ބަނޑޭރިގަނޑު » » ބުލެކު ބޮކްސް

ބުލެކު ބޮކްސް

| 4/08/2015 on Wednesday, April 8, 2015 dhuraya.blogspot.com :ލިޔުނީ

ޢަލީ މުނީޒު (2012)

ކުޑަދައިތަ އަބަދުވެސް ބުނާ ވާހަކައެއް އޮވެ އެވެ. ކޮންމެ ފަދަ ހާލެއްޖެހުނަސް އަހުރެން މަތިންދާބޯޓަކަށް ނާރާނަމެވެ. އެއް އިސްޓޭޝަނުން ފުރުމާއި އަނެއް އިސްޓޭޝަނަށް ޖެއްސުމާދެމެދު އެއީ އިންސާނުންގެ ބާރު ހިނގާއެއްޗެއް ނޫނެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ހިނގާއެއްވެސްކަމެއް ﷲ ފިޔަވައި އެނގޭނެ ފަރާތެއް ނުވެ އެވެ. ބޯޓުވެއްޓުނަސް ފަޅިވިޔަސް އެންމެ ކުޑަމިނުން އެކަންމެދުވެރިވާން ދިމާންވިސަބަބެއްވެސް ނޭނގޭނެ އެވެ.
އެކަމަކު މި ވިސްނުމަކީ ބޯދާވިސްނުމެކެވެ. 1903 ގައި އޯވިލް އާއި ވިލްބަރ ރައިޓު އުފެއްދި މަތިންދާބޯޓަށް މި ޒަމާނުގެ ޓެކްނޮލޮޖީންވަނީ ބޮޑެތި ކުރިއެރުންތަކެއްގެނެސްފަ އެވެ. ފަޒާގައި މާހޯރައެއްހެން އުދުހެމުންދާ ބިޔަ ދޫންޏާ ބިމާ ތާއަބަދު ވާހަކަދެކެވެއެވެ. ކޮންމެވެސް މައްސަލައަކާހުރެ މަތިންދާބޯޓުގެ ނިޒާމު ފޫވެއްޓި އެކްސިޑެންޓެއް ނުހިނގާނަމަ އެވެ. އެ ފަދަ ހާލަތުގައި ބޯޓު ވެއްޓި ޗިސްޗިސްވިޔަސް އެ ނާޒުކު ދަނޑިވަޅުގައި ކަންވީގޮތްވެސް އަންގައިދޭނެ އާލާތެއް މަތިންދާބޯޓުގައި ހަރުކުރެވިފައި ހުރެ އެވެ. އާދޭހެވެ. ތިޔަ ހީފުޅުކުރެއްވީ ހަމަ މުޅިން ރަނގަޅަށެވެ. އެއީ ބޯޓުގެ ކަޅުފޮށްޓެވެ.
ކަޅުފޮށި އުފެއްދުމުގެ ފަޚުރުވެރި ލަގަބު ނިސްބަތްވަނީ އޮސްޓްރޭލިޔާގެ ރައްޔިތަކަށެވެ. މެލްބަންގެ އެއަރޮނޯޓިކަލް ރިސާރޗް ލެބޯޓަރީގައި މަސައްކަތްކުރެއްވި ޑރ. ޑޭވިޑް ވޮރަންއަށެވެ. މަދަނީ ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓުތަކުގެ ތަޙުޤީޤުތަކުގައިވެސް ބައިވެރިވި ވޮރަން ގެ މި އުފެއްދުން 1957 ގައި ބޭނުންކުރަންފެށި އެވެ. ނަތީޖާއަކީ މަދަނީ ވައިގެ ދަތުރުފަތުރުގައި ކަޅުފޮށި ބޭނުންކުރަންފެށި ފުރަތަމަ ޤައުމުގެ ގޮތުގައި އޮސްޓްރޭލިޔާ ދުނިޔޭގެ ތާރީޚުން ޖާގަހޯދުމެވެ.
ކޮންމެ މަތިންދާބޯޓެއްގައިވެސް ހުންނަން ލާޒިމުކުރާ މި ފޮށްޓަށް ކަޅުފޮށި ކިޔަނީ އެފޮށްޓަކީ ކޮންމެހެން ހުޅުވައިލެއްޕޭގޮތަށް ފަރުމާކޮށްފައިވާ ފަރުމާކޮށްފައިވާ އެއްޗަކަށް ވާތީއެއް ނޫނެވެ. އަނެއްކޮޅުން މި ފޮށީގައިބޭރުގައި ލައިފައިވާ ދަވާދަކީ ކަޅުކުލައެއްވެސް ނުމެ ނޫންމެ އެވެ. އިލެކްޓްރޯނިކް މައިގަނޑު ހަތް އާލާތެއް އެތެރެއަށްލައި ހިމަކޮށް ދިގު ބިސްކޯދުކޭހެއްފަދަ އޮރެންޖުކުލައިގެ މި ފޮށިގަނޑަށް ކަޅުފޮށްޓޭކިޔަންޖެހެނީ މި ފޮށީގެ ސަބަބުން އެތައްބައެއްގެ މަރުގެ ސިއްރުތަކުގެ އަސްލު ދެނެގަނެވޭތީ އެވެ.
ކަޅުފޮށީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދެ ބައެކެވެ. އެއްބަޔަކީ ކޮކްޕިޓު ވޮއިސްރެކޯޑަރެވެ. މީގެ ބޭނުމަކީ ކައްޕިތާނާއި އޭނާގެ އެހީތެރިން ދައްކާވާހަކަތައް ރެކޯޑުކުރުމެވެ. އޭގެ އިތުރުން މަތިންދާބޯޓުގެ ހުންގާނު ހިފަންތިބޭ ކޮޓަރީގެ ތެރޭގައި އިވޭ ހުރިހާ އަޑުތަކެއްވެސް މި ފާރަވެރިޔާ އަޑުއަހާނެ އެވެ. މި ގޮތުން އިންޖީނުގެ އަޑުފައްގަނޑާއި ވައިގެ ބަނދަރުގެ ކޮންޓުރޯލްޓަވަރުގައި ތިބޭ މީހުން ބޯޓަށްފޮނުވާ އެކި މެސެޖްތަކާއި ދެކެވޭވާހަކަތައްވެސް  ކަނުލައި އަޑުއަހާނެއެވެ. ބޯޓުން ދަތުރުކުރާ މީހުންގެ އެންމެ ފަހުގެ ހަނދާންތައް ލިބޭނީ މި ރެކޯޑަރުމެދުވެރިކޮށެވެ. ތަޙުޤީޤުކުރާ މީހުންގެ މަސައްކަތް ކާމިޔާބުވުމުގެ އެންމެ ބޮޑު މަދަދުގާރަކީ މި އެވެ.
ދެވަނަ ބަޔަކީ ފުލައިޓު ޑާޓާ ރެކޯރޑަރެވެ. މިއީ ބޯޓުގެ ހުރިހައިކަމެއްހެން އެނގޭ ކުޅަދާނަ އެއްޗެކެވެ. މި ގޮތުން ބޯޓު ހަރަކާތްތެރިވަމުންދާގޮތުގެ ގިނަ މަޢުލޫމާތު އެއްފަހަރާ ނަގައި ފޮރުވުމުގެ ޤާބިލުކަން މިއަށްލިބިގެންވެ އެވެ. މި ގޮތުން ވަގުތާއި ބޯޓު އޮތްތަނާއި ދަތުރުކުރާ ބާރު މިނުގެ އިތުރުން ބޯޓުގެ މިސްރާބުވެސް މި ރެކޯޑަރުން އަންގައިދޭނެ އެވެ. މީގެ އިތުރުން ބޯޓުގެ ފިޔަތަކާއި އިންޖީނުތަކާއި  އޮޓޯޕައިލެޓުގެ ހަރަކާތްތައްވެސް ދެނެގަނެ އެވެ. ހަމައެހެންމެ ބޯޓުގެ ކާނާގެ މިންވަރުވެސް މި އިން އަންގައިދޭނެ އެވެ. ކުރުގޮތަކަށް ބުނާނަމަ ބޯޓަށް ދިމާވާކޮންމެކަމެއްގެ މަންޒަރުތައްވެސް މި ފޮޓޯފޮތުން ބަލައިލެވޭނެ އެވެ.
ބައެއް މީހުން ސުވާލުކޮށްފާނެ އެވެ. އެވްރެޖް ބަރުދަނުގައި 90000 ކިލޯހުންނަ އެތައް މަޢުދަންތަކަކުން އުފައްދައިފައިވާ ބިޔަ ބޯޓެއް ވެއްޓި އަނދައި ހުލިވާއިރު ކަޅުފޮށި މަރުނުވެ ސަލާމަތްވެދާނެހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިންސާނުންވަނީ ކަޅުފޮށްޓަކީ ރައްކާތެރި އެއްޗަކަށް ހަދައިދީފަ އެވެ. މި ގޮތުން 1110 ޑިގުރީ ސެލްސިއަސްގެ ގަދަ ހޫނުގައި އެނދިޔަސް އެއްގަޑިއިރު އެ ސޮރު ދިރިއޮންނާނެ އެވެ. މިއީ އެއްމެ ހަރު މައުދަންކަމަށްވާ އަލިމަސް ވިރުވައިލުމަށް ބޭނުންވާ ހޫނުމިނަށްވުރެ ތިންގުނައަށް ވުރެވެސް އިތުރު މިންވަރެކެވެ. 260 ޑިގުރީ ސެލްސިއަސްގެ ހޫނުގައި 10 ގަޑިއިރު އެންދިޔަސް ކަޅުފޮށި ކަހާތަން ހިރުވައިވެސް ނުލާނެ އެވެ. ތަށަށްކިޔަނީ މަރިޔަނބުހޭވެސް އަހައި ނުލާނެ އެވެ.
ކަޅުފޮށި ރައްކާތެރިކޮށްފައިވަނީ ހަމައެކަނި ގަދަހޫނަކުން އެކަންޏެއް ނޫނެވެ. ފުން ކަނޑުތަކުގެ ތެރެއިންވެސް އެ ސަލާމާތްކުރާނެ ގޮތް އޭގައިވަނީ ހިމަނައިފަ އެވެ. އޭގައިވާ "އަންޑަވޯޓަރ ލޮކޭޓަރ ބީކަން" ކިޔާ ޚާއްޞަ އާލާތެއް ހަރަކާތްތެރިވާން ފެށުމާއެކު 14000 ފޫޓު އަޑިންވެސް ފޮށީގެ ދިރުން ދެނެގަނެވެ އެވެ. ވުމާއެކު މަތިންދާބޯޓުގެ އެންމެ ފަހު ފަންސަވީސް ގަޑިއިރު ސިއްރުވެރިޔާ ފެންމަތިކުރުމަކީ މިޒަމާނުގެ ޓެކްނޮލޮޖީގެ އެހީގައި ނުވާވަރުކަމެއް ނޫނެވެ.
މި ފިޔަވަޅުތަކުގެ އިތުރަށް ކަޅުފޮށި ރައްކާތެރިކުރުމުގެ ގޮތުން އެހެނިހެން ފިޔަވަޅުތައްވެސް އަޅަފައި ހުރެ އެވެ. މި ގޮތުން އެންމެ ފާހަގަކޮށްލެވެނީ ބޯޓުގައި މި ފޮށި ހަރުކުރާ ތަނެވެ. އާންމު ގޮތެއްގައި މި ފޮށި ފޮރުވަނީ ބޯޓުގެ ފަހަތުކޮޅުގަ އެވެ. ބޯޓު ކޮންޓުރޯލްކުރަނީ ކުރީކޮޅުންވިޔަސް އިތުރު އެތައް ނަރުތަކާއި ވަސީލަތްތައް ގުޅައިގެން ބޯޓުގެ ފަހަތުގައި ފޮށިފޮރުވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ނުރައްކާތެރި ހާލަތެއް ހިނގިޔަސް ގިނަފަހަރަށް އެންމެ ބޮޑަށް ގެއްލުންވެ މުގުރިގެންދަނީ ބޯޓުގެ ކުރީކޮޅެވެ. ސަބަބަކީ އާންމުގޮތެއްގައި ފުރަތަމަ މުޑިއަރަނީ ކުރީކޮޅުކަމަށްވެފައި އެތަނުގައި ހުންނަ ސާމާނުތަކުގެ ވެސް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކުރީކޮޅަށެވެ. އަނެއްކޮޅުން ބޯޓުގެ އެންމެ ލުއިބަޔަކީ ވެސް ފަހަތުކޮޅެވެ. ވުމާއެކު ކަނޑަށްވެއްޓުނަސް ވަރަށް ގިނަފަހަރަށް އެންމެ ގިނައިރު މަތީގައި އޮންނަނީ ވެސް ފަހަތުކޮޅެވެ.
ކޮންމެއަކަސް މި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު ކަޅުފޮށި އުފެއްދިނަމަވެސް އެ ފޮށި ނުފެންނަ ފަހަރުވެސް ކުރިމަތިވުމަކީ ވަރަށް އާންމުކަމެކެވެ. ފަހަރެއްގައި ފޮށި އޮތްތަން ނުބެލެނީ ކަމަށްވެސް ވެދާނެ އެވެ. ނޫންނަމަ ވަރުގަދަ ފޮށި ބަލިވީކަމަށްވެސް ވެދާނެ އެވެ. ރައިވަރުވެރިޔަކުވެސް ކިޔުއްވައިފައިވޭނޫންތޯ އެވެ؟
ގަދަ ލަކުޑި ފީވެދޭ
ގަދަ ދަގަނޑު ދަބަރަށްވެދޭ
ގަދަ ހިލަ އަނދާ ރޫޅިދޭ
ގަދަވެ ބަލި އިންޖީނުދޭ
ގަދަނިދިއަޔަސް މަޑުވެދޭމި
ގަދަ އަލިފާންނިވި ދޭމި
ވުމާއެކު އެކަތައިގެ އުފެއްދުންތައްވެސް ހަލާކުވެދާނެކަން ޔަގީން ނޫންތޯ އެވެ؟ އެންމެ ބާރުގަދަ ފަރާތަކީ ﷲ އެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ ކިތަންމެ ވަރުގަދަ އެއްޗެއްވެސް ނެތިފަނާވާނެކަމީ މުޖައްރިބުކަމެކެވެ. މި ހިސާބުންވެސް އަނެއްކާވެސް އަންނަނީ އެހެން ރައިވަރުވެރިއެއްގެ ހަނދާންތަކެވެ.
ކާކަށްތަ ދާނައީ ކުޅަ
ވާގިލާރުން ޖަހާދަ މުގު
ރާކަށެއް އިރާދަ މުގުން


މަޢުލޫމާތު: http://natgeotv.com މމމމ
މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA