ބަނޑޭރިގަނޑު » » އުނބު ބަންޑުން ޖެހުން

އުނބު ބަންޑުން ޖެހުން

| 12/22/2015 on Tuesday, December 22, 2015 dhuraya.blogspot.com :ލިޔުނީ

ޢަލީ މުނީޒު (2015)


ވަޒީފާގެ  މާހައުލުގައި އުޅޭ އިރު އަބަދުވެސް ކުރާ ޝަކުވާއަކީ ބުރަކަމު ގެ ޝަކުވާއެވެ. ހުސްވަގުތެއް ނުލިބޭކަމުގެ ޝަކުވާއެވެ. ވަޒީފާއާ ގުޅުން ނެތް ކޮންމެ ކަމަކުން ރެކިގަތުމަށް ބަހަނާއެއްގެ ގޮތުގައި ދައްކަނީވެސް މި ދެންނެވި ޝަކުވާއެވެ. ކަންމިހެން އޮއްވައި ޒަމާން ގަނޑަކަށްފަހު ބޮޑު ޗުއްޓީގެ ބޮޑުބައެއް ރަށުގައި ގާއިމުވެހުރުމުގެ ފުރުޞަތު ލިބިއްޖެއެވެ. ނަތީޖާއެއްގެ ގޮތުން ކުރިން ބަޔާންކުރި ބުރަކަން ކެނޑި ހުސްވަގުތުން މީހާ ފުރައިލިއެވެ.
ވުމާއެކު ޖެހުނީ ލިބެން ފެށި ހުސްވަގުތުތައް ފައިދާހުރި ގޮތަކަށް ފުރާނެގޮތުގެ ފިކުރެއް ކުރާށެވެ. ލައްކަ ގޮތްގޮތަށް ވިސްނުމަށްފަހު ވަލަށް ދާންފެށީމެވެ. އެކަމުން ދެތިން ހަތަރު ގޮތަކުން ނަފާލިބޭނެކަމަށް ވިސްނިގެންނެވެ. ވަލަށް ދިއުމުން ކާށި ލިބޭނެއެވެ. މި ދުވަސްވަރު ކާށީގެ އަގު އުޅެނީ ރަނުގެ އަގުގައެވެ. އަތް ނުފޯރާފަށުގައެވެ. ވީމާ ކާށި ލިބޭނަމަ ބޮޑު ޚަރަދެއް ކުޑަވެސް ކޮށްލެވުނީއެވެ. ނުވިތާކަށް އެއް ފައިސާ ފޮތި ދެ ފައިސާފޮތްޗަށް ހަދައިވެސް ލެވިދާނެތާއެވެ.
އަނެއްކޮޅުން އެކަމުގެ ތެރޭގައި އުޅޭނަމަ ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ކަސްރަތެއްވެސް ލިބޭނެއެވެ. ގުނބުޓައިގަންނަވަރު ނުވިއެއްކަމަކު، ކަސްރަތުކުރުމުގެ ނަމުގައި ޖައްސާ ޒާތްޒާތުގެ ބަނޑިތައް ނުމެޖެއްސިއެއްކަމަކު ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް ވަލުހިނގައިގެން އިހުސާސްކުރެވޭނެއެވެ. އެއް ގަހު ދަށުން އަނެއް ގަހު މަތިން އަހުރެން ކަހަލަ ފޮއްބަރު މީހަކު ހިނގަންޖެހޭތީއެވެ. މި ހުރިހައި ކަމަކަށްވުރެ ލިބޭ ހިތް ހަމަޖެހުމަކީ ލިބިފައިވާ ހުސްވަގުތުތައް ކޮންމެވެސް ގޮތަކުން ފުރައިލެވޭތީއެވެ.
ކޮންމެއަކަސް ބައެއް ދުވަސްދުވަހު ވަލުހިނގަން ފަށައިފީމެވެ. އެއްބައި ދުވަސްދުވަހު ލިބެއެވެ. ނުލިބޭ ދުވަސްވެސް އާދެއެވެ. ހުސްއަތާވެސް އަންނަން ޖެހިދެއެވެ. ވަލަށް ހަމަ ވަންނަތަނުން ކޮންމެވެސް އެހެން މުތާދެއްގައި މަޖުބޫރުވެގެން ނިކުންނަންވެސް ޖެހޭމެއެވެ.
މިކަމުގެ ތެރޭގައި އުޅެން ފެށުމުން އެހެން ކަމެއް ފާހަގަވެއްޖެއެވެ. ކާށްޓެއްކަމަށް ހިތައި ވަރަށް ހެވިފައި ކުއްލި ފިޔަވަޅުތަކެއްގައި ގޮސް ބަލައިލާއިރު މި ބެލެނީ އަހާނ! ސަހަޜޯއެވެ. ހަމަ ތާޒާ ބޮޑެތި އުނބުއުނބެވެ. މި ހެން ކަންތައް ވުމުން ހިތަށް ވަރަށް ބޮޑަށް ތުރާވެއެވެ. އަމުދުން އަތްފައިން ލޭކޮށައިލައިގެން ގޮސް ނުހަނު ދަތި ހާލުން ގޮސް ކާށި ނަގާއިރު މީދާކޭ ބޮޑު އުނބެއްކަން އެނގޭހިނދު ހިތަށްލިބޭ އުނދަގޫ އެތައް ތަނަކުން ބޮޑެވެ. މީދާދެކެ އަންނަ ރުޅިގަނޑު ހިތަށް ނުކުޅަދާނަވާވަރަށް އަރައިގެންދެއެވެ.  
މި ސަކަރާތެއްގައި އުޅެން ހަދައިގެން ލިބޭ ފައިދާއެއްވެސް އެބައޮތެވެ. ޖަންގަލީގެ މެދުގައި، ކާފަމެން ބުނާގޮތުން ކެނދިބޮޑުބެއާއި ފުއްކައްކާ ދައިތަ ފަދަ ސައިތާނުންގެ ގޭދޮށުގައި އުޅޭއިރުވެސް ﷲގެ މަތިން ހަނދުމަވާ މިންވަރު ބޮޑުވުމެވެ.
ހިތަށް އަރައެވެ. ކޮންމެ ޚަލްޤުކުރެއްވުމަކަށްވެސް ﷲ ރިޒުގު ދެއްވަވާނެއެވެ. އެ ހުރިހައި އުނބަކީ މީދަލުގެ ރިޒުގެވެ. ކާށްޓަކީ އިންސާނުންގެ ރިޒުގެވެ. ވެއްޓޭ ހަމަ ކޮންމެ އުނބެއްވެސް ބަންޑުން އޮންނަގޮތަށް ވެއްޓޭގޮތްވުމީ އެކަލާނގެ ޒާތުފުޅަށް އެއްވެސް ކަމެއް ނޫނެވެ. ކުޅަދުންވަންތަ ކަމުގެ ބޮޑުކަމާއެވެ!
ފަހަކަށް އައިސް އަހުރެންގެ މަސައްކަތަކީ ބަންޑުން އޮންނަ އުނބު އުއްޑުންޖެހުންކަމުގައި ވެއްޖެއެވެ. ދެފައި ވާޅުވެ ވަރުބަލިވެގެން ކަންފުޅެއްނުވެގެން ހުސްއަތާކަހަލަ ގޮތަކަށް ގެއަށް އަންނަން ޖެހެން ފަށައިފިއެވެ.
ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ކުރިޔަށް ދިޔައީމެވެ. އެ ފެނުނީ ހަމަ ދެންމެ ވެއްޓިފައި އޮތް ވަރަށް ބޮޑު ކާށްޓެކެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ކުޑަކޮށް ދުއްވައިވެސް ގަނެވިއްޖެއެވެ. ދިޔަ ގޮތަށް ގޮސް ކާށި ނަގައިފީމެވެ. ހުސިޔާރު ދޫންޏެއް ކަނޑުފަޅުން މަހެއް ޖަހައިގަނެގެން އުދުހިދާ ބީދައިންނެވެ. އެހެނަސް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މި ފަހަރުވެސް މި ނެގުނީ އުނބެކެވެ. ބަންޑުން އޮތް އުނބެކެވެ. ވީދެރައިން ކަރު އެލުނީ ކަނދުރާގެ ކަށިތައް ނުހައްދަވާ އިންސާނެއްގެ ކަރުވެސް އެލޭނެ މިންވަރަށެވެ. އިރުކޮޅަކު ގަބުވެފައި ހުރުވުނެވެ. އެންމެފަހުން ﷲ ގެ ކިބަފުޅަށް ޝުކުރުކޮށް ހިނގައިގަތީއެވެ. އުނބު އުއްޑުން ބާއްވާފައެވެ. އެހެން މީހަކު އެ އުނބާ އޮޅުލަން ނުޖެހޭނެގޮތް ހަދައިފައެވެ.
އެހެން ދުވަހެކެވެ. ވަލަށް ވަދެއްޖައީމެވެ. ވަރަށް ބޮޑު ކާށްޓެއް ފެނިއްޖެއެވެ. މަތިވަރު ހުސްވެފައިވާ މި ފަދަ ދުވަސްވަރެއްގައި ނުލިބޭ ފަދަ ބޮޑު ކާށްޓެކެވެ. ކެވެލިޖަހައިގެން  އިރުކޮޅަކު ގެންގުޅުނީމެވެ. ބަރުވާތީ ރުކެއްގެ ބުޑުގައި ބޭއްވީމެވެ. ވަލުތެރޭގައި އާންމުކޮށް މީހުން ހިނގާބިނގާވާ މަގެއްގައި ހުރި ރުކެއްގެ ބުޑުގައެވެ. 
ކާށި ބޭއްވުމަށްފަހު ހިނގަމުން ދަނިކޮށް ކުރީދުވަހު ފެނުނު އުނބު އޮތް ހިސާބަށް ދެވިއްޖެއެވެ. އެ އުނބު ފެންނަންވެސް ފެނިއްޖެއެވެ. ހިތަށް އެރިއެވެ. އެއޮތީ އެއްކަލަ އުނބެވެ. ކުރީ ދުވަހު ދުވެފައިގޮސް ކާށްޓެއްކަމަށް ހިތައި ނެނގި އުނބެވެ. މިފަހަރަކު އެއާ ކައިރިވެސް ނުވާނަމެވެ.
އެހެން މަގަކުން އައިސް އަނެއްކާވެސް އެއްކަލަ އުނބު ކައިރިއަށް އާދެވިއްޖެއެވެ. އެއީ ޚާއްޞަ އުނބެއްވިއްޔާއެވެ. އެއްލި ކަޅިއަކުން ނަޒަރު ސީދާކޮށްލެވުނީ އުއްޑުންޖެހި އުނބަށެވެ. ލިބުނީ ހައިރާންކަމެވެ. އެތާކު އެ އުނބެއްނެތެވެ. އޮތީ ކާށްޓެކެވެ. އެހެނަސް ޝައްކުގެ ނަޒަރުން ބަލަމުންގޮސް ކާށި ފުރޮޅައިލައިފީމެވެ. ކަންވީ ހަމަ ހީކުރި ގޮތަށެވެ. އެއީ ހަމަ އުނބެކެވެ. ހަމަ ކުރީ ދުވަހު އުއްޑުންޖެހި އުނބެވެ. ހަމަ އެ ބޮނބިގަނޑެވެ. ހަމަ އެތަނެވެ. ތަފާތެއް ޚިލާފެއްނެތެވެ. ކޮންމެވެސް މީހަކު އެ އޮތީ އެ ދުވަހު އަހަރެން އުއްޑުންޖަހައިފައި އޮތް އުނބު ބަންޑުންޖަހައިފައެވެ. އެހެން މީހުންނަށް ލަނޑު ދިނުމަށެވެ. މީހުން ލައްވާ އުނބު އުއްޑުން ޖެހުވުމަށެވެ. އެހެންމީހުންގެ ވަގުތު ދުއްވައިލައި ބޭކާރު ގޮތުގައި ހަކަތަ ހުސްކޮށްލުވުމަށެވެ. އެހެނަސް އެކަމުން ލިބެނީ ކޮން އުފަލެއްހެއްޔެވެ؟ އެއީ ނާތަހުޒީބުކަމުގެ ޢަމަލެއް ނޫންހެއްޔެވެ؟
މި ހާދިސާއާ ގުޅިގެން މި ފެންނަ ބަންޑުން އޮންނަ އުނބުތަކުގެ ޙަޤީޤަތް އެނގުނީއެވެ. ﷲ ގެ ކުޅަދުންވަންތަކަމުން ބަންޑުން އޮންނަ ގޮތަށް އުނބު ވެއްޓުނު ނަމަވެސް ހުރިހައި އުނބަކީ ހަމަ ވެއްޓޭގޮތަށް ބަންޑުން އޮންނަ އުނބުނޫންކަން ސާބިތުވީއެވެ.
ވަގުތުން އުނބު އުއްޑުން ޖެހީމެވެ. އެހެނަސް އެ ގޮތަށް އެ އުނބު އޮންނާނެކަމުގެ އޮތީ ކޮން ޔަގީންކަމެއްހެއްޔެވެ؟ ކުރީ ދުވަހު އުއްޑުން ޖެހި އުނބު މިއަދުވެސް އެއޮތީ ބަނޑުންނެވެ. މާދަމާވެސް އެ އުނބު އޮތުން އެންމެ ގާތީ ބަންޑުންނެވެ. ވިސްނައިލުމަށްފަހު މުޑިކާށި ރުކަކުން ތިން ފަން (މި ރަށުގައި ކިޔާގޮތުންނަމަ ކުރުފަތް) ކަނޑައިލުމަށްފަހު އުނބުގެ ވަށައިގެން ޖެހީމެވެ. އަދި ގެއަށްދާންވެގެން ކުރިން ބޭއްވި ކާށި ބަލައިދިޔައީމެވެ. ވީގޮތް ނިކަން ދެކޭށެވެ! ކެވެލި ޖަހައިފައި އިރުކޮޅެއް ކުރިން ބޭއްވި ކާށި މިހާރަކު ނެތެވެ. ކޮންމެވެސް މީހަކު ގެންދިޔައީއެވެ.
ކާށި ހޮވުމުގައިވެސް މީހުންގެ ޚަޞީލަތް ހާދަހާވާ ގޯހެވެ. ފަހެ މި ފަދަ ނުބައި ޚަޞީލަތަކާއެކު ހޯދާ ރިޒުގުން އާރާސްތުކުރާ ދިރުއުޅުމާމެދު އެވެރިން ވިސްނައިވެސް ނުލަނީހެއްޔެވެ؟

އެކަމަކު އެއްކަމެއްގައި އަހުރެން ކާމިޔާބު ހޯދީމެވެ. ތިން ފަން ޖެހިފަހުން އެ އުނބެއް ބަންޑުންނެއް ނުޖަހައެވެ. އެކަން ނުކުރަނީ މީހެއްގެ އެއްޗެއްކަމަށް ވެދާނެތީވެސް ތޯއްޗެކެވެ. ނޫންނަމަ އެ ތިން ފަން ޖަހައިފައި ހުރި ގޮތުން މަންތަރެއް ހަދައިފައި އޮތް އުނބެއްކަމަށް ހީވީވެސް ތޯއްޗެކެވެ. ގައިމުންވެސް އެ އުނބު ފުރޮޅުމުގެ ދުއްތުރާލުން އެތައް ބަޔަކު ސަލާމަތްކުރެވުނީތާއެވެ. އެކަމަކު ހުރިހައި އުނބެއްގައި ތިން ފަން ޖެހުމަކީވެސް ކުރެވޭނެކަމަކަށް ނުވާނެ ނޫންހެއްޔެވެ؟
މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA