މެންދުރުގެ ގަދަ
ހޫނުން މަސްތެއްޔެއް ހަނާކުރާހެން ދުނިޔެ ހަނާކުރަނީ އެވެ. އިރުގެ ހޫނު ދޯދިތަކުން
ލިބޭ އުދާސްތަކަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ގަސްތަކުގެ ފަތްތައް ވަނީ މޯޅި
ވެފަ އެވެ. މީސްތަކުންގެ ހެލިފެލިވުން ވަނީ މަޑުޖެހިފަ އެވެ. އުޑުމަތި ސާފެވެ.
ވިލާ ރޮއްޖެއްވެސް ދަމާ ލެވިފައި ނުވާ ސާފު އުޑު ސިފަވެގެން ދަނީ ބަންޑުން
ބާއްވާފައިވާ ނޫކުލައިގެ ބޯތައްޓެއްގެ އެތެރެފުށް ފަދައިންނެވެ. ކަނޑު އޮޅީގައި
ލައްޓި އައިނެއް ބަޑި ތަޅާ ނަގަނީ އެވެ. ވައްލަ ބައިގަނޑަކާއި ކުރަނގި ތަކެއް
ފަތާފެންގަނޑަކަށް އިންސާނުން ފުންމާ ފީނާ ބީދައިން ޖެހިގަނެ އެވެ. ދެން އިވެނީ
ބޫން އަޑެކެވެ. އެ އަޑާއެކު ދަތުރުކުރަމުން ދާ ހެލިކޮޕްޓަރެއް ރަށުގެ މަތިން
އިރުއިރުކޮޅުން އުދުހިލަ އެވެ. ދޭތެރެދޭތެރެއިން ބާރު ދުވެލީގައި ދަތުރުކުރާ
ކާރުތަކެއްހެން ލާންޗުތަކާއި ދޯނިފަހަރު ފަޅުތެރެއަށް ވަދެ އެވެ. އޭގެ ތެރެއިން
ބައެއް އުޅަނދުތައް ގިނަ އިރުތަކެއް ނުވެ ނިކުމެގެން ދެ އެވެ.
އައި ލާންޗަކުން އެ
ފައިބަނީ މަޝްހޫރުމީހެކެވެ. މޮޅު މީހެކެވެ. މުހުތާދުވެގެން ރާއްޖޭގެ އުތުރާ
ދެކުނުން އެމީހެއްގެ ގާތަށް މީސްތަކުން އަންނަ މީހެކެވެ.
ބުނެވޭގޮތުންނަމަ
ފަންޑިތަ ފޮތުގެ ބަނޑޭރިގަނޑު އެދިޔަ ގޮތަކަށް ގޮސް ވާރުތަވީ ރާއްޖޭގެ އުތުރުގެ
އަތޮޅުތަކަށެވެ. ފޮތުގެ އެންމެ މުހިންމު ބައި އެހެންގޮތަކަށް ބުނާނަމަ އެތެރޭގެ
ގަނޑުތައް ފެތުރިގެން ދިޔައީ ދެކުނުގެ އަތޮޅުތަކަށެވެ. ވުމާއެކު ފަންޑިތަހެދުމުގެ
ރޭހުގައި ދެކުނު އުޅެނީ އުތުރުގެ މީހުންނަށް އަތްފޯރާފަށަށްވުރެ މާ މަތީގަ އެވެ.
އައި ނައިގޮތެއް ނޭނގި ފެތުރިގެން އުޅޭ މިއަޑަކީ އެކަމުގައި ޙަޤީޤަތެއް ނުވާ
ތޯތޯވާހަކައެކެވެ. އަމުދުން މި ވާހަކައަކީ ބުހުތާނެއްކަމަށް ސާބިތުވަނީ
މަނިކުބެއަށް ފުންކޮށް ވިސްނާލުމުންނެވެ.
މުޞްޢަބު
ނިސްބަތްވަނީ އައްޑޫ ހުވަދުއަކަށް ނޫނެވެ. މަޝްހޫރު ބޮޑުތިލަދުންމައްޗަށެވެ.
