ބަނޑޭރިގަނޑު » » ފެހި ކާރު

ފެހި ކާރު

| 4/11/2025 on Friday, April 11, 2025 dhuraya.blogspot.com :ލިޔުނީ

ޢަލީ މުނީޒު (2025)

ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރުމީ އުފާވެރި ޚަބަރެކެވެ. އެއީ ކޮންމެހެން މުހިންމު ކަމެކެވެ. އެންމެ ފަރުދަކަށް ދިމާވި އެތައް ހާދިސާއެއްގެ ތެރެއިން އެންމެ ފަހުން ދިމާވި ހާދިސާއަށް ބެލިޔަސް ކަމުގެ މުހިންމުކަން ސާބިތުވެއެވެ. ހަމައެކަނި "ފެހި ކާރު"ތަކުގެ މައްސަލައަށް ބެލި ނަމަވެސް ކަމުގެ މުހިންމުކަން ބޮޑުކަން ހާމަވެއެވެ. ކިޔައިލަމާހެއްޔެވެ؟

ފާއިތުވި ރޯދަމަހެވެ. ބުރާސްފަތި ދުވަހެކެވެ. ފުރަމާލެއެވެ. ރޯދަވީއްލުމުގެ ދަޢުވަތެއް ލިބިފައިއޮތެވެ. އެންމެ ގާތް މިތުރުގެ ގެއަށެވެ. ދާންޖެހެނީ ހުޅުމާލެއަށެވެ. ދަރިން ބޭނުންވީ އަސުރުން ފޭބުމާ އެކު ހުޅުމާލެއަށް ދާށެވެ. ތަންތަން ބަލައިލާ ރޯދަކުރުކޮށްލުމަށެވެ. އެހެންވެ އެއް ބަޔަކު ބަހުގައި އަނެއް ބަޔަކު ސައިކަލުގައި ހުޅުމާލެއަށް ހިނގައްޖެއެވެ.

އެވެރިންނާ އެކު އަޅުގަނޑަކަށް ނުދެވުނެވެ. ދާދިވަރުކޮށް ކިޔަވައިދޭ ދަރިވަރެއްގެ ދިވެހި ގަޑިއެއް އޮވެގެންނެވެ. މަތީ ސާނަވީގެ އެ ދަރިވަރުގެ ގަޑި ނިމިގެން އެމް.ޓީ.ސީ.ސީއަށް ގުޅީމެވެ. އެނގުނީ އެންމެ ފަހު ބަސް އޭރު ހުޅުމާލެއަށް ދަތުރުކުރަނީކަމެވެ. ކޯދުވުމަށް ޓަކައި މެދުކަނޑައިލީކަމެވެ.

ދެން ބެލީ އެހެން މަގެއް ފެނޭތޯއެވެ. ސޯސަންމަގެވެ. އެއް އަތުން ހަނާއަޅަމުން އަނެއް އަތުން އަވަސްރައިޑަށް ފިއްތަމުން ދިޔައީމެވެ. މަގުން ފެންނަ ކާރުގެ ބޭރު ފެއްސަސް އެތެރެ ރަތެވެ. އެޕަކުން ކާރެއް އަތެއްނުޖެހުނެވެ. ފަސްގަޑި ބައިވެއްޖެއެވެ. ބައްޕައާއި ކާފައާއި ރަޙުމަތްތެރިޔާ ނައިސްގެން ހުޅުމާލޭގައި ތިބި މީހުން ގުޅައެވެ.

ސޯސަން މަގުން އުތުރަށް އަންނަ ފެހި ކާރެއް ފެނިއްޖެއެވެ. އެ ކާރު އަޅުގަނޑަށް ވުރެ ކުރިން މަޑުކުރީ ކުޑަކުދިންތަކެއް ގޮވައިގެން ކާރަކަށް އަތް ހިއްލައިގެން ހުރި ބޭކަނބަލެއްގެ ގާތަށެވެ. ދެކެވުނު ވާހަކައެއް ނޭނގެއެވެ. އެ ކުދިންކޮޅު ދޫކޮށްލައިފިއެވެ.

ފެހި ކާރު އައިސް އަޅުގަނޑާ އަރާ ހަމަކޮށްފިއެވެ. ހުޅުމާލެއަށޭ ބުނުމުން ބަހަނާއެއް ބަހެއް ބުނުމެއް ނުމެ ނެތި އަރާށޭ ބުނެފިއެވެ. އަރައިފީމެވެ. އަންހެންމީހާގެ ހާލާމެދު ހަމްދަރުދީވަމުންނެވެ. އޭރު ފަސްގަޑި ސާޅީސް ވަރު ވެދާނެއެވެ.

ބޮޑުތަކުރުފާނުމަގުން ހެންވޭރު ފެރީ ގިމަތައާ ހިސާބުން ފެހިކާރެއް ލިބޭތޯ އަތް ނަގައިގެން ތިބި އާދަމުގެ ދަރިންގެ ފުނިވަރެއް ފެނުނެވެ. ދިވެހިންނާއި ބިދޭސީންނެވެ. އަޅުގަނޑުގެ ފެހި ކާރު އެބަ މަޑުކޮށްލިއެވެ. ބިދޭސީއެއްގެ ބުޑަށެވެ. ހުޅުމާލެއަށޭ ބުނުމުން ހެވިފައި އަރާށޭ ބުނެތްޕެވެ. ފަހަތު ގޮނޑީގައި އިން އަޅުގަނޑު އަނެއް ފަރާތަށް ޖެހޭށޭ ބިދޭސީ މީހާ އެންގިއެވެ. ބޯހަރު އަޅުގަނޑު އެ މީހާއަށް ދެއްކީ ކުރީ ގޮނޑިއެވެ. ޑުރައިވަރުގެ ގާތް މީހަކަށް ގުޅެނީ ވެސް އެ ގޮނޑިތާއެވެ.

ސަލްމާނު މިސްކިތް ފަހަނަޅައިފިއެވެ. އަތްނަގާ މީހުން ފެނެއެވެ. ފެންނަ ފެނުމަށް ދިވެހިންނެވެ. ފެހި ކާރެއްވީމައި އަތް ނަގަނީތޯއްޗެކެވެ. ގޮތް ހުސްވެގެން ނަގަނީ ވެސް ތޯއްޗެކެވެ. އެކަމަކު ކާރެއް މަޑެއްނުކުރެއެވެ. މަޖީދީމަގު ފަހަނައަޅައި ގޮސްފިއެވެ. ސީނުކަރައިގެ ސަފާރާއާ ހަމަވިތަނާ ފެހި ކާރު މަޑުކޮށްލައިފިއެވެ. އަތް ނަގައިގެން ހުރި އިންޑިއާ ވައްތަރު އިންސިއެއްގެ ގާތަށެވެ.

ނަސީބު ރަނގަޅު މީހެކެވެ. ކާރުން ޖާގަ ލިބިއްޖެއެވެ. އެ މީހާއަށް ޖާގަ ލިބުނީ އަޅުގަނޑާ ޖެހިގެންނެވެ. ކަނާތްފަރާތުންނެވެ. އަޅުގަނޑު ބަހަކުން ބަހެއް ނުބުނަމެވެ. ހިތަށް އެރިއެވެ. ބަހެއް ނުލިބުނަސް މި ދަތުރުކުރެވެނީ ބަހެއްގައެވެ. ކުޑަ ބަހެއްގައެވެ. އެހެން ބުނެލަން ދެތިން ފަހަރަކު އަނގަ ހުޅުވައިލީމެވެ. ބުއްދި ބުނެދިނީ ނުބުނުމަށެވެ.

ކޯދޮންނަ ގަޑި ކުޑަތަންވަނީއެވެ. ކާރުގެ ވެރިއަކީ ޑުރައިވަރުތޯއްޗެކެވެ. ތެލުގެ ވެރިއަކަށްވާނީ ޑުރައިވަރެވެ. ކާރަށް ދައްކަންޖެހޭ ފައިސާގެ މިންވަރު ބުނުމުގެ ބާރު ވެސް އޮތީ ޑުރައިވަރަށެވެ. ޑުރައިވަރުގެ ދިގު ތުނބުޅިއެއް ހުއްޓެވެ. ލައިގެން ހުރީ ލިބާސް ޒާތުގެ ހެދުމެކެވެ. ދެރަގޮތެއްނުވާނޭ މި ވެސް ރަނގަޅަކަށް ވީ ގޮތެކޭ ފައިކޭޓަށް އެނގުންވާނޭ ހިތަށް އަރުވަމުން އިނީއެވެ. ހައްސާސްކަން ބޮޑު މި ދަނޑިވަޅުގައި އޮތް އެންމެ މޮޅު ގޮތަކީ މަޑުން އިނުމެވެ. ޑުރައިވަރާ ދެބަސްވުމުން ކާރުން ފައިބަންޖައްސާ ވާހަކައަކީ ދޭތެރެއަކުން ތިލަވާ ވާހަކައެވެ. ބާލައިފި ނަމަ އިރުއޮއްސުމުގެ ކުރިން ހުޅުމާލެއަށް ދެވުމަށް ވުރެ ގާތީ ނުދެވުމެވެ. މަގުމަތިން އެ ކަން ބުނެދެއެވެ.

ހުޅުމާލެ1ގެ ރަބަރުގަސްމަގު 6 ނަންބަރު ގޯޅިން އެމް.އައި ކޮލެޖު ކައިރިއަށް ކާރު މަޑުކޮށްލައިފިއެވެ. އެއީ އަޅުގަނޑުގެ މަންޒިލެވެ. ބޭބެ ބުނިތަނަށް އާދެވުނީއޭ ބުނެފިއެވެ. ދޭންވީ ކިހައިވަރެއްތޯ އަހައިލުމުން ބޭބެ ދޭށޭ ފަންސަޔާހި ބުނެތްޕެވެ. ބޭބެ ހިތަށް އެރިއެވެ. މި ޖެހުނީ ކޮންތާކުހެއްޔެވެ؟ ފަންސަޔާއްސަކީ އެކަނި ކުރިޔަސް ދޭންޖެހޭ އަގެވެ. ބޭބެއަތުން ފަންސަޔާހި ނަގަޏްޏާ އަނެއް ދެ ކޮއްކޮ އަތުން ކިހައިވަރެއް ނަގާނެހެއްޔެވެ؟ އެކަމަކު ބޭބެ ބަހެއް ނުބުނަމެވެ. 100 ރުފިޔާގެ ގަނޑެއް ދިއްކޮށްލުމުން ދިން ފަނަރަ ރުފިޔާ ހިފައިގެން ބޭބެ ފޭބީއެވެ. ބޭބެ ދަރިންނާއި ރަޙުމަތްތެރިޔާގެ ގާތަށެވެ.

މި ކިޔައިދެވުނީ މާލެ ސިޓީގެ ހާލަތެވެ. ދެން އެހެން ނަގަރަކަށް ދަމާހެއްޔެވެ؟ ހުކުރާއި ހޮނިހިރު ދޫކޮށްފައި މާލެއިން ފުރައިފީމެވެ. "އުތުރުގެ ހިތުގެ" ގިމަތައިން ނިކުމެ ކާރެއް ހޯދަން އަތް ހިއްލަންފެށީމެވެ. ލަހެއްނުވެ ކާރެއް މަޑުކޮށްފިއެވެ. ކާރުގެ ޑިކީ ހުޅުވުމުން ފޮށިލައިފީމެވެ. ދެން ފެނުނީ އެހެން މީހަކު ވެސް އައިސް ޑިކީއަށް އޭނާގެ ސާމާނު އަރުވަންފެށިތަނެވެ. ޑުރައިވަރުގެ ބައިވެރިވުމާ އެކުއެވެ. ސުވާލު އުފެދިފައި ހުރެގެން ކާރަށް އަރައިފީމެވެ. ފަހަތު ގޮނޑިއަށެވެ. ފަހުން އައި ދަތުރުވެރިޔާ އެރީ ކުރިޔަށެވެ. ފުރަތަމަ ހީކުރީ އެއީ ޑުރައިވަރުގެ ގޭ މީހެއްކަމަށެވެ. ކުޅުދުއްފުށީ މީހެއްކަމަށެވެ. އެ ހީވުން އިތުރަށް ޔަގީންވީ ކާރުގެ މިސްރާބު ހުރި ގޮތުންނެވެ.

މި ފަހަރު މަޑަކުން ނުހުރެވުނެވެ. ކޮންތާކަށްތޯ މި ދަނީ ސުވާލުކުރުމުން ބުނީ ދަނީ ބަނދަރަށްކަމުގައެވެ. ދާން ބޭނުމީ "ސޭފު ސުޕީޑަށޭ" ބުނުމުން ދެން އެރި މީހާ ވެސް ދަނީ ހަމަ ރަމީޒު ލޯންޗަށްކަމަށް ޑުރައިވަރު އަންގައިފިއެވެ. ދެން އިތުރު ސުވާލެއްނުކޮށް އިނީއެވެ. ގޯންޏެއްހައި ސުވާލާ އެކުއެވެ. ކާރަށް އެ އެރީ ކާކުހެއްޔެވެ؟ ނޮޅިވަރަމަކުން ނުދެކެމެވެ. އެއީ ރަށު މީހަކާ އިނދެގެން އުޅޭ "ޅިޔަންބެއެއް"ހެއްޔެވެ؟ އަޅުގަނޑަށް ވުރެ ކުރިން އަތް ހިއްލީ އެ މީހާހެއްޔެވެ؟ މި ފަހަރު ފައިސާ ނަގާނީ ކޮން އުސޫލަކުންހެއްޔެވެ؟ މި ފަދަ އެތައް ސުވާލެކެވެ.

ދަތުރަކީ ފަސްވަރަކަށް މިނެޓުގެ ކުރު ދަތުރެކެވެ. ހަރުދުވެލީގައި ގޮސް ކާރު މަޑުކޮށްފިއެވެ. ސީދާ ސޭފު ސުޕީޑު ކައިރިއަށެވެ. ފޮށި ދަބަސް ބާލައިފީމެވެ. ކުރީގައި އިން "ދަންނަ ނުދަންނަ" ރަށު މީހާ ފައިސާ ވެސް ދައްކައިފިއެވެ. ދެއްކި ވަރެއްނޭނގެއެވެ. އަޅުގަނޑުގެ ރަވައްޔާއިން އެބަހީ ގަބޫލުކުރާ އުސޫލުން އަޅުގަނޑު ދޭންވީ ކިހައިވަރެއްތޯ އަހައިލައިފީމެވެ.

ބުންޏެވެ. އޭނަ ވެސް ދިނީ ފަންސާހެވެ. ތި ކޮޅުން ވެސް ފަންސާސް ދޭށެވެ.

ހިތަށް ގުޑުން އަޔަސް އެކަން ނުދައްކަމެވެ. ހުރި ގޮތޭ މި އޮތީ ރޯދަމަހޭ ހިތަމުން ފަންސާސް ރުފިޔާ ދީފީމެވެ. އެއްޗެކޭ ނުބުނަމެވެ. ކުރުކުރު އެކަމަކު ބޮޑުބޮޑު އެއް ދަތުރުން ސައްތަ ނަގައިގެން ޑުރައިވަރު ގޮސްފިއެވެ.

ވިސްނާށެވެ. ގާތްގަނޑަކަށް 7 ކިލޯ މީޓަރުގެ ކަނޑު ދަތުރަކަށް ސޭފު ސުޕީޑުން ނަގަނީ ފަންސާހެވެ. ރިއަލް ސުޕީޑުން ވެސް ފަންސާހެވެ. ރަށުގެ އެހެން އިސްޕީޑުތަކުން ވެސް ނަގަނީ ފަންސާހެވެ. ކުޅުދުއްފުށީ ވައިގެ ބަނދަރުން އެ ރަށު އުތުރު ބަނދަރަށް ކުރި ދަތުރުގެ ދިގުމިނަކީ  804 މީޓަރެވެ. އެ ދަތުރަށް ވެސް މި ނަގަނީ ފަންސާހެވެ. ލޯންޗެކޭ އެއް އުސޫލުން މި ފަހަރު މި ނެގީ އަރާ ކޮންމެ މީހަކު އަތުންނެވެ.

ދެން އޮތީ އާންމު ބަހަނާއެވެ. ކަނޑު ކިހައި އޮމާންހެއްޔެވެ؟ މަގު ކިހައި އަޑިގުޑަންހެއްޔެވެ؟ އަވަހަށް ހަލާކުވަނީ ކާރެވެ.

މި ބަހަނާ މިހެން އޮތަސް ފަހަރަކު މީހަކު އަރުވާށެވެ. ނޫންނަމަ އަދަދު ތަން ކުޑަކޮށްލާށެވެ. ނޫންނަމަ "ޓެކްސީ ލައިން" ތައާރަފުކުރުމަށް އާންމުން ގޮވާނެއެވެ.  ހުރިހައި ނަގަރަކަށް (ސިޓީއަކަށް) ވެސް ފުޅާކުރަން ގޮވާނެއެވެ.

 

މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA