ޢަލީ މުނީޒު
އެއް ބަޔަކު ބިރުން ތެޅިފޮޅެނީ އެވެ. ގަދަވަޔާއެކު އަރާ އުދައިގެ ބާނިތަކުގެ
ޝިކާރައަކަށްވެ ގޯތިގެދޮރާއި މުދާކޮޅު އޮޔާ ހިނގައިދާނެތީ އެވެ. އަނެއްބަޔަކު
މަސައްކަތްކުރަނީ ފެންނުވަރާށެވެ. ތަޣައްޔަރުވެފައިވާ ފެނުގެ ސަބަބުން ކުރިމަތިވާ
ޒާތްޒާތުގެ މައްސަލަތައްދެކެ ގަންނާކުރައްވާ ބިރެއްގެ ބޮޑުކަމުންނެވެ.
ހަމައެހެންމެ ނޯށްދަމާލަން ނުކެރޭ ބަޔަކުވެސް އުޅެތެވެ. ނައްތާލެވޭނެ ގޮތެއް ނެތި
ޖަމާވެފައިވާ ބިޔަ ފަރުބަދައެއްފަދަ
ކުނިގޮނޑުން ދުވާ މުޑުދާރުވަހުގެ ސަބަބުންނެވެ. މި ބަޔާންކޮށްދެވުނީ
ކެލައައްޑުއާ ދެމެދު މިވާ ޖަޒީރާތަކުގައި ދިރި އުޅޭ ތިންލައްކައެއްހައި އިންސިންގެ
ހާލަތުގެ ވާހަކަ އެވެ. ރާއްޖެ ގައިދުވެ ކަސްތޮޅުއެޅިފައިވާ ތިމާވެށީގެ
މައްސަލަތަކުގެ ތެރެއިން ހަމަ ކުޑަކުޑަ މިންވަރެއްގެ ވާހަކަ އެވެ. އެކަމަކު
މިކަންތައްތަކުގެ ހައްލެއް ފެންނަންނެތި ހާކަނޑުގައި އެވެރިން
ލަބަރިތަޅަމުންދާއިރު އުފެދޭ ސުވާލަކީ ދިވެހި ދައުލަތުގެ ޚަޒާނާއިން ބޮޑު ޚަރަދެއް
ފުރަތަމަ ކުރަންވީ ޤައުމު ކާބަން ނިއުޓުރަލް ކުރަންހެއްޔެވެ؟ ނޫންނަމަ ތިމާވެށީގެ
ގޮތުން ކުރިމަތިވެފައި ހުރި އެހެނިހެން މައްސަލަތައް ހައްލުކުރަން ހެއްޔެވެ؟
ބުނާތީ އަހަމެވެ. ރާއްޖެއަކީ ވޮޑިގިރާ ޖަޒީރާ ތަކެކޯލަ އެވެ. ފަހަރެއްގައި
ވޮޑުމަކީ ޔޯލަ ކަމަކަށްވެސް ވެދާނެ އެވެ. އެކަމަކު ޔަގީންވާ ކަމަކީ ރާއްޖޭގެ
ރަށްތަކަކީ ގިރާ ރަށްތަކެއްކަމެވެ. ރަށްގިރުމަކީ ރާއްޖޭގެ ހަމަ ކޮންމެ
ރަށަކަށްހެން ކުރިމަތިވެފައިވާ މައްސަލަ އެއް ކަމެވެ. އެކި ރަށްރަށުގައި އެކި
ވަރަށެވެ. 1990 ވަނަ އަހަރުންފެށިގެން ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑުވެގެން
ސަތާހި ރަށަކުން ކަމާގުޅޭ ފަރާތްތަކަށް ރިޕޯޓުކޮށްފައިވާއިރު ކޮޅުމަޑުލު ހިމެނެނީ
ނިސްބަތުން އެ މައްސަލަ އެންމެ ބޮޑު އަތޮޅު ކަމުގަ އެވެ. އުފެދޭ ސުވާލަކީ
މިފެންވަރަށް ރަށްގިރުމުގެ މައްސަލަ ބޮޑުވެފައިވާއިރު މައްސަލަ ހައްލުކުރުމަށް
އެކަށިގެންވާ ފިޔަވަޅުތަކެއް އެޅޭހެއްޔެވެ؟ ހިތާމައާއެކު ޖަވާބުގައި
ދަންނަވަންޖެހެނީ ނޫނެކޭ އެވެ. އެންމެ ކުޑަމިނުން ހއ. ދިއްދޫ އާއި ތުލުސްދޫ ފަދަ
މަދުރަށެއްގައި މެނުވީ ގިރާ ސަރަހައްދުގައި ތޮށިގަނޑެއް ވެސް ލައިދެވިފައެއް ނުވެ
އެވެ. ފައިސާގެ ދަތިކަމާހުރެ އެވެ. ވީއިރު ކާބަން ނިއުޓުރަލް ކުރުމަށް ނުވާ
މިންވަރުން ބޮޑު ޚަރަދުކުރުމަކީ މި ދަނޑިވަޅަށް އެހައި މުހިންމުކަމެއް ނޫނެވެ.
ރަށްގިރަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ގޮނޑުދޮށްތަކުން
ވެލިނެގުމެވެ. ވެލި އުފެދެނީ މުރަކައިން އުފެދޭ މަޚުލޫޤެއްކަމަށްވާ ޕްރޮޓްފިޝް، މުރަކަ ކެއުމަށްފަހު ބޭރުކުރާ ނަޖިސްކަމުގައިވާ ހިމުން
ވެލިންނެވެ. އަނެއްކޮޅުން މުރަކަ އެއް ހެދި ބޮޑުވަނީ އަހަރަކު އެންމެ ދިހަ
ސެންޓިމީޓަރަށެވެ. މިހައި ލަސް ދުވެއްޔެއްގައި ވެލި އުފެދޭ އިރު އުފެދޭ މިންވަރާ
ނުބައްދަލުކޮށް ވެލިނެގުމުގެ ނަތީޖާ އަކީ ރަށްގިރުންކަން އެންމެން ވެސް ދަނެ އެވެ.
އެކަމަކު ވެލިނެގުންނޫން މަގެއް ގިނަ ދިވެހިންނަކަށް އަދި ފެނިފަ އެއް ނެތެވެ.
ފަސޭހަ ރަޙުމަތެއްގައި އަގުހެޔޮކޮށް ހިލަވެލި ލިބޭނެ ގޮތެއް ނެތެވެ. ގެދޮރު
އަޅަންޖެހެ އެވެ. އާމްދަނީ އާ ޚަރަދުތައް ނުބައްދަލުވެ ލާދައިގެ ސުންޕާކަމުގެ
ވިލާގަނޑެއް ބޯމަތިވެފައިވާ މި ދަނޑިވަޅުގައި އެންމެ ފުރަތަމަ އިސްކަމެއްދޭންވީ
ކާބަން ނިއުޓުރަލްކުރާކަށް ނޫނެވެ. އެ ފައިސާ އިހަށް ޚަރަދުކުރަންވީ ހެޔޮ އަގުގައި
ހިލަވެލި ލިބޭނެ ގޮތް ހަދައިދިނުމަށެވެ. ވެލިނެގުން ހުއްޓުވުމަށް މަގެއް
ދެއްކުމަށެވެ.
ތަފާތު މައްސަލަތަކާހުރެ ރާއްޖޭގެ މީރު ފެންފަށަލަ ތަޣައްޔަރުވަމުން ދިއުމަކީ
ވެސް މިއަދު ދިވެހިންނަށް ދިމާވެފައިވާ ތިމާވެށީގެ ބޮޑު މުސީބާތެކެވެ.
ހަނޑަސްބުރިތައް ހޫރައިލުމަށްފަހު ފާޚާނާތަކަށް ސަވާރުވިފަހުން ނިސްބަތުން އަދި
އެހައި ގިނަ ދުވަހެއް ނުވެ އެވެ. ނަޖިސްފެން ބިމަށް ހިންދަންފެށީ ހަމަ އިހަކަށް
ދުވަހެވެ. އެކަމަކު މިއަދު ރާއްޖޭގެ ގިނަރަށްރަށުގެ ފެންފަށަލައިގެ ހާލަތު
ގޯސްވެފައިވާ މިންވަރު އެއީ އެއްވެސް ދިވެއްސަކަށް ވަންހަނާވާނޭ ކަމެއްނޫނެވެ.
ތަހުލީލީ ނަޒަރަކުން ބެލިފައި އޮތީ ހަމައެކަނި މާލޭގެ ފެނުގެ ހާލަތެވެ.
މާލޭގެ މަސްމާރުކޭޓުގައި ބޭނުންކުރާ ފެނުގައި އިންސާނުންނާއި ޖަނަވާރުންގެ ނަޖިސް
ހިމެނޭކަން ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ރިޕޯޓް(2008) ން ވަނީ ފާހަގަވެފަ އެވެ.
މާލޭގެ އިތުރުން ގިނަ ރަށްރަށުގައި ވެސް ފެންފަށަލަ ވަނީ ފެންވަރާލުމަށް ވެސް ކަމުނުދާވަރަށް
ތަޣައްޔަރުވެފަ އެވެ.
އެހެނަސް މައްސަލައިގެ ހައްލުކަމަށްވާ ރަނގަޅު ނަރުދަމާގެ ނިޒާމެއް ރާއްޖެ
ހިމެނޭގޮތުން ގާއިމުކުރެވިފަ އެއް ނުވެ އެވެ. އެންމެ އުތުރުގެ ދެ އަތޮޅުގައި
ނަރުދަމާގެ ނިޒާމެއް ގާއިމުކުރެވިފައި އޮތީ ކުޅުދުއްފުށްޓާއި ދިއްދޫގެ އިތުރުން
ނޮޅިވަރަންފަރުން ބައެއްގަ އެވެ. ވުމާއެކު ހަމަ އެންމެ އިސްކަމެއްދޭންވީ
ކޮންކަމެއްކަން ޝައްކެއްނެތި މިއޮތީ އެނގި ފާޅުވާށެވެ. އާދޭހެވެ! ފުރަތަމަ
ހޭދަކުރަންވީ ރައްކާތެރިކަމާއެކު ނަޖިސްނައްތައިލެވޭނެގޮތެއް ފަހިކޮށްދޭށެވެ.
ކާބަން ނިއުޓުރަލް ކުރާކަށް ނޫނެވެ.
ކުނީގެ މައްސަލަ އަކީ ވެސް ރާއްޖޭގައި ބޮޑު މައްސަލައެކެވެ. ކުނި
ނައްތައިލެވޭނެ ރަނގަޅު ނިޒާމެއް ނެތްއިރު ކުޑަމިނުން ކަމާގުޅޭ ހޭލުންތެރިކަމެއް
ވެސް ދިވެހިންގެ ކިބަޔަކު ނުވެ އެވެ. ކުނިއުކަނީ ހިތަށް އެރި ތަނަކަށް ހިތަށް އެރި
ގޮތަކަށެވެ. ޖަނަވާރަކު ހިތަށްއެރި ތަނަކަށް ހިތަށްއެރި ވަގުތަކު ޤަޟާޙާޖަތްކުރާ
ބީދައިންނެވެ. ގިނަރަށްރަށުގައި ކުނިއުކައިލާނެ ވަކި ސަރަހައްދެއް ކުޑަމިނުން
ފާހަގަކޮށްލައިފަ އެއް ވެސް ނެތެވެ. ކުނިގޮނޑެއް އޮތަސް ކުނިއުކައިލުމަށް ބޭނުންވާ
ވަސީލަތާއި ހޭލުންތެރިކަމެއް ނެތެވެ. ކުނިގޮނޑުތަކަށް ކުނިއުކައިލުމާއި
ނައްތައިލުމުގެ ހަރުދަނާ އިންތިޒާމުތަކެއް ނުމެ ނެތްމެ އެވެ.
ދާދި ފަހުން ފާއިތުވި ސެޕްޓެމްބަރު މަހު ވެސް
ވަނީ ރާއްޖޭގެ އެންމެ ބޮޑު ކުނި ގޮނޑު ވެސް އޮޔާ ގޮސްފަ އެވެ. ރާއްޖޭގެ
މައިދޮރޯށްޓާއި ރަންބިސްއަޅާ ކުކުޅު އެންމެ ގިނައިން ބިސްއަޅާ ސަރަހައްދަށެވެ.
ވުމާއެކު ތަކުރާރުކޮށް ވެސް އަޅުގަނޑަށް ދެންނެވޭނީ ފުރަތަމަ އިސްކަންދޭންވީ
މިހާރު އެކަންކަމުން މިންޖުނުވެގެން މި އުޅޭ މައްސަލަތައް ހައްލުކުރާށެވެ.
ތިމާވެށީގެ މައްސަލަތަކުގެ ވަރަށް ބޮޑު ހައްލެއްގެ ގޮތުގައި ބެލެވޭ އެއް
ކަމަކީ ގަސް އިންދުމެވެ. ގަސް ނުކެނޑުމެވެ. ގަހުގެ ސަބަބުން ފިނިހޫނުމިން ދަށްވެ
އެވެ. އެ ގަސްތަކުން އޮކްސިޖަން ބޭރުވުމަށް ޤުދުރަތީގޮތުން ލައްވައިފައިވާ
މަތިވެރި ނިޒާމުގެ ސަބަބުން ޖައްވު ނުސާފުވުން ކުޑަކުރުވަ އެވެ. ރަށްގިރުން
ކުޑަކުރުވަ އެވެ.
އެކަމަކު މި މުހިންމު ވަސީލަތާމެދު ވެސް ކަންހިނގަނީ ހިތާމަކުރަންޖެހޭފަދަ
ގޮތަކަށެވެ. ރާއްޖޭގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާގޮތުގައި 1997 ން
2001 ށް ހިނގި ފަސް އަހަރުގެ މުއްދަތުގައި
ދެލައްކައަށްވުރެ ގިނަ ރުއްލަކުޑި ހުއްދަ ހޯދައިގެން ކަނޑައިފައިވެ އެވެ.
މިއީ އެނގޭ މިންވަރެވެ. މުޅި ރާއްޖޭގައި ގަސް ކަނޑައި އިންދޭ މިންވަރެއް އެ
މިނިސްޓްރީއަކަށް ވެސް ނޭނގެ އެވެ. ވުމާއެކު މިކަހަލަ އަސާސީ ނުވަތަ ފަސޭހައިން
ކުރެވޭ އެކަމަކު އެކަންކަމުގެ ސަބަބުން
އިންތިހާ ދަރަޖައިގެ ފައިދާ ތިމާވެށްޓަށް ކުރާ ކަންތައްތައް ނުކޮށް މާދުރަށް
ފުންމަން އުޅުމުގެ ބޭނުމެއް އެބައޮތްތޯ އެވެ؟ ޔަގީނުން ވެސް ނެތެވެ.
ކުރެއްޖަކީ ރާއްޖޭގެ ރަށްތަކުގެ ވަށައިގެން އެރަށްތަކުގެ
ހިމާޔަތުގައި ލައްވަވައިފައިވާ "ބޮޑުހިލައިގެ" ޤުދުރަތީ ތޮށްޓެކެވެ. ބާރުގަދަ ރާޅުތަކުގެ ވަރުގަދަ
ހަމަލާތަކުން ނާޒުކު ނަލަނަލަ ގޮނޑުދޮށްތައް ސަލާމަތްކުރުމުގެ ބުރަ ޒިންމާ
އަދާކުރާ ފަރާތެކެވެ. މި މުހިންމު ބައިވެރިޔާ ނެތިއްޖެނަމަ ރަށްތައް ގިރައި
ދުނިޔޭގެ ޗާޓުން ފޮހެވިގެން ދާނެކަމީ ޝައްކެއްހުރި ކަމެއްނޫނެވެ. 1998 ވަނަ އަހަރު
ހުއްދަ ހޯދައިގެން ކެނޑުނު ރުއްގަހުގެ ތެރެއިން 92 އިންސައްތަ ނޫންނަމަ 52707
ގަހަކީ ކުރެއްޖެވެ. ބެލެވޭ ގޮތުން ކުރެއްޖަށް މިހައި ބޮޑު ބާރެއް އަރައިގެން މި
އުޅެނީ އޮޑިދޯނި ފަހަރު ބަނުމުގައި ގިނަ އަދަދަކަށް ކުރެދި ބޭނުންކުރަންޖެހޭތީ
އެވެ. ވުމާއެކު އަޅުގަނޑު ގެ ނަޒަރުގައި ކާބަން ނިއުޓުރަލް ކުރުމުގެ ކުރިން
ފުރަތަމަ ކުރަންވީ ކަމަކީ ކުރެދި ކެނޑުން މަނާކޮށް ކުރެދީގެ ބަދަލުގައި
ބޭނުންކުރާނެ އެހެން އެއްޗެއް ތަޢާރުފުކޮށް ފަސޭހައިން ލިބޭނެ މަގު
ތަނަވަސްކޮށްދިނުމެވެ. މި ކުދިކުދި ނާޒުކު އެހެނަސް އަޖައިބެއްފަދަ ފަރި
ރަށްތަކުގެ ހިމާޔަތެއްގެ ގޮތުންނެވެ. އިހަށްޖެހުނު ކަމެއް އިހަށްކުރާ
އުސޫލުންނެވެ.
ކާބަންޑައިއޮކްސައިޑް ބޭރުކޮށްގެން ހަކަތަ އުފައްދާ
މިންވަރާއި ކާބަންޑައިއޮކްސައިޑް ބޭރުނުކޮށް ހަކަތަ އުފައްދާ މިންވަރު
ހަމަހަމަކުރުމަކީ ނުވަތަ ކާބަން ނިއުޓުރަލްކުރުމަކީ އޭގެ ޒާތުގައި އަޅުގަނޑު ވެސް
ތާއީދުކުރާ ކަމެކެވެ. ލޮލުންބޮލުން ރުހޭ ކަމެކެވެ. ޚިޔާލު ތަފާތުވާ ހިސާބަކީ
ދަނޑިވަޅެވެ. ޤައުމުގެ އެހެންކަންކަން ބިކަވެފައިވާ މިންވަރުގެ ބޮޑުކަމެވެ. ޤައުމީ
ފެންވަރުގެ ތިމާވެށީގެ މައްސަލަތައް ފުނިޖެހި ބަންޑުންވަމުންދާ ދިއުމެވެ. އެފަދަ
ކަންކަމަށް ބީރުކަންފަތެއްދީ އިހުމާލުކޮށްލައިފައިވުމެވެ. ކާބަން ނިއުޓުރަލް
ކުރުމަށް ދިވެހިން ކިތަންމެ ވަރަކަށް ފޫގެޅިޔަސް އެކަމުން ނިކުމެދާނެ ޙަޤީޤީ
ނަތީޖާ އެއް އޮތްކަމަށް ހިމަހިލާ ގަބޫލުނުކުރެވޭތީ އެވެ. ކާބަން
ނިއުޓުރަލްކުރުމުން ލިބޭ ލައްޒަތުގެ ފޮނިމީރުކަން ދިވެހިންގެ އަރުތެރޭގައި
ލައިފާނެކަމާމެދު އުފެދޭ ސުވާލުތަކުގެ ގިނަކަމުންނެވެ.
ކާބަން ނިއުޓުރަލްކުރުމަށް ގަޔާނުވެވޭ އެންމެ ފުރަތަމަ
ނުކުތާއަކީ ކަމުގެ ޚަރަދު ބޮޑުކަމެވެ.
އިޤުތިޞާދީ ތަރައްޤީ އާ ބެހޭ ވަޒީރު މަޙުމޫދު ރާޒީ(2011)
ހާމަކުރައްވާގޮތުގައި ރާއްޖެ ކާބަން ނިއުޓުރަލް ކުރުމަށް ފަސް ބިލިއަނާއި ތިން
ބިލިއަނާ ދެމެދުގެ އަދަދަކަށް ޑޮލަރު ބޭނުންވެ އެވެ. މި އީ ރާއްޖޭގެ މިހާރުގެ
އާމްދަނީ ކަމަށްވާ ހަތް ބިލިއަން ރުފިޔާގެ ނިސްބަތުން ބެލިޔަސް ދިހަ އަހަރު ދުވަހުގެ އާމްދަނީ އާ އެއްވަރުގެ
އަދަދެކެވެ. އޭގެ މާނައަކީ ހުރިހާ ކަމެއް ހުއްޓައިލައިފައި ހަމަ އެކަނި ކާބަން ނިއުޓުރަލް ކުރުމަށް
ޚަރަދުކުރިޔަސް އެ މަސައްކަތް ކުރެވޭނީ ދިހަ އަހަރުން ކަމެވެ. ދެން މިހާރު މިހިނގާ
އުސޫލުން ދައުލަތް ވެސް ހިންގަމުން އާންމު ޚިދުމަތްތައް ވެސް ދެމުން ނުވިތާކަށް
ތަރައްޤީގެ މަޝްރޫޢުތައް ވެސް ހިންގަމުން، ޤައުމު
ކާބަން ނިއުޓުރަލްކޮށް ނިމޭއިރު ރާއްޖޭ އޮންނާނެގޮތް ހިތްޕުޅަށް ގެންނަވާށެވެ.
ތިމާވެށީގެ އެހެނިހެން މައްސަލަތައް ދިވެހި ފަސްގަނޑުގައި ވަކިހިއްޕައިލާނެ
މިންވަރު އަންދާޒާކޮށްލަންވެސް ނު އެނގެ އެވެ.
ރާއްޖެއަކީ އުފެއްދުންތެރި މާގިނަ ކާރުޚާނާތަކެއް ހުރި
ޤައުމެއް ނޫނެވެ. ނުރައްކާތެރި ކުނިބުނި އުފައްދާ ޤައުމެއްވެސް ނުމެ ނޫންމެ އެވެ.
ވުމާއެކު ރާއްޖެ ކާބަން ނިއުޓުރަލްކުރުމަކުން ފަޒާ އަށް ބޭރުންވަމުންދާ ކާބަންގެ
މިންވަރަށް ލިބޭނެ ލުޔެއް ނެތެވެ. "ކަހާތަން ހިރުވައިވެސް ނުލާނެ" އެވެ.
އެމެރިކާ ޗައިނާ ފަދަ ޤައުމުތަކުން "ތަށަށް ކިޔަނީ މަރިޔަނބުހޭ ވެސް "
އަހައިނުލާނެ އެވެ. އެއީ މަޝްހޫރު ކިއޯޓޯ މުއާހަދައިގައި ވެސް
"ކޮޅުފައިންޖެހި" ޤައުމުތަކެވެ. ވުމާއެކު ފެންލޮނުވުމާއި
ކުނިނައްތައިލުންފަދަ ކަންތައްތައް ރޯ ފާރުގަނޑަކަށް ވާން ދޫކޮށްލުމަށްފަހު ނުވާ
ބައްޔަކަށް ބޭސްކުރުމީ ބުއްދިވެރިއަކު ކުރާނެކަމެއްހެއްޔެވެ؟ ނޫނެކެވެ.
ޖައްވު ހޫނުވުމަކީ ތިމާވެށީގެ މައްސަލަތަކުގެތެރެއިން އެއް
މައްސަލަ އެވެ. އެނޫނަސް ތިމާވެށީގެ
މައްސަލަތައް އެބަހުއްޓެވެ. ހަމަ ވަގުތުން ވަގުތަށް ހައްލުކުރަންޖެހޭ
މައްސަލަތައް ވެސް އެބަހުއްޓެވެ. ސާފު ބޯފެނާއި ނަޖިސްނައްތައިލުމުގެ މައްސަލަތައް
ފަދަ އެ މައްސަލަތައް ހައްލުނުކޮށްފިނަމަ އިންސާނުންގެ ފުރާނައަށް ނުރައްކާވާފަދަ
މައްސަލަތައް ވެސް އެބަހުރިމެ އެވެ. ވީއިރު އެފަދަކަންކަން ފަރުދާކޮށްފައި
އެހެންބަޔަކު ކުރަންޖެހޭ ކަމަކާ އަޅުގަނޑުމެން އުޅުމުގެ މާނަ އެއް ނެތެއްނޫންތޯ
އެވެ؟
އިޤުތިޞާދީ ތަރައްޤީ އާ ބެހޭ ވުޒާރާ އިން
ހާމަކުރައްވާގޮތުގައި ޑީސަލް އިންޖީނަކުން ކަރަންޓުދިނުމަށް ހަތަރު ރުފިޔާ އާއި ހަ
ރުފިޔާ އާ ދެމެދުގެ އަދަދެއް ޚަރަދުވާއިރު ސޯލާ ޕެނަލް ބޭނުންކޮށްގެން
ކަރަންޓުދިނުމަށް ގާތްގަޑަކަށް ތިން ރުފިޔާ ޚަރަދުވާކަމުގަ އެވެ. ވުމާއެކު
ދަންނަވަންޖެހެނީ ކާބަން ނިއުޓުރަލްކުރުމަށް ގެންގުޅޭ ހަކަތައިގެ އެންމެ އާންމު
އެއް ވަސީލަތްކަމަށްވާ ސޯލާ ޕެނަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަކީ ވެސް
ހައިރާންވާހައި އަގުހެޔޮ ވަސީލަތެއް ނޫންކަމުގަ އެވެ. ވީއިރު އެހައި ބޮޑު
ޚަރަދެއްކޮށްފައި އެހައި ބޮޑު އިސްކަމެއްދީގެން ކާބަން ނިއުޓުރަލްކުރުމަކީ މި
ދަނޑިވަޅަށް ހަމަ ބޭކާރު ކަމެކެވެ.
ދުނިޔޭގެ އެންމެ ފުރަތަމަ ކާބަން ނިއުޓުރަލް ޤައުމަކަށް
ރާއްޖެވުމަށް މަސައްކަތް ފަށައިފިނަމަ ބައިނަލް އަޤުވާމީ ލޯތައް ރާއްޖެއަށް
އަމާޒުވާނެ އެވެ. ނޫސްމަޖައްލާ ތަކުގެ ފަތްފުށްތަކުން ރާއްޖެއަށް ޖާގަތަކެއް
ކަށަވަރުވުމީ ވެސް ހަމަ އެކަށީގެންވާ ކަމެކެވެ. ޑައިނަމެޓު އުފައްދައިގެން
މުއްސަނދިވި ސްވިޑްންގެ އަލްފްރެޑް ނޮބެލް، އޭނާގެ
ނަމުގައި ދޭ އިނާމު ދިނުން މަނާކޮށްފައިވާ ހިސާބު ޢިލްމުގެ ދާއިރާއަށް ތިމާވެށީގެ
ދާއިރާ ނުވާތީ އެ އިނާމު ވެސް ރާއްޖެއަށާއި ރާއްޖޭގެ ވެރިންނަށާއި ރައްޔިތުންނަށް
ވެސް ލިބުމަކީ ޔަގީނާ ގާތަށް ވުން އެކަށީގެންވާ ކަމެކެވެ. އެކަމަކު
ވިސްނައިލަންޖެހޭ ތަންކޮޅަކީ ނޮބެލް ޕްރައިޒް ލިބޭއިރު ރައްޔިތުންތިބޭނީ
ތިމާވެށީގެ މައްސަލަތަކުން ހަނާވެ ފިހި މާލައިފައިކަމެވެ. އެހައި ހިސާބަށް
ވެފައިވާ ބޮޑު އިހުމާލުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް އޮންނާނީ
އޮބިއޮންނަވަރަށްވުރެ ބޮޑުވެފައި ކަމެވެ. ވީއިރު އެހެންކަންކަން ދޫކޮށްލައިފައި
ފުރަތަމަ ކާބަން ނިއުޓުރަލް ކުރި ޤައުމުގެ ގޮތުގައި ގިނެސް ބުކް އޮފް ވޯލްޑް
ރެކޯޑުން ޖާގަ ހޯދުމުގެ ބޭނުމެއް އެބަ އޮތްހެއްޔެވެ؟ ޔަގީނުންވެސް ނެތެވެ.
މިހުރިހައި ސަބަބުތަކާހުރެ ހިތާމައާއެކު ދަންނަވަން ޖެހެނީ
އެންމެ ފުރަތަމަ އިސްކަން ދޭންޖެހެނީ މިހާރު ކުރިމަތިވެފައިވާ ތިމާވެށީގެ ބޮޑެތި
މައްސަލަތައް ހައްލުކުރާށެވެ. ސާފު ބޯފެން ލިބޭނެ ނިޒާމެއް ގާއިމުކުރާށެވެ.
ކުނިބުނިން މިންޖުވެ ދިރިއުޅެވޭނެ މަގެއް ހޯދައިދޭށެވެ. ރަށްގިރުމަށް ހުރި ދޮރުތައް
ބަންދުކޮށް ތަޅުއަޅުވާށެވެ. އެއަށްފަހު ކާބަން ނިއުޓުރަލް ކުރުމުގެ ބިޔަ ދަތުރަށް
ފަށަންވީ އެވެ. ދަމާ އެއް ރޮއްޖަކަށް ފޫގަޅައިގެންނެވެ. ހުރިހާ
ރައްޔިތުންވެގެންނެވެ.
Post a Comment