ބަނޑޭރިގަނޑު » » ދުޅަހެޔޮ މުޖުތަމަޢެއްގެ ސިފަތައް

ދުޅަހެޔޮ މުޖުތަމަޢެއްގެ ސިފަތައް

| 12/30/2019 on Monday, December 30, 2019 dhuraya.blogspot.com :ލިޔުނީ


ޢަލީ މުނީޒު – 2019
1.      ދުޅަހެޔޮކަމަކީ އިންސާނާގެ ދެމިއޮތުމާއި ނެތިދިއުމާ ދެމެދުގައިވާ ސަރައްކާއްޔެކެވެ. އެ މަގުގެ އެއް ކޮޅުގައި ވަނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. އަނެއް ކޮޅުގައި ވަނީ ނުތަނަވަސްކަމެވެ. މާޔޫސްކަމާއި ހާސްކަމެވެ. އިންސާނާއަކީ މުޖުތަމަޢުގެ މައި ނާރެހެވެ. އިންސާނާގެ ދުޅަހެޔޮކަމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަކީ އެކުއެކީގައި ހިނގާ އެއް ފައިސާފޮތީގެ ދެ ފުށެވެ. ވުމާއެކު ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަކީ ދުނިޔޭގެ ޤައުމުތަކުން ބޮޑު އިސްކަމެއްދޭ ކަމެކެވެ. ދިވެހިބަސްފޮތުގައިވާގޮތުން "ގަދަވެ ހުރިނަމަ" އެ ހުރީ އިންސާނާ ދުޅަހެޔޮވެފައެވެ. އެކަމަކު ސުވާލަކީ ދުޅަހެޔޮ މުޖުތަމަޢެއްކަމުގައި ކަނޑައެޅުމަށްޓަކައި އަޅުގަޑުމެން މިނެކިރާނީ ކޮން ތަރާދަކުންހެއްޔެވެ؟ މިންއަޅާނީ ކޮން ފީތާއަކުންހެއްޔެވެ؟
2.      ގުރީކުގެ މަޝްހޫރު ފައިލަސޫފި އެރިސްޓޮޓުލްގެ ޒަމާނުންސުރެ ފައިލަސޫފިން ގަބޫލުކުރަމުން އައިސްފައިވަނީ ދުޅަހެޔޮކަމަކީ ވަރަށް ފުޅާ ދާއިރާއެއްގައި އުފާވެރިކަންލިބުން ކަމުގައެވެ. އަދި ދުޅަހެޔޮކަމަކީ ކޮންމެ މުޖުތަމަޢަކުން ވެސް އެ ކަމަށް ވާސިލުވުމަށް މަސައްކަތްކުރާ އަމާޒެއް ކަމުގައެވެ. ފަހުގެ ތާރީޚަށްބަލާއިރު 1776ގައި ތައްޔާރުކުރި އެމެރިކާގެ "މިނިވަންކަމުގެ މުއާހަދާ"ގައި ބަޔާންކޮށްފައިވާ ގޮތުން މުޖުތަމަޢުގެ ދުޅަހެޔޮކަމަކީ ހުރިހައި ރައްޔިތުންގެ އުފާވެރިކަމަށްޓަކައި ދިރިއުޅުމާއި ޙައްޤުތަކަށް ހުރަސްއެޅުމެއްނުވާ ކަންތައްތަކެވެ. އަށާރަ އަދި ނަވާރަ ވަނަ ގަރުނުގައި އިނގިރޭސި ފިލޯސަފަރުން ގަބޫލުކުރަމުން އައީ މުޅި ދުނިޔޭގައި ވެސް ކެކުޅުމާއި އަދި އުފާވެރިކަން ވެސް އުފެދިގެން އަންނަނީ އިންސާނުންގެ ތަބީޢީ އަގުކުރުންތައް ގެންގުޅޭ ގޮތުގެ ސަބަބުންކަމުގައެވެ.
3.      ކޮންމެއަކަސް  މިއަދު މުޖުތަމަޢުގެ ދުޅަހެޔޮކަމޭ ކިޔެނީ މައިގަނޑު ތިން ކަމެއްގެ ތެރެއިން އުފެދިފައިވާ ހާލަތަކަށްކަމަށް ޑެއިނަރއާއި ސެލިގްމަން (2004) ބަޔާންކުރައްވައެވެ. އެއީ އިޤުތިޞާދީ، ނަފުސާނީ އަދި ސިޔާސީ ކަންތައްތަކެއް ވަކި މިންގަނޑުތަކެއްގައި ހުރެގެންމެނުވީ ނުއުފެދޭނެ މަންޒަރެކެވެ. އަނެއްކޮޅުން ނިކޮލާ ބޭކަންއާއި ބައިވެރިން (2010) ބަޔާންކުރައްވާގޮތުން މުޖުތަމަޢުގެ ދުޅަހެޔޮކަން ކަނޑައެޅުމުގައި އެކި ޤައުމުތަކުން ބަލާ ކަންތައްތައް ތަފާތެވެ. އެހެނީ މުޖުތަމަޢުގެ އުފާވެރިކަމަށްޓަކައި އެންމެ މުހިންމުވާ ކަންކަން ވެސް އެކި މުޖުތަމަޢުތަކުގައި ތަފާތެވެ.
ޓޮރޮންޓޯގެ މަގެއް – ކެނެޑާ-  ރާއްޖެއަށްވުރެ ތަރައްޤީވިޔަސް މަގުމަތީ ނިދާ މީހުން އުޅޭ  
4.       ޔުނިވަރުސިޓީގައި ކިޔަވާ ދަރިވަރުންގެ މެދުގައި ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (ބީބީސީ) އިން ދިގު މުއްދަތަކަށް ކުރި ދިރާސާއަކުން ހާމަވިގޮތުން އުފާވެރިކަމަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާ ބަހާއަކީ ޢާއިލީ އަދި ރަހުމަތްތެރިކަމުގެ ގުޅުންތަކެވެ. އެ ގޮތަށް 47 އިންސައްތަ މީހުން ދެކެއެވެ. ދެވަނައަށް އެންމެ ގިނަ މީހުން ގަބޫލުކުރަނީ ޞިއްޙަތުކަމުގައެވެ. އެ ގޮތަށް 24 އިންސައްތަ މީހުން ދެކެއެވެ.  ޔޫރަޕުގެ 27 ޤައުމެއްގައި ކުރެވުނު ދިރާސާއަކުން ހާމަވިގޮތުން އެ ސަރަހައްދުގެ މީހުންނަށް އެންމެ މުހިންމުވަނީ ޞިއްޙަތެވެ. 74 އިންސައްތަ އެ ގޮތަށް ދެކޭއިރު ދެވަނަ އަށް 24 އިންސައްތަ މީހުންނަށް މުހިންމުވަނީ ލޯތްބެވެ. ފައިސާލިބުން އަންނަނީ ފަސްވަނައަށް 32 އިންސައްތަ މީހުންނަށެވެ. މަސައްކަތެއްކުރެވޭނެގޮތްވުމާއި ސުލްހަމަސަލަސްކަން އެއަށްވުރެ އެ މީހުންނަށް މުހިންމުވެއެވެ.
5.      އަޅުގަނޑުމެންގެ ސަރަހައްދީ ބައިވެރިޔާ ބޫޓާނުގައި ދުޅަހެޔޮކަމާމެދު ގޮތެއް ނިންމަނީ 7 ދާއިރާއަކުން ވިސްނައި ކަން އޮންނަ ގޮތުގެ މައްޗަށް ބަލައިގެންނެވެ. އެއީ އިޤުތިޞާދާއި ތިމާވެށްޓާއި ރައްޔިތުންގެ ޖިސްމާނީ، ނަފުސާނީ ކަންކަމާއި، މަސައްކަތުގެ މާހައުލާއި، އިޖުތިމާޢީ ހާލަތާއި، ސިޔާސީގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަ ގޮތަށް ބަލައިފައެވެ. ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ އަދި މީހުން އެ ޤައުމަކަށް ރަށްވެހިކަން އެންމެ ގިނައިން ބަދަލުކުރާ އެއް ޤައުމުކަމަށްވާ ކެނެޑާގައި ދުޅަހެޔޮކަން މާނަކުރަނީ ތިން ދާއިރާއެއްގެ ހާލަތަށް ބަލައިގެންނެވެ. އެއީ ދިރިއުޅުމުގެ ފެންވަރަށާއި ޞިއްޙީގޮތުން ރައްޔިތުންގެ ހާލަތު އޮންނަގޮތާއި އިޖުތިމާޢީ ފޭރާން ބަދަހިވެފައިވާ މިންވަރެވެ. ދިރިއުޅުމުގެ ފެންވަރުގެ ބައިގައި ބަލަނީ އާމްދަނީ ލިބޭ މިންވަރާއި އާމްދަނީ ރައްޔިތުންނަށް ބެހިގެންދާގޮތާއި މަސައްކަތްތެރިންގެ ކަންކަން ބެލޭގޮތާއި އިޤުތިޞާދުގެ ވަރުގަދަކަމަށެވެ. ޞިއްޙީ ހާލަތުގައި ބަލަނީ ޚާއްޞަގޮތެއްގައި ހަކުރުބައްޔާއި ހާސްކަމާއި (ޑިޕްރެޝަން އޮންނަ މިންވަރާއި) ޑަކުޓަރަށް ދެއްކުމުގެ ފަސޭހަތައް ލިބިފައިވާ މިންވަރުފަދަ ކަންކަމަށެވެ. އިޖުތިމާޢީ ފޭރާން ބަދަހިކަމަށް ނުވަތަ ނޫންކަމަށް ނިންމަނީ ކުށްކުރާ މިންވަރާއި ކުށަށް އަރައިގަތުމުގެ ފުރުޞަތު އޮންނަ މިންވަރާއި މުޖުތަމަޢުގެ އެކި ކަންކަމުގައި މީހުން ބައިވެރިވާ މިންވަރަށް ބަލައިގެންނެވެ.
6.      ވީމާ ދުޅަހެޔޮ މުޖުތަމަޢެއްކަމުގެ ތައްގަނޑުޖެހެން މި އަންނަނީ އުފާވެރިކަމުގެ އިހުސާސްތައް އެ މުޖުތަމަޢަކަށް ކުރެވޭނަމައެވެ. ކުރިން ވެސް ބަޔާންކުރިހެން އެކި މުޖުތަމަޢުތަކަށް އުފާވެރިކަން އަންނަ ގޮތުގައި ތަފާތުތަކެއް ހުރެއެވެ. ސިޔާސީގޮތުން ދޫ ވީއްލި ޚިޔާލުފާޅުކުރެވިގެން މެނުވީ ބޫޓާނަށް ދުޅަހެޔޮކަމެއް އަންނަކަމަކަށް އެ ވެރިން ގަބޫލެއްނުކުރެއެވެ. އެކަމަކު ސައުދީއަރަބިއްޔާގައި އެ ޤައުމުގެ ރަސްކަމަށް ފާޑުކިޔުމަކީ ބޮޑުވެގެންވާ ކުށެކެވެ. ފާޑުކިޔައިފިނަމަ ކުށަކަށް އަރައިގަނެވުނީއެވެ. އެ ހިސާބުން ކެނެޑާގައި ނަމަ ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރުފޯރާނެއެވެ. ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ވަރި ގިނަ އެއް ޤައުމެވެ. ވީމާ ފަހަރުގައި ބޫޓާނަށް ރާއްޖެއަކީ ދުޅަހެޔޮ ޤައުމަކަށް ނުވެދާނެއެވެ. އެއީ ވަރި ގިނަވުމަކީ އިޖުތިމާޢީ ހާލަތަށް ނޭދެވޭ އަސަރުކުރާކަމަކަށްވެ، މުޖުތަމަޢު ދުޅަހެޔޮނޫންކަން އަންގައިދޭ އަލާމާތަކަށްވާތީއެވެ.

މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA