ޢަލީ މުނީޒު (2012)
ބިމުގެ އެންމެ ބާރުގަދަ ޚަލްޤުކުރެއްވުމަކީ
އިންސާނުންނެވެ. މަނަކުސަވެހިން ވަނީ ދުނިޔަވީ ކޮންމެ ބާރަކާދެކޮޅަށް ތެދުވެ އެ
ބާރެއް ބަލިކުރާނެގޮތް ހޯދައިފަ އެވެ. ޢިލްމާއި ޙިލްމުވެރިކަމުގެ ތެރެއިންނެވެ.
ޓެކްނޮލޮޖީ އެއީ މައިހަތިޔާރަކަށް ހަދައިގެންނެވެ. މަސައްކަތްތެރިކަމުގެ
ފަންނުތަކާބެހޭ ޢިލްމަށް އަޖައިބެއްފަދަ ކުރިއެރުންތައް ގެނެސްގެންނެވެ. މި ފަދަ
މިސާލުތައް އެވޭލާއިންނާއި މިވޭލާއިންވެސް ފެންނަން އެބަހުއްޓެވެ. ބޮޑުފާރާއި
އަހުރާމުތަކެވެ. މިޒަމާނުގައި ކޮށްފައިވާ އެފަދަ މަސައްކަތްތައް ގުނައި
އަދަދުނުކުރެވޭހައި ގިނަ އެވެ. ނަމަވެސް މިސާލެއްގެ ގޮތުން އެއްމަސައްކަތެއް
ހުށަހަޅައިލަންޖެހޭނަމަ އެ ލިސްޓުގެ ކުރިޔަށް އަންނަ އެއްނަމަކަށްވާނީ މަޝްހޫރު
ޗެނަލްޓަނަލް އެވެ.
ޗެނަލްޓަނަލް އަކީ ނަވާރަވަނަ ގަރުނުގެ ދެވަނަ
އަހަރު ފަރަންސޭސި ސިކުނޑިއަކަށް ވެރިވި ޚިޔާލެއްގެ ނަތީޖާ އެވެ. ބިންގަރާސްތައް
ހަދާނެގޮތުގެ ޢިލްމުވެރިއެއްކަމަށްވާ އަލްބަޓު މެތިއުގެ ޚިޔާލެކެވެ.
އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ ދެމެދު ތަކުލީފާއެކު ކަނޑުމަގުން
ކުރެވެމުންދިޔަ ފެރީދަތުރުތައް ނިޔާމަ އަރާމު ދަތުރަކަށް ބަދަލުކޮށްލެވޭނެ
ގޮތަކާމެދު ކުޅަ ފިކުރެކެވެ.
އަވައްޓެރި ދެ ޤައުމު އެކުވެރިކަމުގެ ޗޭނަކުން
ގޮށްޖަހައިލުމުގެ ނިޔަތުގައި މެތިއުގެ މި ޚިޔާލު ފަރަސްސޭސި ޚުދުމުޚުތާރު ވެރިޔާ
ނަޕޯލިއަން ބޮނަޕާޓަށް ހުށަހެޅުނެވެ. ނަމަވެސް ޙަޤީޤީކުލަޖެހުމުގެ ބަދަލުގައި އެ
ޚިޔާލު ގިނަ ދުވަސްތަކެއް ނުވެ މަރުވީ އެވެ.
ދުވަސްކޮޅެއްފަހުން އިނގިރޭސި ނޫހެއްގައި ވަރަށް އެހެންކަހަލަ ކާޓޫތަކެއް
ޝާއިޢުކުރި އެވެ. އެ ކާޓޫނުތަކުން ފެންނަނީ ފަރަންސޭސި ފައުޖުތައް ބެލޫންޏާއި
ބޯޓާއި ބިންގަރާސް ބޭނުންކޮށްގެން "ބްރިޓެއިން" އަށްއައިސް ބޮންއަޅާ
ބަލިކޮށްލާތަނެވެ. މި ކާޓޫނުތަކާއެކު ލަކުޑި ހޮޅެއްގެ ތެރެއަށް
އުއްބައްތިން އަލިކޮށްގެން ކަނޑުގައި ގާއިމުކުރުމަށް މެތިއު ހުށަހެޅި ބިންގަރާހަށް
އާންމުންގެ ސަމާލުކަން ލިބުނެވެ. އެހެންނަމަވެސްއޭރުވެސް މީސްތަކުން ދެކެމުން އައީ
މެތިއުގެ ހުވަފެނަކީ ބިލާހެއްކަމަށެވެ. ސަބަބަކީ ކަނޑުގެ ބިންގަނޑުގެ ކުރަކިކަމާއި
އަޑިގުނޑަންބޮޑުވާނެކަމަށް ކުރެވޭ ހީކުރުންތަކެވެ. ކަނޑުއަޑީގެ ހައިޖާނުން
ބިންގަރާސް ކަފާސްވެދާނެކަމުގެ ވަހުމްތަކެވެ.
1857 ގައި ފަރަންސޭސި އިންޖިނިއަރު ތޯމަސް ޑިގެމަންޑު ޔޫރަޕުގެ
މައި ބައްރާއި އިނގިރޭސިވިލާތާ ރޭލަކުން ގުޅުވާލުމުގެ ވިސްނުން ހާމަކުރި އެވެ.
މެތިއުގެ އަސްގާޑިޔާ ތަކަށްވުރެ މި ގޮތް މާ މޮޅުކަމަށް ބެލެވުނެވެ. އަނެއްކޮޅުން
ހަމަ އެދުވަސްވަރު ފަރަންސޭސި ވިލާތާއި އިޓަލީ ރޭލުން ގޮށްޖެހުމަށްޓަކައި އެލްޕްސް
ފަރުބަދައިގައި ބިންގަރާސް ކޮންނަމުންދިޔަ އެވެ. ލަންޑަނުގެ ތީމްސް ކޯރުގެ އަޑިން
ރޭލު ދަތުރުކުރުމަށް ބިންގަރާހެއް އޭރުވަނީ ހަދައިފަ އެވެ. ވުމާއެކު ޑިގެމަންޑުގެ
ހުށަހެޅުމާދު ކުރެވުނު އުއްމީދުތައް ބޮޑުވި އެވެ.
1870ގެ އަހަރުތަކުގައި ސިޔާސީ ގޮތުންވެސް އިނގިރޭސީންނާއި
ފަރަންސޭސީންގެ ގުޅުން އާދަޔާ ޚިލާފަށް ބަދަހިވެފައިވުމާއެކު އެގުޅުން އިތުރަށް
ބިންގަރާހަކުން ތަގުޅިކުރުމަށް ދެ ޤައުމުން ނިންމި އެވެ. މި ގޮތުން 1881ގައި
ފުރެންޗް ޗެނަލް ޓަނަލް ކުންފުނި ވުޖޫދުކޮށް އިނގިރޭސިންގެ ފޯކްސްޓަން އިން
ފަރަންސޭސިންގެ ކެލައިސް އަށް ބިންގަރާސް ބިނާކުރުމުގެ ބުރަ މަސައްކަތް ފެށި އެވެ.
ފިނިހަކަ ދުވެލީގައި ގޮސް މަސައްކަތް ނިމި ރަސްމީކޮށް
ބިންގަރާސް ހުޅުވައިދެއްވީ 1994 މެއި 6 ވަނަ ދުވަހު އިނގިރޭސި ރާނީ ކްއީން
އެލިޒަބާތާއި ފަރަސްސޭސި ރައީސް ފްރާންސްވާ މީޓްރޯން އެވެ. ސުވާލަކީ ޓެކްނޮލޮޖީގެ
ރަންޒަމާނުގައި އަދި ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ބައްރުގައި މި މަސައްކަތް
މިހައިބޮޑަށް ލަސްވީ ކީއްވެގެންހެއްޔެވެ؟ މައިގަނޑު ސަބަބަކީ ސަލާމަތީގޮތުން
އުފެދުނު ޚިޔާލުތަފާތުވުންތަކާއެކު ދެފަރާތުގެ ޓިކާނާގެއްލުމާއި ފައިސާގެ ގޮތުން
ކުރިމަތިވި ގޮންޖެހުންތަކެވެ.
މިޒަމާނުގެ މަސައްކަތްތެރިކަމުގެ ޢިލްމަށް އައިސްފައިވާ
ކުރިއެރުން ދައްކުވައިދޭ ރަމްޒެއްގޮތުގައި ބެލެވޭ މި ބިންގަރާހުގެ ދިގުމިނުގައި 57
ކިލޯމީޓަރު ހުރެ އެވެ. މިއީ ގާތްގަނޑަކަށް ޤުދުރަތީ މާލެއަތޮޅު އުތުރުބުރީގެ
ދިގުމިނެވެ. ކަނޑުގެ ސަޠުޙާއި ބިންގަރާހާދެމެދު އެންމެ ފުންދިމާގައި 150 މީޓަރު
ހުރެ އެވެ. ޓަނަލް ބިނާކޮށްފައިވަނީ ޖުމުލަ ތިންހޮޅިއެއް ހިމެނޭގޮތަށެވެ. އެންމެ
އުތުރުމަގުން ދަތުރުކުރަނީ އިނގިރޭސިވިލާތުން ފުރާންސަށެވެ. ދެކުނުމަގު މީގެ
އިދިކޮޅަށް ދަތުރުކުރާއިރު މި މަގުގެ 100 މީޓަރު ފުނުގައި މޯބައިލް ފޯނާއި
އިންޓަނެޓުގެ ޚިދުމަތް 2ޖީ އަދި 3 ޖީ ކޮށްވެސް ލިބެ އެވެ.
ފުޅާމިނުގައި 30 މީޓަރު ހުންނައިރު ކޮންމެ މަގެއްގައި
ރޭލުދަގަނޑުގެ ދެފަރާތުން ދެ ދުވާރު އޮވެ އެވެ. ހަމައެހެންމެ ރޭޑިޔޯ ގެ
ސިގުނަލްވެސް ލިބެ އެވެ. ކޮންމެ ޤައުމަކުންވެސް އެޤައުމެއްގެ ރޭލު ދުއްވައި
މުޅިދަތުރަށް ހޭދަވާ 35 މިނެޓު ކޮންޓުރޯލުކުރަނީ އިސްޓޭޝަނުގައި ކޮންޓުރޯލް
ސެންޓަރެއް ގާއިމުކޮށް އެސެންޓަރުގައި ތިބެގެންނެވެ.
ތިންވަނަ އަދި މެދުމަގަކީ އެހީތެރިއެކެވެ. މައި ދެމަގާ 15 މީޓަރު ދުރުގައި
ބިނާކޮށްފައިވާ 4.8 މީޓަރުގެ މި ހޮޅީގެ ބޭނުމަކީ ރޭލުދަތުރުކުރާ މަގުތައް
މަރާމާތުކޮށް އާބާތުރަފިލުވުމެވެ. އޭގޭ އިތުރުން ކުއްލިނުރައްކަލުގެ ހާލަތުގައި
މީހުން ސަލާމަތްކުރުމަށް އަމާން ބަނދަރެއް ގާއިމުކުރުމަކީވެސް މި ހޮޅީގެ
މުރާދެކެވެ. މި ބޭނުމަށްޓަކައި ޑީސަލް ބޭނުން ކޮށްގެން ދުއްވާ އުޅަނދުތައް މި
މަގުގައި ގިނައަދަދަކަށް ބަހައްޓައިފައި ހުރެ އެވެ.
ޗެނަލް ޓަނަލުގެ ސަބަބުން ތިމާވެށްޓަށްވެސް ފައިދާތަކެއް
ކުރި އެވެ. އެފަދަ މަގެއްގައި ބޯޓުދެލިން ދުންއަރުވަމުން ރޭލުދުއްވުމަކީ އޮތް ބޮޑުގޮންޖެހުމެއްކަމުގައި
އެންމެންވެސް ގަބޫލުކުރި އެވެ. އެ ވިސްނުމާއެކު ޕްރެޝަރުން ނުވަތަ އެނޫންވެސް
ހަކަތައަކުން ރޭލުދުއްވާނެ ގޮތަކަށްވެސް އޮތީ ވިސްނަންޖެހިފަ އެވެ. ނަތީޖާއަކީ
މިއަދު މިދެކޭ އިލެކްޓްރިކްރޭލު އުފަންވުމެވެ. ވުމާއެކު ދަނގަޑާއި ކޮންކުރީޓުގެ ރަހުމަތްތެރިކަމުގެ
ރަމްޒީ މި ނިޝާނުން ފައިދާ ވަނީ ހަމައެކަނި އިނގިރޭސިންނާއި ފަރަންސޭސިންނަކަށް
ނޫނެވެ. މުޅިދުނިޔެއަށެވެ. އަޅުގަނޑުމެންދިވެހިރާއްޖެއަށްވެސް އެކަމުގެ ފައިދާ
ލިބެ އެވެ.
ތޭރަހާހަށްވުރެ ގިނަ މީހުންގެ މަސައްކަތުން ތައްޔާރުކުރި
21 ބިލިއަން ޑޮލަރުގެ ބިންގަރާސްވެފައިވަނީ ދުނިޔޭގެ ކަނޑެއްގައި އެދުވަސްވަރު
ފީނަމުންދިޔަ އެންމެ ދިގު ބިޔަ ބިންގަރާހަށެވެ. އެމެރިކަން ސޮސައިޓީ އޮފް ސިވިލް
އިންޖިނިއަރިން އިން ހާމަކުރާގޮތުންނަމަ މިޒަމާނުގެ ހަތް އަޖައިބުގެ ތެރެއިން އެއް
އަޖައިބަށެވެ. ގައިމުންވެސް އެނގޭކަމަކީ ޗެނަލްޓަނަލް އަކީ ޓެކްނޮލޮޖީ
ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އަޖައިބެއްފަދަ ތަނެއްކަމެވެ. އެއީ މިއަދުވެސް
ދެ ޤައުމެއްގެ ދެމެދުގައި ކަނޑުއަޑިން ބިނާކޮށްފައިވާ އެންމެ ދިގު ބިންގަރާހެވެ.
މަސައްކަތްތެރިކަމުގެ އަރައިހުރި ނަމޫނާ އަކެވެ. ޓެކްނޮލޮޖީ ކުރިއަރަފައިވާ
މިންވަރުއަންގައިދޭ ތަރާދެކެވެ.
މަޢުލޫމާތު:
http://www.unmuseum.org މމ
Post a Comment