ބަނޑޭރިގަނޑު » » އިހުގެ މަދަރުސީ ހަޔާތް - އުފަލާއި މަޖަލާއި ބިރުވެރިކަމުގެ ޒަމާނެއް

އިހުގެ މަދަރުސީ ހަޔާތް - އުފަލާއި މަޖަލާއި ބިރުވެރިކަމުގެ ޒަމާނެއް

| 12/25/2019 on Wednesday, December 25, 2019 dhuraya.blogspot.com :ލިޔުނީ


ޢަލީ މުނީޒު (2019)

1.                 މުދައްރިސް ކިލާހަށް ދުރުވެއްޖެއެވެ. ރަން ދުނިގަނޑު ލީ އައިނު ލޮލަށް ހެޔޮވަރުކޮށްލެއްވުމަށްފަހު އައިނު މަތިން ޒާތަކަށް ބައްލަވައިލެއްވިއެވެ. ހިތްޕުޅާނުވެފައިވާ އަމީރަކު ޚާދިމުންނަށް ބައްލަވައިލައްވާ ބީދައިންނެވެ. އެ ބައްލަވައިލެއްވި ގޮތުން ވެސް ހީވީ މޭގަނޑު އަނގަޔަށް އައިސްފާނެހެންނެވެ. އިރުކޮޅަކުން ގާޒީއެއް ފަދައިން ބުނުއްވިއެވެ. ފިލާވަޅު ކިޔައިދޭން ފަހަރަކު ކުއްޖަކު އަންނާށެވެ. ކިޔައިނުދެވޭ ކުދިން ގެޔަށް ދިޔަނުދީ ގުދަނަށްލާނަމެވެ! އެ ވަގުތު ކުލާހުގެ ކުއްޖަކަށް އިން ތަނަށް ކުޑަގިފިއްޔަށްދެވުނެވެ. ކީއްވެހެއްޔެވެ؟ ފިލާވަޅު ކިޔައިނުދެވިދާނެކަމުގެ ބިރާ ހެދިއެވެ. ކިޔައިނުދެވިއްޖެނަމަ ގައިދީއަކަށްވެ ގައިދުވެދާނެތީއެވެ. މިއީ މި ޒަމާނުގެ މަދަރުސީ ހަޔާތުގައި ކުރަންޖެހޭ ތަޖުރިބާއެއްނޫނަސް އިހުގައި އާންމު ކަމެކެވެ. އެއީ ހަމައެކަނި މަޖަލާއި އުފާވެރިކަމުގެ މަދަރުސީ ހަޔާތެއްގެ ބަދަލުގައި ބިރުވެރިކަން ވެސް ހިމެނޭ ހަޔާތެކެވެ.
2.                 ފިލާވަޅު ކިޔައިނުދިނުމަކީ އޭރު ވެސް ކުރެވޭނެ އެންމެ ބޮޑު ކުށެވެ. ކިޔައިދޭންޖެހޭނީ ހިތުންނެވެ. ދެލިގަނޑެވެ. އަކުރުން އަކުރަށެވެ. ފިލިންފިއްޔަށެވެ. ކެލައައްޑުއާ ދެމެދުގެ ރަށްތަކަށް ދީފައި އޮންނަ އިނގިރޭސި އަކުރެއް ނަމަވެހެވެ. މުދައްރިސް އިންނަވާނީ ތަޚުތުގައި ވެޑުވިގެންނެވެ. ކިޔައިދޭންޖެހޭނީ ރަސްކަލަކަށް ކުރާފަދަ އިޙުތިރާމާއި ކުރުނީސްކުރަމުން ގޮހެވެ. މޭޒު ކައިރީ ހުއްޓިހުރެގެންނެވެ. ކުށެއްނުޖެހި ކިޔައިދެވިއްޖެނަމަ ސަލާމަތްވީއެވެ. ނޫންނަމަ ބޭނުން އަހުވައެއް ދެއްކުމުގެ ހުއްދަ މުދައްރިސަށް ލިބުނީއެވެ.
3.                  އެއީ މި ޒަމާނުގެ އިސްކޯލެއްގެ ކިލާސްތަކުން ފެންނަ ފަދަ ސަކަބަޑިއަޅާތަން ފެންނަ ޒަމާނެއް ނޫނެވެ. އެހެނަސް ކޮށާރަކަށް ނޭޅޭހައި ކުށް އޭރުގެ ދަރިވަރުން ވެސް ކުރެއެވެ. ދަތްނުއުނގުޅުމަކީ ކުށެކެވެ. ނިޔަފަތި ދިގުކުރުމަކީ ގޯހެކެވެ. ފެންނުވެރުމާއި ފުނާނޭޅުމާއި ބޯދިގުކުރުމާއި ބޯކޮށާއިރު ކަސްމަތިނުޖެހުމަކީ ވެސް ބޮޑެތި ކުށްކުށެވެ. ރޭގަނޑު ނުވައެއްގެ ފަހުން ބޭރުގައި އުޅުމާއި އާންމު އުނދަގޫކުރުމާއި ވައްކަންކުރުމާއި މަގުމަތީގައި ކުޅެމަޖާކުރުމާއި ނަމާދެއްއެޅުމަކީ ވެސް އެންމެ ބޮޑެތި ގޯސްތަކެވެ. ހުކުރުދުވަސް ފަދަ ކިޔެވުން ބަންދު ދުވަހެއްގައި ހުއްދަދެވިފައިވާ ވަގުތެއްގައި މެނުވީ މޫދަށް އެރެއްޖެނަމަ ވެސް ދެން އެ ކަންތަކާ ޖެހުނީއެވެ. ހުނަރުވެރިކަން ދަސްކޮށްދޭން ހިންގާ ފަންގިވިނުމާއި ރޯނުވެށުމާއި ބޮނބިފާކުރުމާއި ބޮނބިތެޅުންފަދަ ކަމަކަށް ދައްކައިނުލައިފިނަމަ ސަލާމަތެއް ނޯންނާނެއެވެ.
4.                 ގުދަނަށް ލައި ގައިދުކުރުމަކީ ދޭ ހަމައެކަނި އަދަބެއްނޫނެވެ. ބައެއް ފަހަރު ޢިއްޒަތްތެރިއަކު ކަރުގައި މާފައްޗެއްއަޅުވާހެން ނާށިފައްޗެއް އަޅުވައިފާނެއެވެ. ފުނަ ނުވަތަ ބޮލީގެ ހާރެއް މަހައިފާނެއެވެ. އެ ވަރުން ނުވެގެން އެ ހާރާއެކު އާންމުންނަށް ދައްކާ ފިލްމަކަށް ހަދައި މަގުމަތީ ވެސް ބަހައްޓައިފާނެއެވެ. އަސާރަފުޅިއެއް ހެން އަވީލަފާނެއެވެ. ދެ އަތް ދަމައި ހަށިގަނޑާއި އަތާ ދޭތެރެއަށް ދެ ކޮޅު ޖަހައިފައި އޮންނަ ދެ ފަންސޫރު ވައްދައިފައި ބަހައްޓައިފާނެއެވެ. މިއީ އެންމެ ބޮޑެތި ކުށްވެރިންނަށް ދޭ އަދަބެކެވެ. މޭޒު ދަށަށް ވެސް ވައްދާނެއެވެ. މޭޒުމައްޗަށް ކޮޅަށް އަރުވައި ބޮލަށް ކޯރިއެއްމަހައި ބިއްލޫރިގަނޑު ނެތް އައިނެއް އަޅުވައި ޚުޠުބާއެއްދީފައި ވެސް ބަހައްޓާނެއެވެ. ކިޔުމަށް ފަރުވާކުޑަކުރާތީއެވެ. ދަތްއުނގުޅުވާނީ ކަށިކެޔޮއޮށަކުންނެވެ. ހޭރިބަރުވައްޔެއްހެން ހުންނާތީޔޯލައެވެ. ފުނާއަޅުވާނީ ނަރުފައިބައިފައި އޮންނަ ދުނބުރިއޮށަކުންނެވެ. ހާވިޔާވެ ތަރުތީބެއް ނުހުންނާތީއެވެ. ފެންވަރުވާނީ އިސްކޯލު ގޯތިތެރޭގައި އެ ކަމަށް ފައްކާކޮށްފައިވާ ފާވަސްދުވާ ފެންވަޅަކުންނެވެ. ފޭރާމާއެކުއެވެ. ފެންނުވަރާކަމަށް ފެނިއްޖެނަމައެވެ.
5.                 މި ފަދަ އަދަބުތަކެއް ދިންނަމަ ވެސް ފިސާރި މަޖާ ކަންކަން ވެސް އޮވެއެވެ. ފިލާގައި އުނގުޅާ މަށި ހޮވަން އަތިރިމައްޗަށް ގޮސް އުޅޭއިރުއެވެ. ފަންގެވިނުމާއި ރޯނުވެށުމާ ގުޅޭ ކަންކަމުގައި އުޅޭއިރުއެވެ. ބައެއް ފަހަރު އޮންނަ ބޮޑުބެރުޖެހުންތަކުގައެވެ. ރަސްމީ ކަންކަމުގެ ބޭރުން ވެސް ކުރާ ބައެއް ކަންކަމުގެ ތެރެއިން ވެސް ހާއުފާވެރިކަން ލިބޭމެއެވެ. ފޮތް އަޅާނެ ދަބަހެއް އޭރު އަދި ނުހައްދަވައެވެ. ބަދަލުގައި ބޭނުންކުރަނީ "ގޯލްޑް ފިޝް" "އޯމޯ" ކޮތަޅު ދޮވެގެންނެވެ. އެ ހޯދަނީ ގޮނޑުންނެވެ. ނުވަތަ ފޯރުންތެރި ގޭގެއަށް ގޮސް އަތްގާތްކޮށްދީ ކަމުކިޔައިގެންނެވެ.
6.                 އެ ވަރަކުން ފޮތް ދަބަހެއް ހޯދަނީ މޫދުގައި ގިނަ ވަގުތު އުޅެން ފަހިވާ ކަމަކަށް އެ ކަން ވާތީއެވެ. އެރޭނީ ދަބަހަށް ފޮތް އަޅައި ކޮންމެވެސް ގަހެއްގެ ދޮށުގައި ދަބަސް ފޮރުވައިފައެވެ. މޫދުން އަރާނީ ގަޑިޖެހެން ކައިވަތަކަށްވީމައެވެ. އަތިރީ ވަޅުން ފެންވަރައި ދުނބުރިއަކުން ފުނާއަޅައި ދަބަސް ހިފައިގެން އަވަސް ހިންޏެއްހެން ދާނީ ކިލާހަށެވެ. އަތަރެއްބޮކަރެއްގެ ޒަމާނެއްނޫނެވެ. ޔުނީފޯމެއްގެ އަޑުނީވެއެވެ. ދެރަވަރު މުންޑުގަނޑަކާއި ހަލަންޏެއް ފަދަ ގަންޖިފަރާސްގަނޑެއް ލުމުން އެ ހުރީ ވެފައެވެ. އޭރުގެ ދަރިވަރުން އިސްކަންދެނީ އަދި ދެވެން އޮތީ ވެސް އަދަބާއިސަދަބުގެ ފޭރާމަށެވެ.
7.                 ކޮންމެއަކަސް މި ދަތި އަދި ބިރުވެރި މާހައުލުގައި ކިޔެވިޔަސް އެއީ ވެސް އުފާވެރި ދުވަސްވަރެކެވެ. ނާސްތާއާއި ޓެބްލެޓް ނުލިބުނަސް އެ ޒަމާނަށް ފުދޭ މިންވަރަށް ކިޔަވައިދެއްވައެވެ. ސަލަވާތް ފާތިހާކިޔަވަން އެނގޭނެއެވެ. އަޑު މަޚުރަޖުނެތަސް ޤުރުއާނުގެ ދެލިގަނޑަށް ދޫފަރިތަވާނެއެވެ. އެއްކޮށް ކަނޑާ ގުނަކޮށް ގެއްލާނެއެވެ. "ދުރޫސުލް އަޚުލާޤު" ކިޔަވައިދޭތީ މިހާރުގެ ބައެއް ދަރިވަރުންގެ ފުށުން ފެންނަ ކޫސަނިކަންކަމެއް ނުފެންނާނެއެވެ. ހައުސްތައް ނެތަސް ހާއުފާވެރިއެވެ. އެ ދުވަހުގެ ތަޢުލީމީ ނިޒާމާއި މުދައްރިސުންނާމެދު ފަޚުރުވެރިވެއެވެ. އެ މުދައްރިސުންނާމެދު ހިތުގައިވަނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. އެހެނީ އެ އަދަބުތަކުން ޙަޤީޤަތުގައި ލިބުނީ ފައިދާއެވެ.


މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA