ބަނޑޭރިގަނޑު » » ހުސް ޔާ

ހުސް ޔާ

| 4/11/2015 on Saturday, April 11, 2015 dhuraya.blogspot.com :ލިޔުނީ

އަޅުގަނޑަކީ ޔާ ޔާރާނާދޫ ޔާގޫތުގޭ ޔަޙުޔާ ޔާސީނެވެ. ޢާއިލާގެ މީހުންގެ ބަހުންނަމަ "ހުސްޔާ" އެވެ.  އާންމު ނަމުންނަމަ "ޔޯޔޯ" އެވެ. އާދޭހެވެ. މީހެއްގެ ގޮތުގައި އަޅުގަނޑު މަޝްހޫރުވި ޔޯޔޯ އުފައްދައިގެންނެވެ. ރާއްޖެއަށާއި ކައިރި ޤައުމުތަކަށް އަޅުގަނޑު ފުޅާކޮށްފައިވާ ޔޯޔޯ އާއި ކުޑަކުދިން ކުޅޭތަކެތީގެ ވިޔަފާރީގެ ސަބަބުންނެވެ. ޢާއިލާގެ 5  މެންބަރުންގެ ތެރެއިން އެންމެ ހަގު މީހާގެ ގޮތުގައި އަޅުގަނޑު އުފަންވީ 1965 ޖުލައި 26 ގައި ޢާއިލީގެ ޔާގޫތަށެވެ. ބައްޕަ ޔާސީން ޔޫސުފު ނިޔާވި ކަމުގެ ހިތާމަ މަންމަ ޔަމާނީ ޔައުޤޫބު ބަރުދާސްކުރަމުން ދާތާ ބަރާބަރު ފޮއިދުވަސް ވީދުވަހުގެ މެންދުރެވެ. މަޖާ މިޒާޖެއްގެ ވެރި އަޅުގަނޑު ޔަތީމު ދުނިޔެއަކަށް ނޭވާލަން ޖެހުނު ނަމަވެސް ކުޑައިރުން ސުރެވެސް ޔޯޔޯ ކުޅުމަށް ޚާއްޞަ ޝައުޤުވެރިކަމެއްދެވުނެވެ.
ފުރަތަމަ އެދުރަކީ ލޮބުވެތި މަންމަ އެވެ.  ޢަރަބިތާނަ އާއި ހިސާބުގެ އަކުރުތައް ލިޔެ ކިޔައި ދަސްކުރީ މަންމަގެ އަރިހުންނެވެ. އެއަށްފަހު އުމުރުން 7 އަހަރުގައި ނަކަތްގެލެއްވުމާއެކު ހިސާބުގަނޑުގެ ބޮޑު އެދުރު ޔޫނުސްބެގެ އަރިހުން ދަރިވަރުވީމެވެ. ދީނީ ޢިލްމާއި ހިސާބާއި ޢަރަބި ކިޔެވީ އެ ވަރުގަދަ އެދުރުބޭގެ އަރިހުންނެވެ. އެއީ ތަޢުލީމުގެ ތަދުޒަމާނެވެ. 1961 ގައި އިނގިރޭސި ތަޢުލީމު ރާއްޖެއަށް ތަޢާރުފު ވެފައި ވިޔަސް ޢާއިލާގެ ތަނަވަސްކަން ނެތުމާއި ރަށްފުށުގައި ތަޢުލީމާމެދު އުފެދިފައި އޮތް ދަށްފެންވަރުގެ ހޭލުންތެރިކަމާ ގުޅިގެން އަޅުގަނޑަށް ޖެހުނީ އެ ހިސާބުން ތަޢުލީމީ ދައުރު ނިންމައިލާށެވެ.
ޙަޤީޤަތުގައި މި ކަންވީ ކުރިމަތިވި ވަރަށްބޮޑު ގޮންޖެހުމަކަށެވެ. ބައްޕަ ނެތުމާއި ފަގީރުކަމުން އުފެއްދި ނުތަނަވަސްކަމަށްވުރެ ވެސް ބޮޑު މުސީބާތަކަށެވެ. އެހެނަސް މި ގޮންޖެހުމުން އަރައިގަނެ ނަފުސާނީގޮތުން ސިކުނޑި ވެފައިވާ ވަރުބަލިން މިންޖުވުމަށްޓަކައި މަސައްކަތެއްގައި ޝާމިލުވުމަށް ނިންމީ މެވެ. މިގޮތުން ރަށުގައި އޮޑިއެއް ބަންނަމުން ދިޔަ ހަރުގެއަކަށްގޮސް އެތަނުގައި ވަގުތުތައް ހޭދަކުރަން ފެށީމެވެ. ގިނަދުވަސްތަކެއް ނުވެ އެމީހުން އަޅުގަނޑު ބަލައިގަތެވެ. "އަތްދަށުކޮއި" އެއްގެ ގޮތުގަ އެވެ. ކިއްސަރުވަޑާމުގެ ތެރޭގައި އުޅުނު ނަމަވެސް ބޮޑަށް ޝައުޤުވެރިކަން ދެވުނީ ތެދުއުއި ވަޑާމަށެވެ.  އަތްތެރި މަސައްކަތަށެވެ. ލިބޭ ހުސްވަގުތުކޮޅުގެ ތެރޭގައިވެސް ފާޑުފާޑުގެ އެއްޗެހި އުފައްދަންފެށީމެވެ. ޚާއްޞަކޮށް ކުޑައިރުގެ އެކުވެރިޔާ ޔޯޔޯ އުފައްދަން ފެށީމެވެ. ލަކުޑިންނެވެ. އޮޑި ބަނދެ ނިމެންވީއިރު ޔޯޔޯ އާއި ކުދިވެރިން މަސަލަސްކޮށް ގަޔާކުރުވާނެ ބައެއް ތަކެތި އުފެއްދީމެވެ. ނަމަވެސް ވައިގައި ބޮޑަށް ހިފީ ހަމަ ޔޯޔޯ އެވެ. ފަހުން ދިއްލޭގޮތަށް ވެސް އާލާތްތައް ހަރުކޮށްގެން ޔޯޔޯ ހަދަންފެށީމެވެ.
އެއީ ދޯނި ފަހަރުގައި އިންޖީނު އެޅުން ތަޢާރުފުވި ދުވަސްވަރެވެ. އަޅުގަނޑު މެން ބަނދެ ނިންމި އޮޑީގައިވެސް އެޅީ އިންޖީނެވެ. ޔަންމާ އިންޖީނެކެވެ. އެ މަސައްކަތް ކުރުމަށް އައި ޖަޕާނުގެ ޔަންމާ ކުންފުނީގެ އިންޖިނިއަރުންނާއެކު އައި މީހުންގެ ތެރެއިން ޔޯޔޯމޯއާ އަޅުގަނޑާ ގުޅުން ބަދަހިވި އެވެ. އެންމެފަހުން އަޅުގަނޑުގެ މަސައްކަތް އޭނާއަށް ފެނިދެނިވެ އެ މަސައްކަތުގައި ކުރިޔަށް ދިއުމަށް މަގުހުޅުވާލަދިނެވެ. ނަތީޖާއަކީ މިއަދު އަޅުގަނޑު މިދެކޭ އުފެއްދުންތެރިކަމުގެ ބިންގާ އެޅުމެވެ. ކުޑަކޮށްފެށުނު މަސައްކަތް މިއަދު ވަނީ ފުޅާވެފަ އެވެ. ޖަޕާނުގައި ގާއިމުކުރި ކާރުޚާނާގެ ގޮތްޕެއް މިއަދު އުފަންރަށުގައިވެސް ހިންގަމެވެ.
މި މުއްސަނދިކަމުގެ ފައިދާ އިން އަމިއްލަ ރަށުގައި 50 އެނދުގެ ހަސްފަތާލެއްވެސް ނިޔާވެފައިވާ މައިންބަފައިންގެ ހަނދާނުގައި ހިންގަމެވެ. އަޅުގަނޑުމެންގެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުންނެވެ. ޖަމާޢަތަށް ފައިދާ ހުރި މަސައްކަތްކުރުމުގެ  ރޮނގުން ދިވެހި ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމުވެސް އަޅުގަނޑަށްވަނީ ލިބިފަ އެވެ.
މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA