2015 ވަނަ އަހަރުގެ
ޖުލައިމަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސެން ދަނީއެވެ. އެތައް ބައިވަރު ދީނީ އިޢުތިޤާދާއި
ނަސްލުތަކާއި ބަހާއި ބަހުރުވަތަކުގެވެރި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު
އާބާދީއަށް ނިސްބަތްވާ 1.2 ބިލިއަނަށްވުރެ ގިނަ މީހުން ދުވަސް ނިންމައިލުމަށް
ހޭބޯނާރައި ހެލިފެލިވަމުންދެއެވެ. އާންމު އާދަކާދައާއި ސަޤާފަތާއި ކާރޫބާރޫގެ
ތެރެއިންނެވެ. އެހެނަސް ހުރިހައި ގޮތަކުން ތަފާތުކަން ބޮޑު މި އާބާދީ ހިނދުކޮޅެއްގެ
ތެރޭގައި ހުއްޓުންއެރިއެވެ. އެންމެންގެ
ލޯތައް ކަރުނުން ފުރާލިއެވެ. ކީއްވެގެންތޯއެވެ؟ ފަގީރު ހާލުގައި ބޮޑުފުޅުވެ
އާދައިގެ ދިރިއުޅުމެއްގެ ތެރެއިން ހައިބަބޮޑު މަޤާމަކަށް ވާސިލުވެ އެވެރިންގެ
ހިތްތައް މިލްކުރެއްވި ހިތްތިރި މުސްލިމެއްގެ ޚިދުމަތުން އެވެރިން ބީވެއްޖެ ކަމުގެ
އަޑާއެކުގައެވެ. މިނިވަން އިންޑިޔާގެ އެގާރަވަނަ ރައީސް އުމުރުފުޅުން ތެޔާހި
އަހަރުފުޅުގައި ކުއްލި ގޮތަކަށް ނިޔާވިކަމުގެ ހިތްދަތި ޚަބަރުގެ ސަބަބުންނެވެ.
އަވުލްޕަކިރު ޖައިނުލް އަބިދީން ޢަބްދުލް ކަލާމް، އާންމު ނަމުންނަމަ އޭޕީޖޭ ޢަބްދުލްކަލާމުގެ މަރާއެކު މުޅި
އިންޑިއާ ގަނޑުކޮށްލިއެވެ. ގަބުކޮށްލިއެވެ. ހުއްޓުންއެރިއެވެ. ހަތްދުވަހުގެ ރަސްމީ
ހިތާމަފާޅުކުރުމެއް ކުރިޔަށްގެންދިޔައެވެ. ކަލާމަށް ހެޔޮ އެދުމުގެ ބަސްތަކުން ސޯޝަލް
މީޑިއާ ބަންޑުންކޮށްލިއެވެ. ރިހުމާއި އުދާސްތަކާއި ތަޢުރީފުގެ ބަސްތަކުންނެވެ.
ބިޔަ އިންޑިޔާގެ ބިންގަނޑުން ބޭރުވެ ދުނިޔޭގެ ބިތްތަކަށްވެސް އެ ޚަބަރު ފޯރިއެވެ.
ރިހުމާއި ކެކުޅުމާއެކުގައެވެ. އެކަމަކު މީސްތަކުންގެ ހިތްތައް ފަތަޙަކުރުމުގައި
ކަލާމު މިހައި ބޮޑު ކާމިޔާބެއް ހޯއްދެވީ އެމަނިކުފާނުގެ ކިބައިގައިވި ކޮންފަދަ
ކުޅަދާނަކަމެއްގެ ސަބަބުންހެއްޔެވެ؟
އަވަހާރަވެވަޑައިގަތުމާއެކު އެމަނިކުފާނާބެހޭގޮތުން އާންމުން އެންމެން
ގިނައިން ފާޅުކުރި އެއް ޚިޔާލަކީ ކަލާމަކީ ޢިލްމަށް ލޯބިކުރެއްވި
ޢިލްމުވެރިއެއްކަމެވެ. ތެދެކެވެ. ތުއްޕުޅުއިރުއްސުރެވެސް ކަލާމަކީ އުނގެނުމަށާއި
ހޯދައިބެލުމަށް ލޯބިކުރެއްވި ބޭފުޅެކެވެ. މަދަރާސީގެ އިންސްޓިޓިއުޓް އޮފް
ޓެކްނޮލޮޖީގައި ކިޔަވާވިދާޅުވިއިރުވެސް ކަލާމު ފާހަގަކުރެވިފައިވަނީ އާދަޔާ
ޚިލާފަށް ތޫނުފިލި ދަރިވަރެއްގެ ގޮތުގައެވެ. އެހެނަސް ތޫނުފިލި ކަލާމެއް
އުޅޭކަމެއް އެދުވަސްވަރު ހަމައެކަނި އެނގެނީ ޓެމިލްނާޑޫ ސްޓޭޓްގެ މައި ބިންގަނޑާ
ވަކިން އޮންނަ މަސްވެރި ރަށެއްކަމަށްވާ ރަމޭޝްވަރަމްގެ ރައްޔިތުންނަށް އެކަންޏެވެ.
ކަލާމު ކަލާމަކަށްވުމުގެ ދޮރޯށި ހުޅުވުނީ 1998 ވަނަ އަހަރެވެ. އެއަހަރުގެ
މެއި މަހުގެ 11 އަދި 13 ވަނަ ދުވަހު ކާމިޔާބުކަމާއެކު ނިއުކުލިއަރ ތަޖުރިބާތަކެއް
ކޮށް ދުނިޔޭގެ ނިއުކުލިއަރ ކުލަބަށް އެމަނިކުފާނު އިސްވެހުންނަވައި އިންޑިޔާ
ވެއްދުމުންނެވެ. އޭގެފަހުން އެންމެން ދަންނަ އަދި އިޙުތިރާމް ލިބިގެންވާ
"މިސައިލްމޭން" އަކަށްވިއެވެ. އަދި ފަހުން އެމަގުން ގޮސް އެންމެ ހަތަރު
އަހަރު ދުވަހުގެ ތެރޭގައި 2002 ޖުލައި 25ގައި އިންޑިޔާގެ ރައީސްކަމުގެ މަޤާމާ ހަމައަށް
ވާސިލުވެޑައިގެންނެވިއެވެ. 5 އަހަރުގެ ދައުރު ނިމި ވެރިކަމުގެ ކިއްލާ
ރާސްތްރަޕަތީބަވަން ދޫކުރެއްވުމުންވެސް ކަލާމުވެވަޑައިގެންފައިވަނީ ރައްޔިތުންގެ
ލޯތްބާއި ތާއީދާއި އިޙްތިރާމް ނިހާޔަތަށް ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށެވެ.
ނިއުކުލިއަރ ޓެސްޓުތަކެއް ކާމިޔާބުކަމާއެކު ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ.
އަމުދުން ދުނިޔޭގެ ބާރުގަދަ ޤައުމުތަކުން އެފަދަ ޓެސްޓުތައް ކުރިޔަ ނުދިނުމަށް ބިރުދައްކައި
ދުއްތުރާކުރަމުން ދަނިކޮށް ޓެކްނޮލޮޖީގެ ހުޝިޔާރު ލޯތަކަށް ސިއްރުން އެފަދަ
ޓެސްޓެއް ކުރުމަކީ އާދިޔާމުކަމެއް ނޫނެވެ. ވުމާއެކު ބައެއް މީހުން ގަބޫލުކުރަނީ
ކަލާމުގެ ކާމިޔާބީގެ އަސްލަކީ މިއީކަމުގައެވެ. ޒައްރާތަކަށްވެސް ސިއްރުން
ޒައްރާތަކުގެ ތަޖުރިބާތައް ބިމުއަޑީގައި ކާމިޔާބުކަމާއެކު ކުރުންކަމުގައެވެ. އެހެނަސް
މިއީ ޙަޤީޤަތްކަމަށް މިނައި ހުކުންކުރެވޭކަށް ނެތެވެ.
އިންޑިޔާގެ ތަޖުރިބާތަކަށް ޖެހިގެން އޮތް އަވައްޓެރި ނަމުން އެކުވެރި ކަމުން
ހަތުރުވެރި ޕާކިސްތާނުން ލަހެއްފަހެއް ނެތި ރައްދުދިނެވެ. ފަނަރަ ދުވަސް ނުވަނީސް ބިމުއަޑީގައި
ވަރުގަދަ ނިއުކުލިއަރ ތަޖުރިބާތަކެއްކޮށް ނިއުކުލިއަރކުލަބަށް ވަން ފުރަތަމަ އަދި
ހަމައެކަނި އިސްލާމީ ޤައުމުގެ ޝަރަފު އެ ޤައުމުން ހޯދިއެވެ. އިންޑިޔާއެކޭ
އެއްފަދައިން ޕާކިސްތާނުގެ ތަޖުރިބާތަކުގެ މޭސްތިރި ޑރ. ޢަބްދުލް ޤަދީރު ޚާނަށްވެސް
ޤައުމީ ބަޠަލެއްގެ ދަރަޖަ އެރުވިއެވެ. ކަލާމުގެ އަޑުން އިންޑިޔާ ގުގުމިހެން ޚާންގެ
އަޑުން ޕާކިސްތާނުވެސް ގުގުމައިލިއެވެ.
އެބޭފުޅުންގެ ޚިދުމަތުން ޤައުމު ހެއްވާލުމުގައި ޚިދުމަތްތެރި މުސްލިމު ދެ
ސައިންޓިސްޓުން ހޯދި ކާމިޔާބީގެ ރައްދު ރައްޔިތުން ދިނީ ލޯބީގެ ބަސްތަކުންނެވެ.
ރަސްކަލަކަށް ނާރުވާފަދަ އިއްޒަތާއި އިޙްތިރާމް އަރުވައިގެންނެވެ. ތަޢުރީފާއި
ސަނާގެ ގުލްހާރުތަކުންނެވެ. ދެ ޤައުމުގެ ރައްޔިތުންވެސް ދުށީ އެ ދެބޭފުޅުންގެ
ޚިދުމަތަކީ ހަމަ އަގު އަދާކުރުމުގެ ފުރުޞަތެއްނެތް ޚިދުމަތެއްކަމުގައެވެ. އެ ޚިދުމަތަށް
އަރުވަން ބޭނުންވި މަސަންދަކީ އެ ރައްޔިތުންގެ ހިތްތަކެވެ.
ލިބިވަޑައިގެންނެވި ލޯތްބާއި ފަހިވެވަޑައިގެންނެވި ފުރުޞަތުތަކުގެ ސަބަބުން
ކަލާމާ ޚިލާފަށް ފަހުން ޚާން ފެނުނީ މަހުޖަނެއްގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން
ޚާނަށް ގަތަމުން އައި ގުލްހާރުތައް ކެނޑި ޝައްކާއި ވަހުމުގެ ފާރުތައް އުސްވެ
ބޯވަމުންދިޔައެވެ. އަދި އެންމެ ފަހުން ޚާންގެ ސިކުނޑިފުޅާއި ހިތްޕުޅުގައިވާ
ޕާކިސްތާނުގެ ސަލާމަތާ ގުޅިފައިވާ ނިއުކުލިއަރ ޢިލްމު އުތުރުކޮރެއާއާއި ލީބިޔާގެ
އިތުރުން އީރާނަށް ވަގަށް ވިއްކެވިކަމަށް އަމިއްލަފުޅަށް އެއްބަސްވެވަޑައިގަތެވެ.
ޚާން މިކަމަށް އެއްބަސްވެވަޑަޑައިގަތީ ޤައުމީ ޓީވީ މެދުވެރިކޮށް 2004 ފެބުރުއަރީ 4
ވަނަދުވަހެވެ. ނަތީޖާއެއްގެ ގޮތުން ޖެހިގެން އައި ދުވަހު ޚާން ގޭބަންދުކުރިއެވެ.
ޤައުމަށް ރީތިނަން ހޯދައިދިނުމުން
ނުފުދެއެވެ. ރީތި ހޯދައިދިނުމުން ލިބޭ ރީތިނަން ކިލަނބުނުވާނެ ގޮތަކަށް އުޅުން
ބަހައްޓަންވެސް ޖެހޭނެއެވެ. ޚިދުމަތެއްކުރުމަކީ ނަހަމަކަންތަކުގެ ތެރެއަށް
ވަނުމަށް ލިބޭ ޓިކެޓެއް ނޫނެވެ. ބަޠަލެއްގެ ދަރަޖަ އަރުވަނީ ރައްޔިތުންނެވެ. އެހެނަސް
ޝަރުތުތަކަކާއެކުގައެވެ. ޤައުމީ ބަޠަލެއްގެ ދަރަޖައަރުވަނީ
ޤައުމިއްޔަތަށްޓަކައެވެ. އެމީހަކަށް އެ ޝަރަފުއެރުވުމާއި ޝަރަފު ދެމެހެއްޓުމާ
ނުދެމެހެއްޓުން ބިނާވެފައި އޮންނަނީ އެމީހަކު ޤައުމާމެދު ދެކޭގޮތަކުންނެވެ. ނޫންނަމަ
ރައްޔިތުން އެ ބަޠަލަކަށް ދިން މަޤާމު އަތުލައިފާނެއެވެ.
Post a Comment