ބަނޑޭރިގަނޑު » » ދަބަހާއި ފޮށި

ދަބަހާއި ފޮށި

| 2/25/2023 on Saturday, February 25, 2023 dhuraya.blogspot.com :ލިޔުނީ

ދަބަހާއި ފޮށި

ޢަލީ މުނީޒު – 2023

ނޯޓު: މިއީ ލިބުނު ޚިޔާލެއްގެ ސަބަބުން ކުރި މަސައްކަތެކެވެ.

""އަދި ނުފެނޭ. ސަރ ލާންޗުގައި އިނިއްޔާ މޫނު ދައްކައިލަ ބަލަ!" ވައިބަރު އޮޅިއަށް އައި މެސެޖާއެކު އައީ އަމަށަކު ހިންޏެއްނޫނެވެ. އެއީ ބިނދިބިނދިފައި މީހުން ހެޔޭ އެ ބުނާ ފަދަ ހާލަތެކެވެ. ހުނުންގަނޑު ހަމައިންނެއްޓިގެން ގޮސް ހީސްލެވޭ ހާލަތުގެ ހިނިގަނޑެކެވެ. އެކަމަކު މި އިނީ ފަތުއަޑުކިޔައިފައި ދުއްވަމުން ދިޔަ އާރު.ޓީ.އެލް ލާންޗެއްގައެވެ. ކަޅުއޮށްފުންމިއަށް ކާފަރުން އަރާހެން މީހުން އަރާ ފުރި ބާރުވެފައި ނެތް ނަމަވެސް މީހުން އެބަތިއްބެވެ. އެހެންވެ ހުނުންގަނޑު ޖެހުނީ ބަނޑަށް ހިންދައިލާށެވެ. ފާޚާނާއެއް ހުއްޓަސް އެއީ ނުވަދެވިގެން އުޅޭ ފާޑުގެ ތަނެއް ނޫނެވެ. ވަނީ އެންމެ ފަހަރަކުއެވެ. އެ ފަހަރު އުޅެންޖެހުނީ ފުލޭޝްކުރާނެ ގޮތެއް ނޭނގިގެން އެ ހާސްކަމުގައެވެ. ކޮންމެއަކަސް ވަގުތުން ވައިބަރު އޮޅިއަށް އިސްޓިކާއެއް ފޮނުވައިލުމަށްފަހު "މިއީ ދަބަސް އުފުއްލައިދިން މީހާ"އޭ ބުނެފީމެވެ. އެ ހިސާބުން އޮޅި ހީވީ ކެކިގަތްހެންނެވެ.

ވެގެން މި އުޅޭ ގޮތަކީހެއްޔެވެ؟ ކުރިއަށް ދަމާހެއްޔެވެ؟ ރިވިއު ދަތުރުތަކޭ ކިޔާތީ އަޑުއަހަމެވެ. ދާއިރާގެ ދަންނަ އެހެން މީހުން ވެސް އެހެން ކިޔައިފައިހުއްޓައި ފެނެއެވެ. ދަތުރުގެ މަންޒަރުތަކާއި ހަނދާނީލިޔުންތައް މީސްމީޑިއާގައި ހިއްސާކޮށްފައި ހުއްޓައިފެނެއެވެ. އެކަމަކު އެއީ ކިހިނެއްވާ ކަމެއްކަން އޮތީ ތަޖުރިބާނުކުރެވިއެވެ. ބޮޑުމަންޒަރު އޮތީ ނުފެނިއެވެ. މި ހާލަތު މިހެން އޮއްވައި އެއްކަލަ ރިވިއުދަތުރުގައި ދާން ފުރުޞަތެއް ލިބިއްޖެއެވެ. ނޫނު އަތޮޅުގެ ކޮންމެވެސް ދެ ރަށަކަށެވެ. ކޮން ދެ ރަށެއްކަމެއް ވެސް ނުމެއެނގެއެވެ. ދާން ފޫގަޅައިލައި ދަތުރުގެ ތާރީޚު އޮޅުން ފިލި އިރު ކަރުއެލޭގޮތް ވެއްޖެއެވެ. ދިހައެއްގެ ދަރިވަރުންގެ ފުރަތަމަ ޓާމުގެ ރިވިޝަން ހަފުތާއާ ފައްތަރުވަނީއެވެ. މި ސަބަބާހުރެ އެހެން ފުރުޞަތެއްގައި ދެން އަދި އެއަށް ވުރެ ވެސް މާދުރަށް ދާނީއޭ ހިތައި އެ ކަމުން ބަރިއްޔަވެގެންފީމެވެ.

އަނެއްކައި ވެސް މިއޮއް ދަތުރެއް ލިބުނީއެވެ. އެކަމަކު ސަހަރޯއެވެ. މިފަހަރު މިވީ އަދި މާދެރަ ގޮތެކެވެ. ދާންޖެހެނީ ހަނިމާދުއާއި މަކުނުދުއަށެވެ. އަމިއްލަ އަތޮޅެވެ. މަކުނުދުއަށް ނުދެވޭތާ ލައްކަ ޒަމާންވީ ނަމަވެސް ހަނިމާދުއަކީ އަބަދު ދެވޭ ރަށެކެވެ. އެ ރަށު އިސްކޯލަށް ވެސް ދެވިއްޖެއެވެ. ދެ ފަހަރެއްގެ މަތިންނެވެ. އެއް ފަހަރު ހަފުތާއަކަށް ވުރެ ގިނަ ދުވަހު ކިޔަވައިދެން ވެސް އުޅެފީމެވެ. ރަހުމަތްތެރި އަކު ނުކެރިއިން ދުވަސްވަރަކާ ދިމާވެ ގަޑިތައް ގެއްލި ކަރުތާފެނަށް އަރައިގެން ރަސްމީ ހައިސިއްޔަތުގެ ތެރެއިންނެވެ. ކުރީ ދަތުރު މިއޮތީ ބަހަނާއެއް ދައްކައި ބޯދަމައިގަނެވިފައެވެ. އެހެންވެ އިތުރު ބަހަނާއެއް ދައްކާކަށްނުކެރުނެވެ. ދަނީ ރިވިއުކުރަންވިއްޔާއެވެ. ނުދާ ރަށްރަށް ބަލައިގެން ކުރާ ދަތުރެއްނޫންވިއްޔާއެވެ.

ފުރަތަމަ މަންޒިލަކީ ހަނިމާދޫ އިސްކޫލެވެ. ދާންޖެހެނީ އާރު.ޓީ.އެލުންނެވެ. ދެވެން އޮތީ ކުޅުދުއްފުށްޓަށް ގޮސްގެންނެވެ. އެ ރަށުގައި ގަޑިއެއްހައި އިރު މަޑުކޮށްގެންނެވެ. ފުރަންވެގެން ޓާމިނަލުގައި އިނީމެވެ. ކުޅުދުއްފުށީ ބޭކަނބަލަކު ވެސް ރިވިއުގައި ދާގޮތަށް އޮތީ ހަމަޖެހިފައެވެ. އެހެންވެ މި ބޭކަނބަލަކު ކޮބައިބާވައޭ ހިތައި އިންދައި ކުރިމަތިން ހުރި ގޮނޑީގައި އެ ފަދަ ބޭކަނބަލަކަށް ބުރައަކަށްވާވަރުގެ ބަރު ދަބަހެއް ހިފައިގެން އައިސް އެ ޓީޗަރު އިށީނދެއްޖެއެވެ. އެއީ ކުރިން ދަންނަ ޓީޗަރެއްނޫނެވެ. ވައިބަރުގެ ފުރަމަލައިގައި ބޭނުންކޮށްފައިވާ ތަސްވީރު ވައިބަރު އޮޅީގައި ދައްކާ ވާހަކަތަކުން ގިނައިން އޮތީ ފެނިފައެވެ. ތައްޔާރުވެފައިވާ ގޮތުން އެ ވަގުތު ތިބި އެހެން ފަސިންޖަރުންނާ ތަފާތުކަމުން އެއީ ކާކުކަން ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ.

ހަމަ އިށީނުމާއެކު ހެން ލާންޗަށް އަރަން ގޮވައިފިއެވެ. އަޅުގަނޑު ގޮސް އެއްކަލަ ބައިވެރިޔާގެ ބަރު ދަބަސް ގެންދަނީއޭ ބުނެފީމެވެ. ބުނުމާއެކު ދީފިމެވެ. ކަލާސީނުންނަށް ދަބަސް ހަވާލުކޮށްލައިފައި މި ބޭކަނބަލަކުގެ އިންތިޒާރުގައި ހިނދުކޮޅަކު މަޑުކޮށްލީމެވެ. އެކަމަކު މި ބޭކަނބަލަކުގެ ސަމާލުކަމެއް ނުލިބުމުން އަޅުގަނޑުގޮސް ލާންޗަށް އަރައިފީމެވެ. ވަކި ހިސާބަކަށް ދިޔަފަހުން އަޅުގަނޑު ނޭނގިގެން މޫނުދައްކައިލުމަށް މެސެޖެއްކޮށްލީއެވެ. މެންބަރުންގެ ވައިބަރު އޮޅީގައެވެ. އެ ބޭކަނބަލަކަށް އަޅުގަނޑު މި ނޭނގުނީ ވައިބަރުގެ ފުރަމަލައިގެ ތަސްވީރު ޒުވާންކަމުންނޯލައެވެ. އެއީ މީގެ ހަތާވީސް އަހަރު ކުރީގެ ތަސްވީރެކެވެ. އަޅުގަނޑު ހިތުން މިހާރު ވެސް މި ހުރީ ހަމަ އެ ޒުވާންކަމުގައެވެ. ހިތެއް މުސްކުޅިއެއްނުވޭވިއްޔާއެވެ.

ދިގުވެއްޖެމެއެވެ. އެކަމަކު ފަހުތަޅައިލުންގަނޑު ނުބަލައިފިނަމަ ފިލްމެއްގެ އެންމެ މުހިންމު ބައި ދިޔައީތާއެވެ. ކުޑަ ސަބުރުވެރިކަމެއްގައި ކުޑަ ހިނދުކޮޅަކަށް ހިންގަވާށެވެ. ދަތުރުގެ ނިންމުން އޮތީ ހަމަ ހަނިމާދޫންނެވެ. މަކުނުދޫގެ މަސައްކަތުން އަވަދިވެގެން ހަނިމާދުއަށް އައިސްފީމެވެ. ދެ ގަޑިއެއްހައި އިރު މަޑުކޮށްލަންޖެހެއެވެ. އަޅުގަނޑުމެން އެންމެން ތިބީ ޓީމުގެ އިސްވެރިޔާގެ ރަހުމަތްތެރިއެއްގެ ހިޔާވަހިކަމުގައެވެ. ވަރަށް ހިތްހެޔޮ ދެމަފިރިންނެވެ. ދައްކައިކޮޅުން ނުލާހައި ދިގެވެ. ކުރުކޮށްލީއެވެ. އަގު ވަޒަންކުރާނެ ގަލަމެއް ދުލެއްނެތެވެ.

އެ ގެއަށް ގޮސް އާރު.ޓީ.އެލް ދެ މީހުންގެ ފޮށި ރަށުޕިކަޕުން ބާލައިފީމެވެ. މާލެކޮޅުން އައި ބައިވެރިންގެ ފުރުން އޮތީ 2 ޖަހާއިރުއެވެ. ކާންޖެހެއެވެ. ޗެކިންކުރަންޖެހެއެވެ. ހުކުރަށް ދާންޖެހެއެވެ. ތިން ކަންތައް ވެސް އަޅުގަނޑުމެން ކުރީމެވެ. މާލޭ ބައިވެރިން ވިސްނީ އިރުކޮޅަކުން އެއާޕޯޓަށްދާށެވެ. އެއްދޮނުގައި ދެބުޅި ޖަހާށެވެ. ހުކުރުކޮށް ޗެކިންކުރާށެވެ. އަޅުގަނޑު ދިޔައީ އެ ގެއާ ދުރުނޫން މަސްޖިދު މުޙައްމަދު މޫސާއަށެވެ.

ހުކުރުކޮށް ނިމިގެން މިސްކިތުގައި އިންދައި ޝާހިދު ކޮށްޓައިލައިފިއެވެ. ދުވަސްވީ ރަހުމަތްތެރިއެކެވެ. އެ ގެއަށް ކާންދާންޖެހިއްޖެއެވެ. އެކަމަކު އެކަންކުރެވޭނީ މާލޭ ބައިވެރިންގެ މޫނު ދެކިލައިފައޭ ބުނެފީމެވެ. އެ ހިސާބުން ސައިކަލުގައި ޝާހިދު އަޅުގަނޑު ގެނެސް ފޮށި ބެހެއްޓި ގެއަށް ލައިދީފިއެވެ.

އަޅުގަނޑު ދިޔައީ ހުއްޓުން އަރައިގެންނެވެ. ބެހެއްޓި ފޮށްޓެއްނެތެވެ. ފުރަން ކައިރިވެފައި އޮއްވައި އެ ވަރަކުން އެ ފޮށި އެތެރެއަށް ވައްދަންވީ ކީއްކުރަންހެއްޔެވެ؟ އަވަސްއަވަހަށް ދޮރުގައި ހިފައިލައިފީމެވެ. ކަން ހިނގައިފައި އޮތީ ހީކުރި ގޮތަކަށް ނޫނެވެ. މާލޭ ބައިވެރިން ދިޔައީ އާރު.ޓީ.،އެލް ދެ މީހުންގެ ފޮށި ވެސް ހިފައިގެންނެވެ. އެހެންވެ މޫނު ދައްކަންޖެހުނު ބައިވެރިޔާ ދިޔައީ ފޮށި ބަލައި ވައިގެބަނދަރަށެވެ.

ފޮށިބަލައި ދިއުމަށް ދަތުރުފަށައިފީމެވެ. އެކަމަކު އަޅުގަނޑަށް އިހުސާސްވީ އެ ސައިކަލާއި އެ މަގަށް އެ ޝާހިދު އެ ވަގުތަށް ވަރަށް ނުފަރިތަކަމަށެވެ. ގިނަ އިރު ތަކެއްނުވެ ޙަމީދު ސަރ އަޅުގަނޑަށް ގުޅުއްވައިފިއެވެ. ވީ އެންމެ ހަލުވިކޮށް ވައިގެ ބަނދަރަށް އައުމަށް އެދިވަޑައިގެންފިއެވެ ޙަމީދު ސަރ ގުޅުއްވާނެތާއެވެ. ދެ ބަހުގެ ދެ މީހުންނަކީ އަޅުގަނޑުމެންނެވެ. އެއީ ބިދޭސީއެވެ. މިއީ ދޭސީއެވެ. ފިރިހެން ބައިވެރިންގެ ތެރެއިން އެންމެ ދުވަސްވީ ދެ މީހުންނެވެ. މުރަނގަފަތަށް މޮޔަވުމާއި ހަކުރަށް ރުޅިވުމާއި އެކުގައި ފިހާރައަށް ދިއުމާއި ބައެއް މަސައްކަތް އެކުގައި ކުރުމުގެ ތެރެއިން އެހެން ބައިވެރިންނަށް ވުރެ ތަންކޮޅެއް ގާތްވީއެވެ. ޔޯގަޓުތަށްޓެއް ވެސް ކުރީރޭ ދެއްވިއެވެ. ވަރަށް ހެޔޮ ބޭފުޅެކެވެ.

ވައިގެ ބަނދަރު ސަރަހައްދަށް ދެވުމާއެކު ސައިކަލުން ފައިބައިގެން ހަރުކޮށް ދުވެފައި ގިމަތަ ސަރަހައްދަށް ވަދެއްޖައީމެވެ. ބައިވެރިން ތިއްބެވެ. ހަމަޖެހިލައިފައި ފޮށިކޮބައިތޯ އަހައިފީމެވެ. އެވެރިންގެ މޫނުމަތިން ފެނުނީ ހާސްކަމެވެ. އެ ތާކު ފޮށްޓެއްނެތެވެ. މާލޭ ބައިވެރިންގެ ފޮށިތަކާއެކު އަޅުގަނޑުމެންގެ ފޮށްޓާއި ދަބަސް ވެސް އޮބާލީއެވެ. ޗެކިން ފިޔަވަހިތައް ނިންމައި ގިމަތައިން ބޭރުކޮށް ފޮށިއުފުލަން ގެންގުޅޭ ޒާތެއްގެ ގާޑިއާގަނޑަށް ވެސް އެ އަރުވައިފިއެވެ. ބޯޓު ނާންނާތީ ބޯޓަށް ނޭރުވެނީއެވެ. ފޮށި އެ ދަނީ މާލެއަށެވެ. މީހާ ދާން ޖެހެނީ ނޮޅިވަރަމާއި ކުޅުދުއްފުށްޓަށެވެ. ބައިވެރިންގެ އެކުވެރިކަން ބަދަހިވެފައިވާ މިންވަރުގެ ކުޑަތޯއެވެ؟ ދަތުރު ފެށީ ދަބަސް އަރުވައިދިނުމަކުންނެވެ. ނިމުން މި އައީ ދަބަހާއި ނުވިތާކަށް ފޮށި ވެސް އަރުވައިދިނުމަކުންނެވެ.

މޫނު ދައްކަންޖެހުނު ބައިވެރިޔާ އަވަހަށް އައިކަން ނަސީބެވެ. ނޫންނަމަ މިހައި ހިސާބަށް ވެސް އެ ކަން އެހެން ބައިވެރިންނަށް ރޭކާނުލީހެވެ. ޗެކިން ކުރަން ވަނީ އެންމެ ބައިވެރިއެކެވެ. ހުރިހައި ފޮށިތަކާއެކުއެވެ. އެހެންވެ ފޮށިތަކުގެ އަދަދުންނާއި އުފުލާ މީހުންގެ އަދަދުން އެ ކަން ރާޑަރަށް ނާރައި އޮތީއެވެ. ކޮންމެއަކަސް ގިނަ މަޝްވަރާތަކަކަށް ފަހު އަޅުގަނޑުމެން ދެ މީހުން އެތެރެއަށް ވައްދައި ކާޑުގަނޑު ދައްކައި ގާޑިއާގަނޑު ދައްކައި ފޮށި ފާހަގަކުރުވައިފައި ނެރެފިއެވެ. ލަސްތަކެއްނުވެ ފޮށި ލިބުނުމެއެވެ. ލަސްވިނަމަ ދުވަހަކު ކޮޅުން ވެސް ނުމެ ލިބުމަކީ ވެސް އޮތް ފުރުޞަތެކެވެ.


މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA