މުސްލިމުން ގަބޫލުކުރާގޮތުން ވެރިކަމަކީ ﷲ ތަޢާލާ ދެއްވަވާ
އެއްޗެކެވެ. އަމުދުން ޤައުމެއްގެ ވެރިކަމެވެ. ކަންމިހެން އޮތްނަމަވެސް ކޮންމެ
ކަމަކަށްވެސް ސަބަބުތަކެއް ބޭނުންވާ ފަދައިން ވެރިކަން ލިބެނީ ކޮންމެވެސް ސަބަބެއް
ނުވަތަ ސަބަބުތަކެއްގެ ތެރެއިންނެވެ. ބައެއް ފަހަރުމަތީ ފާސްތަކެވެ. އަނެއް
ބައިފަހަރު އާދަޔާ ޚިލާފު މަޤުބޫލުކަމެވެ. ނޫންނަމަ މަތިމަތި ފުށުން ވާރުތަވަމުން
އައި ޢާއިލާ އަށް ލިބިފައިވާ ނަސީބުވެރި ވިރާސީ ބާރުތަކެވެ. މިއިން މަގަކުން
ވެރިކަމުގެ ސަރިލާދޭސް ލިބިފައިވާ އިންސާނަކު ޤައުމެއްގެ ސިފަލިބިގެންވާ ހަމަ
ކޮންމެ ޤައުމެއްގެގައިވެސް ހުންނާނޫއެވެ. އެކުވެރި ދައުލަތްތައް ވެސް ޤަބޫލުކުރާ
ސަތޭކަ ނުވަދިހަ ތިން ޤައުމު ހިމެނޭއިރު މިއިން ކޮންމެ ޤައުމެއްގެ ވެރިއެއް
ހުންނައިރު ކޮންމެ ވެރިއަކީވެސް ތަފާތުވެރިކަމެއް ތަފާތު އާދަތަކެއްގެ ތެރެއިން
ކުރަމުންދާ ވެރިޔެކެވެ. މީގެ ތެރެއިން މި ލިޔުމުގައި ބަލައިލާނީ އެންމެ ޅަ އުމުރެއްގައި ޤައުމެއްގެ ރަސްކަމާ
ހަވާލުވި ރަސްގެ ފާނާއި އޭނާގެ ޤައުމުގެ މައްޗަށެވެ.
އެންމެ ޅައުމުރުގައި ރަސްކަމާ ހަވާލުވި ރަސްގެ ފާނަކީ
މުސަވާތީ ތިނެކެވެ. އުމުރުން އެންމެ އަށާރަ އަހަރުގައި 1986 އޭޕްރީލް 25 ވަނަ
ދުވަހު ރެދަލިކުރަންފެށި މުސަވާތީ ނިސްބަތްވަނީ މޮޒަންބީކާއި ސައުތު އެފުރިކާގެ
ބިމުން ލާވަށައިލާފައި އޮންނަ ސްވާޒިލެންޑަށެވެ. ޑިމޮކްރަސީގެ ދޫލަ ދުނިޔޭގެ
ހަތަރު ބިތަށް ފަތުރާލުމުގައި ބޮޑު ކާމިޔާބެއް ދުނިޔެއިން ހޯދައިފައިވީނަމަވެސް
ރައްޔިތުންނަށް ބަސްބުނުމުގެ އެއްވެސް ބާރެއް ނެތި ކުރާ ވިރާސީ ރަސްކަން އެއްކޮށް
ފޮހެލުމުގެ ނަސީބު އަދިއަދަށްދާންދެންވެސް ދުނިޔެއަކަށް ނުލިބެއެވެ. މިއަދު
ދުނިޔޭގައި މިދެންނެވި ފަދަ ވިރާސީ ރަސްކަން (އެބްސޮލިއުޓް މޮނާކީ) ކުރާ ތިން
ޤައުމުގެ ތެރެއިން އެއް ޤައުމަކީ އެފުރިކާގެ ދެވަނައަށް އެންމެ ކުޑަ
ސްވާޒިލެންޑެވެ.
ސްވާޒިލެންޑަކީ ކުޑަ އަދި ރަސްކަމެއް ކުރާ ޤައުމެއް
ނަމަވެސް އެ ޤައުމުގެ ވާހަކަ ދުނިޔޭގެ ދޫތަކުން އަބަދުވެސް ދައްކައެވެ. ފުރަތަމަ
ކަމަކީ އެ ޤައުމުގެ ރަސްގެފާނުގެ އަނބިން އިޚުތިޔާރުކުރުމަށް އޮންނަ ދޯހަޅި ބޯދާ
އާދަކާދައެވެ. އެ ޤައުމުގެ އާދަކާދަ އޮންނަގޮތުން ކޮންމެ އަހަރަކުވެސް ރަސްގެފާނަށް
އައު އަނތްބަކު އިޚުތިޔާރުކުރުމުގެ ޙައްޤު ލިބިދެއެވެ. ރަސްގެފާނުގެ އަނބިންނަކީ
ހަށިފާރާވެރިންގެ ވަށާލެވިފައިވާ ފާރެއްގެ ތެރޭގައި ރަސްކަމުގެ ކޮއިލުތެރޭ
ޒާތަކަށް ގައިދުވެފައި ތިބެންޖެހޭ ބައެއްކަމަށް ވިޔަސް އަދި މަދުބަޔަކު ކާވެންޏަށް
އިދިކޮޅުހެދުމުގެ ގޮތުން ޤައުމު ދޫކޮށްދިޔަ ނަމަވެސް އެ ޤައުމުގެ ގިނަ އަންހެނުން
ރަސްގެފާނުގެ އަނބިންނަށްވުމަށް ބޭނުންވެއެވެ. އެވެރިން ތަހަންމަލުކުރާ ޖެހޭ
އަޅުވެތިކަމަށްވުރެ ލިބޭ މުއްސަނދިކަމަށްޓަކައެވެ. ވުމާއެކު މަހާރެހެންދިންނަށް
ވުމަށްޓަކައި އޮންނަ ކިޔުގައި އެތައްބަޔަކު ތިބެއެވެ.
ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު މަހު ސްވާޒިލެންޑުގައި މަގުމަތީގައި
ޚާއްޞަ ނެށުމެއް ބާއްވަ އެވެ. "ރީޑް
ޑާންސް" ގެ ނަމުގައި ބާއްވާ މި
ނެށުމުގައި ބައިވެރިވަނީ އަންހެނުންނެވެ. ހަމައެކަނި އުނަގަނޑުން ތިރި ނިވާކޮށްގެން
އަތުން އޮނުތަކެއް ހިފަހައްޓައިގެން ތިބެ މި ނަށާ ނެށުމުން، ރަސްގެފާނު އަނތްބެއްގެ
ގޮތުގައި އިޚުތިޔާރުކުރެއްވުމަށް ހިތްއެދޭ ބިކުރުވެރި އަންހެނެއް ފެނިއްޖެނަމަ
އެމީހަކު އަނތްބެއްގެ ގޮތުގައި އިޚުތިޔާރުކުރުމުގެ ބާރު ސަޤާފީގޮތުން ރަސްގެފާނަށް ލިބިގެންވެއެވެ. އެގޮތުން އަނތްބެއްގެ
ގޮތުގައި އެތަނުން އަންހެނަކު އިޚްތިޔާރުކޮށްފިނަމަ މުއްސަނދި ދިރިއުޅުމުގެ
ދޮރޯށިން އެ އަންހެންކުއްޖަކަށް ވަނުމުގެ ނަސީބު އެހިސާބުން ލިބުނީއެވެ. މި
އުސޫލުން 2103 ވަނަ އަހަރުގެ ނިޔަލަށް މީގެ ފަނަރަ ނަސީބުވެރިން ރަސްކަމުގެ
ކޮއިލުގައި އުދުހެއެވެ.
އެއިޑްސްބައްޔަކީ ކިހާ ވަރެއްގެ ބައްޔެއްކަން އެއްވެސް
މީހަކަށް އޮޅިފައެއް ނޯންނާނެއެވެ. އެބަލިން ނަޖާ ނުވެވިގެން ރޯ ރުއިމުން ދުނިޔޭގެ
ހަތަރު ބިތް ގުގުމަމުންދާއިރު އެ ގުގުން އެންމެ ބޮޑު ޤައުމެއްގެ ގޮތުގައިވެސް ފާހަގަވަނީ
ސްވާޒިލެންޑެވެ. 1986 ގައި ފުރަތަމަ ފަހަރަށް އެ ޤައުމަށް ބޯދިން ޝިފާއެއް ނެތް
ބަލީގައި އެ ޤައުމުގެ އާބާދީގެ ސާޅީސް އިންސައްތަ މީހުން ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ.
މި ވަރުގަދަ ހަނގުރާމައާ ކުރިމަތި ލުމަށްޓަކައި ރަސްގެފާނު އެޅި ފިޔަވަޅުތަކުގެ
ތެރެއިން އެއް ފިޔަވަޅަކީ އުމުރުން އެކާވީސް އަހަރުވުމުގެ ކުރިން އެއްވެސް
އަންހެނަކު ކައިވެނި ކުރުމާއި އެއިޑްސް ޖެހިދާނެ ފަދަ ޢަމަލެއް ހިންގުމަކީ މަނާ
ކަމެއްކަމުގައި ހަމަޖެއްސުމެވެ. އަދި މި ޤާނޫނާ ޚިލާފުވާ ކޮންމެ ފިރިހެނަކު ސަތޭކަ
ބާވަންނަ ޑޮލަރުން އަގުމަގުކުރެވޭ ގެރިއެއް ޖޫރިމަނާގެ ގޮތުގައި ދެއްކުމަށްވެސް
އަމުރުކުރިމެއެވެ. އެކަމަކު ހިތާމައަކީ މި ގަވާއިދުވެސް އަމިއްލަ އަށް މުގުރާލައި
ޖޫރިމަނާ ދެއްކުމުގެ ކުޅިގަނޑު ފަށައިގަތީ ޚުދު ރަސްގެފާނުކަމެވެ. އަމިއްލައަށް
ހެދި ޤާނޫނަށް ޢަމަލުކުރަންފެށިތާ އެންމެ ހަފުތާއެއްގެ ތެރޭގައި ރަސްގެފާނު ވަނީ
އޭނާގެ އަށްވަނަ އަނބި މީހާއާ ކަނޑައަޅައިފައިވާ އުމުރަށްވުރެ ކުރިން
ކައިވެނިކޮށްފައެވެ. އާޚިރު ނަތީޖާއަކީ އެންމެ ފަހުން ފަސްވަރަކަށް އަހަރަށްފަހު
ދޯހަޅި ޤާނޫނު ކަފުންކުރަންޖެހުމެވެ. އަދި އޭޑްސްބަލި ހަންމަތަނުކުރެވުމު ޙަޤީޤީ
ޒިންމާވެސް ރަސްގެފާނު އުފުއްލަންޖެހުމެވެ.
ބަލިމަޑުކަމުގައި ޤައުމު ބަލިވެފައި އޮތްނަމަވެސް
ރަސްގެފާނުގެ މުއްސަނދިކަމަކީވެސް ފާހަގަނުކޮށް ދޫކޮށްލެވޭ ވަރަށްވުރެ
ޝައުޤުވެރިކަމެކެވެ. މަޝްހޫރު ފޯބްސް މަޖައްލާ ބުނާގޮތުން މުސަވާތީއަކީ އެފްރިކާގެ
ހަތަރުވަނައަށް އެންމެ މުއްސަނދި ރަސްގެފާނެވެ. އޭނާގެ މިލްކިއްޔާތުގެ އަގު
ފަންސާސް މިލިއަން ޑޮލަރަށް އަރައެވެ. އާމްދަނީ ލިބޭ މައިގަނޑު ވަސީލަތަކީ
އެކިކަންކަމުގައި ކޮށްފައި ހުރި އިންވެސްޓްމަންޓްތަކެވެ. މުސަވާތީގެ
މުއްސަނދިކަމުގެ ފައިދާ އެންމެ ބޮޑަށް ލިބޭ މީހުންނަކީ އޭނާގެ އަނބިންނެވެ. އެމީހުންނަށް
ކޮންމެ އަހަރަކުވެސް ހަމައެކަނި ވިޔަފާރިކޮށްލުމުގެ ބޭނުމުގައި އެމެރިކާއަށް ދިޔުމުގެ
ފުރުޞަތުލިބެއެވެ. ކޮންމެ އަނތްބަކަށް ގަނޑުވަރެއް ބިނާކޮށްދޭއިރު ބީ.އެމް.
ޑަބުލިޔޫ ކާރު ފަދަ އަގުބޮޑު ހަދިޔާތައްވެސް އެވެރިންނަށް ހިބަކޮށްދެއެވެ.
މިހިސާބުން އުފެދޭ ސުވާލަކީ މިހާ މުއްސަނދި
ދިރިއުޅުމެއްގައި ޤައުމުގެ ވަލިއްޔުލް އަމުރު
އުޅޭއިރު ރައްޔިތުންގެ ހާއުފާވެރިކަން ހައުދަހާވާ ބޮޑުވާނޭ ހިތާ އަމިއްލަ ނަފުސާމެދު ކުރެވޭ
ސުވާލެވެ. ނަމަވެސް ޖަވާބު ވަރަށް ހިތްޗެވެ. 2013 ވަނަ އަހަރުގެ
ސެޕްޓެމްބަރު 18 ވަނަ ދުވަހު ނިކުތް އިނގިރޭސިވިލާތުގެ ދަ ޓެލެގްރާފު ނޫސް
ބުނާގޮތުން ސްވާޒިލެންޑްގެ 1.2 މިލިއަން މީހުންގެ އާބާދީގެ ނަވަހައްޓި
އިންސައްތައިގެ މީހުންނަކީ ފަގީރުކަމުގެ މިންގަނޑަށްބަލާ މިންގަނޑަށްވުރެވެސް
ދަށުގައި ގިންތިކުރެވިފައިވާ މީހުންނެވެ. ޤައުމުގެ ހަތަރުބައިކުޅަ އެއްބައި މީހުން
ބަނޑުފުރާނަ މުއްތިކުރަނީ ސަރުކާރުންފޯދޭ ކުޑަކުޑަ ކާނާގެ އެހީތެރިކަމުގައެވެ.
ވުމާއެކު އެއިޑްސްބައްޔާއި ފަގީރުކަމުގެ ނާމާންކަމުގެ ހޫނު ވިލާގަނޑެއްގެ ދަށުގައި
ސްވާޒިލެންޑްގެ ރައްޔިތުން ދަނީ ހަނާވަމުންނެވެ. މަސައްކަތުކުރާ އުމުރުގެ ހަތްތަރި
އިންސައްތައިގެ މީހުން ހަކުރުއުފެއްދުމުގެ އިޤްތިޞާދެއްގައި ހޭބޯނާރާ
މަސައްކަތްކުރިއަސް އެ ވިޔަފާރީގެވެސް މުއްސަނދިކަން ފޯރަނީ ރަސްގެފާނަށެވެ.
ބާކީތިބި މީހުންނަށް ވަޒީފާގަނޑެއްވެސް ނުލިބޭއިރު ވަޒީފާ ލިބުނު ގިނަ މީހުންވެސް
ހިމެނޭގޮތުން އާންމު ރައްޔިތުންދަނީ ފަޤީރުކަމާއި ބަލިމަޑުކަމުގައި
ހަފުސްވަމުންނެވެ.

Post a Comment