ބަނޑޭރިގަނޑު » » ދިވެހި މަސްވެރިންގެ ފޯކު ހީކުރުންތަކާއި ގަބޫލުކުރުންތައް އަދި އެކަމުގެ ނަތީޖާތައް - 1

ދިވެހި މަސްވެރިންގެ ފޯކު ހީކުރުންތަކާއި ގަބޫލުކުރުންތައް އަދި އެކަމުގެ ނަތީޖާތައް - 1

| 2/22/2018 on Thursday, February 22, 2018 dhuraya.blogspot.com :ލިޔުނީ

ދިވެހި މަސްވެރިންގެ ފޯކު ހީކުރުންތަކާއި ގަބޫލުކުރުންތައް އަދި އެކަމުގެ ނަތީޖާތައް- 1


1.                 ދިވެހި މަސްވެރިކަމުގައި ވެސް ގަބޫލުކުރުންތަކާއި ހީކުރުންތައް އެބަހުއްޓެވެ. އެކަމަކު އެފަދަ ކަންތައްތައް ލިޔެ ހާމަކޮށްފައިވާ މިންވަރު މަދެވެ. ސީދާ ދިވެހި މާހައުލާ ގުޅޭ އެފަދަ މަޢުލޫމާތު ލިބެންއޮތީ ތަޖުރިބާކާރު ކެޔޮޅުންގެ ފުށުންނެވެ.
2.                 ދިވެހި މަސްވެރިން އިހުގައި ގަބޫލުކުރާ އެއްކަމަކީ "ކިޔެވެލި" ކިޔަވައިފިނަމަ ރަނގަޅުގޮތްތައް މެދުވެރިވާނެކަމީ މުޖައްރިބުކަމެކެވެ. މިއީ ރުބިން ގޮޓެސްކި (1952)ގެ ބަހުންނަމަ "ބިލީވްޑް ޓްރޫ" އެކެވެ. ކިޔެވެލިކިޔެވުން އެކި މަރުހަލާތަކުގައި އޮވެއެވެ. އޮޑި ބާލާނީ ވަކި ޚާއްޞަ އިރުވަރެއްގައި ފަންޑިތަވެރިޔަކު ލައްވައި "ކިޔެވެލި" ކިޔަވައިފައެވެ. އޮޑި ބާލަމުންދާއިރު އެންމެ ފުރަތަމަ ލޮނުގަނޑުގައި ޖެހޭ ކަނދުބުރީގައި އެއްޗެހިތަކެއް ލިޔެފައިވާ ފަންވަތެއް އޮންނާނެއެވެ. އަދި ވަރަށް ގިނަ ދޯނި ފަހަރުގެ އުޅަކުގައި ލޯވަޅެއް އަޅައިފައި ހުންނާނެއެވެ. ބޭނުމަކީ ލޮނުގަނޑުގައި ޖެހޭ ފުރަތަމަ ކަނދުބުރީގައި އެއްސިފަދަ ފަންވަތެއް ހަރުކުރުމެވެ. މީގެ އިތުރުން ވެސް ނޫރުކުގެ ކިހަކުގައި ލިޔެ ދިރުބާނކޮޅު މައްޔާމަތީގައި ބޭއްވުމަކީ ވެސް ކިޔެވެލީގެ ތެރެއިން އުފަންވާކަންކަމެވެ. ހަމައެހެންމެ އެކި ހާލަތްތަކުގައި ކިޔަވައިފައި ކަނޑަށް ފެންވެސް އަޅައެވެ. މި ގޮތުން އޮޑި ބޯސަލުން މޮހައިލާ ވަގުތާއި އެންދަމަން މަޑުކުރާ ވަގުތާއި ފުރާވަގުތުގެ އިތުރުން މާކަނޑަށް ނުކުމެފައިވެސް ކިޔަވައިފައި ހުންނަ ފެން ކަނޑުމައްޗަށް އަޅާނެއެވެ.
3.                 ކިޔެވެލި ގަބޫލުކޮށް އެ ކިޔެވުމަކީ ހަމައެކަނި ދިވެހި މަސްވެރިންގެ ގަބޫލުކުރުމެއްނޫނެވެ. ޖޮހާންސް އެޗް ވިލިއަމް (ތ.ނ) ހާމަކުރައްވާގޮތުން ޖަޕާނުގެ މަސްވެރިން ވެސް މަސްވެރިކަން ރަނގަޅުކުރުމަށް ކިޔެވެލި ކިޔަވައެވެ. އޭނާ ހާމަކުރައްވާގޮތުން މަހަށް ގޮސް އުޅޭ އިރު ދިމާވާކަމެއްގެ ސަބަބުން ނޫންނަމަ މަހަށް ނުދެވުނަސް އެމީހުންގެ ކިޔެވެލި "ޔަމާ"(Yama)ކިޔަވައެވެ. އަދި މަސްވެރިކަމާއި ގުޅުންހުރި ހުރިހާކަމަކާގުޅިގެން ވެސް "ޔަމާ" ކިޔަވައެވެ. "ޔަމާ"ގެ ސަބަބުން މަސްވެރިކަން ރަނގަޅުވާކަމަށް އެވެރިން ދެކެއެވެ. ދަހި އައިން ހޯދުމަށް ފަސޭހަވެގެންދާކަމަށް ގަބޫލުކުރެއެވެ.
4.                 ކިޔެވެލިކިޔެވުމަކީ ފަންޑިތަހެދުމެވެ. ކިޔެވެލި ނުކިޔެވިޔަސް ފަންޑިތައަށްވާ ފަދަ ގިނަކަންކަން އެހެން ޤައުމުތަކުގެ މަސްވެރިން ވެސް ކުރެއެވެ. މަސަލު،ސަލީ އަދި ކިތުލާ (2010) ހާމަކުރައްވާގޮތުން ޓެންޒެނިއާގައި މަސްވެރިކަމުގެ ސަލާމަތްތެރިކަން އިތުރުކުރުމަށާއި ބޮޑެތި އަދި ގިނައިން މަސްބޭނުމަށާއި މަސް ނުބޭނޭނަމަ ވެސް ފަންޑިތަހަދައެވެ. އަދި އަލަށް ދޯންޏެއް ބަނދެފައި ބޭލުމުގެ ކުރިން އަންގާރަ ނޫނީ ހުކުރު ދުވަހަކު އޫރުގެ ލޭ ހޭކުމުން ހުރިހައި ބާވަތެއްގެ މަސްވެރިކަމަށް އެ ދޯންޏެއް ރަނގަޅުވާނެކަމަށް ޕިލިޕީންސް މީހުންދެކެއެވެ. (ޑިއޮނޭސިއާ އޭ ރޮލާ، ލައުޑަށް ވީ ޑި ކާސްޓްރޯ، 1987). ގެރީ ވޯލްޓަން (2016) ހާމަކުރައްވާގޮތުން މަސްބާނަން ފެށުމުގެ ކުރިން ފިހިގަނޑެއް ނުވަތަ ލޮނު ނޫންނަމަ ބާވެފައިވާ ބޫޓެއް ކަނޑަށް އެއްލައިފިނަމަ މަސްވެރިކަން ރަނގަޅުވާކަމަށް (ވަކިތަނެއް ބަޔާންނުކުރައްވައި) ބައެއް މަސްވެރިން ގަބޫލުކުރެއެވެ. އަދި މަސަލު،ސަލީ އަދި ކިތުލާ (2010) ހާމަކުރައްވާގޮތުން ޓެންޒޭނިޔާގައި ދޯންޏެއް ބާލާނަމަ މަސްވެރިކަމަށް ގެންގުޅޭ ސާމާނު ފަންޑިތަވެރިޔަކު ލައްވައި އޮޑީގައި އެއްސުމާއި ނަމާދެއްކުރުމަކީ ކުރާކަމެކެވެ. (ސ. 12).
5.                 މީގެ އިތުރުން ރާއްޖެއެކޭ އެއްގޮތަށް އޮޑިބޭލުމުގައި އިރުވަރަށް ތަބާވުމާއި ފަންޑިތައިގެ ބޭނުންކުރުން ޕިލިޕީންސްގައި އޮންނަކަމަށް ޑިއޮނޭސިއާ އޭ ރޮލާ އަދި ލައުޑަށް ވީ ޑި ކާސްޓްރޯ (1987) ހާމަކުރައްވައެވެ. އެގޮތުން ބުދަ ނުވަތަ ހޮނިހިރެއްގައި އާ އޮޑި ބާލައިފިނަމަ އެ ދޯންޏަކަށް ބަރަކާތް އިތުރުވާނެއެވެ. އަދި ހަމަ ދިރުނބާކޮޅު މައްޔަލުގައި ދިވެހިން ނޫ ރުކު ކިހައް ބަހައްޓާ އުސޫލުން ދިރޭ ބަޅެއްގެ ދަތެއް ނުވަތަ ހިއްކާފައިވާ ހަރުފައެއް ނުވަތަ ބޮކެއްގެ ބޯ ދޯނީގައި ބާއްވައެވެ. ބޭނުމަކީ ދޯންޏަށް ފައްޅީގެ ބަރަކާތް ހޯދުމެވެ. އެބަހީ ކަލާނގެގެ ރުހުން ހޯދުމެވެ. ވީމާ އުސޫލެއްގެ ދިވެހި މަސްވެރިންގެ ހީތަކާ ޕިލިޕީންސް އަދި ޓެންޒޭނިއާގެ މަސްވެރިންގެ ހީތަކާ ތަފާތެއްނެތެވެ.
6.                 ކަނޑަށް ނުކުމެފައި ކަނޑަށް ފައިބައިގެން ދޯނީގެ ފަށަނުގައި ދިރުނބަލުން ފެށިގެން ކޮޅުފަސްކޮޅަށް ވަޅި ހާކައިފިނަމަ މަސްވެރިކަން ރަނގަޅުވާނެއެވެ. ހަމައެގޮތަށް އަޑީގައި ނުޖެހުނަސް ކަނޑުގައި ރިތުން ކެނބުމަކީ ވެސް މަސްވެރިކަން ރަނގަޅުވާކަމެކެވެ. އޭގެ އިތުރުން މަސްއައިން އޮބާނަމަ ކަނޑަށް ނުކުމެފައި ކިޔެވެލިކިޔެވުމަށްފަހު ދިރުނބާކޮޅުން މޫދަށް މަސްދޮށްޓެއް އެއްލައި އެ ދޮށި ކޮޅުފަސްކޮޅުން ނެގުމުން އެ މައްސަލަ ހައްލުވާކަން ވަނީ ލޮލުންދެކެ އަތުން ހިފައިފައެވެ. (މަސްވެރިޔަކު ލިޔުންތެރިޔާ ގާތު ބުނިވާހަކައެއް، 7 އޮކްޓޯބަރު 2017)
7.                 ބަޔާންކުރި ޒާތުގެ ގަބޫލުކުރުމެއް ސްކޮޓްލެންޑްގެ މަސްވެރިން ގެންގުޅޭކަމަށް ރިކް ސްޕިލްމަން (2009) ބަޔާންކުރައްވައެވެ. އޭނާ ބަޔާންކުރައްވާގޮތުން މަސްވެރިކަން ރަނގަޅުކުރުމަށްޓަކައި މަސްވެރިންގެ ތެރެއިން ކޮންމެވެސް އެކަކު ކަނޑަށް އެއްލައިލައިފައި ނެގުމުން މަސްވެރިކަން ރަނގަޅުވާނެކަމަށް ސްކޮޓްލެންޑްގެ މަސްވެރިން ދެކެއެވެ.
8.                 ވަކި ގޮތަކަށް ކަމެއް ވެއްޖެނަމަ މަސްވެރިކަން ރަނގަޅުވާނެކަމަށް ދެކޭ ދެކުންތައް ވެސް ދިވެހި މަސްވެރިން ގެންގުޅެއެވެ. ނުވަތަ ގެންގުޅުނެވެ. އެގޮތުން ގޮނޑުދޮށާއި ވަރަށް ކައިރީގައި އެއްތަންކޮޅެއްގައި ކަކުނިހޮރުތަކެއް ހުރުމާއި "ތިލާހި" (މުށިކުލައެއްގައި ހުންނަ ކުދިކުދި މަސްތަކެއް) މަރުވެގެން ލައްކައިފައި ހުރެއްޖެނަމަ އެއީ މަސްވެރިކަން ރަނގަޅުވުމުގެ އަލާމާތެކެވެ. އިރުވައި މޫސުމުގައި ހިޖުރީ މަހުގެ 9 ވަނަ ދުވަހު މެންދުރު 11 ޖަހާއިރު ކަނޑުގައި ވަވޮއިއަޅައިފިނަމަ އެ ދުވަހެއްގެ މަސްވެރިކަން ވަރަށް ރަނގަޅުވާނެއެވެ. ހަމައެހެންމެ ބޮޔަށް (ކަނދުފައްޗަށް) ދާން ރޭގަނޑު ދަތުރުކުރާއިރު ކަނޑުމަތިއަޅައިފިނަމަ[1] އެ ދުވަހެއްގެ މަސްވެރިކަން ރަނގަޅުވާނެއެވެ. އައިނަށް އަރާފައި މަސްބާނަށް ފުރަތަމަ ފަށަންވާނީ މާކެޔޮޅެވެ. އޭނާ ހުންނަންވާނީ ފިލާގަނޑުގައި ދޯނީގެ މާވަނިފަރާތުގައެވެ. މާކެޔޮޅު މަހެއް ނުބާނަނިސް އެހެން މީހުން މަސްބާނަން ފަށައިގެން ނުވާނެއެވެ. ބާނައިފިނަމަ މަސްވެރިކަމަށް އަސަރުކުރެއެވެ.
9. މިފަދަ ގަބޫލުކުރުންތަކެއް އިންޑިއާގެ "ކޮލި" މުޖުތަމަޢުން ގެންގުޅޭކަމަށްވައި އެން އުލްމަން، ވީ ޖީ ނައިކް އަދި ޖޭއެމް ތަލާތި (2008) ހާމަކުރައްވައެވެ. އެގޮތުން ހަނދުއަރާ ގަޑީގައި ދިޔަވަރު ބޮޑުވާ ވަގުތަކީ މަސްވެރިކަން އެންމެ ދަހިވަގުތެވެ. އޮއިވަރު ހުޅަނގުން އިރަށް އޮންނަނަމަ މަސްވެރިކަން ދަށްވާނެއެވެ. އަދި ދިވާލީ އީދުގެ ފަހުން މާރިޗުމަހާ ހަމައަށް މަސްވެރިކަން ދަށްވާނެއެވެ. (ސ. 313). (ނުނިމޭ)





[1]  މަސްވެރިޔަކު ހާމަކުރައްވާގޮތުން މިޒަމާނުގައި ކަނޑުމަތިއެޅުމުގެ ގޮތުން ފެންނަނީ ހަމައެކަނި ކަނޑުއަޑިން ބަނޑިޔާތަކެއްގެ ބައްޓަމަށް ރެދަންލާ މަންޒަރެވެ. 
މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA