ބަނޑޭރިގަނޑު » » އަނދަމުންދާ އިސްލާމީ ދުނިޔެ

އަނދަމުންދާ އިސްލާމީ ދުނިޔެ

| 1/07/2020 on Tuesday, January 7, 2020 dhuraya.blogspot.com :ލިޔުނީ


ޢަލީ މުނީޒު (2020)
1.                 އިސްލާމްދީނަކީ އެންމެހައި އިންސާނުން އެ ދީނަކަށް ތަބާވުމަށް މާތް ދޭވަތާއިންގެ ގަދަ އަމުރު އައިސްފައިވާ، އަދި އެ ދީނުގެ ހިދާޔަތާއި މޫރިތިކަމުން ދެ ދުނިޔޭގެ ރާސްތާއަށް ވެސް އިންސާނުންނަށް މަގުދައްކާ މަންސޫޚުވުމެއްނެތް ތާއަބަދުގެ ދީނެވެ. އެކަމަކު މި ދެންނެވި މާތް ދީނުގެ އަހުލުވެރިންގެ ސިޔާސީ އަދި އިޖުތިމާޢީ ހާލަތާމެދު ވިސްނުންހިންގައިލުމުން ހިތްފަޅައިގެންގޮސް ލަގޮނޑި ނިކުންނަހައިވެއެވެ. ސުވާލަކީ އެންމެ މާތްދީނުގެ އަހުލުވެރިންނަށް މިހާލު ޖެހުނީ ކީއްވެގެންހެއްޔެވެ؟ ސިޔާސީ، އިޤުތިޞާދީ އަދި އިޖުތިމާޢީ އަދާލަތު އެހެން ދީންތަކުގައި ނުވާ މިންވަރަށް އިސްލާމްދީނުގައި ވާއިރު މިއިން އެއްވެސް މައިދާނަކުން މުސްލިމުންނަށް މިއަދު ޖާގަ ނުލިބެނީ ކީއްވެގެންހެއްޔެވެ؟ ބާތިލު އައިސް ޙައްޤުގެ މައްޗަށް ގަދަވެގަތީ ކޮން ސަބަބުތަކެއް މެދުވެރިވެގެން ހެއްޔެވެ؟ އަނދަމުންދާ އަލިފާންގަނޑެއްގެ މިސާލުން މުސްލިމު ލޮބުވެތި އުންމަތް އަނދައި އަޅިއަށްވަމުން ދަނީ ފަހެ ކޮންފަދަ ހަނަފަސްކަމަކާއި ހިކިކަމެއް ކުރިމަތިވެގެން ހެއްޔެވެ؟ އަޅުގަނޑު ހިތުން މިއީ މުސްލިމެއްގެ ހައިސިއްޔަތުން ހަމަ ކޮންމެ މުސްލިމަކު ވެސް އެނގެން ބޭނުވާނެ ސުވާލުތަކެކެވެ. ވުމާއެކު މި މަޒުމޫނުގައި ބަލައިލާނީ އަނގުރު އަލިފާންގަނޑެއްހެން އިސްލާމީ ދުނިޔެ އަދަންޖެހުނު ސަބަބުތަކަށެވެ.
2.                  އިސްލާމީ ތާރީޚުން ފެންނާނެ އެއް މަންޒަރަކީ  ރުއްސުންލެއްވި ހަތަރު ޚަލީފާއިންގެ ދައުރު ނުނިމެނީސް ބައިބައިވުމަށް މަގުފަހިކޮށްދޭ ބާޠިލު ސިޔާސީ ފިކުރުގެ އަލިފާންގަނޑުގެ ހޫނުން އިސްލާމީ ކިއްލާގައި ރެނދުއަޅަންފެށި މަންޒަރެވެ. އެކަމުގެ އެއް ހެތްކަކީ ކައު ސާހިބާގެ އިރުޝާދާ އެއްގޮތަށް އެ ކަލޭގެފާނަށް ފަހު މުސްލިމުންގެ ވެރިކަމާ ހަވާލުވެވަޑައިގަތް ހަތަރު ޚަލީފާއިންގެ ތެރެއިން ފަހު ތިން ޚަލީފާއިންނަށް މި ފަނާވެދަނިވި ދުނިޔެ ދޫކުރައްވަން ޖެހިވަޑައިގަތީ ޝަހީދުންގެ ގޮތުގައިކަމަށްވުމެވެ. ވެރިންނަށް ކިޔަމަންނުވުމާއި ވެރިކަމާހެދި އުޅެގަތުމާއި މަޒުހަބީ ތަފާތުތައް ބޮޑުވެގެންނެވެ. ހަތަރުވަނަ ޚަލީފާ ޢަލީގެފާނު ޝަހީދުކުޅައުމަށްފަހު އަމީރު މުޢާވިޔަތުގެ ވެރިކަން ފެށުމާއެކުހެން ޝީޢީންނާއި ސުންނީންގެ މަޒުހަބީ ހުޅުގަނޑުން އިސްލާމްދީނަށް ލިބެމުންދިޔަ ވޭނާއި ކެކުޅުން ބޮޑުވެގެންދިޔައެވެ. (ރިޗަޑް ކެވެންޑިޝް ، 2006)
3.                  މިއަދު އިސްލާމީ ދުނިޔެ ބައިބައިވެ އެއްބަޔަކު އަނެއްބަޔަކާމެދު ނަފުރަތު އުފެދިގެން މި އުޅޭ ސަބަބުތައް ގޮސް ހުއްޓޭ އިސް ނާރެހަކީ އިސްލާމްދީނުގައިވާ މަޒުހަބީ ތަފާތުތަކެވެ. ޕިއުރިސާޗު ސެންޓަރުގެ ދިރާސާއަކާ ހަވާލާދެއްވައި ހުދާ (2017) ހާމަކުރައްވާގޮތުން ދުނިޔޭގެ މުސްލިމުންގެ އާބާދީގައި 1.8 ބިލިއަން މީހުން އުޅެއެވެ. އަދި ޕިއުރިސާޗު ސެންޓަރު (2010) ހާމަކުރައްވާގޮތުން ޝީޢީންގެ އާބާދީ އެންމެ ބޮޑު ޤައުމުތަކުގައި 96 މިލިއަން އުޅޭއިރު ސުންނީންގެ އެ އާބާދީ އުޅެނީ 587 މިލިއަނުގައެވެ. ޝީޢީންގެ ޢަޤީދާއާއި ސަޤާފަތް ބައި ގިނަ ސުންނީން ބާޠިލުކުރެއެވެ. ހަމަ އެ ބީދައިން ޝީއިން ވެސް މަސައްކަތްކުރެއެވެ. ނަތީޖާއެއްގެ ގޮތުން ރެނދުލަނީ އިސްލާމީ އުޚުވަތްތެރިކަމުގައެވެ. ހަނާވަމުންދަނީ އިސްލާމީ ޤައުމުތަކެވެ.
4.                  އަޅުގަނޑަކީ ދީނީ ޢިލްމުވެރިއެއްކަމަށް ނުވުމާއެކު ޝީޢީންނާއި ސުންނީންގެ ތެރެއިން ޢަޤީދާގެ ގޮތުން ފާސިދީ ކޮންބަޔަކުކަން ކަނޑައެޅުމަކީ އަޅުގަނޑުގެ މައުޟޫޢެއް ނޫނެވެ. އެކަމަކު ފާހަގަކުރަންޖެހޭ ތަންކޮޅަކީ ޢަޤީދާގެ ޚިޔާލުތަފާތުވުންތަކާ ހެދި އިސްލާމީ ދުނިޔޭގެ އެންމެ މުހިންމު ދެ ޤައުމުގެ މެދުގައި އޮތީ ހަނގުރާމައިގެ ހާލަތުކަމެވެ. ސުންނީންގެ އެންމެ ނުފޫޒުގަދަ ޤައުމަކީ ތެލުގެ އެންމެ ބޮޑު ޚަޒާނާއެއް އޮތް ސައުދީ އަރަބިއްޔާއެވެ. ޝީޢީންގެ މައި ޤައުމަކީ އީރާނެވެ. އެއީ އަމިއްލަ އަސްކަރީ ޓެކްނޮލޮޖީއެއް އޮތް "ވައެއްލައްވައިލައިގެން" ވެސް ނިއުކުލިއަރ ބާރަކަށް ވެވޭވަރަށް ޓެކްނޮލޮޖީ ކުރިއަރުވައިފައިވާ ޤައުމެކެވެ. އެކަމަކު ކޮންމެ ބަޔަކު ވެސް ދަނީ އަނެއްބައެއްގެ ޢަޤީދާއަށް ފާޑުކިޔައި ފުރައްސާރަކުރަމުންނެވެ. އެ ކަމުގެ ތެރެއިން ސިޔާސީ ގޮތުން ވެސް ޚިޔާލު ތަފާތުވުން އުފެދި ބަހުގެ ހަނގުރާމައެއްގައި ދެ ޤައުމު ދަނީ ހަފުސްވަމުންނެވެ.
5.                  ސައުދީއާއި އީރާނުގެ މެދުގައިވާ ހުޅުގަނޑުގެ ދިލަ އިސްލާމީ ކޮންމެ ޤައުމަކަށް ކުރެއެވެ. އިސްލާމީ ދުނިޔޭގެ ހިތް އަދި އެންމެ ގިނަ އިސްލާމީ ޤައުމުތައް އެއްތަނެއްގައި އޮތް ތެލުގެ މުއްސަނދިކަން ލިބިފައިވާ މެދުއިރުމަތީގެ ހަމަ ކޮންމެ ޤައުމެއްގައިހެން އޮތީ ހަމަނުޖެހުމާއި ހަނގުރާމައާއި ސިޔާސީ ނުތަނަވަސްކަމެވެ. ސީރިޔާ އޮތީ ފަހުގެ ތާރީޚުގައި ދުނިޔެ ނުދެކޭފަދަ ފަނާކުރަނިވި ދާޚިލީ ހަނގުރާމައެއްގައެވެ. ޔަމަނު އޮތީ އިންސާނީ ކާރިސާއެއްގައެވެ. ބަހުރައިނަށް ނޭވާލެވެނީ ގަދަބާރުން ރައްޔިތުން ހަންމަތަކޮށްގެންނެވެ. މި އިން ކޮންމެ ޤައުމެއް އެ ހާލަތަށް ދިއުމުގައި ސައުދީ ނުވަތަ އީރާނުގެ ފާޅުކަން ބޮޑު ދައުރެއް އެބައޮތެވެ. އެކަމަކު ދެ ޤައުމުން ވަކާލާތުކުރަނީ އަދާކުރަމުންދަނީ ޒިންމާކަމުގައެވެ.
6.                  ހުޅަނގުގެ ކެހިވެރި އެހެނަސް ހެޔޮ އެދުންތަކުގެ ނިވަލުގައި އެވެރިން ފަތުރާ ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކުގެ އެސިޑު ވާރޭގެ ވިލާގަނޑެއްފަދަ ހަރަކާތްތަކަކީ ވެސް އިސްލާމީ ދުނިޔެ މި ހާލަތަށް ދާންޖެހުނު އަނެއް ސަބަބެވެ. މެދުއިރުމަތީގެ ގިނަ ޤައުމުތަކުގައި އޮންނަ ވިރާސީ ރަސްކަމުގައި ހުޅަނގުން ބޭނުންވާ  ޑިމޮކްރަސީން ޖަރީކުރި ޒަމާނީ ފޭރާމެއް އެޅުވުމަށްޓަކައި ހުޅަނގު އޮތީ ކަމަރުބަނދެގެންނެވެ. ފުރަތަމަ ފިޔަވަހީގައި އެ މީހުން މަސައްކަތްތައް ކުރަނީ އެ ކުރަނީ ކީއްކަން އާންމު ސިކުނޑިތަކަށް ރޭކާނުލާފަދަ ރޭވުންތެރިކަމާއި ހީލަތްތެރިކަމުގެ ބިންގަރާހެއްގައި ތިބެގެންނެވެ. ވުމާއެކު އެވެރިންގެ ދަންތުރައިގައި އިސާހިތަކު ޖެހި ފިތުނައިގެ އަލިފާންގަނޑެއްގެ ކާނާކަމުގައި އަޅުގަނޑުމެން މުސްލިމުންވަނީ ވެފައެވެ.
7.                  މުސްލިމުންގެ މިއަދުގެ ހާލަތަކީ ދެރަވަރުގެ ހާލަތަކެވެ. މި ހާލަތުން އަރައިގަންނަންޖެހެއެވެ. އެ ކަންކުރެވޭނީ އަޅުގަނޑުމެންގެ މުސްލިމުން އެކަތަ ގަނޑެއް ފަދައިން އެކުވެ އެކުވެރިވެގެންނެވެ. އެންމެހައި ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް އަޚުވަންތަކަން ގާއިމުކޮށްގެންނެވެ. ޣައިރުމުސްލިމުންގެ ނުލަފާ ދަންތުރަތަކާ މެދު ހޭލުންތެރިވެ ތިބެގެންނެވެ. މި ދެންނެވި ފަދައިން ޢަމަލުކޮށްފިނަމަ އިސްލާމީ ދުނިޔެއަށް ބާރާއި ނުފޫޒު ލިބޭފަދަ ސިފަތަކެއް މުސްލިމުންގެ ކިބައިގައިވާކަން އިސްވެ ބަޔާން ކުރެވިއްޖެއެވެ.

މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA