ބަނޑޭރިގަނޑު » » ފުރަތަމަ ފަހަރަށް

ފުރަތަމަ ފަހަރަށް

| 4/03/2015 on Friday, April 3, 2015 dhuraya.blogspot.com :ލިޔުނީ


ގަނޑިން ނުވައެއް ޖަހަނީ އެވެ. ދުވާލުގެ އެއްދަން ހުސްވަނީ އެވެ. ހެނދުނުގެ ވަގުތުތައް ނިމެންއުޅޭކަމުގެ ނިޝާންތައް ދައްކަން ފަށަނީ އެވެ. އެކަމަކު ރޭދުވާ ތަކުރާރުވާކަމުގެ އިހުސާސެއް ނުކުރެވެ އެވެ. ނިދީގެ އުފާ އަހުރެންގެ ދެލޮލާ ވަނީ ވަކިވެފަ އެވެ. އެތައްދުވަހެއް ކުރިންނެވެ. އެކަމުގެ ސަބަބުން އެއްވެސް ކަހަލަ އުނދަނގުލެއްވެސް ނުވެ އެވެ. ނިދާކަށް ބޭނުމެއްވެސް ނުވެ އެވެ. އެއީ އަހުރެން މިއަދު އެންމެ ކުރާހިތްނުވާ ކަންތަކެވެ. ބަދަލުގައި އަހުރެން ބޭނުންވަނީ ރޯލާށެވެ. އެ ރުއިމުން އުފެދޭ ކަރުނައިގެ ކަނޑުގައި ގެނބި ނިމިދާށެވެ. އެހެނަސް އެނަސީބުންވެސް އަހުރެންވަނީ މަޙްރޫމްވެފަ އެވެ. އެތައްދުވަހެއްކުރިން ދެލޮލުގެ ކަރުނަވަނީ ހިކިފައެވެ. އުފާވެރިކަންވަނީ ގެއްލިފަ އެވެ.
އުމުރުން ހަތްއަހަރުގެ ޔޫސުފު ފެންވަރުވައި ރީތިކޮށްފައި މަންމަ އާ ހަވާލުކުރުމަށްފަހު ބޮޑުކޮޓަރީގައި ހުރި ސޯފާގައި އިށީނީމެވެ. ގަޑިއަށް ބަލައިލެވުނެވެ. ނުވައެއް ނުޖަހައި ދެންހުރީ އެންމެ މިނެޓެކެވެ. އިންތިޒާރުގެ ނިމުން ގާތްވަނީ އެވެ. އެ އިންތިޒާރަކީ އަހަރެން އެންމެ ދެކެން ބޭނުންނުވާ އިންތިޒާރެވެ. މިއަދާހަމައަށްވެސް އަހުރެން ދިޔައީ އެ އިންތިޒާރާދެކޮޅަށް މަރުފަލިޖަހަމުންނެވެ. ޖާނާއި މާލުންނެވެ. ރޫހުންނާއި ފިކުރުންނެވެ. އެ ވަރުގަދަ ތާރީޚީ އިންތިޒާރުގެ ސަބަބުން އަހުރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލައިފި އެވެ. އަހުރެންގެ ހުރިހައި އުފަލެއްގައިވާ ދިރުން ނުވެސް އެނގި ބީކޮށްފި އެވެ. މީސްތަކުންނާ ވަކިން އެކަހެރި ދިރިއުޅުމެއް އުޅުމަށް މަޖުބޫރުކުރުވައިފި އެވެ. މިހާރު އަހުރެންގެ ލޭ ހިނގުމުގެ ނިޒާމަށްވެސް ބަދަލުތަކެއް ގެނުވައިފިކަހަލަ އެވެ. ދައުރުވާލޭގެ ނަންވެސް ބަދަލުވެއްޖެކަހަލަ އެވެ.
އަހުރެންދުށީ އެ އިންތިޒާރާ ހެދި ދުނިޔޭގައިވާ ކޮންމެ ޚަލްޤާއެއްވެސް އަހުރެންނަށް ކުރާނީ މަލާމާތްކަމުގަ އެވެ. އިންސާނަކު މިހައިހިސާބަށް ތަޖުރިބާ ނުކުރާނެފަދަ ހިތްދަތިކަމުގައި ދުވަސްތައް ގުނަމުންދިޔައިރު އަމިއްލަ ގޭގެ ފާރުތަކުގައިވާ ވެލިފުއްތައްވެސް ދިޔައީ ނަފުސާނީގޮތުން އަހުރެން ބަލިކޮށް މަރައިލުމަށް މަސައްކަތްކުރަމުންނެވެ. ގޭތެރޭގެ މާހަލުގެތެރޭގައި އެނބުރޭ ޒައްރާތައްވެސް ދިޔައީ ހަނގާކޮށް ޖެއްސުންކުރަމުންނެވެ. ހަށިގަނޑުގައިވާ ކޮންމެ ގުނަވަނެއްގައިވެސް ވަނީ ވޭނެވެ. ކެކުޅުމާއި އުދާސްތަކެވެ. މީހާ ގައިދުވެފައިވަނީ މާޔޫސްކަމެވެ. އެމާޔޫސްކަމުގެ ތެރެއިން ހިނދުކޮޅަކަށް ނަމަވެސް ނިކުމެލުމަށް ލިބުނު ރަނުގެ ފުރުސަތުވެސް އަހުރެން ނަގައިލީ އެވެ. ގަބޫލުނުކޮށް ދޫކޮށްލީ އެވެ. އަހުރެން އުޅެމުން އައި ފަގީރު ދިރިއުޅުމުން ނިކުމެ ފާގަތި ދިރިއުޅުމަކަށް ބަދަލުވުމަށް ލިބުނު ފުރުސަތުވެސް ބޮލާލައި ޖެހީ އެވެ. އެ ރަނުގެ ފުރުސަތުގެ ބޭނުން ހިފައި އެވެރިންގެ އެދުން ގަބޫލުކުރުމަށް އެކުވެރިން ދިން ލަފާތައްވެސް އަހުރެންގެ ކަންފަތަށް ވަނީ ދިރޭރަހަތަކެއް ފަދައިންނެވެ.  ދަރިފުޅުގެ ޙައްޤުގައި އެއެދުން ފުރިހަމަ ކޮށްދޭށޭ ވެސް އެމީހުން ކިޔެވެ. އެކަމަކު އަސަރުކުރުމާއި ދިރިހުރުމުގެ ބާރު ފިލައިގޮސްފައިވާ އިންސާނަކަށް ބަޔަކު ދައްކާ ވާހަކަތަކުން ކުރާނީ ކޮން އަސަރެއްހެއްޔެވެ؟
ދޮރުގެ ހުޅުތައް ކުކުރައިގަނެ ހަޅޭލަވަންފެށުމުން އަހަރެންގެ ސަމާލުކަން އެދިމާއަށް ހުއްޓައިލީމެވެ. ކާތަކެތީގެ ވަސްބަލަމުން ބޯދޭ ހިކަންޖެންހެން މީހަކު ގޭތެރެއަށް ބޯދީގެންހުއްޓެވެ. އަހަރެންގެ ބަލައިލުމާއި ގޮވާލި ސަލާމާއެކު ބޭރަށް ނުކުތުމަށް އެމީހާ އިޝާރާތްކުރި އެވެ. އެއީ ކުރިންވެސް ދަންނަ ދެކެފަރިތަ މީހެކެވެ. މީގެކުރިންވެސް ވަނީ  އެތައްފަހަރަކު އޭނާއާ ބައްދަލުވެފަ އެވެ. ތަންކޮޅެއް ނުރަސްމީގޮތަކަށް ކަންތައް އެކުރީ އެހެންވެކަންނޭނގެ އެވެ.
މަޑު ހިނގުމެއްގައި އަހުރެން ހިނގައިގަތީމެވެ. ކޮޅަށްޖަހައިފައިހުރި ލަކުޑި ގަނޑެއްހެން ހުރެ ގޮސް ޖިޕަށް އަރައިފީމެވެ. އެންމެ ކުޑަމިނުން ދަރިފުޅާ ދިމާއަށްވެސް ބަލައެއް ނުލަމެވެ. އެ ފިނިކުރި ޖިޕުގެ އެތެރެވީ އަހުރެންނަށް ނަރަކައެއްފަދަ ހޫނު ތަނަކަށެވެ. އޮއްދާހިއްލަންފަށައިފި އެވެ. ނޭވާ ހާސްވަންފަށައިފި އެވެ. އެނބުރުންވެސް އަރަންފަށައިފި އެވެ. އެހިސާބުން އަނެއްކާވެސް ސިކުނޑިއަށް ބުއްދީގެ ތިޔާގިކަން ވެރިވެއްޖެ އެވެ. ނޫނެކެވެ. ކަންމިވަނީ ވަރަށް ދެރަގޮތަކަށެވެ. މިއީ ލިބޭ އެންމެ ފަހު ފުރުސަތެވެ. މިއީ އަހުރެން ފުރިހަމަކުރަންޖެހޭ ވާޖިބެކެވެ. މިފުރުސަތާއި ވާޖިބު ނަގައިލުމަކީ އަހުރެން ކުރާނެ އެންމެ ކޮސްކަންތަކެވެ. އިހުވެސް ހިތްވަރުކުރީމެވެ. އަހުރެންގެ ހިތްވަރާއި ކެރުމަށް އެންމެންގެ ތަޢުރީފު އޮހުނެވެ. އަހުރެންގެ ކެތްތެރިކަމާއި ކަންބޮޑުވުން ބަނޑުދަށުލައި ފަސްއަޅާގޮތުގެ ހުނަރުވެރިކަމަށް އެކި ދޫތަކުންކޮށްފައިވާ ތަޢުރީފުތައްވަނީ އަހުރެންގެ ކަންފަތުގެ ތޫރި އެތައްފަހަރަކު ތޮރުފައިފައެވެ.
މިވިސްނުން އައުމާއެކު ލިބެމުން ދިޔަ ނުތަނަވަސްކަން ކުޑަވަންފެށި އެވެ. ހިއްލަމުން އައި ދާ އޮބި އަތުގައިވާ އިސްތަށިތަކުގެ ބުޑުތައް ފުއްޕަންފެށި އެވެ. ވާނުވާ އެނގެންފަށައިފި އެވެ. އެކަމަކު ހަތަރު ފުރޮޅުލީ ސަވާރީ އެއްގައި ފެށި ދަތުރުގައި މިހާރު ވަނީ މުޅިން އެހެންކުލައެއް ޖެހިފަ އެވެ. އަހުރެންގެ އާ ބައިވެރިޔަކީ ކަނޑުގެ ލޮނުގަނޑު ކަފާ ފޮތިކޮށް ކައްކުވަމުންދާ އިސްޕީޑު ލާންޗެކެވެ. އެހެނަސް މި ބަދަލު އައީ ކޮންއިރަކުހެއްޔެވެ؟ ޖިޕުންފައިބައި ލޯންޗަށް އެރިއިރު އަހުރެންގެ ހިއްސުތައް ކޮބައިހެއްޔެވެ؟ އުފަންރަށުން ހުރަގެއަކަށް ކުރާ ދަތުރުގެ ފެށުން އައީ ކޮންއިރަކު ހެއްޔެވެ؟
ވިސްނައިލުމުން ވީނުވީ ގޮތް ފަހުމްވި އެވެ. ޖިޕަށް އެރުމާއެކު އަހުރެންގެ ޙަޤީޤީ ޙާލަތަށް ރުޖުޢަވީ އެވެ. ބަރުދާސްތުކުރަމުންދާ ހިތާމައިގެ ކަނޑުގެ އެންމެ ފުންމިނަށް އަހުރެންގެ ހަށިގަނޑު ގަންބާލީ އެވެ. ހިތުގައިވާ ގުޖަޑުގަނޑު އެންމެ ފުރިހަމަގޮތުގައި ހިލިގަތީ އެވެ. ވާނުވާ އެނގުން ހިނދުކޮޅަކަށް ހަށިގަނޑާ ދެތަންވީ އެވެ.
ލާންޗުގޮސް ބަނދަރުކުރުމާއެކު ފޭބީމެވެ. ޖިޕަށް އެރިފަދައިންނެވެ.  މަޑު ހިނގުމެއްގައިގޮސް އަހުރެންގެ މަންޒިލްގެ ތެރެއަށް ވަދެފީމެވެ. އެތަނުގައި އަހުރެން ކުރަނީ އެތާތިބި މީހުން ބުނާކަމެކެވެ. ހިނގާށޭ ބުނެފިނަމަ ހިނގަމެވެ. އިށީންނާށޭ ބުނެފިނަމަ އިށީންނަމެވެ. ނުބަލާށޭ ބުނާތާކަށް ނުބަލަމެވެ. ވަކިހިސާބަކަށް ގެންދިއުމަށްފަހު އެތަނުގައި ހަދާފައިވާ ގުންޒަރެއްގައި އިށީނުމަށް ބުނެފިއެވެ. އޭރު އެއްކޮޅުން އަނެއްކޮޅަށް ހޭލަމޭލަވާ މީހުންތައް އުޅެ އެވެ. އެމީހުންގެ އަތްފަޔަށްގެނެސްފައިވާ މުރާލިކަމާއި ހަލުވިކަމުން ވަގުތުކުޑަތަންވާކަން އެނގުނެވެ.
އިރުކޮޅަކުން މޫސަ ގެންނަތަން ފެނިއްޖެ އެވެ. އޭނާގެ މޫނުމަތިން ފެންނަނީ އުޖާލާކަމެވެ. ހިތްހަމަޖެހިފައިހުރިކަމެވެ. ވަށައިގެން ހޯދަނީ އެވެ. އަހަރެން ފެނޭތޯ އެވެ. އެކަމަކު އިޖާބައެއްގެ ގޮތުން އަތްހިއްލައިލުމަކަށްވެސް ހިތެއް ނޭދުނެވެ. އިންގޮތަށް ގަނޑުވެފައި އިނދެވުނީ އެވެ. އެއްލައިލެވިފައިވާ ހިލަގަނޑެއްފަދައިންނެވެ.
މާހޯރަ އެއްހެން ފާރަލަމުންދާ ހެލިކޮޕްޓަރެއް މަތިން އުދެހެމުންދެ އެވެ. ހަތިޔާރު އެޅި ފުލުހުންގެ ފައުޖެއް އެތަނުގައި ރުކުރުވާލާފައި އޮތެވެ. އޭރު އެތަނުގައި އުއްތަމަ ފަނޑިޔާރުވެސް އިންނެވި އެވެ.
އެންމެފަހުން އޭނާގެ އަސްލު މަކާނަށް މޫސަ ގެންގޮސްފި އެވެ. އަދި އެތާތިބި މީހުން އޭނާ އާ ވާހަކަތަކެއް ދައްކާތަން ފެނުނެވެ.
އެކިޔާ އެއްޗެއް ނޭނގުނަސް މޫސަ ދައްކާނީ ކޮން މަޢުޟޫޢެއްގެ ވާހަކައެއްކަން އަހަންނަށް އެނގެ އެވެ. އަހަރެންގެ ހިތުން ޖާގައެއް ހޯދުމަށް އޭނަ ފުރަތަމަ ބުނި ޖުމުލަވެސް ހަނދާން އެބަހުއްޓެވެ. މިސްކިތުވަޅުން ފެންބަޑިޔަލެއް ހިފައިގެން އަންނަނިކޮށް ފަހަތުން އައިސް ބުނި ފުރަތަމަ ޖުމުލައިންވެސް ތަފާތުގޮތަކަށް އޭނަ އާމެދު ދެކެންޖެހުނެވެ. " އަހަރެމެން ދެމީހުން ސުވަރުގޭގައިވެސް އުޅޭނީ އެކުގަ އެވެ. "
ފާހަގަ ކުރެވުނީ އެއީ ދީންވެރި ޒުވާނެއްކަމެވެ. ދީނުގެ ވާޖިބުތަކަށް ފަރުވާތެރިވާ މުންކަރާތްތަކާއި ފާފަތަކަށް ބިރުވެތިވާ މީހެއްކަމެވެ. ގިނަ ދުވަސްތަކެއް ނުވެ އެވެ. ދެމީހުންގެ ގުޅުމަށް އައި ބަދަހިކަމަށް އެހެން ނަމެއްދޭންޖެހިއްޖެ އެވެ. ޖެހުނު ކައިވެނީގެ ކަރާމާތްތެރި ގޮށާއެކު އެވެ. އަހަރެންގެ ނަސީބު ވަރަށް ރަނގަޅެވެ. ކައިވެނީގެ ކުރިން ފެނުނު މޫސައާއި އަހުރެންގެ ފިރިއެއްގެ ގޮތުގައި ހުރި ފިރިހެނާ އާ އެއްވެސް ތަފާތެއް ނެތެވެ. އޭރު ނުފެންނަ އުނިކަމެއް މިހާރަކުވެސް ނުފެނެ އެވެ. ކުރިން ފާޅުނުވި ފުރިހަމަކަމެއް މިހާރަކު ތިލައެއްވެސް ނުވި އެވެ.
ކައިވެންޏަށް އެންމެ ތިންމަހުގައި އަހުރެން ނުކެރިއިނެވެ. މިއައި ބަހާރާއެކު ކުރިމަތިވީ ދުވަސްވަރާ ނުކިއްސަރު ކަމެކެވެ. އދ ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ބައިވެރިވުމަށް ފުރަންޖެހުނީ އެވެ. މޫސަ މަސައްކަތްކުރަނީ ޤައުމީ ދިފާޢީ ބާރުގަ އެވެ.  ދާންޖެހުނީ އަފުޣާނިސްތާނަށެވެ. އެކަމަކު އެންމެ ތިން މަހަށެވެ. ބަހާނަތަކެއް ދެއްކުމެއް ނެތި އަހުރެން އެކަމާ އެއްބަސްވީމެވެ. ވިހަންވާއިރަށް އާދެވޭނެކަން އެނގޭތީ އެވެ.
ކަންދިމާވީ ހީކުރި ގޮތަކަށް ނޫނެވެ. ވަރަށް ގުޅުން ބޮޑު ދެ މަހަށް ފަހު މޫސަގެ ގުޅުން އުއްބައްތިއެއްހެން ހުލިވި އެވެ. އެންމެ ފަހުން އޭނަގެ ޚަބަރެއްވީ ތިންވަނަ މަހުގެ ފޮއިދުވަހު އެވެ. އެހިސާބުން މޫސަ ގެއްލުނީ އެވެ.
އެއީ އަހުރެންގެ ހަށިގަނޑަށް ހިތާމައިގެ ވަޒަންތައް އަރައި ހަލަންޏަކަށް ބަދަލުވާންފެށި ހިސާބެވެ. ހައެއްކަ މަސްފަހުން މޫސަގެ ޚަބަރު ލިބުނެވެ. އެކަމަކު ހޮނުގުގުރިއެއްފަދަ އެޚަބަރުވީ އެޚަބަރެއްގެ ސަބަބުން އަހުރެންގެ ހުރިހައިކަމެއް ބަދަލުކޮށްލި ޚަބަރަކަށެވެ. އެޚަބަރާއެކު ހުރިހައިކަމެއް އެކޮޅުކޮޅުންޖެހުނެވެ. ބަރުދާސްތުކޮށް ފަތަމުން އައި ހިތާމައިގެ ކަނޑަށް ބާރުވައިގެ ތޫފާނެއް އައިކަހަލަ އެވެ. ރިހޭފައިމައްޗަށް ވެއްޓުނު ފޮއިގެ ސަބަބުން ކުޑަކަކޫމައްޗަށް އަހުރެން ތެރިވި އިނދަޖެހުނެވެ. އާއެކެވެ. ޒަޔަނިސްޓުންގެ އަމާޒުތަކަށް ހަމަލާތައް ދެނީ އެވެ. އެކިގޮތްގޮތަށެވެ. އެންމެ އިސްމީހަކީ މޫސަ އެވެ. ދެވަނަ އަލްޤައިދާއެއް އުފަންވީ އެވެ..
މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA