ޢަލީ މުނީޒު (2021)
ގެވެހި އަނތްބަކަށްވުމަކީ ނުވަތަ ގެވެހި އަންހެނަކަށްވެ
ގޭގައި އިނުމަކީ ގިނަ މުޖުތަމަޢުތަކުގައި ބަލައިގަންނަކަމެއް ވެސް ނޫނެވެ. އަދި އެ
ކަމުގައި ދެކޭގޮތަށް ވެސް ޒަމާނާގުޅިގެން ބަދަލުއާދެއެވެ. އާދަމްއާއި ރުބިއަރ
(2017)ގައި އެމެރިކާގައި ކުރެއްވި ދިރާސާއަކުން ހާމަވާގޮތުން 1963 ހިސާބުގައި ވަޒީފާއެއް
އަދާނުކޮށް ގޭގައި އަންހެނުން ތިބޭނަމަ އެއީ އެމެރިކާގައި ވަރަށް
ދެރަވަރުބައެކެވެ. އެކަމަކު މިހާރު އެ މީހުން ދެކޭގޮތުގައި އަދި ކިއެއްތަ ތަޢުލީމީ
އަދި ފުދުންތެރި ޢާއިލާތަކުގެ އަނބިން ގޭގައި ތިބުމަކީ ރިވެތިކަމެކެވެ. ފުދުންތެރި
ނޫން ފަރާތްތަކަށް ޖެހެނީ މަސައްކަތަށްދާށެވެ. ނޫންނަމަ މަސައްކަތަށް ދަމުން
ވަޒީފާއެއް ވެސް އަދާކުރާށެވެ.
ރާއްޖޭގައި ކަން އޮތީ މިއާ އިދިކޮޅަށެވެ. ދިވެހި އަންހެނުންނަކީ
ގޭތެރޭގެ ބައެކެވެ. އެއީ އެ މީހުންގެ މަގާމެވެ. އެފަދަ އަނތްބަކު ލިބުމަކީ ވެސް
ނިޢުމަތެވެކެވެ. ރަނގަޅު ގެވެހި އަނތްބަކަށް ލިބޭނެ ހާސްކަމެއް މަލާމާތެއް
އެކަނިވެރިކަމެއް ނޯވެއެވެ. އެހެނަސް އެކި ސަބަބުތަކާހުރެ އެ ގަބޫލުކުރުން
މިހާރުވަނީ ބަދަލުވެފައެވެ. 1980ގެ ކުރީ
ކޮޅުން ފެށިގެން އަންހެނުންގެ ޙައްޤުތަކަށް ބޮޑެތި މަސައްކަތްތަކެއް ކުރެވުނެވެ.
ތަޢުލީމު އާންމުކުރެވުނެވެ. މިންތީގެ ހަމަހަމަކަން ގާއިމުކުރެވުނެވެ. އަދި ވެސް
ބައެއް އަންހެނުންނަށް ޖެހުނީ ގޭގައި ތިބޭށެވެ. 2014ވަނަ އަހަރުގެ ބޯހިމެނުމުގެ
ހިސާބުތައް ދައްކާގޮތުން އަންހެނުން މަސައްކަތެއް ނުކުރި މައިގަނޑު ސަބަބަކީ
ކުދިން ބަލަންޖެހުމެވެ. އެކަމަކު ސުވާލަކީ ކުދިން ބެލުމަކީ ކުޑަކަމެއްހެއްޔެވެ؟
ދަރިންނާ ގުޅޭ އެންމެ ބުރަ އެއްކަމަކަށް އޮންނަނީ ސުކޫލާ ގުޅޭ
ކަންކަމެވެ. އިސްކޯލަށް ކުދިން ގެންގޮސް ދިނުމުގައި ބައެއް ފިރިންގެ ދައުރެއް
އޮވެއެވެ. ސައިކަލު ދުއްވަން ދަންނަ ކަނބަލުން ގިނަވުމާއެކު އެ ކަން ކުރާ ކަނބަލުން
މަދެއްނޫނެވެ. ފިލާވަޅުތައް ހަދައިތޯބެލުމާއި އެ ކަމަށް މަގުފަހިކޮށްދިނުމަކީ ދެ
މީހުންގެ ކަމެއްކަމަކު އެއީ މަންމަގެ ކަމެކެވެ. ޓިއުޝަން ޓީޗަރުގެ ކަންކަން
ހަމަޖައްސައި އިސްކޯލު ބައްދަލުވުންތަކަށް ހާޒިރުވާންޖެހެއެވެ. އިސްކޯލުތަކުން ބެލެނިވެރިން
ބައިވެރިކޮށްގެން އިންތިޒާމުކުރާ ކަންކަމުގައި ވެސް އުޅެން މަޖުބޫރުވަނީ
އަންހެނުންނަށެވެ. ޕީ.ޓީއޭއިން ފިރިހެނަކު ފެންނާނީ ނާދިރު ހާލަތެއްގައެވެ.
މިކަން މިހެން އޮތް އިރު އެހެން ކަންކަން އޮތް ގޮތް ވެސް ބަލައިލަންޖެހެއެވެ.
ގެވެހި އަންހެނެއްގެ ވަޒީފާގެ ގަޑި މުސާރަ ލިބޭ މީހުންނަށް ވުރެ މާކުރިން
ޖެހެއެވެ. ކުދިންކޮޅު ނަގައި ނަމާދަށް ފޮނުވައި އިސްކޯލަށް ދާން
ތައްޔާރުކުރަންޖެހެއެވެ. ހެދުން އިސްތިރިކޮށް ސައިދޭންޖެހެއެވެ. އެއަށްފަހު މިސްރާބު
ގެއްލިފައިވާ ކަންކަން ރަމަތަކޮށް ސާފުތާހިރުކޮށް މެންދުރަށް ކައްކަންޖެހެއެވެ. އެ
ކަން ނުނިމެނީސް އިސްކޯލުން ކުދިން ގެންނަންޖެހޭނެއެވެ. އެ މީހުންނަށް ކާންބޯންދީ
ދެން އޮންނާނީ ޤުރުއާން ކިލާސްތަކާއި ޓިއުޝަން ކިލާސްތަކާއި އިތުރު ހަރަކާތްތަކަށް
އެކިތަންތަނަށް ކުދިން ގެންދިއުމާއި ގެނައުމެވެ. އެކަމުން އަވަދިވާއިރު އޮންނާނީ
ހަވީރު ސައިގަޑި ޖެހިފައެވެ. އޭގެފަހުން އިރު އޮއްސުމާއެކު އިސްކޯލުގެ ފިލާވަޅުތައް
ހެއްދުމުގެ ބުރަ ޒިންމާއިން ފިރިހެނުން ރެކުނަސް އަންހެނުން ވަނީ ތާށްޓެވެ.
ރޭގަނޑުގެ ކެއުން ނިމި ހުރިހައިކަމަކުން އަތްދޮވެލެވޭއިރު އޮންނާނީ
ނިދަންވެފައެވެ. ގޭގައި އެނދުމަތިކޮށްފައި މީހަކު އޮތްނަމަ މުސްކުޅިބަލީގެ މީހަކު
އޮތްނަމަ ނިދުމަކީ ވެސް ނެތްކަމެކެވެ. އަރާމުކޮށްލާނެ ވަގުތެއް ނުލިބެއެވެ. ފިރިހެނުންހެން
ކޮފީއަށް އެރޭނެ ގޮތެއްނޯވެއެވެ.
ގެވެހި އަނބިންނަށް ޗުއްޓީއެއްގެ އުފަލެއް ވެސް ނެތެވެ. އާންމު
ވަޒީފާތަކުގައި އުޅޭ މީހުންނަށް ހަފުތާއަކު މަދުވެގެން އެއް ދުވަހުގެ
ޗުއްޓީއެއްލިބެއެވެ. ހުރިހައި އެންމެންގެ ޗުއްޓީ ދުވަހުގެ މެންދުރުވަގުތު ވަނީ
އެންމެ ބުރަ ދުވަހަށެވެ. ނަމާދުން ފައިބައިގެން އަންނައިރަށް އެހެން ދުވަސް ދުވަހާ
ޚިލާފަށް ތައްޔާރުކުރަންޖެހޭ ބޮޑު ކެއުންގަނޑާހެދިއެވެ. ވީމާ އެހެން މީހުން
ޗުއްޓީވުމަކީ ގެވެހި އަނބިންގެ މަސައްކަތް ގުނަވެގެންދާކަމެކެވެ.
ގޭގައި ތިބޭ އަންހެނުންނަކީ މުސާރަ ލިބުމެއްނުވާ
މަސައްކަތްތެރިންނެވެ. އެހެންނަމަވެސް ބޯހިމެނުންފަދަ ތަފާސްހިސާބުތަކުގައި ވެސް
އެ މީހުންނަށް މުޚާޠިބުކޮށްފައި ހުންނަނީ "އިޤުތިޞާދީގޮތުން
ހަރަކާތްތެރިނުވާ" މީހުންގެ ގޮތުގައެވެ. އެކަމަކު އެ މީހުންނާ ބެހޭގޮތުން
ނޭނގި އޮތް އެންމެ ބޮޑު ޙަޤީޤަތަކީ ޤައުމުތަކުގެ އިޤުތިޞާދަށް އެ މީހުން ވަރަށް
ބޮޑު ހިއްސާއެއް ވެދޭކަމެވެ. އެއީ ފައިސާ ރައްކާކޮށްދޭބައެކެވެ. އެ މީހުންގޭގައި
އެ އަދާކުރާ ދައުރު އަދާކުރާނެ މީހުން ހޯދަންޖެހެނީ ފައިސާދީގެންނެވެ. ޤައުމުން
ނުލިބިއްޖެނަމަ ޤައުމުން ބޭރުންނެވެ. 2020ވަނަ އަހަރު ވެސް ގޭތެރޭގެ މަސައްކަތްތަކަށް 5316 ބިދޭސީން ރާއްޖޭގައި
ހަރަކާތްތެރިވެފައިވެއެވެ.
ޔަގީނެވެ. ގެވެހި މަސައްކަތްތެރިންނަކީ މާ ހާސްކަން ބޮޑު
ބައެކެވެ. ފައިސާވެރި ވަޒީފާތަކުގައި އޮންނަނީ އެންމެ ކަމަކަށް ވިސްނުމެވެ. ކާއެއްޗެއްގެ
ރަހަ ގޯސްވެގެންނުވެއެވެ. ދަރިއަކު ގޯސްމަގަކުން ގޮސްފިނަމަ ގެއިން ވެސް
ނުކުންނަންޖެހިދާނެއެވެ. ތަޅުންގަނޑު މަތީ "ވެލިފުކެއްގެ މިންވަރު" އޮތްނަމަ އިންޒާރެއް ލިބިދާނެއެވެ. އެކަމަކު
އެއީ މުސާރަ ނުލިބޭ ވަޒީފާއެކެވެ.
މަޢުލޫމާތު: ބޯހިމެނުމުގެ ތަފާސްހިސާބުފޮތާއި ތަފާސް ހިސާބުގެ އަހަރީފޮތް
belgeselab.com
Post a Comment