2050

| 4/03/2015 on Friday, April 3, 2015 dhuraya.blogspot.com :ލިޔުނީ

ބުރިޓިޝް އެއަރވޭސްގެ އޭ 500 ސީ މަރުކާގެ މަތިންދާ ބޯޓުގެ ފުރޮޅުތައް ހަނިމާދޫ ބައިނަލް އަގުވާމީ ވައިގެ ބަނދަރުގެ ތާރު ރަންވޭގައި ބުރު އެނގުމެއް ނުވާ ބާރުމިނުގައި އަނބުރަން ފެށި އެވެ. މަސްކެއުމަށްޓަކައި ފަޅުމައްޗަށް  ތިރިކޮށްލާ މާކަނައެއް ފަދައިން އެ ބިޔަ ވަރުގަދަ ބޯޓު ރަންވޭ މައްޗަށް ވެއްޓިގަތެވެ. އެކަމަކު މި އުފާވެރި ވަގުތުވެސް އަހުރެންގެ ހިތުގައި ގަދަދައްކަނީ ނުތަނަވަސްކަމެވެ. ލަންޑަނުގެ ހީތުރޯ އެއަރޕޯޓުން ފުރީންސުރެ އަހުރެންގެ ހިތަށް ވެރިވެފައިވަނީ ބަޔާންކުރަންދަތި އުނދަނގޫ އިހުސާސްތަކެކެވެ. ބޯޓަށް ކަމެއް ދިމާވަނީ ބާއޭ ވެސް ހިތަށް އެރި އެވެ.
           ޙަޤީޤަތުގައި މިއަދު އަހުރެން ހުންނަންޖެހޭނީ ވަރަށް އުފާވެފައެވެ. އަހަރެން ރާއްޖެ މި އައީ  ފުރިހަމަކުރަމުން ދިޔަ ޕީ.އެޗް.ޑީ ޕްރޮގްރާމް ނިންމާލުމަށްފަހު އެވެ. އަހުރެންނަކީ މުއްސަނދި ޢާއިލާއެއްގައި ހުރި ހަމައެކަނި މެންބަރެވެ. އުތުރުގެ އެންމެ ބޮޑު ރިސޯޓު " ދަ ރައިޓްސް ޑްރީމް އެންޑް ސްޕާގެ " 75 އިންސައްތައި ގެ ހިއްސާދާރަކީ އަހުރެންގެ ބައްޕަ އެވެ. އެއީ ބައްޕަ ގެ ރިސޯޓެކެވެ. ހިސާބު ގަނޑު މީހުންނަށް ފަތުރުވެރިކަމުގެ ފައިދާ ހޯދައިދިނުމުގެ ނިޔަތުގައި 25 އިންސައްތަ ހިއްސާ އާންމުންނަށް ވިއްކާލީ އެވެ. ކަންމިހެން ހުރުމުގެ ސަބަބުން ފައިސާގެ ގޮތުން އަހުރެން ހުރީ ފުދި އިތުރުވެފަ އެވެ.
           އަނެއްކޮޅުން ހުރިހާކަމެއް ބަރާބަރަށް ދާނަމަ މީގެ ދެ ދުވަސްފަހުން އަހުރެންގެ ފުރަތަމަ ދަރިފުޅު އަހަރެމެންނާ ބައްދަލުކުރާނެ އެވެ. ރުގިއްޔާ ވެސް އުޅުނީ އަހަރެންނާއެކު އިނގިރޭސިވިލާތުގަ އެވެ. ތީސީސް ލިޔުމުގެ މަސައްކަތުގައި ބުރަކޮށް އުޅެންޖެހުމުގެ ސަބަބުން ރުގިއްޔާ މިކޮޅަށް ބަދަލުކުރީ އެވެ.
           މިހުރިހާ ކަމެއް މިހެންހުރި އިރުވެސް ހިތަށްވެރިވެފައިވާ ނުތަނަވަސްކަމުގެ އުދާސްގަނޑު މައިތިރި އެއް ނުވި އެވެ. ނުތަނަވަސްވެފައިވާ ހިތް އޮބިކޮށްގެން ބޭރުން ފެންނަ މަންޒަރުތަކަށް ނަޒަރުހުއްޓާލީމެވެ. ބާރުދުވެލީގެ ސަބަބުން އެއްވެފައިވާ މަންޒަރުތައް ރޫޅި ވަކިވަކި ވެއްޖެ އެވެ. ބޯޓު މަޑުކޮށްފި އެވެ.  ބޯޓުން ފައިބައިގެން ގިމަތަ ތެރެއަށް  ވަދެފީމެވެ. ދަށުން އޮއި ދޮމޭގޮތަށް މޫދުފެންނަގޮތަށް ތައްޔާރުކޮށްފައިވާ އެ ބޮޑު ގިމަތަ ފެންނަނީ ހަލަބޮލި ކާރޫބާރޫ ބޮޑުތަނެއްގެ ގޮތުގަ އެވެ. އެއްބަޔަކު ދަބަސްތަކާއި ސާމާނުތައް ހޯދުމަށް ބެލްޓުތަކުގެ ކައިރީ ކޮޅުކޮޅަށް ހޭލަމޭލަވަމުން ދަނީ އެވެ. އަނެއް ބަޔަކު ރޭގަނޑު ލޮލަށް ގަދައައްޔެއް އެޅުމުން ބިތްޖެހިފައި ތިބޭ ގުރުވަތަކެއްހެން ގިމަތައިގެ ތަޅުންގަނޑުގެ އަޑިގައި ގޮތްގޮތަށް ނަށަމުންދާ މަސްމަހާމެހީހެ ޖާދޫގައި ޖެހިފައި ތިއްބެވެ. ހީވާގޮތުން އެއީ މި ގަމަތައިގެ ތަޖުރިބާ އަލަށްކުރަމުންދާ މީހުންނެވެ.
           ގިމަތައިން ނިކުމެވިއްޖެ އެވެ. އަހަރެންނަށް ލިބުނީ ހައިރާންކަމެކެވެ. އަހަރެންނަށް މަރުޙަބާކިޔުމަށް އައިސްހުރީ ގޭގައި ގެންގުޅޭ އުޒުބަކިސްތާނުގެ ބަކިއޭވް އެވެ. ދޫފަރިތަކަމާއެކު ދިވެހިބަހުން ވާހަކަދައްކާ ބަކިއޭވް އާސުވާލުކުރުމުން އަހަރެންނަށް ލިބެމުންއައި ނުތަނަވަސްކަން އިތުރުވެގަތެވެ. އަދި އެ ނުތަނަވަސްކަމުގެ އަސްލަކީ ކޮބައިކަން ވެސް ދެނެގަނެވިއްޖެ އެވެ. ރާއްޖެއަންނަން ފުރުމުގެ ކުރިން ގެއާއި އާއިލާއަށް ލިބިފައިވާ އުފާވެރިކަން ވެބްކެމް މެދުވެރިކޮށް ހަމަލޮލުން އަހުރެން ތަޖުރިބާކުރީމެވެ. ވުމާއކު ލިބުނު ޚަބަރުން އަހުރެންނަށް ލިބުނީ ކުއްލި ޝޮކެކެވެ.
           ބާރު ހިނގުމުގައި އައިސް ފާލަންމައްޗަށް އަރައިފީމެވެ. ކުޑަވަރެއްގެ ގަނޑުވަރެއްފަދަ އާއިލީ ޔޮޓު " ސަންދު" އޮތީ އަހަރެންނަށް އަދަބު އިހުތިރާމު އަދާކުރުމުގެ ގޮތުން ކުރުނީސްކޮށްފަ އެވެ. ރަށަށް ދިޔުމުގެ ބަދަލުގައި އަހަރެމެން މިސްރާބުޖެހީ ސީދާ ކުޅުދުއްފުށްޓަށެވެ.
           މައިންބަފައިންގެ އެދުމާ އެއްގޮތަށް ކަންތައް ދިޔަނަމަ ކައިވެނީގެ އަލަތުރޭގެ އިރު ބިމަށް ފާއްދައިލާނީ އަހުރެންގެ އަލަތު ދަރިފުޅާއެކު އެވެ. އެހާވެސް ބޮޑަށް އެމީހުންތިބީ އާއިލާއަށް މެންބަރަކު އިތުރުކުރުމަށް ބޭނުންވެފަ އެވެ. ވުމާއެކު އަހަންނަށް މަޖުބޫރުވީ ވީހާވެސް އަވަހަކަށް ކުއްޖަކު ހޯދުމަށެވެ. އެކަމަށް އިތުރަށް މަޖުބޫރުވީ އާއިލީގޮތުން ލިބިފައިވާ އެކަނިވެރިކަން ކުޑައިރުއްސުރެ ބަރުދާސްތުކުރަމުން އައި ރުގިއްޔާވެސް ކުއްޖަކު ހޯދުމުގެ ރޭހުގައި އަހަރެންގެ މައިންބަފައިންނާ ބައިޢަތު ހިފުމުންނެވެ. ނަތީޖާ އަކީ ހަތިޔާރު ބަހައްޓައި އަމާންދިނުމަށް އަހުރެންނަށް މަޖުބޫރުވުމެވެ. ކިޔެވުން ނުނިންމައި ކައިވެންޏެއްގެ ގޮއްޖެހުމަށް އަހުރެން އިސްކަންދިން މައިގަނޑު ސަބަބަކީވެސް އެއީ އެވެ.
           ކައިވެންޏަށް ފަހު ކުރިންވެސް ބުނިހެން ރުގިއްޔާ ވެސް އުޅުނީ އަހުރެންނާއެކު ލަންޑަނުގަ އެވެ. ގިނަ ދުވަސްތަކެއް ނުވެ ހައްޔަރުގައި ވި އެވެ. ފުރަތަމަ ފަހަރަށްވިޔަސް ނަސީބަކުން މާ ބޮޑު އުނދަގޫތަކެއް ކުރިމައްޗެއް ނުވި އެވެ. ދެމައިންގެ ހާލުވެސް އިރާދަފުޅުކުރެއްވީ ތީ ރަނގަޅެވެ. ލަންޑަނުގެ ޑަކުޓަރީ ފަރުވާ ގަވައިދުން ދިޔައީ ލިބިގަންނަމުން ނެވެ.
           އަހުރެން ބޭނުންވީ ފިރިހެންކުއްޖެކެވެ. މަންމެން ބޭނުންވީ އަންހެންކުއްޖެ ކެވެ. މިފަހަރުވެސް ރުޤިއްޔާ ޖެހުނީ މަންމަގެ ކޮޅަށެވެ. ދަރިފުޅަށްޓަކައި ވާންޖެހޭތައްޔާރީތައް މަންމަމެން ވާންފެށި އެވެ. ދަރިފުޅުގެ ޖިންސު އެނގުމާމެދު އޮތް ޝައުޤުވެރިކަން އެހިސާބުން އިހުނަށްވުރެ އިތުރުވި އެވެ. ފަސްމަސްވުމުން ސްކޭންކޮށްފީމެވެ. ނަމަވެސް ދަރިފުޅުގެ ޖިންސާ ބެހޭ ގޮތުން ސާފު މަޢުލޫމާތެއް ޑަކުޓަރުންގެ ފަރާތަކުން ނުލިބުނެވެ. ފުރަތަމަ ދެއްކި ޑަކުޓަރު ބުނީ ވަކިޖިންސެއް ބުނަން އުނދަގޫކަމުގަ އެވެ. އެހެން ތަނަކަށް ދައްކާލުން ބުއްދިވެރި ކަމުގަ އެވެ. ދެން ދެއްކި ތަނުން ބުނީ ހީވަނީ އަންހެންކުއްޖެއް ކަމަށެވެ. އެކަމަކު ޔަގީންވާނީ އަދި ދެހަފުތާއެއްފަހުން ކުރާ  އެހެން ސްކޭނަކުން ކަމެވެ. އަލުން ސްކޭނުކުރުން ބުއްދިވެރި ކަމުގަ އެވެ.
           ކޮންމެ އަކަސް ސާފުޖަވާބެއް ނުލިބުމުން އަހަރެމެން ނިންމީ އިތުރު ސްކޭންތަކެއް ކޮށް ރުޤިއްޔާއަށާއި ކުޑަދަރިފުޅަށް އިތުރު ގެއްލުންތަކެއް ނުދީ ހަނުހުންނާށެވެ. ގައިމުންވެސް އެއީ އަހުރެންގެ ދަރިއެކެވެ. ރުޤީއްޔާ އާއި އަހުރެންގެ އަލަތު ދަރިފުޅެވެ. ދެފަރާތުގެ އާއިލާއަށް އުފަންވާ ފުރަތަމަ ދަރިފުޅެވެ.
           ފަސްމަހަށްފަހު ކުދިކުދި އުނދަގޫތަކެއް ރުޤިއްޔާއަށް ކުރިމަތިވިޔަސް ޑަކުޓަރުންގެ ގެ ބަހުން އެއީ މާބަނޑުވުމުގެ ތަބީޢަތުގައިތެރޭގައި ހިމެނޭ ކަންކަމެވެ. ޑަކުޓަރުންގެ ބަހަށް ހިތުގެ އަޑިން އިތުބާރުކޮށްގެން ހުރީ މާބޮޑު އުނދަގުލެއް ވޭނެއް ނެތި އަދާހަމަށް ކަންކަން ދިޔައީތީ އެވެ.
           ގެއްލިފައި އިން ޚިޔާލުގެ ތެރެއިން އަހުރެން ނެރެ ބޭރަށް ކޮށްޕާލީ ސަންދުގެ ދުވެއްޔަށް ކައްޕިތާނުގެނައި ބަދަލުންނެވެ. ކޭލަކުނު  ބަނދަރުގެ މަގަތު ފާލަމުގައި ސަންދު ތަތްކޮށްލުމުންނެވެ. ސަންދުފަދަ އުޅަނދުތަކަށް ކުޅުދުއްފުށީ ގައި އޮންނަ މަސްޓޭންކެއްވަރުގެ ފަޅަށްވަނުމަކީ ކުރެވޭނެކަމެއް ނޫނެވެ. އަމުދުން ވަދެވުނަސް ޖެޓީއާހަމައަށް ކައިރިކޮށް ފޭބުމަށް އަދި އެތައްވަގުތުތަކެއް ހޭދަވެ އެވެ. ކޭލަކުނު ބަދަރަކީ ކުޅުދުއްފުށީގެ ބަނދަރެވެ. މުޑިކާއްޓެއްހެން ރަށްފުރުމުން ބަނދަރުވެސް ދުރުކޮށް ބޮޑުކުރަންޖެހުނީ އެވެ.
ބަނދަރުގެ ސަލާމަތީ ޚިދުމަތްތަކުގެ ތެރެއިން ފުރޭނިގެން ނިކުތުމަށް ނެގި ވަގުތުކޮޅުވެސް އަހުރެންނަށް ސިފަވީ ގަޑިއިރުތަކެއްގެ ގޮތުގަ އެވެ.  ބަނދަރުން ނުކުމެ ކުޅުދުއްފުށްޓަށް ދިއުމަށް މިސްރާބުޖަހައިފީމެވެ. ގިމަތަތެރެއަށް ވަދެ އަހުރެން އިޚުތިޔާރުކުރީ "ވައިރު ކާރެވެ." ކާރާއި ބަހާއި ފެރީލޯންޗާއި ފައިމަގުގައިވެސް ކުޅުދުއްފުށްޓަށް ދިއުމުގެ އިންތިޒާމު އެތަނުގައި ގާއިމްކޮށްފައި ވެ އެވެ.
މަދު މިނެޓުކޮޅެއްގެ ތެރޭގައި ކުޅުދުއްފުއްޓަށް އާދެވިއްޖެ އެވެ. ކާރުގައި އުދުހިފައި ކުރި ދަތުރު ނިންމާލުމަށްފަހު ގިމަތައިން ނިކުމެ ފައިމަގުގައި ހިނގައިގެންފީމެވެ. ގިމަތަ ހުންނަނީ ހަސްފަތާލާ ނުހަނު ކައިރީގަ އެވެ. އަހެރެން ކުޅުދުއްފުށްޓަށް އައި އެކަންޏެވެ. ބަކިއޭވް ހުރީ ސަންދުގައި އަހަރެމެންގެ އެހެން މުވައްޒަފުންނާ އެކު އެވެ.
އަޕަރނޯތް ހެލްތު ސަރވިސަސް ކޯޕަރޭޝަނުން ހިންގާ 15 ބުރީގެ ބިޔަ ހަސްފަތާލާ ހަމައަށް އާދެވުނު އިރު އަހަންނަށް ފާހަގަކުރެވުނީ އެހިސާބުގަނޑުގެ ކާރޫބާރޫ އާދާޔާ ޚިލާފަށް ބޮޑުކަމެވެ. ހިނގާބިނގާވުމަށް އުދަނގޫވަރަށް އެހިސާބުވަނީ ތޮއްޖެހިފަ އެވެ. އަހަރެން ބޮޑަށް ހައިރާންވީ ސަލާމަތީ ބާރުތަކުން ބަރުހަތިޔާރާއެކު އެސަރަހައްދުގައި ހޭލަމޭލަވަމުން ދާތީ އެވެ.
ހަސްފަތާލަށް ވަންނަ މައިދޮރޯށީގައި ތިބި ފުލުހުންނާއި ސިފައިން އަހުރެން ހުއްޓުވައިފި އެވެ. މި ވަގުތު އެތެރޭގެ ހާލަތު އޮތް ގޮތުންނޭ ބުނެ ވަނުމުގެ ހުއްދަ އެއް ނުދިނެވެ. އެހެން މީހުންނަކަށްވެސް ނުދެއެވެ. ހުއްދަދެނީ ބަލިމީހުންގެ އެހީތެރިންނަށާއި ޑަކުޓަރަށް ދެއްކުމުގެ އެޕޮއިންޓްމަންޓް ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އެކިފާޑުފާޑުގެ ވާހަކަތައް ދައްކައިގެންވެސް އެތެރެއަށް ވަދެވޭނެގޮތެއް މައްޗެއް ނުވި އެވެ. އަންހެނުން ވިހަންވެގެން އެނދުމަތިކޮށްފައި އޮތްވާހަކަ ބުނުމުންވެސް އެވެރިންގެ ސަމާލުކަމެއް އަހުރެންނަކަށް ނުލިބުނެވެ. ދޭދޭ މީހުން ދައްކާ ވާހަކަތަކުގެ އަޑުން އެހިސާބުގަނޑު އޮތީ ގުގުމައިފަ އެވެ. ތޮއްޖެހިފައިވާ މީސްތަކުން މެންދުރުގެ ގަދަހޫނުން ހަނާކުރަމުންދާއިރު އިންސާނުންގެ ހަށިތަކުން ފިތި ބާރުވެފައިވާ އެ ތަންވަނީ ބަބުރުވަހުން އެއްގޯސްކުރުވައިފަ އެވެ.
ހަގީގަތުގައިވެސް އަހުރެން ހާސްވެއްޖެ އެވެ. މިއަށް ވުރެ މާ ބައިގިނަ ތަންތަނުގައި މާގިނަ ތަޖުރިބާތައް އަހުރެންކޮށްފީމެވެ. އެކަމަކު މިހާވަރަކަށް ހާހެއް ނުވެ އެވެ. އެތަނުން ތަންކޮޅެއް ފޭއަށް ޖެހެވޭތޯ ބަލައިފީމެވެ. އެކަމުގައިވެސް  މާ ބޮޑު ކާމިޔާބެއް ނުލިބުނެވެ.
ކުއްލިއަކަށް ފޯނުމަތިން ހަނދާންވެއްޖެ އެވެ. ރާއްޖެއަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ " މޯލްޑިވިއަން ދަ މާރވެލަސް 3 އެކްސް " ހުޅުވާލައިފީމެވެ. ފުލުފުލުން މެސެޖުތައް އަންނަންފަށައިފި އެވެ. މަތިންދާ ބޯޓަށް އެރުމަށްޓަކައި ނިއްވާލިގޮތަށް ފޯނުހުޅުވާކަށްވެސް ހަނދާނެއް ނެތެވެ. އެންމެ ގިނަ ގުޅާފައި ހުރީ ބައްޕަ އެވެ. ދޮޅަހަކަށްފަހަރު ބައްޕަ ގުޅާފައި ހުއްޓެވެ.
ދެފަހަރަކު ރިންގުވުމާއެކު ފޯނު ނަގައިފި އެވެ. ނެގުމާއެކު ގޯންޏެއްހައި ސުވާލު ސިކުންތެއްގެ ތެރޭގައި ބައްޕަ އަހަންނާ ކުރިމަތިކުރިކުރުވި އެވެ. ސުވާލުތަކުގެ ސަބަބުން އަހަރެންގެ ހާސްކަން ވީ އިތުރެވެ. ގަތް ބިރު ވީ ބޮޑެވެ. އަހަންނަށް ހަމައެކަނި ބުނެވުނީ އަހަރެންނަށް އެތެރެއަށް ވަނުމަށް ފާހެއް ގެނެސްދޭށޭ އެވެ.
ގިނައިރުތަކެއް ނުވެ އެވެ. ބައްޕަ އަތުވެއްޖެ އެވެ. އެކަމަކު ހަތިޔާރުއެޅި ފުލުހުންގެ ދެމީހުން ބައްޕަގެ ދެފަރާތުގައި ތިއްބެވެ. ބައްޕަގެ އަތުގެ އިޝާރާތުން އަހުރެން ދައްކާލުމާއެކު ދޮރުކުރިމަތީ ތިބި ފުލުހުން އަހަރެން ވަނުމަށް އަންގައިފި އެވެ. ބައްޕަގާތު ކަމެއް ގޯސްވީހޭ ސުވާލުކުރުމުން އަތުގެ އިޝާރާތުން ހަނުހުރުމަށް އަހަންނަށް އަންގައިފި އެވެ. އެއާއެކު ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގެ ޔަގީންކަން ބުއްދީގެ ހިއްސު އަހަރެންނަށް ދީފި އެވެ.
މުޅި ހަސްފަތާލު އޮތީ އެމަޖެންސީގައިކަން އެތެރެއިން ފެނުނު މަންޒަރުތަކުން އަހަންނަށް އެނގުނެވެ. ދިޔަގޮތަށް އެރީ ލިފުޓަށެވެ. ދިހަވަނަ ފަންގިފިލާގައިވާ ވީ.އައި.ޕީ 101 ވަނަ ކޮޓަރިއާ އަރާހަމަވުމުން މިއީ އޭ ކޮޓަރިއަކީ ބުނެ ބައްޕަ ދޮރުހުޅުވާލި އެވެ. ބައްޕައަށްވުރެ ކުރިން އަހަރެން އެތެރެއަށް ދެމިގަތީމެވެ.
އެނދުމަތީގައި ރުޤިއްޔާ އޮތެވެ. ފުރަތަމަވެސް އަހަންނަށް ބަލައިލެވުނީ އޭނާގެ ބަނޑަށެވެ. ހަމަޔަގީނުންވެސް އެ ބަނޑުގައި މިހާރު ކުއްޖެއް ނެތެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގާލީމެވެ. ވަށައިގެން ހޯދާލީމެވެ އިތުރުމީހަކު ނެތެވެ. އަހަރެމެންނާއެކު އައި ފުލުހުންގެ ދެމީހުންވެސް ބޭރުގައި މަޑުކުރީ އެވެ. ބެލެވޭގޮތުން ރުޤިއްޔާ އަށް ވެސް އޮތީ ނިދިފަ އެވެ. ޝައްކުގެ ނަޒަރުން ބައްޕަ އާ ދިމާއަށް ބަލައިލީމެވެ. ހަތަރުކަޅި ހަމަވި ވަގުތު ބައްޕަގެ ލޮލުން ކަރުނަ ނީރާލި އެވެ. ހަމަ ޙަޤީޤަތުގައި ވެސް ބައްޕަ ބަޑިފަޅައިގެންދިޔައީ އެވެ.
ހުރިހާ ވާހަކަތަކެއް ކިޔައިދީ ނިމުނުއިރު އަހުރެންހުރީ ގަނޑުވެފަ އެވެ. ހިރިލަންވެސް ނޭނގިފަ އެވެ. އަހަންނަށް އިހުސާސްކުރެވުނީ ބާރުފިއްތުމަކުން ވަށައިގެން އަހުރެން ފިއްތަމުން ދާކަމަށެވެ. ނޭވާލާންދަތިވެ ކޮށި އަރަން ފަށައިފި އެވެ. އަހަންނަށް ހިތްވަރުކޮށްފައި ބުނެވުނީ " އެކަމަކު އެއްފަހަރު ނަމަވެސް ދެކިލަން ބޭނުމޭ " އެވެ.
ހިތްވަރުކޮށްފައި ނިކުތީމެވެ. ބައްޕަވެސް އަހުރެންނާ އެކު އައެވެ. ފުރަތަމަ އަހުރެން ދިޔައީ ހޭނެތިފައި އޮތް މަންމަގެ ހާލުބަލައިލާށެވެ. މަންމަ އޮތީ ޖެހިގެން ހުރި ކޮޓަރީގަ އެވެ. އެތަނުން ނުކެމެ ޚާއްޞަ ޚިދުމަތްތަކާ ބެހޭ ބަޔަށް ދާން ހިނގައިގެންފީމެވެ. އަހަރެމެންނާއެކު ފުލުހުންގެ ދެމީހުން ވެސް އައެވެ. ޚާއްޞަ ޚިދުމަތްތަކާބެހޭ ބަޔަކީ އެކިއެކި ކަންކަމާގުޅިގެން ކަރަންޓީނުކޮށްފައި ތިބޭ މީހުން ބައިތިއްބާ ބައެވެ. ތަފާތު އެތައް ޑިޕާޓުމަންޓަކަށް ބަހާފައިވާ އެ ބައިގައި ނޭކުރެންދޫ ލުއިޖަލުގެ ގައިދީންނާއި ލެވަލް 5 ގެ އެންމެބޮޑެތި ކުށްވެރިން ތިބޭ މާވައިދޫ ޖަލުގެ ގައިދީން ތިބޭކަން އެއީ އަހުރެންވެސް ދަންނަކަމެކެވެ. އޭގެ އިތުރުން ކެމިކަލް އަދި ބައިލޮޖިކަލް މައްސަލަތަކުގައި އަނިޔާލިބޭ ބަލިމީހުންވެސް ބައިތިއްބަނީ އެ ބައިގަ އެވެ.
ސަލާމަތީ ގޮތުން އެތައް ގޮތަކަށް އެތައް ވައްތަރަކަށް ޗެކުކުރުމަށްފަހު އެތެރެއަށް ވައްދައިފި އެވެ. މަތިންދާބޯޓަކަށް އެރުމަށްވެސް އެހާވަރަކަށް ޗެކެއް ނުކުރާނެ އެވެ.  ވަނުމުގެ ފުރުސަތު ދިނީވެސް އަހަންނަށް އެކަންޏަށެވެ. އެންމެކުޑަމިނުން ގެންގުޅޭ ވޮލެޓާއި ފައިކޭޓުގައި އޮތް ރުމާގަނޑަށް ދާންދެން ޖެހުނީ ދޫކޮށްލާށެވެ. އެވަރުން ފުދުނީކީ ނޫނެވެ. ގިނަ އިރުތަކެއްނުވެ ލައިގެން ހުރި ހެދުން ބަދަލުކޮށް ޖައްވީދަތުރުވެރިން އަޅާފަދަ ވަރުގަދަ ހެދުމަކަށް އާބަސް ބުނަން މަޖުބޫރުވެއްޖެ އެވެ.
އެތަން ބޮޑަށް ވައްތަރީ ހަމަ ޙަޤީޤަތުގައި ވެސް ޖަނަލަކާ (ބަލިމީހުން ތިބޭ ވޯޑު) ނޫނެވެ. ޖަލަކާ އެވެ. ދަގަނޑުތޭރިތަކުގެ ދޮރުތަކާއި އެކިވަރުވަރުގެ އެކްސްރޭ މެޝިންތަކުގެ ތެރޭން ފުރޭނުމަކީ އިރުއިރުކޮޅުން ކުރަންޖެހޭ ކަމެކެވެ. އެތާ ތެރޭގައިވެސް ގިނަ އަދަދަކަށް ފުހުންނާ ސިފައިން ހަރަކާތްތެރިވެ އެވެ. ބަޑިއާ ފިސްތޯލައާއެކު ހަރަކާތްތެރިވިޔަސް އެމީހުންވެސް ތިބެނީ ގޭސްމޫނުމަތި އަޅައި ފާޑެއްގެ ހެދުމަކުން ހަށިގަނޑު ނިވާކޮށްފަ އެވެ.
އަހަރެންގެ މަންޒިލާ ހަމައަށް ފޯރައިފި އެވެ. ބިރުންހުރެ ދޮރުހުޅުވާލައިފީމެވެ. ކުއްލިއަކަށް އަހަންނަށް ފަހަތަށް ޖެހެވިއްޖެ އެވެ. ލައްވާލި އަޑާއި ކުރި ހަރަކާތްތަކުން ނެވެ. ބުރުވާލި ދަވަތަކުންނެވެ. ހިލިހިލާޖަހައި ހައްޔަރުކޮށްފައި އޮތީ އަހުރެންނަށް ނިސްބަތްވާ މަޚުލޫޤެއްކަމަށް ޤަބޫލެއް ނުކުރެވުނެވެ. ބައްޕަ ސިފަކޮށްދިންގޮތުން އަހަރެން ބިރެއް ނުގަތެވެ. އެކަމަކު ބަސްމޮށުންތެރިކަމުގެ އެންމެ މަތީ އަދީބުންނަށްވެސް އެ މަޚުލޫޤު ސިފަކޮށްދިނުންވާނީ އުނދަގޫކަމަކަށެވެ. އިންސިންނާއި ޖަނަވާރުންގެ މަސްހުނި ސިފަތަކެއް ލިބިފައިވާ މަޚުލޫޤުގެ ބައްޕައަކީ އަހުރެންނޭ ބުނާތީވެސް އަހުރެން މިހާރު ބިރުގަނެއްޖެ އެވެ.
މަރާލާށޭ ނައްތާލާށޭ ބުނެ އަހަރެންނަށް ހަޅޭލަވައި ގަނެވިއްޖެ އެވެ. މަޑުކުރުމެއް ފަސްއެނބުރުމެއް ނެތި އެތަނުން އަހަރެން ނުކުމެއްޖައީ މެވެ.  ޖެހިގެން އައި މަދުވަގުތުކޮޅުގައި އެ ޚަބަރު ރާއްޖޭގެ ހަތަރުބިތަށް ފެތުރިގަތެވެ. ދިވެހި ނަސްލަށް ނިސްބަތްވާ އެއްމިލިއަންމީހުންގެ ދޫތަކާއި ލޯތަކާއި ކަންފަތްތަކަށް އެޚަބަރު ވެރިވެގަތެވެ. ތިންލައްކައެއްހައި ބިދޭސީންގެ ސަމާލުކަންވެސް އެދުވަހުދަމައިގަތީ އެ މައްސަލަ އެވެ. ގިނައިރުތަކެއް ނުވެ ގާދޫކޮލުންނުކުމެ ދުނިޔޭގެ ހަތަރުބިތަށްވެސް އެޚަބަރު ފެތުރިގަތެވެ. އެކިދާއިރާތަކުގެ މާހިރުންނާއި ސައިންޓިންސްޓުން ރާއްޖެއަށް މިސްރާބުޖަހައިފި އެވެ. ނޫސްވެރިންނާއި ފޮޓޯނަގާމީހުންގެ މަންޒިލަކީ ދިވެހިފަސްގަނޑުކަމުގައި ހަދައިފި އެވެ.
ޤައުމީ ޔުނިވަރސީޓީގެ މެޑިކަލްކޮލެޖާއި ސައިންސް އެކަޑަމީ އޮފް މޯލްޑިވްސްގެ ދިރާސާތަކަށްޓަކައި އަހުރެންގެ ދަރިފުޅު ޚާއްޞަކޮށްފި އެވެ. އުފެދުމުގައިވާ ސިއްރުތަކާއި ދަރިފުޅުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ދިރާސާކުރުމަށެވެ. އަހުރެންނާއި ރުޤިއްޔާގެ ޑީ. އެން . އޭވެސް ނަގައިފި އެވެ. ކަމާގުޅޭގޮތުން ކުރަންޖެހޭ މުހިންމު ދިރާސާތަކެއް ކުރުމަށެވެ. އެމީހުންގެ މަސައްކަތްތައް ވިލަރެސްކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންނެވެ.
ރުޤިއްޔާ އާއި މަންމަވެސް ހޭ އަރައިފި އެވެ. މުޅި އާއިލާ އެއްކޮށް ގިސްލައި ކުކުރަމުންދާއިރު އަހުރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ދަރިފުޅު ނައްތާލާށެވެ. ނަމަވެސް ސަލާމަތީ ޚިދުމަތްދޭފަރާތްތަކުން ހުއްދަނުލިބޭތީ އާއި ދީނީގޮތުން ބަލަންޖެހޭ ބެލުންތައް ބަލައި ފަހުބަސް ނުލިބޭތީ އެގޮތަށް އެކަން ނުކުރެވިގެން އުޅެނީ އެވެ.
ހަސްފަތާލުގެ މެނޭޖަރުގެ އޮފީހަށް ދާން ބައްޕައަށް އަންގައިފި އެވެ. ބައްޕަ ގެންދިޔަތާ ގަޑިއިރުތަކެއްފަހުން އަހުރެން ދިއުމަށްވެސް އަންގައިފި އެވެ.
މެނޭޖަރު އަހުރެންނާ ބައްދަލުކުރި އިރު އެތާކު ބައްޕައެއް ނެތެވެ. ބައްޕަ އިނީ އެހެން ކޮޓަރިއެއްގަ އެވެ. ގިނަ ވާހަކަތަކެއް ނުދައްކައި ދިރާސާކުރިމީހުން ދަރިފުޅާބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓު އަހަރެން އަތަށް ދިނެވެ.
ކިޔައި ނިމުމާއެކު ބޭ އިޚުތިޔާރުގައި އަޑުން އަޑުނަގައި ރޯންފެށިއްޖެ އެވެ. ދަރިފުޅު އިންސިންގެ ނަސްލަށް ނުހިމެނުނަސް އަހުރެންގެ ވާހަކަތައް ދުނިޔޭގެ ހަތަރުބިތަށް ފެތުރުނަސް އަހުރެން ހުރީ ވަރަށް ކެތްކޮށްގެން ނެވެ. އެކަމަކު މިފަހަރުގެ މުސީބާތް ހުރިހާގޮތަކުންވެސް ބިރުވެރި އެވެ. ނުރައްކާތެރި އެވެ. އެކަމުގެ ނާޒުކުކަމާ ދެންކުރިމަތިލާންހުރި ގޮންޖެހުންތަކާއި ނުރައްކާތައް ގިނަގުނަ އެވެ.
އަހުރެންގެ ރުއިމުގެ އަޑަށް ބައްޕަ އެތަނަށް އަތުވެއްޖެ އެވެ. މިއަދު އެ ބައްޕަގެ މޫނު ދެކޭކަށް އަހަރެން  ބޭނުމެއް ނޫނެވެ. އެހައި ބޮޑު އޮޅުވާލުމެއްގެ ތެރޭގައި މިހާ ގިނަދުވަހު އަހަރެން ގެންގުޅުނީތީ އެވެ. ރުޤިއްޔާއާ އަހުރެން އިންނަން އެހުމުން އެކަމާ ބައްޕަ ރުހި ގަބޫލުވީތީ އެވެ. އެދުވަހު ބައްޕަ ދިން އާނބަސް އަހުރެން ބަލައިގަތީ އެއީ ފަގީރުންނާމެދު ބައްޕަކުރާ ގަދަރުގެ ރިވެތި މިސާލެއްގެ ގޮތުގައެވެ. އެކަމަކު މިއަދު އެ ރުހުމާއި އާނބަސް މިވީ އިންސާނަކަށް ކުރިމަތިވާނެ އެންމެ ބޮޑު ވޭނަށެވެ.
އެކަމަކު ފިނި ސިކުނޑިއަކުން ވިސްނައިފިނަމަ އެކަމުގައި ބައްޕަގެ ކުށެއްވެސް ނެތެވެ. މި ކެހިވެރި ދުނިޔެއަށް އުފަންވިތާ އެންމެ ދެތިންގަޑިއިރު ތެރޭ ހަޑިމުޑުދާރު ކުނިގޮނޑަކަށް އެއްލައިލެވި ހޮވައިގެން ފުލުހުންނަށް ގެންދެވުނު އަހުރެންނަށް،  ޤާނޫނީގޮތުން ބައްޕައެއްގެ ދަރަޖަދީ މިހިސާބަށް އެކަން ސިއްރުކުރީ އެދެމަފިރިންނަށް ގެއްލި ފައިވާ ދަރިންނުލިބުމުގެ ނިޢުމަތުން އުފަންކުރުވި އުދާސްތަކަށް ދެވޭ ދާއިމީ ފަރުވާއެއްގެ ގޮތުންނެވެ. ޔަތީމް ޚާނާ އެއްގައި އުޅެ ބޮޑުވި ދަރިކޮޅު ނޭނގޭ ކުއްޖަކާ އިނުމަށް ދެކޮޅުނުހެދީވެސް އަހަރެންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.  
އެކަމަކު ތަޤުދީރުދެއްކި ކުލަތައް ނިކަންދެކޭށެވެ. އަހުރެންނާއި ރުޤިއްޔާ އާ ދެމީހުންގެ އުފެދުން މިއައީ އެއްޖިސްމަކުންނެވެ. ތަފާތު ދެ ބަނޑަކުންނެވެ. ދިވެހި ނަސްލާއެކު ބަންގާޅު ނަސްލުވެސް ހިއްސާކުރާ ދެމީހުންނަށް އަހަރެމެންވީއިރު ކުރިމަގުގައި ކަންތައްތައް ވާނީ ކިހިނެއްހެއްޔެވެ؟ އެއީ އަހުރެންނުހަނު ލޯބިވި އަނބިމީހާ އެވެ. އެތައް މިލިއަން މީހުންގެ ތެރެއިން އަހުރެން ލޯބިވި ހަމައެކަނި އަންހެނާ އެވެ. ވުމާއެކު މިއަދު ކޮއްކޮގެ މަގާމަށް އޭނާ އައިއިރު ލޭގެގެޅުމުގެ ތެރެއަށް ވަނީ އަނބިފިރިކަމުގެ ގުޅުމުގެ ހިޔަނި އެޅިފައެވެ. ޔާރެއް އިޔާރެއް ނެތް އެ ކޮއްކޮއަށް އަޅާލަންހުރި ހަމައެކަނި އާއިލީ މަދަދުގާރަކީ މި ބޭބެ އެވެ. މި ޖެހުނީ އެއްގެއެއްގައި ކޮއްކޮވެސް އަދި ބޭބެވެސް އައުޒަވާޖީ ހަޔާތެއްގެ ގޮށާއެކު ދިރި އުޅޭށެވެ.
ޝަރުޢީގޮތުން އަހުރެމެންގެ ކައިވެނި ނިމުމަކަށް ގެނައުމަށް މިއަދު އަހުރެން ކޯޓުގެ ދޮރުން ވަންނާނަމެވެ. ޖަނަވާރެއްގެ އުފެދުމާ ގުޅިގެން ނަމަވެސް އިނދެގެން މިއުޅެވުނީ އެއްބަފާ ކޮއްކޮއާކަން އެނގުނުކަން އަހުރެންނަށް މާ ރަނގަޅެވެ. އެކަމަކު މި ޚަބަރާއެކު ރުޤިއްޔާއަށް ވާނީ ކިހިނެއްބާ އެވެ؟ ނަހަމަގޮތުގައި ދަރިންހޯދާ އުކުމުގެ ޒަމާންވީ ސަގާފަތެއް އޮތް ދިވެހިރާއްޖޭގައި މިއަދު  އަހުރެންނާއި ރުޤިއްޔާފަދަ ކިތައް ދެމަފިރިން ތިބޭނެބާ އެވެ؟
މިލިޔުން ހިއްސާކުރެއްވުމަށް :

+ comments + 1 comments

December 2, 2018 at 7:21 PM

Creative and imaginary

Post a Comment

 
© 2015-2020.MuNeEz by DHURAYA