ޢަލީ މުނީޒު
(2016)
foanun fontu fenivadai nugannavaanama PDF file behlevumah
ޤައުމު ދެމިއޮތުމަށް ކުރާ މަސައްކަތް
ކަމީނާކުރުވާ ކަންކަމުގެ ބަސްކޮށާރުގެ އެންމެ ކުރިން ޖާގަ ދޭނީ ކޮން ލަފުޒަކަށްތޯ
ފައިލަސޫފަކު ސުވާލުކުރިއެވެ. ކުރެވުނު ވަރުގަދަ ސުވާލުގެ ޖަވާބަށްޓަކައި
ވިސްނުމުގެ ސޯބުތައް ތިރީހަކަށް ސިކުންތަށް ބުރުނޭނގޭ ވަރަށް އަނބުރައިލުމަށްފަހު
ޖަވާބެއް ދިނީމުއެވެ. އުފާހުއްޓެވެ. ޖަވާބު ރަނގަޅެވެ. އޭނާ ބުންޏެވެ. ތެދެކެވެ.
ތިކަމުގެ ސަބަބުން އެތައް ގަރުނަކުން އާރާސްތުކުރާ ޤައުމުތައް ހިނދުކޮޅެއްގެ
ތެރޭގައި ފުނޑުފުނޑުކޮށްލައެވެ. އުފާ ފާގަތިކަމުގައި އުޅެމުންދާ މީސްތަކުން
ބަދުނަސީބާއި ފަގީރުކަމަށް ގެންގޮސް ގިއްގަޅުވައިލައެވެ. އުފާވެރި ޢާއިލާތައް
ހިތާމައިގެ ކަނޑެއްގައި ޣަރަޤުކޮށްލައެވެ. އާއެކެވެ. ޣައްދާރުވުމަކީ ޤައުމެއް
އެންމެ ފަސޭހައިން މަރައިލެވޭނެ ޖަރާސީމެވެ.
ދުނިޔޭގެ ތާރީޚުގެ ފަތްފުށްތަކަށް ކިތަންމެ އަވަސްގޮތަކަށް ކަޅިހިންގައިލި ނަމަވެސް
ޣައްދާރުންގެ ސަބަބުން ޤައުމުތަކަށް ނުހޮރުއްޕާންވެފައިވާ މިންވަރު ވަރަށް
ސާފުކޮށް ފެންނާނެއެވެ. ހީނުކުރާފަދަ ގޮތްގޮތަށެވެ. އެމެރިކާނުންނާއި
އިނގިރޭސިންވެގެން ކުރި މަޝްހޫރު އިރާގު ހަނގުރާމައިގެ އެންމެ ފަހުގެ
ދުވަސްތަކުގައި ދެމުންދިޔަ ހަމަލާތަކުން ފާހަގަވެގެން ދިޔައީ އިރާގުގެ ސިއްރުއެތައް
މަޢުލޫމާތެއް އެމެރިކާނުންނަށް ލިބެމުން ދިޔަކަމެވެ. ހަނގުރާމަކޮށް ޞައްދާމު
ޙުސައިންގެ ވެރިކަން ވައްޓާލުމަށްފަހު އިރާގު
ސަރުކާރުގެ އިސްވެރިން ހައްޔަރުކުރިއެވެ.
އެހެނަސް އަޅައިގަތް ތަންކޮޅަކީ އިރާގު ސަރުކާރުގެ ވަރަށް އިސް މަސްއޫލުވެރިންނަށް
އެމެރިކާއިން ހިމާޔަތްދިންކަމެވެ. ވުމާއެކު އިރާގުގެ ކާމިޔާބީގައި ޖާސޫސީ
މަޢުލޫމާތު ހޯދައިފައިވަނީ ހަމައެކަނި ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާތަކުން
ނޫންކަން އަންގައިދެއެވެ.
ޕެރޫއަށް ހިޖުރަކުރި ޖަޕާނުގެ ދެމަފިރިއެއްގެ ދަރިއަކު އޭނާ އަށް ލިބިފައިވާ
ތަޢުލީމީ ޤާބިލުކަމުގެ އެހީގައި އެ ޤައުމުގެ ސިޔާސީ މައިދާނުގައި
ވަކިހިއްޕައިލިއެވެ. އަދި 1990 ވަނަ އަހަރުން ފެށިގެން ދިހަ އަހަރުވަންދެން
ބާރާއެކު ވެރިކަންކުރިއެވެ. ޖަޕާނާއި ޕެރޫގެ ރަށްވެހިކަން ލިބިފައިވާ އަލްބާޓޯ
ފުޖިމޯރީ ވެރިކަމުގެ ފަހުގެ ދުވަސްތަކުގައި ގާނޫނު އަސާސީ ސަސްޕެންޑްކޮށް އެޅި
ދޯހަޅި ފިޔަވަޅުތަކާހުރެ އެތެރެއާއި ބޭރުގެ ފިއްތުންތައް އިންތިހާއަށް ބޮޑުވިއެވެ.
އެ ދަނޑިވަޅުގައި އޭޝިއާ ޕެސިފިކް އިކޮނޮމިކް ފޯރަމްގައި ޕެރޫ ތަމްސީލުކުރުމަށް
ރައީސްގެ ހައިސިއްޔަތުން ފުޖިމޯރީ ބުރޫނާއީއަށް ދިޔައެވެ. އެކަމަކު އެ ހިސާބުން
ފުޖިމޯރީ ކަންތައް ކުރިގޮތުން ދުނިޔެ ސިއްސައިގެންދިޔައެވެ. ބައްދަލުވުން ނިންމައިލުމަށްފަހު
ފުޖިމޯރީ ދިޔައީ އޭނާގެ ދެވަނަ ޤައުމުކަމަށްވާ ޖަޕާނަށެވެ. ޖަޕާނަށް ގޮސް އަލުން
ޕެރޫއަށް ނުދާނެކަމަށާއި ރައީސްކަމުން އިސްތިޢުފާދިންކަން ދުނިޔޭގެ މީޑިޔާތައް މެދުވެރިކޮށް
އިޢުލާންކުރިއެވެ.
ސިޔާސީ އަދި ޤައުމީ ވިސްނުމަކުން ބެލިނަމަވެސް ފުޖިމޯރީގެ މި ޢަމަލަކީ
ޤައުމަކަށް ވެވޭނެ އެންމެ ބޮޑު ޣައްދާރުވުންކަމުގައި ނޫނީ ނުވާނެއެވެ.
ފުޖިމޯރީއަކީ ޕެރޫގެ ރައްޔިތުންގެ ވޯޓުން އެމީހުންގެ ވަލިއްޔުލް އަމުރުކަމުގައި
އިޚުތިޔާރުކޮށްފައިވާ މީހާއެވެ. އެ އަމާނާތް ދޫކޮށްލަންވާނީ އަމާނާތްހަވާލުކުރި
މީހުންނަށެވެ. ބައިނަލް އަޤުވާމީ ދުނިޔެއަކަށް ނޫނެވެ. ޙަޤީޤަތުގައި އޭރުވެސް
ފުޖިމޯރީ ހުރީ ޕެރޫ ތަމްސީލުކުރާށެވެ. ބައިނަލް އަޤުވާމީ މުޖުތަމަޢުގެ މަޝްހޫރު
ޖަމާޢަތެއްގައި ޕެރޫގެ ދިދަ ވިހުރުވާށެވެ. އެ ދިދަ ވިހުރުވަން ފެށްޓީ ޕެރޫންނެވެ. ވީއިރު
އެކަން ނިންމަންޖެހޭނީވެސް އެތަނުންނެވެ. ރޮއްވައިލި މީހަކު ހުއްޓައިލަންޖެހޭނޭ
ބުނާ ބުނުމަކީ އަޅުގަނޑުމެން އެންމެންވެސް އެބަހަކަށް ތާއީދުކުރާ މުސްކުޅި ހަރު
ބުނުމެކެވެ. އަނެއްކޮޅުން އޭނާ ދަތުރުކުރީ ޕެރޫގެ ވަސީލަތްތަކާއި ފައިސާ
ބޭނުންކޮށްގެންނެވެ.
ފުޖިމޯރީގެ ހާދިސާ ދިރާސާކުރާއިރު ފާހަގަވަނީ ފުޖިމޯރީގެ ޣައްދާރުވުމުގެ
ފަހަތުގައިވާ ޙަޤީޤީ ސަބަބަކީ އޭނާގެ ނާރު ތަކުގައި ޕެރޫގެ ބިންގަނޑުގައި ދައުރުވާ
ސާފު ލޭ ދައުރުނުވުންކަމެވެ. ޕެރޫގެ ޤައުމީވަންތަކަން އޭނާގެ ހިތުގައި ނެތީއެވެ.
ދޮން އަނބެއްގެ ގޮތުގައި ފުޖިމޯރީ ފެނުނުނަމަވެސް އެއީ ދޮން ދުނބުރިއެއްކަން
އެންމެފަހުން މީސްތަކުންނަށް ހާމަވީއެވެ.
ސްނޯޑަންއޭ ބުނުމުން އެއީ ކާކުކަން އެއްވެސް ފަރާތަކަށް އޮޅިފައިވާނެކަމަކަށް
ގަބޫލެއް ނުކުރެވެއެވެ. 1983 ވަނަ އަހަރު ނޯތުކެރޮލީނާއަށް އުފަން އެޑްވަޑް ޖޯސެފް
ސްނޯޑަން ދުނިޔޭގެ ލޯމައްޗަށް އުފަންވީ 2013ވަނަ އަހަރުގެ މެއިމަހުގެ 20ވަނަ
ދުވަހެވެ. 1952ގައި ނޭޝަނަލް ސެކިއުރިޓީ އެޖެންސީގެ ނަމުގައި އެމެރިކާއިން
ގާއިމުކޮށްފައިވާ އެއްލައްކަ މީހުން މަސައްކަތްކުރާ ޖާސޫސީ އިދާރައިގައި 2006 ވަނަ
އަހަރުން ފެށިގެން ސްނޯޑަން މަސައްކަތްކުރާކަމެއް އަދި އޭނާ ދުނިޔޭގައި
އުޅޭކަމެއްވެސް ދުނިޔޭގެ ލޯތަކަކަށް ކުރިޔަކުން ނޭނގެއެވެ.
އެމެރިކާގެ ޖާސޫސީ ހަރަކާތްތަކުގެ ބަތާނަފުށް ސްނޯޑަން ދުނިޔެއަށް
ހާމަކުރުމާއެކު އެތައްކަންތައްތަކެއް އެނގިގެންދިޔައެވެ. އެންމެ އާދައިގެ ނިކަމެތި
މީހާއިން ފެށިގެން ބާރުގަދަ ޤައުމުތަކުގެ ވެރިންނަށް ދާންދެން އެމީހުން ދިޔައީ
ފާރަލަމުންނެވެ. އެކަމުގައި އަމީރަކަށް ފަގީރަކަށް ނުބަލައެވެ. ހަތުރެއް މިތުރެއްނެތެވެ.
ލިބުނު މަޢުލޫމާތާއެކު ބައެއް ޤައުމުތަކުންނާއި އިންސާނީ ޙައްޤުތަކަށް
ވަކާލާތުކުރާ ޖަމާޢަތްތަކުން ސްނޯޑަން އަށް ބަޠަލެއްގެ ދަރަޖަދިންއިރު
އެމެރިކާއިން އޭނާ ގިންތިކުރީ އެންމެ ބޮޑެތި ޣައްދާރުންގެ ތެރޭގައެވެ. އަދި އެ
ކުށުގައި ސްނޯޑަން "އަނދަގޮނޑިޖަހަން" ވެގެން އެމެރިކާއިން ތެޅިގަތެވެ. އެހެނަސް ދަނޑިވަޅު ބަލައިފައި
ރަޝިޔާއިން އިންސާނިއްޔަތަށްޓަކައޭ ބުނެ ސްނޯޑަންއަށް ހިމާޔަތްދީ އެމެރިކާއަށް ފޮރުވިއެވެ.
ޤައުމީ ހަމަތަކުން ބަލާނަމަ ސްނޯޑަންގެ ޢަމަލު ފާޅުވުމުގެ ސަބަބުތަކުގެ
ތެރޭގައި ވާ އެންމެ އިސް ސަބަބަކީވެސް އޭނާގެ ކިބައިގައި ޤައުމިއްޔަތުގެ ލޯބި
އުފެދިފައިވާ މިންވަރު ކުޑަވުމެވެ. ޤައުމީ ސަލާމަތަށްޓަކައި ނަމަވެސް އެމެރިކާ
ކުރީ ނާތަހުޒީބު އަދި އިންސާނީ ޙައްޤުތަކާ ބީރައްޓެހި ކަމެކެވެ. އެކަމާ
އެއްބަހެވެ. އެހެނަސް އެމެރިކާނުން ހިންގި ޖާސޫސީ ހަރަކާތްތަކުގެ ސަބަބުން ލިބުނު
ގެއްލުމަށްވުރެ ބޮޑުގެއްލުމެއް ސްނޯޑަންގެ ސަބަބުން އެ ޤައުމުގެ ޤައުމިއްޔަތަށް
ލިބުނެވެ. ރަހުމަތްތެރިންނާ މޫނުކެނޑުނެވެ. އިންސާނީ ޙައްޤުތަކުގެ ލަވަ ނަގާކިޔައި
އެލަވައަށް ނަށަމުން ދަނިކޮށް "ސޯޓުބުރި" ބޭލުނެވެ. ދުނިޔެއިން ކުރާ
އިތުބާރު ގެއްލުނެވެ.
ވީމާ މި ހާދިސާއިންވެސް ލިއްބައިދިން ފިލާވަޅަކީ ޤައުމު ވަންތަކަމަށް ނުވަތަ
ޤައުމިއްޔަތަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޣައްދާރުވުންކަމެވެ.
Post a Comment