ހަތަރުމަތިފުށް ފަހަނަޅައި ހޫރުކާފައިންނާއި މާމައިންނާ ހިސާބަށް ބެލިޔަސް
ތިލަދުންމަތިންބޭރަށް ދަރިކޮޅުގޮސްފައެއް ނުވެ އެވެ. އެކަމަކު އެއީ މިވަގުތު
ރާއްޖޭގައި ހުރި އެންމެ ބޮޑު ފަންޑިތަވެރިޔާ އެވެ. އެންމެ މުޖައްރިބުކަމަށް
އެންމެންވެސް ޤަބޫލުކުރާ ފަންޑިތަވެރިޔާ އެވެ. އޭނާ ހަދައިފި މަންތަރެއް
ނުކިއްސަރު ގޮތަކަށް ގޮސް އަމާޒުން ކައްސާލައިފައެއް ނެތެވެ. ފަހުގެ
ޓެކްނޮލޮޖީތަކުގެ ބައްޕަކަމަށް ދަޢުވާކުރާ އެމެރިކާނުން ފޮނުވާލާ މިސައިލުތަކާއި
ޓޮރުޕިޓޯތައްވެސް މަދުންނަމަވެސް އަމާޒުން ކަސިޔާރުވެގެން ދޭ ނޫންހެއްޔެވެ؟
އެކަމަކު މުޞްޢަބު ދޫކޮށްލާ ތަވީދުތަކާއި ތަށިތަކާއި ބަޑިތަކަކަކީ ސީދާ އަމާޒަށް
ވާސިލްވާ ތަކެއްޗެވެ. ދުވަހަކުވެސް އަމާޒުފަތްގަނޑުން ކައްސާލައިގެން
ބޮނޑިއެއްލިބިފައެއް ނެތެވެ. އަގުވެއްޓޭފަދަ ހާދިސާ އެއް ހިނގައިފައެއް ނެތެވެ.
ނަތީޖާ އެއްގެ ގޮތުން
އެއްތާކު ދެފައިޖަހާލާނެ ވަގުތެއް މުޞްޢަބަކަށް ނުލިބެ އެވެ. ރާއްޖޭގެ އެކި
ހިސާބުތަކަށް ދަތުރުކުރަން އޮންނަނީ ޖެހިފަ އެވެ. ކުރި އަރާފައިވާ ބޭސްވެރިކަމުގެ
މި ޒަމާނުގައިވެސް ބޯދާ ވިސްނުންތަކާއި ޤަބޫލުކުރުންތަކުން ދިވެހިން ސަލާމަތް
ނުވުމުގެ ފައިދާތައް އެންމެ ބޮޑަށްކުރާ މީހަކީ މުޞްޢަބެވެ. ރާއްޖެ ސިއްސުވާލާފަދަ
ބޮޑު ފަންޑިތަވެރިޔަކަށް ވީ ހަމަ ކުއްލިއަކަށެވެ. ފަންޑިތަވެރިކަމާ ގުޅުން ހުރި
އާއިލީ ދަރިކޮޅަކަށް ނިސްބަތްނުވާ ފަސްކުދިން ހިމެނޭ ފަގީރު އާއިލާގެ އެންމެ ދޮށީ
މީހާގެ ހައިސިއްޔަތުން އުމުރުން އެންމެ 16އަހަރުގައި މަސައްކަތުގެ މައިދާނަށް
ނުކުތް މުޞްޢަބަކީ ކުރިންވެސް ބަޔާންކުރިހެން މިއަދު މުޅިރާއްޖެ ދަންނަ މޫނެކެވެ.
ޒަމާނަކީ
ޑިމޮކްރަސީގެ ރަންޒަމާނެވެ. ޑިމޮކްރަސީ ވަނީ ދޮންވެ ފަންކާވެގެން ގޮސް ފީ ވުމާ
ހަމައިގަ އެވެ. އެ ނިޒާމުން ލިބުނުފައިދާތަކުން ރައްޔިތުން ހިތްފުރިއްޖެޔޭ ބުނާ
ކަހަލަ އެވެ. ދެން ހޯހޯ އޭ ފުދިއްޖެޔޭ ގޮވާ ކަހަލަ އެވެ. ޑިމޮކްރަސީ ތަޢާރަފުވެ ސިޔާސީ ޕާޓިތަކުގެ މައްޗަށް ވެރިކަމުގެ ނިޒާމު
ފުރޮޅުނުތާ ބައިޤަރުނާ ކައިރި ކުރަނީ އެވެ. ނަމަވެސް މުޅި ރާއްޖެ ވަނީ
ސިޔާސީ އޮއިވަރުގައި ޖެހިގޮސް ހަފުސްވެފަ އެވެ.
ފަންޑިތަވެރިކަމުގެ ދަތުރު ފިއްތާ ކުރުގަޅުވާލުމަށްފަހު މުޞްޢަބު ރަށަށް އައީ
މިއަދަކީ ބޮޑުދުވަހަކަށް ވާތީ އެވެ. އިދިކޮޅު ޕާޓީއަށް ނިސްބަތްވާ މުޞްޢަބަކީ
ސިޔާސީ ގޮތުންވެސް ވަރުގަދަ ފަހުލަވާނެކެވެ. އެހިސާބުގަނޑުގައި ސަރުކާރާ
އިދިކޮޅަށް ހިންގާ ހުރިހާ ހަރަކާތެއްގެ މޭސްތިރިއަކީ މުޞްޢަބެވެ. ހަޅުތާލުތަކާއި
އެއްވުންތަކުގެ މައި ސޯބަކީވެސް މުޞްޢަބެވެ. ސިޔާސީގޮތުން ލޮޓިލިބި ބޮވޭ ބޮނޑިތައް
ގިނަވުމުން ފަހަކަށް އައިސް ހުންނަނީ އިހުނަށްވުރެ މައިތިރިވެފަ އެވެ.
" ހައްވާ. ކައުންސިލަރުން ހުވައިކުރި ރޭ ލީ ޕާޓީކުލައިގެ ގަމީހާއި
ރަނގަވާޅާ ބޮލުގައި އަޅާ ރުމާ ކޮބާ؟ "
" އަލަމާރީގައި. އެކަމަކު އެ ހެދުންލައިގެން ނުދާތި. ކުރީ ފަހަރުވެސް
ލިބުނު ބޮނޑި ވަކި ކުޑައެއް ނޫން. ބަލަގަ ތިހެން އިދިކޮޅުހަދައިގެން ލިބޭ ފައިދާ
އެއް ކޮބާ؟ ފައްސިޔަކޮށް ނުދުއްވައި އަންނަހާ ރާޅަކާ ވިއްދާހާ ބާރެއް ތި އޮޑިޔަކު
މިހާރަކު ނެތް. ސަރުކާރުކުލައިގެ ކޯޓާއި ފަޓުލޫނެއް ވެސް މަ އޮންނާނެ ގަނެފައި.
އެލައިގެން ދޭ."
" ދިއުޅިއެއް ނުވާ ހުސް އަނގަތަޅަން ނުހަދާ. ތި ކޯޓަކާއި ފަޓުލޫނަކީ
އަހުރެމެން ދިވެހިންނަށް ނިސްބަތްވާ އެއްޗެއްވެސް ނޫން. އެހެން ނޫންނަމަތާ
ހިތާދެކޮޅަށްވެސް މަހާލެވޭނީ. މަށެއް ވާ ވަރުތަކެއް ނާރުވާނަން މިފަހަރަކު. ހަމައެކަނި
ދެކިލަން މިދަނީ. ނުފެންނަ މީހަކަށް ވާތީ ދެކިލަން މިދަނީ . އެންމެ ބޮޑުވަރަކަށް
ސަލާންކޮށްލާނީ. "
ދެމަފިރިންގެ މެދުގައި އުފެދުނު ހިތްހަމަ ނުޖެހުމާއެކު ވެސް މުޞްޢަބު ނިކުތީ
ސަރުކާރާ އިދިކޮޅު މީހެއްގެ ސިފަ ޖައްސައިގެންނެވެ. ފުރަތަމަ ނަޒަރުންވެސް އެއީ
ނުސިޔާނު މީހެއްކަން އެނގޭވަރަށް ހަށިގަނޑަށް ބަދަލުގެނެސްގެނެވެ.
އިރު މެދުން ލަނބައިފި އެވެ. ފިނިކަމާއި ތާޒާކަމުގެ އަސަރުތައް ޖައްވުގެ
ތެރެއަށް ފެތުރެން ފަށައިފި އެވެ. ފައި އިނދޭ ފުރާއިން ކުދިބޮޑު އެންމެން
ނިކުންނަން ފަށައިފި އެވެ. ގިލޭ (ގަހަނާ) ތަކުން އަތުކުރިތައް ވަނީ
ޖަރީކޮށްގެންނެވެ. ބިންމައްޗަށް އެއްލާލެވިފައި އޮތް ބަޖިޔާއެއްގެ އެއްކަން
މިލްކުކުރުމަށް ހިނިހަރުތަކުން ހިނި ނުކުންނަ ފަދައިން ބަނދަރަށް ދާން އޮންނަ މައި
މަގަށް މީހުންތައް ޖަމާވަމުން ދަނީ އެވެ. ހުސްވެމެއްވެސް ނުވާކަހަލަ އެވެ. މަތިން
ބަލައިލާއިރު ހީވަނީ ދެކުލައިގެ ދެ ފޮތި ރޯލު ދަމާލައިފައި އޮތްހެނެވެ.
މަތިން އުދެހޭ ކާޅުތަށް ފިލައިފި އެވެ. އެ މަގާމު މިއަދު އަދާކުރަނީ
ހެލިކޮޕުޓަރުތަކެވެ. ރެހެންދި އާއި ރަންޏާއި ދިޔޯ އިން ނެވެ. އޭގެ ތެރެއިން
ހެލިކޮޕްޓަރެއް ދޫންޏެއްފަދައިން ތިރިކޮށްލައިފި އެވެ. ފުލުފުލުން ފުލުހުން
ފައިބަން ފަށައިފި އެވެ. ގިނަ އިރުތަކެއް ނުވެ އިޒުރޭލުގެ ބޮޑުވަޒީރު ދަތުރުކުރައްވާ ރަސްމީ ލާންޗުކޮޅު ރަށުގެ
ފަޅުތެރެއަށް ވަދެއްޖެ އެވެ. އަދަބު އިޙްތިރާމު ކުރުގެ ގޮތުން އެއްވެފައިވާ
މީސްތަކުން ސަފަކަށް ރުކުރުވާލި އެވެ.
އެންމެ ކުރީގައި ތިބީ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ
މީހުންނެވެ. މުޞްޢަބަށް ލިބިފައިވާ ނުފޫޒާއި މީހުންގެ ފަރާތުން ލިބޭ އިޙްތިރާމުގެ
ބޭނުން ހުނަރުވެރިކަމާއެކު ހިފައި ސަފުގެ އެންމެ ކުރިންކަހަލަ ގޮތަކަށް ޖާގަ
ހޯދައިފި އެވެ. ބޮޑުވަޒީރު ފައިބާވަޑައިގެންފި އެވެ. މަރުޙަބާގެ މާފަތިތަކާއި ދިދަތަކުން
އެތަންވަނީ ޖަރީވެފަ އެވެ. ލަވަތަކާއި ތާއީދުގެ ބަސްތަކުން ވަނީ ގުގުމައިފަ އެވެ.
މުޞްޢަބާ ޖެހިގެންހުރި ދޮން އަޙުމަދުބެއާ ސަލާންކުރައްވައިފި އެވެ. މިހާރު އެ
ސަލާންކުރައްވަނީ މުޞްޢަބާ އެވެ.
ކުއްލިއަކަށް މުޅިތަނަށް ހަޅޭކުގެ އަޑު ވެރިވެއްޖެ އެވެ. ހަށިފާރަވެރިން
ދުއްވައިގަތީ ބޮޑުވަޒީރުގެ ހަށިކޮޅާދިމާ އަށެވެ. ފުލުހުންނާއި ސަރުކާރަށްތާއީދުކުރާ
ޕާޓީތަކުގެ މީހުންގަނޑު ދުއްވައިގަތީ މުޞްޢަބާ ދިމާއަށެވެ. ކޮޅުކޮޅަށް ހޭލަމޭލަވާ
މީހުންގެ އަޑުތަކާއި އަޑުން އަޑު ނަގައި މީސްތަކުން ރޯ ރުއިމުގެ އަޑުން މުޅި
އެސަރަހައްދު ނާމާންކޮށްފި އެވެ. މުޞްޢަބު ކޮބައިހޭ އޭނާ ސަލާމަތްކުރާށޭ ގޮވާ
އަޑުވެސް އިވެން ފަށައިފި އެވެ. އެއަޑުގެ މައްޗަށް ގަދަވެގަންނަނީ އަނެއްބަޔަކު
މަރާލާށޭ އެއީ ބޮޑުކަހީނެކޭ ގޮވާ އަޑެވެ. އެއީ ޙަކީމްދީދީ އޭ ވީރު ޢަލިދީދީ މަރައި
މުޙައްމަދު އަމީނު މަރަން އުޅުނުހެން ހަމަ އެ ކުޅި ކުޅުނިއްޔޭ ގޮވާ އަޑެވެ.
ގިޔާމަތެއްފަދަ ބިރުވެރިކަމާއި ނާމާން ކަމުގެ ތެރެއިން ބޮޑުވަޒީރުގެ ހަށިކޮޅު
ގޮވައިގެން ހެލިކޮޕްޓަރު ހަލުވި ކޮތަރެއްހެން އުދުހިގަތެވެ. ދެ އަތް ފުރަގަހުލައި
ބިޑި އަޅުވައި ކައުންސިލް އިދާރާއަށް މުޞްޢަބު ގެންގޮސްފި އެވެ.
ވާނުވާ ނޭނގި އާންމުންގެ ޔޯލަވާހަކަތަކުން ރަށް ފުރާލައިފި އެވެ. އެ
ވާހަކަތައް ބަންޑުންވެ ކައިރި ހިސާބުތަކަށް ވެސް ފޯރައިފި އެވެ. މުވާސަލާތުގެ
ރަންޒަމާންކަމުން ދުނިޔޭގެ ހަތަރުބިތައްވެސް އެ ޔޯލަވާހަކަތައް އިތުރުކުލަތަކާއި
ސިފަޖެހިގެން ފެތުރިގަތެވެ.
ސަރުކާރުގެ ޚަބަރުފަތުރާ ވަސީލަތްތަކުގެ ފުރަތަމަ ބަހާއެކު ޤައުމީ ދިދަ ބައި
ދަނޑިއަށް ތިރިކޮށްފި އެވެ. ޚަބަރު ފަތުރާ އެންމެހައި ވަސީލަތްތަކުގެ ރަސްކަން އެ
ޚަބަރު އަތުލައިފި އެވެ.
" އަހަރެން ގެންދިއުމުގެ ކުރިން އެންމެ ފަހަރަކު ނަމަވެސް އަނބިދަރިން
ދެކިލުމުގެ ފުރުސަތެއް ދެއްވާ!" ރޮވިފައި ހުރި މުޞްޢަބު ފުލުހުންގާތު
ބުންޏެވެ.
" އެއީ އަހުރެންގެ ކަމެއް ނޫން. ކިތަންމެ ނުރުހުނަސް އެކަހަލަ ކަމެއް
އަހުރެން ކުރަން ހިތުވެސް ނުލަން. ފަންޑިތައަކީ އަހުރެން ދަންނަ އެއްޗެއް.
އެކަމުން ބަރީއަވުމަށް ޝައުޤުވެރިކަމެއް ނެތް. ސަލާމްކުރިން. އެއީ ވެސް
ކުރިކަމެއް. އެހެނަސް އެ ސަލާމަކާ އޭނާ މަރުވުމަކާ ގުޅުމެއް ނެތް. އެއީ ހަމަ
އިއްތިފާގެއް. މިކަމުގައި އަހުރެންގެ ކުށެއް ނެތްކަން ﷲ ހެކިވެވޮޑިގެންވާނެ."
މުޞްޢަބުގެ ވާހަކަތަކުގެ ރައްދުގައި ހައްވައަށް ކުރެވުނު ހަމައެކަނި ކަމަކީ
ގިސްލުމެވެ. ލިބިފައިވާ ކުއްލި ޝޮކުގެ ފުން އަސަރުތައް ވަނީ އޭނާގެ އަޑު
ގައިދުކޮށްފަ އެވެ. ހެލިފެލިވުން ހުއްޓުވައިފަ އެވެ. ހަރަކާތްތެރިވުން
މަޑުޖައްސުވައިފަ އެވެ.
މަލާވީ ފަދަ ޤައުމުތަކުގައި އޮންނަކަހަލަ ޤާނޫނީ ނިޒާމެއް
ރާއްޖެ އަކު ނެތެވެ. ވުމާއެކު މުޞްޢަބު ގެންދިއުމާ މެދު ޚުދު ފުލުހުންގެ
މެދުގައިވެސް ޚިޔާލުތަފާތުވުންތަކެއް އުފެދުނެވެ. ޤުދުރަތީ ގޮތުން ދިމާވި ހިތްދަތި
ހާދިސާގައި ކުށެއް ނުވާކަމަށް އެމީހުން އިއްތިފާޤު ވި އެވެ. އެހެނަސް އެމީހުން ފުރީ އޭނާ ގޮވައިގެންނެވެ.
އެކަމަކު އޭގެ ކުރިން އޭނާ ވަނީ އަންހެނުންނަށް އެއް ޔަގީންކަމެއް ދީފަ އެވެ.
އޮޓޮޕްސީ ހެދުމާ ހަމައަށް ނުގޮސްވެސް އެ ތުހުމަތުން އޭނާ މިންޖުވާނެކަމެވެ.

Post a Comment