ބަނޑޭރިގަނޑު » » އެންމެ މަޝްހޫރު މަތިންދާބޯޓު

އެންމެ މަޝްހޫރު މަތިންދާބޯޓު

| 5/15/2015 on Friday, May 15, 2015 dhuraya.blogspot.com :ލިޔުނީ

ދަތުރުފަތުރަށް އައި އެންމެ ބޮޑު އިންޤިލާބަކީ ވައިގެ ދަތުރުފަތުރު ތަޢާރުފުވުމެވެ. 1914 ވަނަ އަހަރުގެ ފުރަތަމަ ދުވަހު ސެއިންޓް ޕީޓަރސްބާގް  -  ޓެމްޕާ އެއަރބޯޓު ލައިނުން ފުރަތަމަ ފަހަރަށް ތާވަލުކުރެވިގެން ވިޔަފާރި އުސޫލުން ފެށި ވައިގެ ދަތުރުފަތުރަށް ގަރުނެއް ވީއިރު ދަތުރުފަތުރުގެ މައިބަދަ ކަމުގައި ވެފައިވަނީ ވައިގެ މަގުން ކުރެވޭ ދަތުރުފަތުރެވެ. އެންމެ ތޭވީހަކަށް މިނެޓަށް ކުރަންފެށުނު ދަތުރުގެ ދިގުމިން ހަތަރުދަމަށް ދިގުވެ އެންމެ ފަސިންޖަރަކާއެކު ކުރެވެމުން އައި ދަތުރުގައި މިއަދު އަށްސަތޭކައަށް ވުރެ ގިނަ އާދަމުގެ ދަރިންވެސް އުފުލައެވެ. މަތިންދާބޯޓުތަކުގެ ހުރިހާ މަރުކާތަކެއް އެއްތަނަކުން ފެނިއްޖެނަމަ މިއަދު ހީވާނީ ދޫނި އަރާ ފިނޮޅަކުން އެކިޒާތުގެ ދޫނިތައް ފެންނަހެންނެވެ. އެކަމަކު ސުވާލަކީ މި ހުރިހާ ވައްތަރުގެ ބޯޓުތަކުގެ ތެރެއިން ފަސިންޖަރުން އުފުލާ އެންމެ މަޝްހޫރު މަތިންދާބޯޓަކީ ކޮބައިހެއްޔެވެ؟ އެންމެ ގިނަ ފަސިންޖަރުން އުފުލޭ ބޯޓު ހެއްޔެވެ؟ ނުވަތަ އެންމެ ބާރަށް ދުވާ ބޯޓުހެއްޔެވެ؟ ނޫނެކެވެ. އެ ބޯޓަކީ ކިތަންމެ މުއްސަންޖަސް ވަރަށް މަދު މީހަކަށްމެ ނޫނީ އެރުމުގެ ނަސީބު ނުލިބޭ އެމެރިކާގެ ދީވާނުގެ އެއްބައިކަމަށްވާ އެއަރފޯސް ވަން އެވެ.
"ވަން" އަކީ ދުނިޔޭގެ ގަދަބާރު އެމެރިކާގެ ރައީސް، ވައިގެ މަގުން ދަތުރުކުރެއްވުމަށް ބޭނުންކުރައްވާ އުޅަނދު ދެނެގަތުމަށް އެވެރިންގެ ތެރޭގައި ބޭނުންކުރެވޭ ނަމެކެވެ. ރައީސް ދަތުރުކުރައްވަނީ އެއަރ ފޯސްގެ މަތިންދާ  ބޯޓެއްގައި ނަމަ އެ ބޯޓަކީ އެއަރފޯސްވަން އެވެ. އާމީގެ ބޯޓެއްނަމަ އާމީވަންއެވެ. ހަމައެހެންމެ ރައީސަށް ޚާއްޞަ ހެލިކޮޕްޓަރެއްގައި ދަތުރުކުރައްވާނަމަ އެއީ މެރިންވަންއެވެ. މިއީ ޙަޤީޤަތްނަމަވެސް ގިނަ މީހުންނަށް މީގެ ތެރެއިން ރޭކާލަނީވެސް އެއަރފޯސްވަންއެވެ. އެއީ އެމެރިކާގެ ރައީސް ވައިގެމަގުން ދަތުރުކުރައްވާ ރަސްމީ މަތިންދާބޯޓުގެ ގޮތުގައެވެ.
މިއަދު އަޅުގަނޑުމެން ދަންނަ އެއަރފޯސް ވަންއަކީ މަތިންދާބޯޓު އުފެއްދުމުގެ ގަދަ ދެބާރުގެ ތެރެއިން އެމެރިކާއަށް ނިސްބަތްވާ ބޮއިންކުންފުނީގެ އުފެއްދުމެއްކަމަށްވާ ބޮއިންގ 747 -200  މަރުކާގެ ޖެޓެކެވެ. އެއާރފޯސްވަން ގެ ލަޝްކަރުގައި މީގެ ދެ ބޯޓު އޮވެއެވެ.  ފަސިންޖަރުން އުފުލާ ބޯޓުތަކަށް ތިރީސް ހާސް ފޫޓު މަތިން ދަތުރުކުރެވުނަސް މި ގަނޑުވަރަށް ސާޅީސް ފަސް ހާސް އެއް ސަތޭކަ ފޫޓުމަތިންވެސް އުދުހެވެއެވެ.
ފެންނަފެނުމަށް ހަތަރު އިންޖީނުލީ ބިޔަ މަތިންދާބޯޓެއްގެ ގޮތުގައި ފެނުނަސް އެއަރފޯސް ވަންއަކީ އާދައިގެ ބޯޓެއް ނޫނެވެ. އެއީ ފަސްމީރު އެއްޗެކެވެ. އެ ބޯޓުގައި އެމެރިކާގެ ވެރިކަމުގެ މައި އޮފީސް، ވައިޓްހައުސްގެ އޯވަލް އޮފީހުގެ ބައެއްގެ އިތުރުން ނޫސްވެރިންނާ ބައްދަލުކުރުމަށް ޚާއްޞަ ބައެއް ހުރެއެވެ. 85 ޓެލެފޯނާއި 19 ޓީވީ ގެ އިތުރުން ފެކްސް މެޝިނާއެކު ރައީސްގެ މުވައްޒަފުން މަސައްކަތްކުރުމަށް ޚާއްޞަ ސަރަހައްދެއް ގާއިމުކޮށްފައިވާއިރު ބޯޓުގައި ކާކޮޓަރިއަކާއި ދެހާސްވައްތަރުގެ ކެއުން އެއްފަހަރާ ތައްޔާރުކުރެވޭ ވަރުގެ ބަދިގެއެއްވެސް ހިމެނެއެވެ. ހަމައެހެންމެ އެންމެ ޒަމާނީ ޞިއްޙީ ސާމާނާއި ލޭއެޅުމުގެ ޚިދުމަތްވެސް ލިބޭ ކުޑަވަރެއްގެ ހަސްފަތާލެއްވެސް މި ކިއްލާގައި ވޭމެއެވެ. ވަޒަންނާރާ ބިއްލޫރިން ހުރިހާ ކުޑަދޮރުތަކެއްވެސް ހަދައި، ދުޝްމަނުންގެ މިސައިލް ހަމަލާތަކުންވެސް ރައްކާތެރިވެވޭ ފަދަ ނިޒާމުތައް ގާއިމުކޮށްފައިވާ މި ބޯޓުގައި އެއްގަމުގައި ހުންނަ ކޮޓަރިއަކަށް ކުޑަކޮށްވެސް ދޫނުކުރާނެ ނިދާކޮޓަރިއެއް ވެސް ހުރެއެވެ. ބޯޓުގެ އެންމެ ކުރީކޮޅުގައި ތައްޔާރުކޮށްފައިވާ މި ކޮޓަރީގައި ކަސްރަތުކުރާނެ ސަރަހައްދެއްވެސް އެކަމުގެ ވަސީލަތްތަކާއެކު ގާއިމުކޮށްފައިވެއެވެ. މިހުރިހާ ސަބަބަކާ ހުރެ ނޫސްވެރިން ސިފަކުރަނީ އެއީ " އުދުހޭ އޯވަލް އޮފީހެއް" ނުވަތަ އުދުހޭ ވައިޓުހައުސްއެއްކަމުގައެވެ.
ޖައްވުގައި އުދުހޭ ބޯޓެއްގައި މިހާ ބައިވަރު ވަސީލަތްތައް ގާއިމުކޮށްފައި ވުމުން ބޯޓުގައި އުޅެންޖެހޭނީ އެއްޗެއް ނެތް އާދައިގެ ބޯޓެއްގައިވެސް އުޅެންޖެހޭފަދައިން ފިތިގެންކަމަށް ހީވުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް ކަން އޮތީ އެހެނެއް ނޫނެވެ. އެއާރފޯސްވަން ތައްޔާރުކޮށްފައިވަނީ ރައީސަށް ހުރިހާ ގޮތަކުންވެސް ހިތްހަމަޖެހުމާއި ސަލާމަތްލިބޭނެ ގޮތަށެވެ.  ބޯޓުގެ ތިން ފަންގިފިލާގައި ހަތަރުހާސް އަކަ ފޫޓަށްވުރެ ބޮޑު ޖާގައެއް އޮވެއެވެ. ހަމައެކަނި ކާން ހަމަޖައްސައިފައިވާ ދެ ބައިގަވެސް އެއްފަހަރާ ސަތޭކަ މީހުނަށް ދަތިކަމެއްނެތި  އިންސާފުކުރެވެއެވެ.
ނަމުންވެސް އެނގޭނެ ފަދައިން އެއަރފޯސްވަން އަކީ ހަނގުރާމައިވެރި ބޯޓެކެވެ. މި ރިޔާސީ ބޯޓު ތައްޔާރުކޮށްފައިވަނީ ހަނގުރާމައިގެ  ހާލަތުގައިވެސް ގެނބިގެން ނުގޮސް ސަލާމަތްވެވޭނެ ފަދަ ނިޒާމުތަކާއެކުގައެވެ. ވައިގެ މިސައިލު ހަމަލާއަކުން ސަލާމަތްވުމުގެ ގާބިލުކަން ވެސް މި ބޯޓުގައި ގާއިމުކޮށްފައިވެއެވެ. އަދި ހޫނާއި އަލިފާނުން ބޯޓު ރައްކާތެރިކޮށްދޭ ނިޒާމެއްވެސް ބޯޓުގައިވެއެވެ.
ބޯޓަކީ ރައީސަށް ޚާއްޞަ ބޯޓެއްނަމަވެސް ރައީސްގެ ދަތުރުފުޅުގައި ބައިވެރިވާ ފަރާތްތަކުން މި ބޯޓުގައި ދަތުރުކުރެއެވެ. މި ގޮތުން ފަސިންޖަރުންގެ ގޮތުގައި ހަތްތަރި މީހުން އުފުލޭއިރު އެ މީހުންނަށް ޚިދުމަތްކުރުމަށްޓަކައި ސައްބީސް މީހުން ފަޅުވެރިންގެ ގޮތުގައިވެސް ހަރަކާތްތެރިވެއެވެ. 
މި ބޯޓުގެ ދަތުރެއް ފެއްޓުމަކީ ވެސް އާދިޔާމުކަމެއް ނޫނެވެ. އެއަރފޯސްވަން ގެ ދަތުރުތައް ފަށަނީ އަބަދުވެސް އެމެރިކާ މެރީލޭންޑްގެ އެންޑްރޫ އެއަރފޯސް ވައިގެ ބަނދަރުންނެވެ.  ދަތުރުގެ ކުރިން މުޅި ބޯޓާއި އިސްޓޭޝަން ވައިގެ ދިފާޢީ ބާރުގެ ސިފައިން ޗެކުކުރެއެވެ. ވައިޓް ހައުސް އިން ރައީސް މެރިންވަންގައި ވަޑައިގަންނަވާނީ އޭގެ ފަހުންނެވެ. ހަމައެހެންމެ އެ ގަޑީގައި ހުއްދަ ނެތް އެއްވެސް އެއްޗެއް އެ ސަރަހައްދަށް ވަދެފިނަމަ އެއީ މަތިންދުއްވާ ބޯޓެއްވިޔަސް ބަޑިޖަހާ ހަލާކުކޮށްލުމުގެ ހުއްދަ ސަލާމަތީ ބާރުތަކަށް އޮންނަނީ ދީފައެވެ. އަދި ބޯޓުފުރުމުގެ މާކުރިން ރައީސްގެ ދަތުރަށް ބޭނުންވާ އެންމެހައި ސާމާނާއެކު ސީ 141 ސްޓާލިފްޓަރ މަރުކާގެ މުދާ އުފުލާ ބޯޓެއްވެސް ރައީސްގެ މަންޒިލަށް އުދުއްސާލައެވެ.
ރައީސަކު އަމުދުން އެމެރިކާ ފަދަ ހައިބަތު ބޮޑު ޤައުމެއްގެ ވެރިޔަކު ރަސްމީ ދަތުރުފުޅުތައް ކުރައްވާ މަތިންދާބޯޓު ހުންނަން ޖެހެނީ ފިސާރި ފެންވަރުގައެވެ. އެހެނަސް ދުއިސައްތަ އެއް ތިރީސް ފޫޓު 10 އިންޗި ދިގު ދުނިޔޭގެ އެންމެ މަޝްހޫރު މަތިންދާބޯޓު އެފެންވަރުގައި ތައްޔާރުކޮށްފައިވާ އެހެން ސިއްރެއްވެސްވެއެވެ. އެއީ އެމެރިކާގެ ބިމަށް ނުވަތަ ވައިޓުހައުސްއަށް ބަޔަކު ހަމަލާދީ ބިންމަތި ނުރައްކާތެރި ތަނަކަށް ބަދަލުކޮށްލައިފިނަމަ ރައީސްގޮވައިގެން އުދުއްސައިގަތުމަށް  ފައްކާއެއްޗަކަށް ބޯޓު ހެދުމެވެ.
ބޯޓުގެ މަގުސަދު ހާސިލްވާނެކަމެއް އެނގޭނީ އެފަދަ ހާލަތެއް މެދުވެރިމުންނެވެ. ބޯޓަށް އެޅޭ ދެލައްކަ ތިންހާސް ލީޓަރުގެ ތެލުން ދުނިޔެވަށައި ދެބައިކުޅައެއްބަޔަށް ދުއްވުނަސް އަދި ބީ – ޓޫ ފަދަ ބޯޓުފަހަރު ބޭނުންކޮށްގެން ވައިގެ ތެރޭގައި އެއަރފޯސްވަން އަށް ތެޔޮއެޅޭގޮތަށް ހަދައިފައި އޮތަސް މަރަކީ މުޅިން އެހެންފަރާތެއްގެ ކަމެކެވެ.
މައިގަނޑު މަޢުލޫމާތު: www.nairaland.com އިން ނަގާފައި


މިލިޔުން ހިއްސާކުރެއްވުމަށް :

+ comments + 2 comments

May 16, 2015 at 9:43 PM

ވަރަށް ފައްކާ ލިޔުމެއް

May 18, 2015 at 9:55 AM

ޝުކުރިއްޔާ! އަޚު

Post a Comment

 
© 2015-2020.MuNeEz by DHURAYA