1.
ފަލަސްތީނު ނޭނގޭ ބަޔަކު ދުނިޔޭގައި ވާނެކަމާމެދު ޝައްކެވެ. އެ މީހުން
ތަޙައްމުލުކުރަންޖެހިފައިވާ ތަކުލީފާއި ނުރައްކާތައް އެހެން އެއްވެސް
ޤައުމަކަށްވުރެ ބޮޑެވެ. މައިގަނޑު އަސްލަކީ މިނިވަންކަމެވެ. އަގުސާ މިސްކިތާއި
ގުދުހެވެ. ބައެއް ފަހަރު އެ ޤައުމުގެ ބައެއް ރަށްރަށާހެދިއެވެ. އެފަދަ އެއް
ރަށަކީ ޝައިޚު ޖައްރާޙެވެ. ޞަލީބީންގެ އަތްދަށުން ގުދުސް މިނިވަންކުރެއްވި
އިސްލާމީ ފާތިޙު ޞަލާޙުއްދީނުލް އައްޔޫބީގެ ޚާއްޞަ ޑަކުޓަރު ހުސާމުއްދީންގެ
ޚިދުމަތް ވަރަށް ބޮޑަށް އެ ރަށަށް ލިބުނެވެ. ޖައްރާޙީ ވަނީ އެ ރަށުގައި
ކިޔަވައިދެއްވައިފައެވެ. މަދުރަސާއެއް ބިނާކުރައްވައިފައެވެ. އޭނާގެ މަހާނަ ވެސް
ވަނީ އެ ރަށުގައެވެ. އަރަބިބަހުން "ޖައްރާޙު"ގެ މާނައަކީ އޮޕަރޭޝަން
ޑަކުޓަރެވެ. މަސައްކަތުގެ ނަމަށް ނިސްބަތްކޮށް ހުސާމުއްދީން އަލް ޖައްރާޙީއޭ ކިޔާ
ކިޔުމަށް ވިސްނައިލާނަމަ ޝައިޚު ޖައްރާހުގެ ނަމާމެދު ސުވާލު އުފައްދާނެ
ޖާގައެއްނެތެވެ. އެކަމަކު ތަންތަނަށާއި މީހުންނަށް ނަންކިޔައިފައި ހުންނަ ގޮތާމެދު
ވިސްނާލައިފިނަމަ ހިނިއައިސް ސުވާލު އުފެއްދޭނެ ފަދަ ނަންނަން އެބަހުއްޓެވެ.
ރާއްޖެއާއި ބޭރުގައެވެ.
2.
މެދުއިރުމައްޗޭ ބުނެފިނަމަ ނޭނގޭ ދިވެއްސަކު ހުރުން ނާދިރެވެ. ދަށް
ގުރޭޑުތަކުގައި ކިޔަވާ ދަރިވަރުންނަށް ވެސް މެދުއިރުމަތި އެނގޭނެއެވެ.
މެދުއިރުމައްޗާއި އިސްލާމްދީނާ ގުޅިފައިވާ ވަރުގަދަ ގުޅުމުގެ ތެރެއިން އެ
ސަރަހައްދު ވެފައިވަނީ ދިވެހިންނަށް ވެސް ޚާއްޞަ ސަރަހައްދަކަށެވެ. މުސްލިމުންގެ
ޤިބުލަތައް ވަނީ އެ ތަނުގައެވެ. ފުރަތަމަ ޤިބުލައާއި މިހާރުގެ ޤިބުލައެވެ.
ރަސޫލުން ފޮނުއްވުނީ އެ ސަރަހައްދުންނެވެ. ކުޅަދާނަވާނަމަ އުމުރުން އެއްފަހަރު
ކުރުން ލާޒިމު އަޅުކަމަށްޓަކައި އެ ސަރަހައްދަށް ދާން ޖެހެއެވެ. އެކަމަކު ދިވެހިން
މެދުއިރުމަތި މި ކިޔަނީ ދިވެހިންނަށް މެދުއިރުމަތިކަމަށް ވެގެންނޫނެވެ.
3.
"މެދުއިރުމަތި"
މިއީ "މިޑްލް އީސްޓް"ގެ ދިވެހި ތަރުޖަމާއެވެ. ގުރެޓާ (ތ.ނ) ހާމަކުރައްވާ
ގޮތުން "މެދުއިރުމަތި" މި ލަފުޒު ފުރަތަމަ ބޭނުންކުރަންފެށީ
އިނގިރޭސިންނެވެ. އެއީ 19ވަނަ ގަރުނުގައެވެ. އިނގިރޭސިވިލާތް މި އޮންނަނީ ދުނިޔޭގެ
ހުޅަނގުބިތޭ މި ކިޔާ ސަރަހައްދުގައެވެ. އެ ޤައުމު އޮންނަ ތަނުގެގޮތުން ދުނިޔޭގެ
އިރުމަތީ ބިތުގެ ޤައުމުތަކަށް އެ މީހުން މި ކިޔައި އުޅެނީ "ފަރ އީސްޓް"
ދުރުއިރުމައްޗެވެ. އެއީ ޗައިނާއާއި ޖަޕާނާއި ކޮރެއާއާއި އޭޝިޔާގެ ޤައުމުތަކެވެ.
އިރުމަތިން އެންމެ ގާތުގައި އޮންނަ ސަރަހައްދަކީ "ނިއަރ އީސްޓް"
ކައިރިއިރުމައްޗެވެ. އެއީ މެޑިޓްރޭނިއަންގެ އިރުމައްޗާއި ޔޫރަޕާ ގުޅޭ
ސަރަހައްދެވެ. ވީމާ ނަންތައް ދީފައި މިހުރީ އޮންނަ ސަރަހައްދަށް ނިސްބަތްކޮށެވެ.
4.
މި ދެންނެވި ދެ ސަރަހައްދުގެ މެދަކީ "މިޑްލް އީސްޓް"
މެދުއިރުމައްޗެވެ. އެއީ އަރަބި ޕެނިންސިއުލާއާއި މެސެޕޮޓޭމިޔާގެ ސަރަހައްދެވެ.
އަދި މެޑިޓްރޭނިއަންގެ އިރުމަތީ ބިތާއި އުތުރު އެފުރިކާއާއި މެދުތެރޭ އޭޝިޔާގެ
ޤައުމުތަކަކީ ވެސް މެދުއިރުމަތިކަމަށް ބަލައިއުޅެއެވެ. އެކަމަކު 19ވަނަ ޤަރުނުގައި
އަރަބި ޤައުމިއްޔަތު ވަރުގަދަވެ ނުފޫޒާއި ބާރުގަދަވުމުން އުތުރު އެފުރިކާގެ އަރަބި
ޤައުމުތައް ވެސް ހިމެނޭގޮތުން އެ ސަރަހައްދުގެ ޤައުމުތަކަށް އަރަބިދުނިޔެއޭ
ކިޔަންފެށުނެވެ. ދިވެހިން ދަންނަ މެދުއިރުމައްޗަކީ މިއެވެ.
5.
ޕްރެސްބުކް ވެބްސައިޓުގައި މެދުއިރުމަތި ކިޔުނުގޮތް ތަފުސީލުކޮށްދީފައިވަނީ
އަންނަނިވިހެންނެވެ. 1902ވަނަ އަހަރު "މިޑްލް އީސްޓް" ކިޔަންފެށުނީ
ސިންގަޕޫރާއި މިސްރާ ގުޅުވައިގެންނެވެ. ސިންގަޕޫރަކީ ކަނޑުމަގުން އޭޝިޔާގެ
ޤައުމުތަކާ ގުޅުވައިދޭ މައި ނާރެހެވެ. އަދި ރަތްކަނޑު މެދުވެރިކޮށް ޕާޝިއަން
ގަލްފުގެ ޤައުމުތަކާއި ހުޅަނގު ޤައުމުތައް މިސްރުގެ ސުއޭޒްކެނެލް މެދުވެރިކޮށް ގުޅުވައިލަދޭތީ
މިސްރަކީ ވެސް ދުނިޔޭގެ ޖޯގުރަފީއާއި ވިޔަފާރީގައި މުހިންމު ޤައުމެކެވެ. އެހެންވެ
ސިންގަޕޫރަކީ ދުރުއިރުމައްޗެވެ. މިސްރަކީ މެދުއިރުމައްޗެވެ.
6.
އޮންނަ ތަނުގެ ގޮތުން މެދުއިރުމައްޗަކީ ރާއްޖެއަށް މެދުއިރުމައްޗަށްވާނެ
ގޮތެއްނެތެވެ. އެ ސަރަހައްދު އޮތީ ހުޅަނގުގައެވެ. އެންމެ ހުޅަނގަކުނޫނެވެ.
އެހެންވީމަ އެއީ ޙަޤީޤަތުގައި ރާއްޖެއަށް މެދު ހުޅަނގުގެ ޤައުމުތަކެވެ. އަދި
އޭޝިޔާގެ އެހެން ޤައުމުތަކަށް ވެސް އެކަން އޮންނާނީ އެހެންނެވެ. އެއީ މެދުނޫން މެދުއިރުމައްޗެވެ.
މެދުއިރުމައްޗަކީ ތަނާއި ނަމާ ގުޅުމެއްނެތި އިރުމައްޗަށް ކިޔަންޖެހިފައި އޮތް
ނަމެކެވެ. ބާރުގަދަ ބަޔަކު ކިޔާގޮތަށެވެ.
7.
"މެދުއިރުމަތި"
ފަދައިން ގުޅުމެއްނެތި ކިޔާ ދިވެހިންގެ އަމިއްލަ ނަންތައް ވެސް އެބަހުއްޓެވެ.
އޭގެތެރޭގައި އެންމެ ފާހަގަކުރެވޭ ނަންތައް ހުރީ ޢާއިލީ ގޮތުން އޮންނަ
ގުޅުމަށްބަލައި ކިޔާ ނަންތަކުގެ ތެރޭގައެވެ. "ދޮންބޭބެ" މިއީ ބޭބެއިންގެ
ތެރެއިން އިސްކަންދެވޭ އެންމެ ލޮބުވެތި ބޭބެއެވެ. ގިނަ ޢާއިލާތަކުގައި ދޮށްޓަށް
ހުންނަނީ މި ބޭބެއެވެ. ދޮންބޭބެއަކަށް ވަނީ ދޮންވެގެންނޫނެވެ. ހަމުގެ ކުލަ ދިހުންކުލަނަމަ
ވެސް އެއީ ދޮންބޭބެއެވެ. ކަމުގެ އަސްލާމެދު ހީތަކުގެ މައްޗަށް ބިނާކޮށް ނަޒަރިއްޔާ
(ކޮންސްޕިރަސީ ތިއަރީ)އެއް ނެރޭނަމަ އެންމެ ފުރަތަމަ "ދޮންބޭބޭ"
ކިޔަންފެށިފައިވާނީ ކުލައަލި އޮޅަލި ހަމުގެ ކުލަ ދޮން ބޭބެއިންނަށެވެ. ބައެއް
ޢާއިލާތަކުގައި އެންމެ ދޮށީ ބޭބެއަކީ ދޮންބޭބެއަކަށްނުވެއެވެ. ދޮންމަންމަ، ދޮންބައްޕަ،
ދޮންކާފަ، ދޮންމާމަ، ޅިޔަނު، ފަހަރި ފަދަ ކައިވެނީގެ ގުޅުންތަކާހެދި އުފެދޭ ޢާއިލީ
ނަންތައް ވެސް ވަންނަނީ މި ބައިގެ ތެރެއަށެވެ. "ދޮން" ބޭނުންކޮށްގެން
ކިޔާ ދޮންމަނިކާއި ދޮންކަމަނަ ދޮންތުއްތު ފަދަ ނަންތައް މި ބަޔަކު އާންމު
ގޮތެއްގައި ނުހިމެނެއެވެ. އެފަދަ ނަންތަކުން މުޚާޠިބުކުރަނީ ސިފައާއި ނަމާ ގުޅުވައިގެންނެވެ.
މެދުއިރުމަތި ކިޔާ އުސޫލަކުންނޫނެވެ. އެކަމަކު ހިސާބަށްވުރެ ގައިގެ ކުލަ ކަޅުނަމަ
މަލާމާތުގެ ގޮތުން ނުވަތަ އިދިކޮޅު މާނައިގެ ގޮތުގައި ދޮން ބޭނުންކޮށްފައި
އެބަހުއްޓެވެ.
8.
ކޮންމެ ގޮތަކަށް ނަން އައިސްފައި އޮތްނަމަވެސް ދެން ދުނިޔޭގެ ހުރިހައި
ހިސާބެއްގައި ވެސް އަރަބި ދުނިޔެއަށް ކިޔާނީ މެދުއިރުމައްޗެވެ. އެ ނަން ބަދަލު
ނުވާވަރަށް އެ ނަން މީހުންގެ ދޫތަކަށް ވަނީ ފަރިތަކޮށްދީފައެވެ. ހުޅަނގުގެ
ޤައުމުތަކުގެ ނުފޫޒާއެކު އެ ޤައުމުތަކުގެ މީޑިޔާއިން ކިޔާ ގޮތަށް އެހެން
ޤައުމުތަކުން ޖެހޭނީ ކިޔާށެވެ. މިއަދު އެއީ މެދުއިރުމަތި ނޫންކަން އެނގުނު
ނަމަވެސް ދިވެހިން އެކަމާ ލަދުގަންނަންޖެހޭ ސަބަބެއްނެތެވެ. އޭޝިޔާގެ އެހެން
ޤައުމުތައް ވެސް ކިޔަނީ އެހެންނެވެ. މައް ދިވެހި ބައެއް ނަންނަތަކަކީ ވެސް
ކޮންމެހެން ސިފަޔާ ގުޅުމެއް ހުރި ނަންތަކެއްނޫނެވެ.
Post a Comment