ބަނޑޭރިގަނޑު » » ކާފަދަރިފުޅަށް ނަންކިޔުން

ކާފަދަރިފުޅަށް ނަންކިޔުން

| 12/22/2025 on Monday, December 22, 2025 dhuraya.blogspot.com :ލިޔުނީ

ޢަލީ މުނީޒު (2025)

1.            ދުނިޔަވީ ނިޢުމަތްތައް ވެސް ގިނަގުނައެވެ. ޚިޔާލު ތަފާތުވަނީ އޭގެ ތެރެއިން އެންމެ އުފާވެރި ނިޢުމަތަކީ ކޮބައިތޯ ކަނޑައެޅުމުގައެވެ. މިޒާޖާއި ތަބީއަތާ އެކުވެގެން ނިކުންނަ މި ތަފާތު މި ހެން ހުއްޓަސް ލިސްޓުގެ އެންމެ ކުރިޔަށް އާންމުކޮށް އަންނަނީ "ފުރަތަމަ" ނުވަތަ "ހަމައެކަނި" މި ލަފުޒުތައް އައިސްފައި ދެން އަންނަ ކަމެކެވެ. މަރިޔަނބަށް އަލަތު ކައިވެންޏެވެ. ޔޫސުބަށް އަލަތު ގެއަށް ވަދެވުމެވެ. ޔަޢުޤޫބަށް އެއީ ލިބުނު ހަމައެކަނި ދަރިފުޅެވެ. މި އުސޫލު ގެނެސް އަހަރެންގެ ފަންސާސް އަހަރުގެ ތާރީޚުގެ ތެރެއަށް ލައިފީމެވެ. ދެން ރަނގަޅަށް ތަޅުވައިލައިފީމެވެ. ގަދައަށް ހަލުވައިލައިފީމެވެ. ނަގައިފީމެވެ. ލޯ ބޮޑުކޮށްލައިފައި ބަލައިލައިފީމެވެ. ފެނުނީ ހަމަ މަރިޔަނބާއި ޔޫސުބާއި ޔައުޤޫބުމެން ފަދައިން "އެއްކަލަ" މަންޒަރެވެ. އެންމެ އުފާވެރި ނިޢުމަތަކަށްވި ކާފަ ދަރިފުޅު ވީ "އަލަތު" ކާފަ ދަރިފުޅަށެވެ.

2.            ލިބެނީ ބިތްކޮއްޓިއެކެވެ. އެ ކަން އެނގުމާ އެކު އެހެން ބޭނުމަކާ އެކު ރާއްޖެއިން ބޭރަށް ގޮސްފީމެވެ. އަލަތު މެހުމާނަށް ބޭނުންވާނެ އޭތިމީތި ގަނެފީމެވެ. ހާލަތުގެ ގޮތުން ދަރިފުޅުގެ މަންމައަކަށް ނުދެވުނެވެ. އެހެންވެ ބައްޕައެއް ވެސް ނުދާނެތާއެވެ. އަހަރެން މިއީ މާފައެވެ. މާމައާއި ބޮޑުދައިތައާއި ބޮޑުބެގެ ގޮތްކިޔުމާ އެކު ފިސާރި ރަނގަޅަށް ހެނދުން ގަތުމުގެ މަސައްކަތްކުރީމެވެ. ފުރަތަމަ ދުވަހުން ފެށިގެން ހަތަރުވަނަ އުފަންދުވަހާ ހަމައަށް ވެސް ލެވޭނެ، ލާނެ ހެދުން ގަތީމެވެ. މި ކަމުން އެކަނި ވެސް އަހަރެމެންގެ ތައްޔާރީތައް ހުރި ގޮތް ހީކޮށްލާށެވެ.

3.            ހަތް މަހަށް އެޅިއްޖެއެވެ. ދެ ފަރާތުގެ ޢާއިލާއިން ވެސް ތައްޔާރުވީތާއެވެ. އެ ފަރާތުން ބޮޑު ކަމެއް ލައިގަނެއްޖެއެވެ. އާންމު އަގަށް ވުރެ އެތައް ތަނަކުން އަގުހެޔޮކޮށް ނައަމްސޫތްޕެއް ލިބުނީއެވެ. ބަކަށްޓެކެވެ. އަންހެން ކުއްޖަކަށްވާތީ ގިތެލެއް ބޭނުމެއްނުވާނެތާއެވެ. އެކަމަކު ދެން ދިމާވީ އެހެން މައްސަލައެކެވެ. އެއީ ކުޅުދުއްފުށްޓެވެ. ސިޓީއެކެވެ. އެ ގޭގައި ޖާގަނެތީއެވެ. 3 މަހެއްހައި ދުވަހު ބަކަށްޓެއް ބާއްވާށެވެ. ދަތި ގޮތަކަށް ޖާގައެއް ހެދުނަސް މަގޫ، މިދިލި، މިރިހި ފަދަ ފަތްޕިލާވެއްޔެއް ނޮޅިވަރަމުން ހެން އެ ރަށަކުން ނުލިބޭނެއެވެ.

4.            ފުރަތަމަ ދަރިފުޅު ގުޅައިފިއެވެ. އޭނާ ވިހަންދެން ބަކަރި ގޭގައި ބޭއްވޭނެތޯ އަހާށެވެ. އެ އެދުމަށް ދޭނެ ޖަވާބާމެދު ޝައްކެއް އުފެއްދުމުގެ ޖާގައެއް ނޯންނާނެނޫންހެއްޔެވެ؟ މަށަކީ ޖަނަވާރު ދެކެ އިންތިހާއަށް ބިރު ގަންނަ މީހެކެވެ. އޭގައި އަތްލައި އެ އަތުލައި އެއަށް ކާންދިނުމަކީ ފަކުރު ވެސް ގަންނަ ކަމެކެވެ. އަދި 3 މަސް ދުވަސް އެބައޮތެވެ. މީހުން ބަކަރި ގަންނަނީ ވިހޭމައެވެ. ގޭގައި އެ ބާއްވަން އުނދަގުލެއްނެތެވެ. ރާނައި ހިޔާނުކޮށް ހުރި ބޮޑު ގެއެއް އެބަހުއްޓެވެ. އެ ތަނުން ކޮޓަރިއަކަށް ކޮއްޕައިލީމައި ނިމުނީނޫންހެއްޔެވެ؟ އަންހެނުން ލައްވައި ކާންދެވިދާނެއެވެ.

5.            ބަކަރި ގެނެސްފީމެވެ. އެއްބައި ފަހަރު ހިތަށް އަރައެވެ. އެ ކުއްޖާފުޅުގެ ނަން އާންމުންނަށް ފާޅުވެގެން އަންނާނީ މި ދަރިފުޅުގެ މަހުންނެވެ. މި ދަރިފުޅު މަސްޖަހައި ފަލަކުރެވޭތޯ ވާނީ ބަލާށެވެ. އޭރުން ޞަދަޤާތްކުރެވޭ މިންވަރު ވެސް އިތުރުވާނެއެވެ. އަހަރެން ހާދަ ނަސީބު ގަދައެވެ.

6.            ވިހަން މަހަކަށްވަނީއެވެ. ރޯދަމަހެވެ. ގަޑިން ރޭގަނޑުގެ ހަތަރުދަމުން ދެވަނަ ދަމަށް އެޅުނު ފަހުން ގަޑިއެއްހައި އިރު ވީއެވެ. އަހަރެންގެ ބޮޑުބޭބެގެ ދަރިފުޅު ގުޅައިފިއެވެ. ކޮފީއެއް ބޮއިލަން "ގާޑެންއަށް" އައުމަށެވެ. އަހަރެންގެ ދައްތަގެ ދަރިފުޅަކު ވެސް އިން ވާހަކަ ބުންޏެވެ. ވަގުތުން އިދިކޮޅު ހެދީމެވެ. ބުނެތްޕެވެ. ސަބުމެރިނެއް ފޮނުވާނަމެވެ. ބުނީމެވެ. ނޫނެކެވެ. ނިދަންވެއްޖެއެވެ. ސަލާމަތެއްނުވިއެވެ. ދޮރު ތަޅުލީކަމާއި މީހަކު ގޮވިޔަސް ނުހުޅުވާނެކަމަށް ބުނެފީމެވެ.

7.            ދޮގެއް ނުހަދަމެވެ. ނިދިފައި އޮއްވައި ހޭލެވިއްޖެއެވެ. އަންހެނުން ގޮވާ އަޑަށެވެ. ބުނެތްޕެވެ. ގާޑެންގައި ބަކަރި އެބައޮތެވެ. އެ ތަނުގެ ވެރިޔާގެ އަންހެނުން (އަންހެނުންގެ އެންމެ ގާތް މިތުރު) ގުޅައިފައި އެހެން ބުނެތްޕެވެ. ސިހިފައި ގަޑި ބަލައިލީމެވެ. ދަންވަރު 12 ޖެހީއެވެ. ހިތަށް އެރިއެވެ. ކޮފީ ބޯން ބަކަރި ދިޔައީ ކީއްވެހެއްޔެވެ؟

8.            މި ޖެހުނީ ބޮޑު ކަމެކެވެ. ފިރިހެން ދަރިފުޅު ނިދައިފައި އޮއްވައި ނަގައިގެން ވާގަނޑެއް ހިފައިގެން ކޮފީގައި އޭރު އިން ދައްތަގެ ދަރިފުޅަށް ގުޅައިފައި ސައިކަލުގައި ނައްޓައިލައިފީމެވެ. ގާޑެންއާ ހަމައަށް ނުދެވެނީސް ގޭ ހުންނަ ކޮށީގެ ދެކުނު އޮތް މަގުން ބަކަރި ފެނިއްޖެއެވެ. އޭތި އަތުލަން އިންސާނުންގެ ލަސްކަރެއް އާދެއެވެ. ސައިކަލުން ފައިބައިފީމެވެ. ބަކަރި މިއޮއް އަންނަނީ އަހަރެމެންނާ ދިމާއަށެވެ. ހަރު ދުވެލީގައެވެ. ބަކަރި ހިފަން އެބަޖެހެއެވެ. އެކަމަކު އަތްލާކަށް ނުކެރޭނެއެވެ. އެ ކަން އަންގާކަށް ބޭނުމެއްނުވެއެވެ. ފާޑަކަށް ގުދުވެލައިފީމެވެ. ފަޓުލޫނުގައި ހިފައިލައި އަރުވާޖަހައިލައި ފަޓުލޫނުން ދަރެއް ހިފައިލީމެވެ. ފިރިހެން ދަރިފުޅަށް ގޮވައިލީމެވެ. ގާތްވެލާށެވެ. އޭނާގެ ހާލު ތަންކޮޅެއް ރަނގަޅުވާނެކަމަށް ބަލައިފައެވެ. ޖަނަވާރަށް މާ ލޯބިކުރާތީއެވެ. ބަކަރި އައިސް އަހަރެމެންނާ އަރާ ހަމަކޮށްފިއެވެ. އުނހޫތަކުރާއެވެ. ފާޑަކަށް ދެ އަތް ފުޅާކޮށް ހިފަން އުޅޭ ގޮތްދައްކައިލީމެވެ. އޮޅުވައިލާށެވެ.

9.            ވީ ގޮތް ބަލާށެވެ. އަތުނުވެ ބަކަރި ގޮސްފިއެވެ. ފަހަތުން އައި މީހުން ހަޅޭއްފަޅޭއްޖަހައިގަތެވެ. ރަނުގެ ފުރުޞަތު ނަގައިލުމުންނެވެ. އެ މީހުންގެ ނަޒަރުގައި އަހަރެމެންނަށް ވީ ހަމަ އެ މީހުންނަށް ވީ ގޮތެވެ. އެކަމަކު ހަގީގަތަކީ އެއެއްނޫނެވެ.

10.         ދެން ލައްވައިލީ ނަސީބެކެވެ. އެ ވަގުތު ބަނގުލަދޭޝް މީހަކު އައެވެ. އެ މީހާ ބަކަރި ފަހަތުން ދުވެ އަތުލައިގަތެވެ. ހަތަރެސްފައި ބަނދެގެން ގެނެސް އޮތް ތަނަށް ލައިފީމެވެ. އެ ކަން ކުރީ ދައްތަގެ ދަރިފުޅެވެ. އެއަށްފަހު އަމިއްލައަށް ވައްޓައިލައިފައި އޮތް ދޮރު ދެން ވައްޓައިނުލެވޭނެ ހެން ފިސާރި ރަނގަޅަށް އައްސައި ފޯރިމެރުން އިތުރުކޮށްފީމެވެ.

11.         އަނެއްކައި ވެސް ރާޅެކެވެ. ބަކަރި ބަނޑުބޮޑެވެ. މާހިރަކަށް ދެއްކުމުން އެ ކަން ޔަގީންވިއެވެ. އެ ވަރުން ގެންގުޅެ ކާންދީ މަސްފަލަކުރި ބަކަރި ކަތިލެވޭގޮތްނުވީއެވެ. އެ ހިސާބުން ބަކަރި ފޮނުވަން ޖެހުނީ ކާފަ ދަރިފުޅުގެ މުނިމާމަ ރަށަށެވެ. އެ ރަށު ކޮށްޓެއްގައި އޮތް މާބަނޑުނޫން ބަކަށްޓަކާ ލާޖައްސާށެވެ. ކަތިލަން ކުޅުދުއްފުށްޓަށް ގެންދިޔައީ ފިނޭގައި އޮތް ބަކަށްޓެކެވެ. އެއް ގޮތަކުން ރަނގަޅެވެ. ދަރިފުޅާ ލޭގެ ގުޅުން އޮތް ތިން ރަށަށް ވެސް ބަކަރި ނިސްބަތްވީއެވެ. ގެންގުޅުނު ބަކަށްޓަށް ދެވުނީއެވެ.

 


މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA