެންގުޅެއެވެ. އޮސްޓްރޭލިއަން ނެޝަނަލް މެރިޓައިމް މިއުޒިއަމް (ތ.ނ) ހާމަކުރައްވާގޮތުން ރޭގަނޑު އުޑުމަތި ރަތްކޮށް އޮވެފައި ހެނދު ވެސް އެގޮތަށް އޮވެއްޖެނަމަ މާނައަކީ އެއީ ދަތުރުކުރަން ރައްކާތެރި ދުވަހެއް ނޫނެވެ. އަދި ކަނޑުގަދަވެއްޖެނަމަ އަންހެނަކު ބަރަހަނާކޮށްފައި ޚާއްޞަކޮށް އުރަމަތި ދެއްކުމުން ކަނޑު މަޑުވާނެއެވެ.
2.                 މަހަށް ގޮސްއުޅޭއިރު ބައެއް ފަހަރަށް މަޑިތިލަވާގޮތްވެއެވެ. މަޑިތިލަވެއްޖެނަމަ މަސްއައިން އޮބާނެއެވެ. މިކަން ތަކުރާރުވާން ފެށުމުން އަތިރިމަތީގައި ކަކުނި ހަރުކޮނެ ނެރެފައި ހުންނަ ވެލި ބާލިއްޖަކަށް އަޅައިގެން ގެންގޮސް މަޑިތިލަވުމުން ކަނޑަށް ޖެހޭނީ އޮއްސައިލާށެވެ. އޭރުން އެހިސާބު އެއީ ފިނޮޅެއްކަމަށް ހީވެ މަޑިތައް އަޑިއަށް އޮބައިފާނެއެވެ. (ޖަޢުފަރު މުޙައްމަދު، ލިޔުންތެރިޔާ ގާތު ބުނި ވާހަކައެއް، 7 އޮކްޓޯބަރު 2017). ހަމައެގޮތަށް މަސް ބާނަމުންދާއިރު ބޭނޭ މަހުގެ އަދަދު ވެސް ގުނާކަށްނުވާނެއެވެ. އެގޮތަށް ގުނާނަމަ މަސްބޭނުން މަދުވެއެވެ. (ލިޔުންތެރިޔާއަށް އަމިއްލަ ތަޖުރިބާއެއް). މަސްބާނަމުން ދާއިރު ބޭނޭ މަސް ގުނައިފިނަމަ އިތުރަށް މަސް ނުބޭނޭނެކަމަށް ދެކޭ ދެކުން އެހެން ހިސާބުތަކުގައި ވެސް އޮވެއެވެ. ރިކް ސްޕިލްމަން (2009) (ވަކި ޤައުމެއް ހާމަނުކުރައްވައި) ބަޔާންކުރައްވަނީ އެ ދުވަހެއްގައި ގިނައިން މަސްބާނަން ބޭނުންނަމަ ބޭނޭ މަސް ގުނައިގެން ނުވާނެކަމުގައެވެ.
3.                 ދިވެހިންނަކީ މަސްވެރިކަމުގައި ނުރައްކާތައް ވާކަމަށް ވެސް ގަބޫލުކުރާބައެކެވެ. އެގޮތުން "މަރުއައިން"އަކުން އެއްފަހަރާ ބޭނޭ ތިން މަސް  ދޯނީގެ ތެރެއަށް ލައިފިނަމަ ކެޔޮޅު މަރުވާނެއެވެ. ވުމާއެކު އެ ތިން މަސް ބާނާގޮތަށް ވައްޓައިލަންޖެހޭނީ ދޯނީގެ ވާތްފަރާތުން ބޭރަށެވެ. (ޖަޢުފަރު މުޙައްމަދު، ލިޔުންތެރިޔާ ގާތު ބުނި ވާހަކައެއް، 7 އޮކްޓޯބަރު 2017). މި ގޮތަށް މަސް ފެނުމުން ކުރެވޭ ހީތަކެއް ޓެންޒޭނިއާގައި ވެސް އޮވެއެވެ. އެގޮތުން މަސްބާނަނިކޮށް މިޔަރެއް ނުވަތަ ބޮޑު ބޯވައެއް ފެނިއްޖެނަމަ އޭގެ މާނައަކީ ނުތާހިރު ނުވަތަ ޖުނުބުވެރިފައިވާ މީހަކު ދޯނީގައި ހުރީއެވެ. (މަސަލު،ސަލީ،ކިތުލާ، 2010، ސ. 19).
4.                 ބައެއްފަހަރަށް ކަޅުވެން ބޮޑުމަހު އައިނެއް ތިލަވެދާނެއެވެ. އެފަދަ އައިނެއްނަމަ ވަރަށް ދަހިކޮށް މަސްބޭނިފައި ބޭނޭ މަހުގައި ކަޅު ލަކެއް ހުންނާނެއެވެ. އަދި އެ ލައް ދާނީ ހިނދުކޮޅަކަށްވުރެ ހިނދުކޮޅެއް ބޮޑުވަމުންނެވެ. އެ ލައް ބޮޑުވަމުން ގޮސް ބައިރުފިޔާއެއްވަރަށް ބޮޑުވުމުން، އެ އައިނުގައި މަޑުކޮށްފިނަމަ އެ ދޯންޏެއް ސަލާމަތެއް ނުވާނެއެވެ. (ޖަޢުފަރު މުޙައްމަދު، ޙުސައިނު އިބްރާހީމް، ލިޔުންތެރިޔާ ގާތު ބުނި ވާހަކައެއް، 7 އޮކްޓޯބަރު 2017).
5.                 ހުކުރުދުވަހު ހުކުރުކުރީ މަސްބާނަން ދިއުމަކީ ވެސް ދެރަ ގޮތްތަކެއް މެދުވެރިވެދާނެ ކަމެކެވެ. މިއީ ރަސްމީ ހައިސިއްޔަތު ލިބިފައިވާ ހީކުރުމެއްކަމަށް ވެސް ބެލުމުގެ ފުރުޞަތު އެބައޮތެވެ. އެހެނީ ހުކުރުނަމާދަށް ނާދެވޭގޮތަށް އެއްވެސް ބާވަތެއްގެ މަސްވެރިކަމަކަށް ހުކުރު ދުވަހު ފުރުމަކީ ރާއްޖޭގައި މަނާކަމަކަށްވާތީއެވެ. (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދު، ތ.ނ). މިފަދަ ހީއެއް ޓެންޒޭނީއާގެ މިކޮކޮޓަނީގައި ވެސް އޮވެއެވެ. އެމީހުން ގަބޫލުކުރާގޮތުގައި ހުކުރުދުވަހުގެ މެންދުރު ވަގުތަކީ ކަނޑުގެ ނުބައި ބާރުތައް އަޅުކަންކުރާ ވަގުތެވެ. ވުމާއެކު އެ ގަޑީގައި އެމީހުން މަސްވެރިކަމެއް ނުކުރާނެއެވެ. (މަސަލު،ސަލީ،ކިތުލާ، 2010، ސ. 19). އަ ހޯއީ މަޓޭ (2011) ވެސް ހުކުރުދުވަހު ކަނޑުމައްޗަށް އަރައިފިނަމަ ނުރަނގަޅު ކަންތައްތައް ދިމާވާނެ ކަމަށް (ވަކި ޤައުމެއް ބަޔާންނުކުރައްވައި) ހާމަކުރައްވައެވެ. އޭނާ އެގޮތަށް ދެކެނީ ސަލާމް ލެއްވި ޢީސާގެފާނު ހުކުރު ދުވަހު ސަލީބަށް އެރުވުނުކަމަށް ނަޞާރާއިން ދެކޭތީއެވެ. މެތިއު ހުޓްސަން (2012)، އޮސްޓްރޭލިއަން ނެޝަނަލް މެރިޓައިމް މިއުޒިއަމް (ތ.ނ)، އަދި ރިކް ސްޕިލްމަން (2009) ،ރޮގަރ ބޮޝިއަރ (1999) ވެސް ހުކުރުދުވަހަކީ ދަތުރުކުރަން ރަނގަޅުނޫން ދުވަހެއްކަމަށް ބަޔާންކުރައްވައެވެ. ގެރީ ވޯލްޓަން (2016) ބަޔާންކުރައްވާގޮތުން ހުކުރު ދުވަހު އަލަށް މަސް ދޯންޏެއް ބާލައިފިނަމަ އެ ދޯންޏަކަށް ވިޔަފާރީގެ ގޮތުން ގެއްލުންވާކަމަށް (ވަކިތަނެއް ބަޔާންނުކުރައްވައި) މަސްވެރިން ގަބޫލުކުރެއެވެ. ވީމާ ހުކުރު ދުވަހު މަސްވެރިކަން ކުރުމުގައި ގެންގުޅޭ ހިފެހެއްޓުންތަކަކީ ހަމަ އެކަނި ދިވެހި މަސްވެރިންނަށް ނިސްބަތްކުރެވޭ ހިފެހެއްޓުންތަކެއް ނޫނެވެ. އެހެން ބައެއް ދީންތަކާއި އެހެން ޤައުމުތަކުގެ މީހުންގެ ނަޒަރުގައި ވެސް ހުކުރު ދުވަހަކީ މަސްވެރިކަމަށް ނިޔާމަ ދުވަހެއްނޫނެވެ.
6.                 މަސް ނުބޭނުމާ އެއްގަމުގައި ހިނގާ ކަމަކާ ދިވެހިން ނުގުޅުވައެވެ. (ޖަޢުފަރު މުޙައްމަދު، ޙުސައިން އިބްރާހީމް، ލިޔުންތެރިޔާ ގާތު ބުނި ވާހަކައެއް، 7 އޮކްޓޯބަރު 2017). އެކަމަކު ޓެންޒޭނިއާގެ މަސްވެރިން ގަބޫކުރާގޮތުގައި މަސްނުބޭނި ގިނައިރުވުމަކީ އަންހެނުން ވަގުފިރިން ގެންގުޅޭކަމުގެ ނުވަތަ ގޭ މީހަކު މަރުވުން ފަދަ ކަމެއްގެ އަލާމާތެކެވެ. (މަސަލު،ސަލީ،ކިތުލާ، 2010، ސ. 12).
7.                 ކަންތައްތައް  މިހެން ހުރުމާއެކު ދިވެހި މަސްވެރިކަމުގައި ފޯކު ގަބޫލުކުރުންތަކާއި ހީކުރުންތައް ހުރިކަން އެއީ ސާބިތުކަމެކެވެ. ފަންޑިތަހެދުމުން މަސްވެރިކަމަށް ހެޔޮ އަސަރުކުރާކަމަށް ދިވެހިން ގަބޫލުކުރެއެވެ. ވަކި އަލާމާތްތަކެއް ހުރެއްޖެނަމަ ވަކި ގޮތަކަށް ކަންތައްތައްވާކަމަށް ހީކުރެތެވެ. ޚާއްޞަ ކަންތައްތަކެއް ކޮށްފިނަމަ ވަކި ނަތީޖާތަކެއް ނުކުންނާނެކަމަށް ދެކެއެވެ. ހަމައެއާއެކު ކަންކަން ކުރެވޭގޮތުން ނުރައްކާތެރިކަން ކުރިމަތިވާނެކަމަށް ވެސް ދެކޭމެއެވެ. މި ހުރިހައި ކަމެއްގެ ނަތީޖާ، މި ޒަމާނުގައި ނުފެނު ނަމަވެސް ބައެއް ކަންކަމުގެ ހެޔޮ އަސަރު ފެންނަމުންދާކަމަށް މަސްވެރިކަމުގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަނެއެވެ. ރޭގަނޑު ކަނޑުމަތި އެޅުމުން ދުވާލުގެ މަސްވެރިކަން ރަނގަޅުވުމާއި ކިޔަވައިފައި ދިރުނބާކޮޅުން ދޮށި މޫދަށް ވައްޓާލައި ކޮޅުފަސްކޮޅުން ނެގުމުން މަސްއައިން އަޑިއަށް އޮބުން ހުއްޓޭކަން އެއީ މި ދެންނެވިފަދަ ކަންކަމެވެ. މި ފަދަ ކަންކަމަކީ ހޭލުންތެރިކަމާއި ސަޤާފީ ކަންކަމާގުޅިގެން ބަދަލުވާނެ ކަންކަމަށް ވެދާނެއެވެ. އެހެނަސް ކޮންމެވެސް ސިފައެއްގައި އެކަންކަން ދެމިއޮންނާނޫއެވެ. އެހެނީ އެއީ އިންސާނުންނާ ގުޅިގެން އުފެދޭ "އިންސާނީ ވާހަކަތަކަށްކަމަށްވާ "ފޯކުލޯރު"ތަކެއް ކަމަށްވާތީއެވެ.

މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA