ބަނޑޭރިގަނޑު » » ޓެކްނޮލޮޖީގެ ދެ ފަރާތް

ޓެކްނޮލޮޖީގެ ދެ ފަރާތް

| 4/07/2015 on Tuesday, April 7, 2015 dhuraya.blogspot.com :ލިޔުނީ

ޢަލީ މުނީޒު (2012)

1.                 އެއީ 17 ވަނަ ގަރުނުގެ ކުރީކޮޅެވެ. ތަނަކީ އަދަބާއި ފަންނުތަކުގެ ހާއްޔެވެ. ބަހާއި ސަޤާފަތުގެ މައި ކިއްލާ އެވެ. އެބަސް ނޭވާލާންފެށީ މިދެންނެވި ތަނުންނެވެ. އެންމެ ފަހުން އޭރު އަދަބީކަންފުޅެއް ނެތް އެފަދަ ދަރަޖައެއް ނުދެވޭ އިނގިރޭސިބަސް ފުރާފުރިހަމަވުމާއެކު އެބަހުގެ ތެރެއަށް ވެސް މިދެންނެވި ބަސް ވަދެއްޖެ އެވެ. އަދި ކިއެއްތަ އެއީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ފަޚުރުގެ ތެރޭގައިވެސް ވަދެހިނގާ ބަހަކަށް ވެއްޖެ އެވެ. މިދެންނެވީ ގުރީކުން ފެށުނު ޓެކްނޮލޮޖިއާ އެވެ.
2.                 ޓެކްނޮލޮޖީއަކީ މަސައްކަތްތެރިކަމުގެ ފަންނުތަކާ ބެހޭ ޢިލްމެވެ. ހަމައެހެންމެ އެ ފަދަ ކަންކަން ކުރިއެރުވުމާބެހޭ ގޮތުން ކުރާ ދިރާސާތަކެވެ. މިދެންނެވި ޢިލްމާއި ދިރާސާތައް ބޭނުންކޮށްގެން ލައްކަގިނަ ސާމާނު އުފައްދައި ކަންކަންވަނީ ކުރެވިފަ އެވެ. އިންސާނުންގެ ދިރިއުޅުމަށް ބޮޑެތި ފަސޭހަތައް ވަނީ ގެނެސްދީފަ އެވެ. އަމުދުން 20ވަނަ އަދި 21 ވަނަ ގަރުނުގައެވެ. ދެބަހެއްނެތި އެއްބަސްވެވޭފަދައިން އޮކްސިޖަން ނެތަމަ ނޭވާ ނުހިނގާނޫ އެވެ. ހަމައެބީދައިން ޓެކްނޮލޮޖީ ފިރާލައިފިނަމަ ދިރިއުޅުންވެސްވާނީ މަރުވުމަށްވުރެ ހިތްދަތި އަނިޔާއަކަށެވެ.
3.                 އިހުގައިވެސް ދަތުރުފަތުރު ކުޅަ އެވެ. ކާޅުގުއި ބަންގާޅަށްވެސް ދިޔަ އެވެ. އެހެނަސް ކަންކަން ހުރީ ނުހަނު ބިކަކޮށެވެ. ދެރަވަރުކޮށެވެ. ދާން އުޅޭތަނަކަށް ދެވޭނެކަމުގެ ޔަގީންކަމެއް ނޯވެ އެވެ. ދަހަނގުވެގެން ނުވަތަ މިސްރާބު ކަސިޔާރުވެގެން ނޫންނަމަ ވާނުވާ ނޭނގިގެން ނުބައިތަނަކަށް ދެވޭގޮތްވަނީ ނުހަނު ގިނައިންނެވެ. ފިޔަލަ ބޮލަށް އޮޑިދުއްވަންޖެހުމުގެ ސަބަބުންކީހައިޅެން ފަރިއްސަށްވެފައިވެސް އެބަހުއްޓެވެ. ކޮލަމްބަހަށް ވެސްޓު އިންޑީސްގެ ރަށްތަކަށް ދެވި އެރަށްތަކަށް ވެސްޓު އިންޑީޒްކިޔުނުގޮތަކީވެސް މިކަމުގެ ފުރިހަމަ މިސާލެކެވެ. ބެހިގެން ގޮސް ދިރިތިބެ މަރުވެފައިވެސް އެބަހުއްޓެވެ. ނަޕޯލިއަން ބޮނަޕާޓުފަދަ ބޮޑެތި ކުށްވެރިންގެ ކަށްވަޅު އަދި ދުނިޔޭގެ އެންމެ އެކަހެރި އެއް ޖަޒީރާ ސެއިންޓު ހެލީނާ ގައި ދިވެހިންގެ ބަޔަކު އަޅުންގެ ގޮތުގައި އަޅުދާސްވެ ކަފުސާސްވެ ނަސްލާއި ވަންހަ ގެއްލުނު ހިތާމަވެރި ހާދިސާއަކީ މި ފަދަ މިސާލެކެވެ.
4.                އެކަމަކު މިއަދު ކަންއޮތީ ކިހިނެއްތޯ އެވެ؟ ހަނދަށް ދަތުރުކޮށް ފަޒާގައި ދިރި އުޅެނީ އެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ސައުވީހަކަށް ގަޑިއިރުތެރޭ ފައި ބީއްސާލެވެ އެވެ. ދަތުރުކުރަނީ އެއަރބަސް އޭ380 ފަދަ ބިޔަ ގަނޑުވަރުތަކުގަ އެވެ. ކަނޑުމަގުން ކުރާ ދަތުރުތައްވެސް ވަކި ސަހަލެއްނޫނެވެ. ބޮޑެތި ރަށްވަރުގެ ފަސިންޖަރުލައިނަރުތަކާއި މާސިންގާ ޔޮޓުތަކުގައި ކުރާ ދަތުރުތަކަކީ މަދުފަހަރެއްގައި މެނުވީ އުފާވެރި ދަތުރުތަކެވެ. ޓައިޓޭނިކާއި ކޮސްޓާ ކޮންކޯޑިއާގެ ދަތުރުތައް ކުރިމަތިވަނީ ދަމަކުން ޖަހާ ބަޑިއެއް ހެންނެވެ.
5.                  ޙަޤީޤަތުގައިވެސް އިންސާނުންނަކީ މަސައްކަތްތެރި ބައެކެވެ. އެހެނަސް އެ މަސައްކަތްތެރިކަން މިއަދު ވަނީ އެހެން ބައްޓަމަކަށް ބަދަލުވެފަ އެވެ. ބުރަކޮށް އުޅުނު އިންސާނުން މިއަދު ތިބީ އަރާމުކުރާށެވެ. ހުރިހައިކަމެއް މެޝިންތަކާއި މަތިކޮށްފަ އެވެ. މިއަދު އެމީހުންނަށް ޖެހެނީ އެވެނިކަމެއް ކުރާށޭ ބުނާށެވެ. އެހިސާބުން އެކަމެއްކުރުމުގެ މަސްއޫލިއްޔަތާ ހަވާލުވެގެން ތިބޭނެ މެޝިންތައް ނަންހުސްކޮށް އުފައްދައިފައިވެ އެވެ.
6.                 އަޅުގަނޑުމެން ކުޑައިރު ބުނާތީ އަހަމެވެ. ބައެއް ކުދިންތިބެނީ ރަވޯއޭ ކިޔުނު ޝައިތާނެއްގެ ސުންޕާކަމުގައި އަނަރޫފަވެ ބަނޑު ފުއްޕައިފަ އެވެ. އެކަމަށް އޮންނަނީ އެންމެ ފަރުވާ އެކެވެ. އެއީ ފެންތިލަ ތަނަކު އަތުން ކޮނެލާ ރަވޯވަޅަކުން ނަގާ ފެންފޮދެއް ބޯންދިނުމެވެ. އެވަރަކުން އަދި ނުފުދެ އެވެ. ރަވޯގެ ސުންޕާކަމުން މިންޖުވާނީ ރަވޯހިތަށް އެރިއްޔާ އެވެ. ނޫންނަމަ ދާނަކީ މަށްޓެވެ.
7.                 މިއީ ބަލިމަޑުކަމުގެ ހާލަތު އޮތް ގޮތެވެ. ތެލެސީމިޔާގެ މަޢުލޫމާތު އެނގޭ މިންވަރެވެ. އެހެނަސް އުފާހުއްޓެވެ. އޭރުގެންގުޅުނު އާހަދިތަކާއި ތަށިތަކާއި ތަވީދުތައް މިއަދު އެއީ ތާރީޚެވެ. އައު ބަލިތަކާއި ނަންނަމުން ކަންފަތް ފުރާލިޔަސް ޑަކުޓަރީގޮތުން ހޭލުންތެރިވެ ދުނިޔޭގައި ދިރިތިބޭ މުއްދަތު މިއަދު ވަނީ އިތުރުވެފަ އެވެ. އެކަމުގައިވެސް ޓެކްނޮލޮޖީ މަދަދު ހާދަ ބޮޑެވެ.
8.                 މިއަދު ދުނިޔެ ވަށް ކުނބުރަކަށް ހަދައިފި އެވެ. ކަކޫގާތުބުނާ ވާހަކަވެސް މިއަދު ސިއްރުވާނެ ގޮތެއްނެތެވެ. ދުނިޔޭގެ ދެބިތުގައި ތިބެގެން ވާހަކަދެއްކެ އެވެ. ބެލެ އެވެ. ވިޔަފާރިކުރެވެ އެވެ. ކައިބޮއިވެސް އުޅެވޭކަހަލަ އެވެ. ފުންމިން އެނގުމެއްނުވާ މަޢުލޫމާތުގެ ކަނޑެއް އެބައޮތެވެ. ބޭނުންއިރަކު އެރެ ބޭނުން ކަމެއް ކުރަންވީ އެވެ. ކައިގެން ވަޔެއްލައްވައިލިޔަސް އެވާހަކަވެސް އެންމެންނަށް އަންގައިލެވެ އެވެ. އެންމެންތިބެނީ ގުޅިފަ އެވެ. ހުރިހައިވެސް ޝުކުރެއް ޙައްޤުވަނީ ހަމަ ޓެކްނޮލޮޖީއަށެވެ.
9.                 ބަހާއި އަދަބިއްޔާތަށް އައިސްފައިވާ ތަރައްޤީގައިވެސް ޓެކްނޮލޮޖީގެ ދައުރުބޮޑެވެ. މިކަން އަޅުގަނޑުމެންގެ އަދަބުގެ ތާރީޚަށް ނަޒަރު ހިންގައިލުމުންވެސް އެނގެ އެވެ. ޗާޕުގެ ފަސޭހަތަށް ނެތުމުން ދިވެހި އަދަބިއްޔާތަށް ލިބުނު ގެއްލުމުގެ އަގު ބަޔާންކުރަންވެސް ދައްޗެވެ. ޗާޕުމެޝިނެއްގެ ރަހަ ދިވެހިންނަށް ފުރަތަމަ ދެއްކެވީ އާންމުންގެ ތެރޭގައި ވަޒަނާއެކު ފިސްތޯލައެއްވެސް ގެންގުޅުއްވި އަލްފަޤީޙު އިބްރާހީމް ބަހާއުއްދީން ނުވަތަ ފަނޑިޔާރު ތައްޚާނުގެ ދޮންމަނިކެވެ. ދިވެހި އަދަބިއްޔާތުގެ ދުވަސްވީ ލިޔުންތައް އާންމުވަން ފެށީ ޗާޕުގެ މަސައްކަތް ދިވެހިންގެ ތެރޭގައި އާންމުވުމުންނެވެ. ހަމައެހެންމެ ޓައިޕްރައިޓަރާއި ކޮމްޕިއުޓަރު ގެ ސަބަބުން ތާނައަކުރުތަކުގެ ބައްޓަން ރީތިވެ ލިޔެކިޔުމުގެ ހަރަކާތްތައް ފުޅާވިކަމީ އެންމެންދަންނަ ޙަޤީޤަތެކެވެ.
10.            ހަކުރުއަޑުބައެއްގެވެސް ދެކޮޅު އޮންނަ ބީދައިން މި ޙަޤީޤަތްތަކުގެ އެހެންފަރާތެއްވެސް ވެ އެވެ. ޓެކްނޮލޮޖީގެ ސަބަބުން އިންސާނުންނަށް ގެއްލުމާއި ދުއްތުރާތައްވެސް ކުރިމަތިވެ އެވެ. މީގެ އެންމެ ސާފު މިސާލަކީ މިޚާއީލް ކަލެޝްނިކޯފްގެ އޭކޭ47ގެ ރައިފަލެވެ. އެއީ ޤައުމުތަކުގެ މިނިވަންކަން ހިމާޔަތްކޮށްދިނުމުގައި އެންމެ އާންމު އެންމެ މަޤުބޫލު އަސާސީ ބައިވެރިޔާ އެވެ. އެކަމަކު އެންމެ ގިނަ ބައެއްގެ މޭތޮރުފައި މި ބިމުގެ ބަނޑުދަށަށްލީ ހަމަގައިމުވެސް 1947 ގެ މިއުފެއްދުމެވެ.
10.             ފޯނަކީ ކިހައި ބޭނުންތެރި އެއްޗެއްތޯ އެވެ؟ އެކަމަކު ނުރަނގަޅު ކޯލްތައްކޮށް މެސެޖުތައް ފޮނުވައި ކިހައި ބޮޑެތި ދުއްޕާންތައް މިރާއްޖޭގައިވެސް އެއިން އާނަންދަ އަނެކާއަށް ކުރޭނޫންތޯ އެވެ؟ ހަހަމައެހެންމެ ނިއުކުލިއަރ ޓެކްނޮލޮޖީއާއި ކަރަންޓާއި އިންޓަނެޓަކީވެސް މިދެންނެވިފަދަ އެއްޗެއްސެވެ. ނުރަނގަޅުގޮތުގައި ބޭނުންކުރުމުން ބަޔާންނުކުރެވޭފަދަ ގެއްލުމާއި ހަލާކު  އިންސާނުންނަށް ތާރީޚުގައި ކުރިމަތިވެފައިވާ އެއްޗެއްސެވެ. ޖަޕާނާއި ރާއްޖެއިންވެސް މީގެ މިސާލުތައް ފެންނަން އެބަހުއްޓެވެ.
މަޢުލޫމާތު: http://www.washingtonpost.com


މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA