މި ލިޔުމާ އެކު
ހިއްސާކޮށްފައި އެ ވަނީ ނޮޅިވަރަމު އިސްކޯލުގައި މި ވަގުތު ހުރި އެންމެ ދުވަސްވީ
ގަހެވެ. އެ ގަސް މި ހިސާބަށް އައި ގޮތުގެ ތަފުސީލު ބޭނުންހެއްޔެވެ؟ އެހެންކަމަށް
ވާ ނަމަ ކުޑަ ހިނދުކޮޅަކަށް އަޅުގަނޑާ އެކު ކުރިޔަށް ހިންގަވާށެވެ.
މަކުތަބުއް ޞަބާޙުގެ
އިރުން މަގެއް ދޫކޮށްފައި އޮތް ބޮޑު ގޯތި ތެރޭގައި ނޮޅިވަރަމު ސުކޫލުގެ އާ
އިމާރާތް އަޅައި ވަރަށް ނުރަސްމީ ގޮތެއްގައި ކިޔަވައިދޭން ފެށީ 1989ގައެވެ. ބާ ތަނަކުން
އާ ތަނަކަށް އާދެވުމާ އެކު އިސްކޯލު ފެހިކޮށް ނަލަކުރުމުގެ މަސައްކަތް އޭރު އެންމެ
ހަރުކޮށް ތިބި ދަރިވަރުން ފެށީމެވެ. އެ ކަމުގައި އިސްވެ ނަގައިކިޔަން އުޅުނީ އަޅުގަނޑެވެ.
ގަސްއިންދައި ފެންދީ މި ކަންކަން ކުރަން އުޅެން ހަދައިގެން ބައެއް މީހުން އަޅުގަނޑަކީ
އިސްކޯލުގެ އެގުރިކަލްޗަރު މިނިސްޓަރު ކަމަށް މުޚާޠިބުކުރި ހަނދާން އެބަހުއްޓެވެ. އަދި
އެހެން މިނިސްޓަރެއް ވެސް ހުއްޓެވެ. އެއީ ފޮރިން މިނިސްޓަރެވެ. ފޮރިން މިނިސްޓަރަކީ
އަޅުގަނޑާ ދެބެންގެދެދަރި މީހެއްކަމަށްވާ ޙާމިދުބެއެވެ. ޙާމިދުބެއަށް ފޮރިންމިނިސްޓަރުކަން
ލިބެނީ އިސްކޯލަށް މާލެއިން ކުރަންޖެހޭ އެކި ކަންކަން ކޮށްދޭތީއެވެ.
މި ލަގަބު މިހެން
އޮއްވައި އެއް ރެއަކު ނިދަން އޮއްވައި ހިޔަލީގެ މަރުޙޫމު އަޙުމަދު މުޙައްމަދު (ރަންބޮޑި
އަޙުމަދު) އައިސް އެބަ އަޅުގަނޑަށް ގޮވައި ހޭލައްވައިފިއެވެ. ބުންޏެވެ. ތިމަންނާ
މި އައީ ތުރާކުނުންނެވެ. މާދެން އަނެއްކާ ވެސް އަސްރާޒުގައި މާލެދާން ފުރަންވީއެވެ.
މި ހުރީ މި ދަތުރު ތިމަންނާ ގެނައި ހަތަރު
ގަހެވެ. ގެނައީ ނާސަރީންނެވެ. މި ގަސްތައް އިންދާނެ ވަގުތެއް ނެތެވެ. މުނީޒު މި
ގަސްތައް އިސްކޯލުގައި އިންދައިދޭށެވެ. ތިމަންނާއަށް ރަނގަޅީ މިރެއިން މިރެއަށް މި
ގަސްތައް އިންދައިދިނިއްޔާއެވެ.
އަޙުމަދުބެގެ އެދުމާއި
މިޒާޖާ އެކު އަޅުގަނޑު އާބަސްބުނެ ހަތަރު ގަސް ހިފައިގެން އިސްކޯލަށް ދިޔައީމެވެ.
އެކަމަކު އަޅުގަނޑަކީ ދަރިވަރަކަށް ވެފައި މި ޒަމާނުގައި ދަރިވަރުންނަށް ދީފައި އޮންނަ
ކަހަލަ މަގާމެއް ވެސް އުފަންނުވާ އިރަކަށް ވާތީ ފުރަތަމަ ދިޔައީ އިސްކޯލާ ހަވާލުވެ
ހުންނެވި ޢަލީ ޝަމީމުގެ ހުއްދަ ހޯދާށެވެ. އެއަށްފަހު ތުރީފުލާވަރު އިދުރީސް އާދަމް
ނިދައިފައި އޮއްވައި އޭނާއަށް ގޮވީމެވެ. އަދި ހަނދާން ބަލި ނޫން ނަމަ މޫރިތިގޭ ޢަލީ ރަޝީދާއި ޓޯރެސްޓުވިލާ ޢަލީ މާހިރު
ވެސް ގެނައީމެވެ.
އޭރު ގަޑިން 10ގަޑި
ބައިވަރު ވެދާނެއެވެ. ކަރަންޓެއް ނެތެވެ. އެކަމަކު 4 ވަޅުގަނޑު ކޮނެ ގަސްތައް އިންދީމެވެ. ކަން ދިމާކުރި ގޮތުން އެ
ވަގުތު ރަށުން ބޭރު ދެ މެހުމާނަކު ވެސް ޢަލީ ޝަމީމާ އެކު އުޅުއްވިއެވެ. އެއީ މއ.
ނައިބުގޭއިރުމަތީގެ މަރުޙޫމު އަޙުމަދު ޙަލީމާއި ހ. ސާވަން މައްލާ ޅަތުއްތެވެ.
އިސްކޯލުގެ ހުޅަނގު
ދެކުނު ކަނުގައި އެ ހުރި ގަސް އިންދެވީ ޢަލީ ޝަމީމެވެ. (ހަނދާން ބަލިނޫން ނަމަ) ދަރިވަރުންގެ
ހިޔަލާ ދިމާއިން ވަންނަ ދޮރޯށީގެ ހުޅަނގުން އެ ހުރި ގަސް އިންދެވީ އަޙުމަދު ޙަލީމެވެ.
އަނެއް ދެ ގަސް އިންދީ ޓީޗަރުން ނިކުންނަ ދޮރޯށީގެ އިރުން ދެ ދޮރޯށި ދޭތެރޭގައެވެ.
މައްލާ ޅަތުއްތާއި ޢަބްދުﷲ މޫސާ (ޢަބްދޯބެ) އިންދެވި ދެ ގަސް މިހާރަކު ފެންނާކަށް
ނެތެވެ.
މި ގަހުގެ ނަމެއް އަދިއަދަށް
ވެސް ނޭނގެއެވެ. މި ގަހުގެ އޮށުން ފެޅި ގަސްގަސް ހިސާބު ގަނޑުގެ އިސްކޯލުތަކަށް
ގެންދިޔައެވެ. ނޮޅިވަރަމު އިސްކޯލުގައި ވެސް އެބަހުއްޓެވެ.
1990ގައި އިންދި ގަސް
ބަލަހައްޓައި ގަހަށް ފެންދީ ހެދި އިރު އެ ގަހުގެ ހިޔާ އެންމެ ގިނައިން ލިބޭނެ
އެކަކަކީ އަޅުގަނޑުކަމެއް ކުޑަކޮށް ވެސް ހިތަކަށް ނާރައެވެ. އެކަމަކު އެ ގަހާއި
ތަނަށް އޭރުން ސުރެ އޮތް ލޯބި ފަނޑެއްނުވެއެވެ. ހާލަތު ބަދަލުވެ އައި މާޔޫސީކަމާ
ހުރެ ވަރަށް ލޯބިވެޔޭ ވަރަށް ލޯބިވެޔޭ އަބަދު ނުކިޔެނީއެވެ. އިދިކޮޅީކީނޫނެވެ. ނޮޅިވަރަމު
އިސްކޯލަކީ ޖާނާއި މާލުން ޤުރުބާންވި އަދި މިހާރު ވެސް އެންމެ ލޯބިވާ ބިނާއެވެ.
މިއަދު މަރުޙޫމު
އަޙުމަދު މުޙައްމަދެއް ނެތެވެ. އެކަމަކު އަޙުމަދުބެ ނިސްބަތްވާ ރަށުގެ
އިސްކޯލުގައި އެތައް ސަތޭކަ ބަޔަކު ފިނިކަމާއި ހިތްގައިމުކަން އެ ހޯދަނީ އަޙުމަދުބެގެ
ހަދިޔާއަކުންނެވެ. މާތްﷲ މަރުޙޫމުގެ ފާފަފުއްސަވާށިއެވެ.
މި ކިޔައިދެވުނީ އިސްކޯލުގައި
މި ވަގުތު ހުރި އެންމެ ދުވަސްވީ ގަހުގެ ވާހަކައެވެ. އެ ގަސް ކަނޑައިނުލައި އޭގެ
ޒާތުގެ ފަނާވުމަކަށް އިންތިޒާރުކުރަމާ ހިނގާށެވެ.

Post a Comment